[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙައްޖުމަހުގެ ފުރަތަމަ ދިހައެއްގެ 44 ފައިދާ 3

23- މި ދުވަސްތަކުގައި ކިޔާ ތަކުބީރާއެކު އަހަރެމެންގެ ހިތަށް ގެނެސްގަންނަނީ ﷲ ގެ ނަޞްރު ކައިރިވެފައިވާކަމުގެ އުފާވެރި ޚަބަރެވެ. ޚައިބަރު ފަތަޙަވެގެންދިޔައީ ތަކުބީރުންނެވެ. އަދި އެހެނިހެން ތަންތަންވެސް ތަކުބީރުން ފަތަޙަވެގެން ދެއެވެ. ﷲ ގެ އިޛުނަފުޅާއެކު ތަކުބީރުން ޢަދުއްވުން ބަލިވެގެން ދެއެވެ.
24- މިދުވަސްވަރުގައި ކިޔުމަށް ޝަރުޢުވެފައިވާ ތަކުބީރުގެ ދެވައްތަރެއް ވެއެވެ. އެއީ މުޠްލަޤުގޮތެއްގައި ކިޔުމަށްވާރިދުވެފައިވާ ތަކުބީރާއި މުޤައްޔަދުކުރެއްވިފައިވާ ތަކުބީރެވެ. މުޠުލަޤު ތަކުބީރަކީ ޙައްޖުމަހުގެ ފުރަތަމަ ދިހައެއްގެ ތެރޭގައި ކިޔުމަށް ވާރިދުވެފައިވާ ތަކުބީރެވެ. އެތަކުބީރު ނެމޭނީ އައްޔާމުއްތަޝަރީޤުގެ ފަހު ދުވަސް ނިމުމާ އެކުގައެވެ. އަދި މި ތަކުބީރަކީ ހުރިހާ ވަޤުތެއްގައި ހުރިހާ ޙާލަތެއްގައި ހުރިހާ ތަނެއްގައި، ޛިކްރު ކުރުން ހުއްދަ ކޮންމެ ތަނެއްގައި ކިޔުމަށް އައިސްފައިވާ ތަކުބީރެކެވެ. އަދި މި ތަކުބީރު ސުންނަތްވެގެންވަނީ އަޑުއަހަރުކޮށް ކިޔުމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. وَيَذْكُرُوا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ (ސޫރަތުލް ޙައްޖު:28) މާނައީ: އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށްއުޅުމަށެވެ. ނަޢަމުސޫފީގެ ނިޢުމަތް އެބައިމީހުންނަށް ދެއްވިކަމަށްޓަކައެވެ.”
25- މުޤައްޔަދު ތަކްބީރަކީ ހަމައެކަނި ފަރުޟު ނަމާދުތަކުގެ ފަހުގައި ކިޔުމަށް ވާރިދުވެފައިވާ ތަކްބީރެވެ. މި ތަކުބީރު ޙައްޖުވެރިން ނޫން މީހުންނަށް ފެށެނީ ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ (ޢަރަފާތު ދުވަހުގެ) ފަތިހުން ފެށިގެންނެވެ. އަދި ޙައްޖުވެރިޔާއަށް ޢީދު ދުވަހުގެ މެންދުރުން ފެށިގެންނެވެ. ދެމީހުންނަށްވެސް މި ތަކުބީރު ނިމޭނީ އައްޔާމުއް ތަޝްރީޤުގެ ފަހު ދުވަހުގެ ޢަޞްރަށް ފަހުގައެވެ.
26- މުޠްލަޤު އަދި މުޤައްޔަދު ތަކްބީރުގެ ވަޤުތު ބަޔާންކުރުމުގައި އޭގެ އަސްލަކަށް ބަލަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނާއި ސަލަފުންގެ ކިބައިން ވާރިދުވެފައިވާ އެކއެކި އަޘަރުތަކެވެ. މިދެންނެވި އަޘަރުތަކުގައި ތަކުބީރުކިޔުމަށް ވާރިދުވެފައިވާ ސީޣާތަކުގެ ތެރެއިން އެންމެ މަޝްހޫރު ސީޣާ އަކީ،
اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إِلَهَ إِلَّا اللهُ، وَ اللهُ أَكْبَرُ، اللهُ أَكْبَرُ، وَللهِ الْـحَمْدُ
” އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އަދި އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. އަދި ހުރިހާ ޙަމްދު ތަޢުރީފާ ޘަނާ މިލްކުވެގެންވަނީ ހަމައެކަނި ﷲ އަށެވެ.”
ވާރިދުވެފައިވާ ސީޣާއިން ނޫން އެހެން ސީޣާއަކުން ތަކުބީރު ކީ ކަމުގައިވިޔަސް މައްސަލައެއް ނެތެވެ. މިކަން ތަނަވަސްވެގެންވެއެވެ.
27- ޛުލްޙިއްޖާ މަހުގެ ފުރަތަމަ ނުވަ ދުވަހު ނުވަތަ އޭގެ ތެރެއިން ކުޅަދާނަވެގެންވީ މިންވަރަކަށް ރޯދަހިފުން މުސްތަޙައްބުވެގެންވެއެވެ. މިދުވަސްތަކުގައި ރޯދަހިފުމަށް ބައެއް ޙަދީޘްތަކުގައި އައިސްފައިވެއެވެ. އަދި ސަލަފުންގެ ކިބައިން އެކަން ޘާބިތުވެގެންވެއެވެ. ރޯދައަކީ ފާފަތަކުގެ ކައްފާރާއެކެވެ. ނަރަކައިންނާއި ނުބައިކަންތައްތަކުންވާ މިންޖުވުމަށްވާ އައްޑަނައެކެވެ. ޙަދީޘްގައިވެއެވެ. (مَنْ صَامَ يَوْمًا فِي سَبِيْلِ اللهِ، بَاعَدَ اللهُ وَجْهَهُ عَنِ النَّارِ سَبْعِيْنَ خَرِيْفًا). رواه البخاري ومسلم މާނަ: “މާތް ﷲ ގެ މަގުގައި ރޯދައެއް ހިފައިފި މީހެއްގެ މޫނު، ނަރަކައާ 70 ޚަރީފު (އަހަރު) ގެ ރާސްތާއަށް، މާތް ﷲ  ދުރުކުރައްވާނެއެވެ..”
28- ޢަރަފާތްދުވަހު ރޯދަހިފުމަކީ ޙައްޖުވެރިޔާ ނޫން އެހެން މީހުންގެ މައްޗަށް ސުންނަތްވެގެންވާ ކަމެކެވެ. އަދި އެއީ ރަނުގެ ފުރުޞަތެކެވެ. އޭގެ ސަބަބުން ދެއަހަރުގެ ފާފަތައް ފުހެލައެވެ. ((صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِى قَبْلَهُ وَالسَّنَةَ الَّتِى بَعْدَهُ)) – رواه مسلم މާނައީ: ”ޢަރަފާތްދުވަހުގެ ރޯދަހިފުމުގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ފާފައާއި ކުރިޔަށް އޮތް އަހަރުގެ ފާފަ ﷲ ފުއްސަވާދެއްވާނޭ ކަމަށް އަހަރެން އުއްމީދުކުރަމެވެ..“
29- ވަކި ދުވަހެއް މުޢައްޔަނުކޮށް ހިފާ ސުންނަތް ރޯދާގައި އެންމެ އައުލާވެގެންވާ އަދި އެންމެ ފުރިހަމަ ގޮތަކީ ރޯދަހިފުމަށް ރޭގަނޑުގައި ނިޔަތްގަތުމެވެ. އެއީ އުނިވުމެއްނެތި ރޯދައިގެ ފުރިހަމަ އަޖުރު ލިބިގަތުމަށްޓަކައެވެ.
30- އަނބިންނާއި ދަރީން އަދި އެބައެއްގެ މައްޗަށް ތިބާގެ ބެލެހެއްޓުން ވާ ކޮންމެ މީހަކަށް ޢަރަފާތްދުވަހުގައި ރޯދަހިފަން ބާރުއެޅުން ހުއްޓެވެ. ސަޢީދު ބިން ޖުބައިރު ވިދާޅުވާކަމުގައިވެއެވެ. “ތިޔަބައިމީހުންގެ ނޯކަރުން ޢަރާފާތު ދުވަހުގެ ރޯދަހިފުމަށްޓަކައި ހާރުކެއުމަށް އެމީހުން ހޭލައްވާށެވެ.”
31- ޢަރަފާތު ދުވަހުގެ އިރު އޮއްސޭއިރު އެދުވަހުގެ އެ އޮއްސޭ އިރާއެކު ތިބާގެ ފާފަތައްވެސް ދޫކޮށްލުމަށް ސަމާލުކަންދޭށެވެ.
32- މި ދިހަދުވަހުގެ ތެރޭގައި ކުރެވޭނެ އެންމެ ފައިދާބޮޑު އެއް ވިޔަފާރިއަކީ ކީރިތި ޤުރުއާން ހަތިމެއްކުރުމެވެ. އެއީ އާޔަތްތަކާމެދު ވިސްނާފިކުރު ކުރުމައި އެ ފަހުމުކުރުމާ (މާނަ ނުވަތަ ތަފްސީރު ބެލުމާ) އެކުގައެވެ. ﷲ ތަޢާލާ، ކީރިތި ޤުރުއާން ކިޔަވާއިރު، މީހާ ކިޔާ ކޮންމެ އަކުރަކަށް ހެޔޮކަމެއް ދެއްވައެވެ. އަދި އަޖުރު ދިހަ ގުނައަށް އިތުރުކުރައްވައެވެ. އަދި އެހެނިހެން ދުވަސްވަރަށްވުރެ މިދުވަސްތަކުގައި ކުރާ ހެޔޮޢަމަލުތައް އިތުރުވެގެންދާ ކަމީ ޔަޤީންވެ ކަށަވަރުވާކަމެކެވެ.
33- ޙަދީޘްގައިވެއެވެ. ((أَفْضَلُ الصَّلَاةِ بَعْدَ الْـفَرِيْضَةِ صَلَاةُ اللَّيْلِ)) – رواه مسلم 1163 މާނައީ: “ފަރުޟު ނަމާދުތަކަށް ފަހުގައި އެންމެ މާތްވެގެންވަނީ ދަމުނަމާދެވެ.” މުސްލިމު އަޅާ ގަދައަޅައި މަސައްކަތްކުރަންވީ ހަމައެކަނި ރަމަޟާންމަހުގެ ރޭތަކުގައި ރޭއަޅުކަން ކުރުމަކަށްނޫނެވެ. އަދި ކިއެއްހެއްޔެވެ. މި ދިހަދުވަހުގެ ރޭތަކުގައި ރޭއަޅުކަންކުރުމަށް ގަދައަޅައި މަސައްކަންކުރަންޖެހެއެވެ.

= އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ 44 فائدة في عشر ذي الحجة (ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހައެއްގެ 44 ފައިދާ) ގެ ތަރުޖަމާ=