މިމަޒުމޫނު ކިޔަމުންދާ ވަގުތާހަމައަށް ތިބާ ހެޔޮޙާލުގައިވާކަމަށް އުއްމީދުކުރަމެވެ. އެހެންކަމަށް ނުވާނަމަ ތިބާއަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވުމަށް އެދި ﷲ ދަންނަވަމެވެ. އަދި ތިބާއީ ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެއިލާހުގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އަންގަވާ ދެއްވާފައިވާ ގޮތަށް ދުނިޔޭގެ ދިރިއުޅުން ބައްޓަންކުރުމަށް މަސައްކަތްކުރާ މީހެއްކަމުގައި އުއްމީދުކުރަމެވެ. އެހެންކަމުގައި ނުވާނަމަ ތިބާއަށް ހިދާޔަތް ދައްކަވައި ދެއްވުމަށް ﷲ އަށް ދަންނަވަމެވެ. އަޅުގަނޑުގެ އެންމެހާ ލޮބުވެތި އުޚުތުންނަށް މިކުރު ބަސްކޮޅުން ފައިދާކޮށްދެއްވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ދުޢާކުރާ ޙާލު ބުނަމެވެ.
1. ﷲ އަށް ޝުކުރުވެރިވާށެވެ!
އޭ ލޮބުވެތި އުޚުތާއެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހާ އިންސާނުން ހައްދަވައި، އެބައިމީހުންނަށް ވަނީ ވަރަށް ގިނަގުނަ ނިޢުމަތްތަކެއް ދެއްވަވާފައެވެ. ތިބާއަކީ ނިކަމެތި މީހެއް ކަމުގައި ވީއިރު ﷲ ސުބުހާނަހޫ ވަތަޢާލާ ތިބާއަށް އޯގާތެރިވެވޮޑިގަތެވެ. ތިބާއަށް ރުއިން ފިޔަވައި އެއްވެސް އާރެއްބާރެއްނެތް މީހެއްކަމުގައި ވީއިރު ﷲ ތިބާ ހިމާޔަތް ކުރެއްވިއެވެ. ތިބާގެ ހަށިގަނޑުގައި ގުނާ ޢަދަދުނުކުރެވޭނެ ބޮޑެތި ނިޢުމަތްތަކެއް، އެއްވެސް ބަދަލަކާނުލައި، އެއިލާހުގެ އޯގާވަންތަވެރިކަމުން ލެއްވިއެވެ. މިއަދާހަމައަށް އައިރު، ﷲ ވަނީ ތިބާއަށް އާރާބާރުދެއްވަވާފައެވެ. މިހުރިހާ ދުވަހަކު ﷲ ސުބުޙާނަހޫ ދެއްވެވި ގުނަންތަކުން ތިބާވަނީ އެތައް ޙަރަކާތްތަކެއް ކޮށްފައެވެ. އެތައް ރާސްތާއެއްގެ ދުރަށް ހިނގާފައެވެ. އެތައް ތަނެއް ބަލާފައެވެ. އެތައް އަޑުތަކެއް އަހާފައެވެ.
ހަމައެފަދައިން ﷲ ވަނީ މިދުނިޔޭގައި އެތައް އެއްޗެއް ތިބާއަށް ޚިދުމަތްތެރިކޮށް ދެއްވާފައެވެ. މިއިން ކޮންމެ ނިޢުމަތަކީ އެއްވެސް ބަދަލަކާނުލައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އޯގާވަންތަވެރިކަމުން ތިބާއަށް ދެއްވަވާފައިވާ ނިޢުމަތްތަކެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ((وَآتَاكُمْ مِنْ كُلِّ مَا سَأَلْتُمُوهُ وَإِنْ تَعُدُّوا نِعْمَةَ اللَّهِ لا تُحْصُوهَا إِنَّ الإِنسَانَ لَظَلُومٌ كَفَّارٌ)) މާނައީ: “އަދި އެއިލާހުގެ ޙަޟްރަތަށް ތިޔަބައިމީހުން ދެންނެވި ކޮންމެ އެއްޗެއް އެއިލާހު ތިޔަބައިމީހުންނަށް ދެއްވިއެވެ. ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ގުނާނަމަ، ތިޔަބައިމީހުންނަކަށް އެނިޢުމަތްތައް ޢަދަދު ނުކުރެވޭހުށްޓެވެ. ހަމަކަށަވަރުން، އިންސާނާއަކީ، އަނިޔާވެރިވުން ބޮޑު، (ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ބަދަލުގައި) ކުފުރުވެރިވާމީހެކެވެ.”
ވީއިރު، ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށް ނަޞޭޙަތްތެރިވެވޮޑިގަންނަވަނީ، އެއިލާހު ތިބާ ހެއްދެވި ބޭނުން ދެނެގަނެ، އެއިލާހަށް ޝުކުރުވެރިވުމެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ. ((وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ)) މާނައީ: ” ތިމަންއިލާހަށް ހަމައެކަނި އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.”
2. ވައިގެ ތެރެއަށް ވިހުރުވިގެންދާ ފަތެއް ފަދައިން ތިބާ ނުވާށެވެ!
އޭ ލޮބުވެތި އުޚުތާއެވެ! ތިބާ ދިރިއުޅެމުން މިދާ ދުނިޔެއަކީ ހެއްލުމާއި، ޒީނަތްތެރިކަމުން ފުރިގެންވާ ދުނިޔެއެކެވެ. ބަލާލިކޮންމެ ދިމާއަކުން ފެންނަމުން ދަނީ ދުނިޔޭގެ ޒީނަތުގެ ތެރެއަށް ޣަރަޤުވެފައިވާ މީސްމީހުންނެވެ. ތިބާވެސް އަދި އެންމެހާ މީސްތަކުން ޤަބޫލުކުރާނެ ޝައްކެއްނުވާ ކަމެއްވެއެވެ. އެއީ ކޮންމެވެސް ދުވަހަކުން ތިބާވެސް އަދި ކޮންމެ މީހަކުވެސް މިދުނިޔެއާއި އަލްވަދާއު ކިޔަންޖެހޭނެކަމެވެ. ރުހުނަސް ނުރުހުނަސް އެކަމާ ކުރިމަތިލާންޖެހޭނެކަމެވެ. ބުއްދިވެރިޔަކީ މިދުވަހަކަށް ތައްޔާރުވި މީހެކެވެ. ކުރަންއޮތް ދަތުރުގެ ކޮއްތު ހިފައިގެން ދަތުރަށް ފެށި މީހެކެވެ. މިދަތުރުގެ ކޮއްތު ތައްޔާރުކުރަން އޮތް ތަނަކީ މިދުނިޔެއެވެ. މިދުނިޔޭގެ ވަގުތީ ޒީނަތްތެރިކަމަށް ތިބާ ހެއްލުންތެރިކުރުވިޔަ ނުދޭށެވެ.
ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލިފައިވާ މީހުންގެ މަގުތަކުން ތިބާ އެއްކިބާވުމަށް ނަޞޭޙަތްތެރިވަމެވެ. އެބައިމީހުން އެހިނގަމުން ދަނީ ގެއްލުމާއި ހަލާކުގެ މަގުގައެވެ. އެފަދަ މީހުންގެ ދިރިއުޅުމަށް ވިސްނައި، އެބައިމީހުންގެ ގޮތްތަކަށް ބޯލަނބައި ނުހަދާށެވެ. އެބައިމީހުންގެ ދިރިއުޅުމާއި، ހެދުން އެޅުމުގެ ވައްޓަފާޅިތަކަށް ތިބާ ތަބާނުވާހުށިކަމެވެ. ތަހުޒީބަކީ ހުޅަނގުގެ ޤައުމުތަކުން ގެންގުޅޭ ދެފުއްދެގޮތް ތަހުޒީބުކަމުގައި ނުބަލާށެވެ. އެބައިމީހުންނަށް ތިބާ ތަބާވެއްޖެނަމަ ތިބާ ވާނީ ޘާބިތުކަމެއްނެތް މީހުންގެ ތެރެއިންނެވެ. ވައިޖެހޭއަތަކަށް އަބަދުވެސް ޖެހޭނީ ދޯނީގެ ހުންގާން އަނބުރާލާށެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށް ދެއްކެވި ސީދާވެގެންވާ ތެދުމަގުގައި ޘާބިތުވާށެވެ. ސީދާވެގެންވާ ތެދުމަގަކީ އެއީއެވެ. އަދި ފަލާޙާ ކާމިޔާބު ލިބިގެންވާ މީހުންނަކީ މިމަގުގައި ޘާބިތުވި މީހުންނެވެ.
3. ބޮޑައިވެ ގަންނަ މީހަކަށް ނުވާށެވެ!
ތިބާ ހައްދަވައި، ތިބާގެ އެންމެހާ ކަންތައްތައް މިންވަރުކުރެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ދުނިޔެއާއި އާޚިރަތުގައި ފަލާޙާ ކާމިޔާބު ލިބޭނެ ގޮތަކީ ކޮބައިކަން އަންގަވާ ދެއްވާފައެވެ. އެކަމަށްޓަކައި ރަސޫލަކު ފޮނުއްވާފައެވެ. އެއިލާހުގެ ފޮތް ބާވާލައްވާފައެވެ. އެއިލާހުގެ ރަސޫލާ މެދުވެރިކުރައްވައި އެފޮތް ބަޔާންކޮށްދެއްވާފައެވެ. މިފޮތަށް ތިބާގެ ދިރިއުޅުން ބައްޓަން ކުރުމަށްޓަކައި ގަދަ އަޅައި މަސައްކަތްކުރާށެވެ. މިމަތިވެރި ހިދާޔަތަށް ފުރަގަސްދީ، މިހިދާޔަތުގައި ކޮޅުފައިން ނުޖަހާށެވެ.
މިހިދާޔަކީ ބޯދާ މުސްކުޅި، މިޒަމާނާ ނުގުޅޭ ހިދާޔަތެއް ކަމުގައި ތިބާ ޤަބޫލުނުކުރާށެވެ. މިހިދާޔަތަކީ މިހިދާޔަތް މީސްތަކުންނަށް ގެނެސްދެއްވި ސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އިން ފެށިގެން ޤިޔާމަތަށް ދާންދެން ޝާމިލުވެގެންވާ ހިދާޔަތެކެވެ. މިހިދާޔަތަށް ހަޖޫޖަހައި، މިހިދާޔަތަށް ފުރަގަސްދީ ދެކޮޅުވެރިވެއްޖެމީހަކަށްވުރެ ބޮޑު އަބާއްޖަވެރިޔަކީ ފަހެ ކާކު ހެއްޔެވެ؟ އަދި ޙައްޤުގެ މަގު އެނގުމަށްފަހު އެމަގަށް ފުރަގަސްދިންމީހަކަށްވުރެ މޮޔަމީހަކީ ފަހެ ކާކުހެއްޔެވެ؟
މިދުނިޔޭގެ ވަގުތީ ދިރިއުޅުމަކީ ތިމާ ހިތުހުރިގޮތަކަށް އުޅެން އޮތްތަނެކޭ ހީނުކުރާށެވެ. ތިބާ އެގޮތަށް ބޭނުންވާ ކަމުގައިވާނަމަ އެގޮތަށް އުޅުމުގެ ފުރުޞަޠުވަނީ ދެއްވަވާފައެވެ. ނަމަވެސް އެހައިރުން އާޚިރަތުގައި ތިބާވާހުށީ ގެއްލެނިވި މީހުންގެ ތެރެއިންނެވެ.
4. މަސްޢޫލިއްޔަތުތަކަށް ފަރުވާތެރިވާށެވެ!
އޭ ލޮބުވެތި އުޚުތާއެވެ! ތިބާއަކީ އެއްދުވަހެއްގައި ނިކަމެތި ކުޑަކުއްޖެއްކަމުގައި ވީމީހަކީމެވެ. އެއަށްފަހު، ﷲ ތިބާއަށް އާރާބާރު ދެއްވިއެވެ. ދުނިޔޭގެ ދިރުއުޅުމާމެދު ކުޑަ ހިނދުކޮޅަކަށް ނަމަވެސް ވިސްނަވާ ލައްވާށެވެ. ﷲ ތިބާ ޚަލްޤުކުރައްވާފައި ވަނީ މަސްޢޫލިއްޔަތުތަކެއް ހަވާލުކުރައްވާފައެވެ. އެއިގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މުހިއްމު މަސްޢޫލިއްޔަތަކީ ތިބާ ނެތުމުގެ ތެރެއިން ވުޖޫދުކުރެއްވި އިލާހަށް އަދާކުރަންޖެހޭ ޙައްޤުތަކެވެ. އެއީ އިޚްލާޞްތެރިކަމާއެކު އެއިލާހުގެ އެންމެހާ އަމުރުފުޅުތަކަށް ބޯލެނބުމެވެ. އެއަށްފަހުގައި، ތިބާ ނިކަމެތި ޙާލުގައި ވަނިކޮށް އޯގާތެރިވި މައިންބަފައިންނަށް އަދާކުރަންޖެހޭ ޙައްޤުތަކެވެ. އެދެމީހުން ހިތުގަޖައްސާފަ ތިބާއަށް ކާމިޔާބު ލިބޭނެކަމަށް ހީނުކުރާށެވެ. އެދެމީހުން ކުރާ ދުޢާއެއްގެ ސަބަބުން ތިބާގެ މުޅި ދިރުއުޅުން ބަރުބާދުވެގެން ހިނގައިދާނެކަމާމެދު ސަމާލުވާށެވެ. އެދެމީހުންގެ ފަރާތުން ތިބާއަށް ހިތްދަތިކަން ފޯރިކަމުގައިވީނަމަވެސް އެދެމީހުން ހިތްހަމަޖައްސައި ދިނުމުގައި ޘާބިތުވެ ހުންނާށެވެ. އެދެމީހުންގެ ފަރާތުން ދިމާވާ މުޞީބާތްތަކުގެ އައްޑަނައަކީ ކެތްތެރިކަންކަމުގައި ހަދާށެވެ. ހަމައެފަދައިން، ތިބާގެ އާއިލާމީހުންނާ ގުޅުން ބަހައްޓާށެވެ. އެއީ ތިބާގެ ރިޒްޤުތަނަވަސްވެ، ފާގަތި ދިރިއުޅުމަކަށް މަގުދައްކާކަމެކެވެ.
އެއަށްފަހު، ތިބާއަކީ ﷲގެ ރަޙްމަތުން މީހެއްގެ އަތްބަކަށް ވާނެމީހަކީމެވެ. ތިމާގެ ފިރިމީހާގެ ޙައްޤުތަކަކީ ކޮބައިކަން ދެނެގަންނާށެވެ. އޭނާގެ ޙައްޤުތަށް ޢަދާކުރުމުގައި ސާބިތުވާށެވެ. ތިޔައީ އިސްލާމީ މުޖުތަމަޢުއެއްގެ އާއިލާއެއްގެ އެންމެ އިސްރޯލުއަދާކުރަންޖެހޭ މީހެއްކަން އަބަދުވެސް ހަނދާންކުރާށެވެ. އޭގެފަހުގައި، ﷲގެ އިރާދަފުޅާއެކު ތިބާއަކީ މަންމައަކަށް ވާނެ މީހެކެވެ. އެދަރިން ހެޔޮގޮތުގައި، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގެ މަތީ ބޮޑުކުރުމުގެ ވަރުގަދަ ޢަޒުމުގައި ހީވާގިކަމާއެކު މަސައްކަތް ކުރާށެވެ.
މިދެންނެވުނު ކޮންމެ ކަމަކީ ތިބާގެ ކޮނޑުގައި އެޅިފައިވާ މަސްޢޫލިއްޔަތުތަކުގެ ތެރެއިން ބައެއް ކަންކަމެވެ. އުޚުތާއެވެ! ވަގުތުގެ ބޭނުން ހިފާށެވެ. މިއިން ކޮންމެ މުސްޢޫލިއްޔަތަކީ ޢާލަމްތަކުގެ ވެރި އިލާހުގެ ޙަޟްރަތުގައި ތިބާއާ ސުވާލުކުރެވޭނެ ކަންކަމެވެ. ވަގުތު ފާއިތުވުމުގެ ކުރިން ކާމިޔާބުގެ ޖަވާބެއް ތައްޔާރުކުރައްވާށެވެ.
5. ﷲ ގެ ޢަޛާބަށް ބިރުވެތިވާށެވެ!
އޭ ލޮބުވެތި އުޚުތާއެވެ! ﷲގެ ފޮތް ކީރިތި ޤުރުއާން ކިޔަވާ، އެފޮތާމެދު ވިސްނާ ފިކުރުކުރާށެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގެ ފޭރާމުން ތިބާގެ އުޅުމާއިގުޅުން ޒީނަތްތެރިކުރުވާށެވެ. ވަގުތު ފާއިތުވުމުގެ ކުރިންނެވެ. ވަގުތު ފާއިތުވުމަށްފަހު ހިތާމަކުރާ ހިތާމަކުރުމަކުން ފައިދާނުކުރާނެއެވެ.
ކޮންމެ އިންސާނަކީ މިދުނިޔެއަށް އުފަންވި ފަދައިން މިދުނިޔެއާ ޢަލްވަދާޢުކިޔަންޖެހޭނެ މީހެކެވެ. ދުނިޔެއަށް ކިތައް މުދާވެރިންނާއި، ރަސްރަސްކަލުންނާއި، ޢިއްޒަތްތެރިން އައި ހެއްޔެވެ؟ ޢާދުބާގައި މީހުންނާއި ޘަމޫދު ބާގައިމީހުންނެވެ. ފިރުޢަވްނެވެ. ހާމާނެވެ. ޤާރޫނެވެ. އަބޫޖަހުލެވެ. ނަމަވެސް މީގެން އެންމެ މީހަކަށްވެސް އެބައިމީހުންގެ މުދަލާއި ރަސްކަމުން ކުރި ފައިދާއެއް ނެތެވެ.
ދާންޖެހޭ ހުށީ އެކަނިވެރި، ކަށްވަޅަކަށެވެ. ސުވާލުކުރެވޭނެއެވެ. އެކަށްވަޅު ވާހުށީ ނަރަކައިގެ އަނދަވަޅުތަކުގެ ތެރެއިން އަނދަވަޅަކަށެވެ. ނުވަތަ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއަކަށެވެ.
އޭ ލޮބުވެތި އުޚުތާއެވެ! ނަރަކާގައި ގިނައީ ފިރިހެނުންނަށްވުރެ އަންހެނުންކަން ވިސްނާލެއްވީމުތޯއެވެ؟ އެނުބައިވެގެންވާ ޢަޛާބުން މިންޖުވެ، ސުވަރުގެ ލިބިގަންނަ މަދު އަންހެނުންގެ ތެރެއިން ވުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރާށެވެ. މަސައްކަތްކުރަން އޮތްތަނަކީ މިދުނިޔެވެ. ތިބާ މިދުނިޔެއަށް އައީ ރޯޙާލުގައި، ތިބާގެ ކައިރީގައިވާ މީހުން އުފަލުން ހީހީ ތިއްބައެވެ. ހަމައެފަދައިން، ތިބާ މިދުނިޔެއާ ޢަލްވަދާޢުކިޔާ ވަގުތަކީ އެބައިމީހުން ރޮއްވާލާފައި، ތިބާ އުފަލުން، ތިބާގެ ވެރިއިލާހާ ބައްދަލުކުރާ ވަގުތަކަށް ހެދުމަށްޓަކައި ދުނިޔެއަށްޓަކައި އާޚިރަތް ބަރުބާދުކޮށްނުލާށެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ މިއަޅާއަށާއި ތިބާއަށް ތެދުމަގު ދައްކަވައި، އެއިލާހާ ބައްދަލުވެއްޖައުމަށް ދާންދެން އެމަގުގައި ޘާބިތުކުރައްވާށި!