ސުވާލު 10: މާތް ﷲ ރުއްސުންލެއްވި ޢިތުބާނު ބުން މާލިކުގެ ކިބައިން ރިވާވެގެންވއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«فَإِنَّ اللَّهَ حَرَّمَ عَلَى النَّارِ مَنْ قَالَ: لاَ إِلٰهَ إِلَّا اللَّهُ، يَبْتَغِي بِذَلِكَ وَجْهَ اللَّهِ» [رواه البخاري ومسلم]
މާނައީ: “ހަމަކަށަވަރުން ﷲ ގެ ވަޖުހުފުޅު އަދައިގެން لاَ إِلٰهَ إِلَّا اللَّهُ ކިޔައިފިމީހާ ދަންނައެވެ. ފަހެ، މާތް ﷲ އެފަދަ މީހާ ނަރަކައަށް ޙަރާމް ކުރައްވައިފިއެވެ.”
– ނަބިއްޔާ صلى الله عليه وسلم ގެ މިބަސްފުޅު ޝަރަޙަ ކޮށްދޭށެވެ.
– އަދި މިޙަދީޘް ބަސްފުޅުން ލިބޭ ފައިދާތަކަކީ ކޮބައި ހެއްޔެވެ؟
– އަދި މި ޙަދީޘް ބަސްފުޅު މިބާބާއި (އެބަހީ: ތައުޙީދުގެ މަތިވެރިކަމާއި މާތްކަން އަދި ތައުޙީދުގެ ސަބަަބުން ފާފަތައް ފުހެވިގެން ދާނެކަން ނަންގަތް ބާބާ) މުނާޞިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟
ޖަވާބު:
– ރަސޫލާ صلى الله عليه وسلم ޚަބަރު ދެއްވާފައި އެވަނީ لاَ إِلٰهَ إِلَّا اللَّهُ މިކަލިމަ ﷲ ގެ ވަޖުހުފުޅު އަދައިގެން ކިޔައިފިމީހާ ނަރަކައަށް ވަނުމުން ސަލާމަތް ކޮށްދޭނެކަމެވެ.
– މި ޙަދީޘް ބަސްފުޅުން ލިބޭ ފައިދާތައް: މި ޙަދީޘުން ތައުޙީދުގެ މަތިވެރިކަމާއި ތައުޙީދުން ފާފަ ފުހެވޭކަން އެނގެއެވެ. އަދި މި ޙަދީޘުން ﷲ ގެ މޫނުފުޅު އެކަލާނގެއަށް ސާބިތުކޮށްފައި ވެއެވެ. އެއީ އެކަލާނގެ ޖަލާލާތްތެރިކަމާއި މަތިވެރިކަމާއި ގުޅޭގޮތުންނެވެ.
– މި ޙަދީޘް ބަސްފުޅު މިބާބާއި މުނާޞިބުވާ ގޮތް: އެމީހެއްގެ ބަހާއި، ޢަމަލާ އަދި އިޢްތިޤާދުން (އެބަހީ: ޤަބޫލުކުރާ ޤަބޫލުކުރުމުން) ﷲ އެއްކައުވަންތަކޮށްފިމީހާ ދަންނައެވެ. ﷲ ތަޢާލާ އެމީހަކު ނަރަކައަށް ވެއްދުން ޙަރާމް ކުރައްވައެވެ. އެއީ ތައުޙީދުގެ މާތްކަމުގެ ސަބަަބުންނެވެ.
* * * *
– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް