عن معاذ بن جبل رضي الله عنهقَالَ كُنْتُ رِدْيفَ النَّبِىِّ – صلى الله عليه وسلم – عَلَى حِمَارٍ فقال: ((يَا مُعَاذُ أَتَدْرِي مَا حَقُّ اللَّهِ عَلَى الْعِبَادِ وَمَا حَقُّ الْعِبَادِ عَلَى اللَّهِ)) قُلْتُ: اللَّهُ وَرَسُولُهُ أَعْلَمُ. قَالَ: ((حَقُّ اللَّهِ عَلَى الْعِبَادِ أَنْ يَعْبُدُوهُ وَلَا يُشْرِكُوا بِهِ شَيْئًا وَحَقُّ الْعِبَادِ عَلَى اللهِ أَنْ لَا يُعَذِّبَ مَنْ لَا يُشْرِكُ بِهِ شَيْئًا)) قُلْتُ: يَا رَسُولَ اللهِ أَفَلَا أُبَشِّرُ النَّاسَ؟ قَالَ: ((لَا تُبَشِّرْهُمْ فَيَتَّكِلُوا)) [متفق عليه]
މާނައީ: މާތް ﷲ ރުއްސުންލެއްވި މުޢާޛު ބުން ޖަބަލުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެން ރަސޫލާ صلى الله عليه وسلم ގެ ފަހައްޕުޅުގައި އެކަލޭގެފާނުގެ ޙިމާރުގެ މަތީގައި ސަވާރުވެގެން ވަނިކޮށް އަހަރެންނަށް ޙަދީޘް ކުރެއްވިއެވެ. “އޭ މުޢާދެވެ! އަޅުތަކުންގެ މައްޗައްވާ ﷲ ގެ ޙައްޤާއި، ﷲ ގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤު އެނގިލައްވާތޯއެވެ؟” އަހަރެން ދެންނެވީމެވެ. “އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެކަލާނގެ ރަސޫލާ صلى الله عليه وسلم އެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އަޅުތަކުންގެ މައްޗަށްވާ ﷲ ގެ ޙައްޤަކީ އެކަލާނގެއަށް އަޅުކަންކުރުމާއި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރުމެވެ. އަދި ﷲ ގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކު ނުކުރާ މީހާއަށް ޢަޛާބު ނުދެއްވުމެވެ.” އަހަރެން ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އެހެންވިއްޔާ އަހަރެން މީސްތަކުންނަށް އެކަމުގެ އުފާވެރި ޚަބަރު ނުދެއްވާނެ ހެއްޔެވެ. (އެބަހީ: ދެއްވަން ހެއްޔެވެ؟) އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެބައިމީހުންނަށް އެކަމުގެ އުފާވެރިކަމުގެ ޚަބަރު ނުދެއްވާށެވެ. (ދެއްވައިފިނަމަ) އޭރުން އެބައިމީހުން އެކަމުގެ މައްޗަށް ބަރޯސާވެ އަމަލުކުރުން ދޫކޮށްލައިފާނެތެވެ.”
ސުވާލު 14: އަޅުތަކުންގެ މައްޗައްވާ ﷲ ގެ ޙައްޤާއި ﷲ މައްޗަށްވާ އަޅުތަކުންގެ ޙައްޤުގެ ތަފާތަކީ ކޮބައި ހެއްޔެވެ؟
– الرديف އަކީ ކޮބާ ހެއްޔެވެ؟
– ރަސޫލާ صلى الله عليه وسلم މިވާހަކަތައް ސުވާލެއްގެ ގޮތަށް އެއްސެވީ ކީއްވެ ހެއްޔެވެ؟ “އޭ މުޢާދެވެ! އަޅުތަކުންގެ މައްޗައްވާ ﷲ ގެ ޙައްޤާއި، ﷲ ގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤު އެނގިލައްވާތޯއެވެ؟”
– ރަސޫލާ صلى الله عليه وسلم ފޮރުއްވުމަށް އެންގެވި ކަންތަކުގެ ޚަބަރު މުޢާޛު رضي الله عنه އެންގެވީ ކީއްވެ ހެއްޔެވެ؟
– އަދި ރަސޫލާ صلى الله عليه وسلم މުޢާޛަށް އެޢިލްމު ފޮރުއްވުމަށް އެންގެވީ ކީއްވެ ހެއްޔެވެ؟
– މި ޙަދީޘުން ލިބޭ ފައިދާތަކަކީ ކޮބައި ހެއްޔެވެ؟
– އަދި މި ޙަދީޘް ކިތާބުއް ތައުޙީދާ މުނާސަބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟
ޖަވާބު: އަޅުތަކުންގެ މައްޗައްވާ ﷲ ގެ ޙައްޤަކީ އެބައިމީހުންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަމެކެވެ. އަދި ﷲ ގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ އެއިލާހު ފަޟުލަވަންތަވެރިކަމާއި އިޙްސާންތެރިކަމުން އެއިލާހު ދެއްވި ޙައްޤެކެވެ.
– الرديف: ދާއްބައެއްގެ ފަހަތަށް ސަވާރުވެ އިންނަ މީހާ.
– ސުވާލެއްގެ ޞީޢާ ގައި ގެނެސްދެއްވީ އެގޮތަށް ގެނެސްދިނުމުން އޭގެ އަސަރު ބޮޑަށް ކުރާނެތީއެވެ. އަދި ކިޔަވާ ކުއްޖާއަށް އެކަން ބޮޑަށް ވިސްނޭނެތީއެވެ.
– މުޢާޛު رضي الله عنه މަރަށް ޙާޟިރުވިހިނދު އެކަމުގެ ޚަބަރު (އެބަހީ: ރަސޫލާ صلى الله عليه وسلم ސިއްރުކުރެއްވުމަށް އެންގެވި ކަންތަކުގެ ޚަބަރު) ދެއްވީ ޢިލްމު ފޮރުވުމުގެ ފާފައަށް ބިރުންނެވެ. އަދި ރަސޫލާ صلى الله عليه وسلم އެ ޢިލްމު ފޮރުއްވުމަށް މުޢާޛުގެފާނަށް އެންގެވީ މީސްތަކުން ﷲ ޞުބުޙާނަހޫ ވަތަޢާލާގެ ތަނަވަސްވެގެންވާ ރަޙުމަތަށް ބަރޯސާވެ ޢަމަލުކުރުން ދޫކޮށްލަފާނެކަމުގެ ބިރަށްޓަކައެވެ.
– މި ޙަދީޘުން ލިބޭ ފައިދާތަކަކީ:
(1) [ރަސޫލާ صلى الله عليه وسلم ގެ ޒާތުފުޅު އެހާ މާތްވުމާއިއެކުވެސް] ހިމާރުގެ މައްޗަށް ސަވާރުވެވަޑައިގަތުމުގައްޔާއި ފަހައްޕުޅަށް އެހެން މީހަކު ސަވާރުކުރުމުގައި އެކަލޭގެފާނުގެ ތަވާޟުޢުވެރިކަން.
(2) ސަވާރީއެއްގެ (ދާއްބައެއްގެ) މައްޗަށް އެކަކަށްވުރެ ގިނަމީހުން އެރުން ހުއްދަވެގެންވުން. އެއީ އެކަމަށް އެދާއްބައަށް ކުޅަދާނަކަން ލިބިގެންވާނަމައެވެ.
(3)މުސްލިމުން އުފާކުރުވަނިވި ޚަބަރެއްދިނުން މުސްތަޙައްބު ވެގެންވުން.
(4)މަޞްލަހަތަށްޓަކައި ޢިލްމުފޮރުވުން ހުއްދަވެގެންވުން.
(5) މާތް ﷲ ރުއްސުންލެއްވި މުޢާޛު ބުން ޖަބަލް ގެ މާތްކަން.
– މި ޙަދީޘް ކިތާބުއް ތައުޙީދާއި މުނާސަބުވާގޮތް:
މި ޙަދީޘުން ދަލީލު ލިބެނީ އަޅުތަކުންގެ މައްޗަށްވާ ﷲ ގެ ޙައްޤަކީ ހަމައެކަނި ﷲ އަށް އަޅުކަންކުރުމެވެ. އަދި އެކަލާނގެއަށް ކުރާ އަޅުކަމުގައި އެހެން ފަރާތެއް ބައިވެރި ނުކުރުމެވެ. ތައުޙީދަކީ އެއީއެވެ.
والله أعلم.
* * * *
އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ)
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.