[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

“ކޭތަހިފުމަކީ ޠަބީޢީ ކަމަކަށްވާއިރު އަޅުގަނޑުމެން ބިރުގަނެ، ނަމާދުކުރަން ޖެހެނީ ކީއްވެ؟”

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ފަހެ، ރަސޫލުﷲ عليه الصلاة والسلام ގެ ޒަމާނުގައި އިރުކޭތަހިފުމުން، “الصَّلَاةُ جَامِعَة” އޭ ގޮވާލުމަށް ޞަޙާބީބޭކަލުންގެ ތެރެއިން ބޭކަލަކަށް އަމުރުކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އެބޭކަލުންނާއިގެން ނަމާދު ކުރެއްވިއެވެ. ދެން އެއަށްފަހު ޚުޠުބާ ދެއްވިއެވެ. އަދި ކޭތައިގެ ޙިކުމަތް އެބޭކަލުންނަށް ބަޔާންކޮށްދެއްވިއެވެ. އަދި ޖާހިލިއްޔަތުގެ ޤަބޫލުކުރުންތައް ބާޠިލުވެގެންވާކަން ބަޔާންކޮށްދެއްވިއެވެ. އަދި އެބޭކަލުން ކުރަންވީ ކަމަކީ ނަމާދުކުރުމާއި، ދުޢާކުރުމާ އަދި ޞަދަޤާތްކުރުންކަން  ބަޔާންކޮށްދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«إِنَّ الشَّمْسَ وَالقَمَرَ آيَتَانِ مِنْ آيَاتِ اللَّهِ، لاَ يَخْسِفَانِ لِمَوْتِ أَحَدٍ وَلاَ لِحَيَاتِهِ، فَإِذَا رَأَيْتُمْ ذَلِكَ، فَادْعُوا اللَّهَ، وَكَبِّرُوا وَصَلُّوا وَتَصَدَّقُوا» [رواه البخاري / كتاب: الكسوف / باب: الصدقة في الكسوف / رقم: 1044]

މާނައީ: “ހަމަކަށަވަރުން އިރާއި ހަނދަކީ ﷲގެ އާޔަތްތަކުގެ ތެރެއިން ދެއާޔަތެވެ. (އެބަހީ: އެއިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ދެ ހެއްކެވެ.) ކޭތަހިފަނީ މީހަކު މަރުވުމަކުން ނުވަތަ މީހަކު އުފަންވުމަކުން ނޫނެވެ. ފަހެ، ތިޔަބައިމީހުންނަށް ކޭތަ ފެނުމުން ﷲ އަށް ދުޢާކޮށް، އެއިލާހު މަތިވެރިކޮށް، ނަމާދުކޮށް ޞަދަޤާތް ކުރާށެވެ.”

ކޭތަހިފާނެ އިރެއް މުސްލިމުންނަކަށް ނޭނގެއެވެ. ނަމަވެސް ކޭތަހިފުމުން އެބައިމީހުންގެ މައްޗަށް ﷲ ޝަރުޢުކުރައްވާފައިވާ ނަމާދާއި އެނޫންވެސް އެފަދަ ކަންކަންކުރުމަށް އަވަސްވެގަނެއެވެ.

ކޭތަހިފުމުން އެބައިމީހުން އެއީ މުޞީބާތެއްގެ އިންޒާރެއްކަމުގައިވެދާނެކަމަށް ދެކި އެކަމަށް ބިރުގަނެއެވެ. އަދި އެބައިމީހުންނަށް ކުރިމަތިވީ ބިރުވެރިކަން ފިއްލަވައިދެއްވުންއެދި ﷲ އަށް ދުޢާކުރެއެވެ. ފަހު ޒަމާނަށް އައިސް އިރާއި ހަނދުގެ ދައުރުވުންތަކުގެ ޢިލްމާއި ޙިސާބުކުރުން ފެތުރި، އެކަމުގެ މާހިރުންނަށް ކޭތަހިފާނެ ވަގުތު ދެނެގަނެވުނެވެ. ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި މިޢިލްމުގެ ސަބަބުން އެކަމުގެ ޙުކުމް ބަދަލެއް ނުވެއެވެ. ހަމަކަށަވަރުން މުސްލިމުންގެ މައްޗަށް އޮތީ ކޭތަހިފުމުން ކުރުމަށް އެބައިމީހުންގެ މައްޗަށް އަމުރުކުރައްވާފައިވާ ކަންކަން ކުރުމެވެ. ކޭތަހިފާނެ ވަގުތު ކުރިން އެނގުނުކަމުގައިވިޔަސްމެއެވެ. ނަމަވެސް ކޭތަހިފާނެ ވަގުތު ހޯދުމަށް ޙިސާބުކުރުމުގައި އަޅުގަނޑުމެންގެ ނަފްސުތައް މަޝްޣޫލުކުރުން ޝަރުޢުކުރައްވާފައެއް ނުވެއެވެ. ﷲ އާއި އެއިލާހުގެ ރަސޫލާ އެކަމަށް އަމުރުކުރައްވާފައެއް ނުވެއެވެ. ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ކޭތައަކީ އަޅުތަކުންނަށް ކުރިމަތިވާ ނުރަނގަޅު ކަމެއްގެ ޢަލާމަތަކަށް ނުވަތަ ސަބަބަކަށް ވެދާނެއެވެ. ކޭތައިން ގެއްލުމެއް ނުލިބޭ ބުނާމީހަކު އެބުނާބަހަކީ އެކަމުގެ ޢިލްމު ނެތި، ﷲ ގެ ޝަރީޢަތާ ޚިލާފަށް ބުނާ ބަހެކެވެ. ކޭތަހިފާ ވަގުތު ﷲ ތަޢާލާ މެދުވެރިކުރައްވާ ކަންތައްތައް އެންމެހާ މީސްތަކުންނަށް އެނގުން ލާޒިމެއް ނޫނެވެ. އެފަދަ ކަންކަން އެއްބަޔަކަށް އެނގިފައި، އަނެއްބަޔަކަށް ނޭނގިވެސްދާނެއެވެ. މުސްލިމުންގެ ނަމާދާއި ދުޢާގެ ސަބަބުން އަޅުތަކުންނަށް ކުރިމަތިވާންއޮތް ނުބައެއް ﷲ ތަޢާލާ ފިއްލަވައިދެއްވުންވެސް އެކަށީގެންވެއެވެ. އަދި އެއީ ﷲ ނޫން ފަރާތަކަށް އެނގުމެއް ނުވާ ކަމަކަށްވެސް ވެދާނެއެވެ. ފަހެ، މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ﷲގެ ޙުކުމަށް ބޯލަނބާ، އެއިލާހު ޝަރުޢުކުރައްވާފައިވާ ފަދައިން ޢަމަލުކޮށް، އެއިލާހުގެ ޙިކުމަތްވަންތަކަމަށް އީމާންވުމެވެ. ފަހެ، އެއިލާހީ އެންމެހާ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ ޚަކީމުވަންތަ، ހުސްޠާހިރުވަންތަ އިލާހެވެ.

– ލިޔުއްވީ އައްޝައިޚް ޢަބްދުއްރަޙްމާން އަލްބައްރާކް –

އިރުކޭތައާއި ހަނދުކޭތައަކީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ދެހެއްކެވެ. އެއިން އެއިލާހުގެ އަޅުތަކުން އެއިލާހަށް ބިރުވެތިކުރުވައެވެ. އަދި ޤިޔާމަތްދުވަހު ވާނޭ ބައެއް ކަންކަން ހަނދާންކޮށްދެއެވެ. އިރު އޮޅާލެވި އޭގެ އަލިކަން ފިލަދާ ހިނދެވެ. އަދި ތަރިތައް ވިއްސިވިހާލިވެ، އޭގެ އަލިކަން ފިލައިދާ ހިނދެވެ. [سورة التكوير 1، 2] އަދި ލޯތަކަށް ހައިރާންކަންލިބި ތަރަތަރަލާހިނދެވެ. އަދި ހަނދުގެ އަލިކަން ފިލައިދާހިނދެވެ. އަދި އިރާއި ހަނދު އެއްކުރެއްވޭ ހިނދެވެ. [سورة القيامة 7-9] ކޭތައިގެ ސަބަބުން މުސްލިމުން ބިރުގަންނަން ޖެހެނީ މިސަބަބަށްޓަކައެވެ. ނަބިއްޔާ  صلى الله عليه وسلم ވަރަށް ބޮޑަށް ﷲ އަށް ބިރުވެތިވެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ޒަމާނުގައި އެއްދުވަހަކު އިރުކޭތަހިފުމުން، ޤިޔާމަތްވީކަމަށް ހީފުޅުކުރައްވާ ވަރަށް ބޮޑަށް ބިރުފުޅުގެންވަޑައިގެން އެކަލޭގެފާނު ނުކުމެވަޑައިގެންނެވިއެވެ. މިއީ ޤިޔާމަތާމެދު އެކަލޭގެފާނު ވިސްނަވާވަޑައިގަންނަވާ މިންވަރެވެ. އަދި އެކަމަށް އެކަލޭގެފާނު ބިރުވެތިވެވަޑައިގަންނަވާ މިންވަރެވެ.

ނަމަވެސް މިއަދު އަޅުގަނޑުމެންގެ ޙާލާމެދު ދަންނައެވެ. އަޅުގަނޑުމެން މިވަނީ ޣާފިލުކަމުގައެވެ. އަދި ގިނަ މީހުން ދެކޭގޮތުގައި ކޭތައަކީ ހަމައެކަނި އާދައިގެ ޠަބީއީ ކަމެކެވެ. އަދި އަވި އައިނުތަކާއި ކެމެރާތައް ހިފައިގެން އެކަން ބެލުމަށް ނުކުމެއެވެ. އެބައިމީހުން އެވަނީ ދުނިޔަވީ ސައިންސުގެ ޢިލްމަށް ބަރޯސާވެ، އެކަމުން އާޚިރަތް ހަނދާންކޮށްދޭކަން ހަނދާން ނައްތާލާފައެވެ. އާޚިރަތުގެ ކަންކަމާއި ޤިޔާމަތްވާ ވަގުތާމެދު ވިސްނުންދޫކޮށް، ޝަރުޢީ މަޤްޞަދުތަކާމެދު ޖާހިލުވެފައިވުމަކީ ހިތް ހަރުވެފައިވަކަމުގެ ޢަލާމާތެކެވެ. އެއީ އިރުކޭތައާއި ހަނދުކޭތަހިފުމުން ނަބިއްޔާ صلى الله عليه وسلم އެކަމާމެދު ނުހަނު ބިރުފުޅުގެންވަޑައިގެންނެވިކަން ސާބިތުވާއިރުގައިވެސްމެއެވެ. އަދި ޞަޙާބީބޭކަލުން ކޭތަހިފުމުން ނަމާދަށް ތެދުވެވަޑައިގަންނަވަނީ، ޤިޔާމަތްވީ ކަމުގައިވާނަމަ އެބޭކަލުން ނަމާދާމެދު ޣާފިލުވެފައި ނުވުމަށާއި، އަދި ޤިޔާމަތް ނުވިކަމުގައިވިނަމަވެސް އެބޭކަލުންގެ ނަމާދުގެ ސަބަބުން ހިތާމަކުރަން ނުޖެހޭނެކަން ވިސްނިވަޑައިގެންނެވެ. އެހެނީ އެބޭކަލުން އެޣަނީމާ ކުރީ ބޮޑުވެގެންވާ އަޖުރެކެވެ.

نسأل الله أن يجعلنا ممن يخشونه وهم من الساعة مشفقون وصلى الله على نبينا محمد .

————————

މިއީ އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު ލިޔުއްވާފައިވާ ލިޔުމެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އަޞްލު ބެއްލެވުމަށް