[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ބަގީޗާ: ސޫރަތުއް ނަބައި

ޢައްމަފޮތުގެ ފުރަތަމަ ސޫރަތް

ކީރިތި ޤުރުއާނުގެ އެންމެ ފަހު ފޮތް “جزء النبأ” ފެށިފައިވަނީ “އަންނަބައު” ސޫރަތުންނެވެ.

މިސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع

އަލުން ދިރުއްވުމަކީ ހަމަ ޙަޤީޤަތުގައިވެސް ވާނެކަމެއްކަން ސާބިތުކޮށްދިނުން.

މިސޫރަތުގައި އަލިއަޅުވައިލެވިފައިވާ ބައެއް موضوع ތައް

  1. 1 ވަނަ އާޔަތުން 6ވަނަ އާޔަތަށް އައިސްފައިވަނީ އަލުން ދިރުއްވުމަކީ ވެދާނެ ކަމެއް ކަމާމެދު މުޝްރިކުން އެއްބަޔަކު އަނެއްބަޔަކާއި ސުވާލުކޮށް ހަދާ ވާހަކައެވެ. މިކަމާއިމެދު އެބައިމީހުން އެކި ގޮތްގޮތަށް ދެކޭކަންވެސް މި އާޔަތްތަކުގައި ބަޔާންވެފައިވެއެވެ.
  2. 6 ވަނަ އާޔަތުން 16 ވަނަ އާޔަތަށް އައިސްފައިވަނީ މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ބައެއް ހެކިތަކުގެ ބަޔާނެކެވެ. މުޝްރިކުންނާއި އަލުން ދިރުއްވުމާއިމެދު ޝައްކުކުރާމީހުން މި ހެކިތަކުގެ މައްޗަށް ވިސްނައިފިކަމުގައިވާނަމަ، އެކަލާނގެއީ ޚަލްޤުތަކުން ނެތިކުރެއްވުމަށްފަހު އަލުން ދިރުއްވުމަށްވެސް ކުޅަދުންވަންތަ ފަރާތެއްކަން ސާބިތުވެގެންދާނެއެވެ.
  3. 17ވަނަ އާޔަތުން 19 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވަނީ އާޚިރަތްދުވަހުގެ ކަންކަން ހުންނާނެގޮތުގެ ސިފަކޮށްދެއްވުމެކެވެ.
  4. 20ވަނަ އާޔަތުން 30 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވަނީ ޤިޔާމަތްދުވަހުން ކާފިރުންނަށް ލިބޭނެ ޖަޒާގެ ބަޔާނެކެވެ.
  5. 31 ވަނަ އާޔަތުން 40 ވަނަ އާޔަތަށް އައިސްފައިވަނީ ޤިޔާމަތްދުވަހުން ތަޤްވާވެރިންނަށް ލިބޭނެ ޖަޒާގެ ބަޔާނެކެވެ.

މިސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

“އަންނަބައު” ސޫރަތުގައި ނުވަތަ ޢައްމާފޮތުގެ ފުރަތަމަ ސޫރަތުގައި ޤިޔާމަތްދުވަހުން ތަޤްވާވެރީންނަށް ދެއްވާނޭ ނިޢުމަތްތައް ސިފަކުރައްވާ ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿إِنَّ لِلْمُتَّقِينَ مَفَازًا ﴾ [سورة النبإ 31]

މާނައީ: “ހަމަކަށަވަރުން ތަޤްވާވެރިންނަށް ހުރީ ނަސީބުލިބެނިވި ތަނެކެވެ.”

﴿حَدَائِقَ وَأَعْنَابًا ﴾ [سورة النبإ 32]

މާނައީ: “ބަގީޗާތަކާއި އަދި މޭބިސްކަދުރުތަކެވެ.”

﴿وَكَوَاعِبَ أَتْرَابًا ﴾ [سورة النبإ 33]

މާނައީ: “އަދި އެއްފުރާވަރުގެ ޒުވާން އަންހެންކުދިންނެވެ.”

އަދި ހަމަމިފަދައިން  ކާފިރުންނަށް ލިބޭނެ ޖަޒާވެސް ބަޔާންވެފައިވެއެވެ.

﴿فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا﴾ [سورة النبإ ٣٠]

މާނައީ: “ފަހެ، ތިޔަބައިމީހުން (ކުޅަ ނުބައި ޢަމަލުތަކުގެ) ރަހަ ލިބިގަންނާށެވެ! ފަހެ، ޢަޛާބުމެނުވީ، ތިމަންއިލާހު ތިޔަބައިމީހުންނަކަށް އިތުރެއް ނުކުރައްވާ ހުށީމެވެ.”

﴿وَيَقُولُ الْكَافِرُ يَا لَيْتَنِي كُنتُ تُرَابًا﴾ [سورة النبإ ٤٠]

މާނައީ: “އަދި ކާފިރުވި މީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަން ވެއްޔަށްވީނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ!”


ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާއެއްގެ މައްޗަށް ލިޔަން ޤަސްދުކޮށްގެން މިފަށާ ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާ ކުދިންނަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء الله.

و الله ولي التوفيق .

މަޞްދަރު: أول مرة أتدبر القرآن

ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް