ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
މި ސޫރަތުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލެވިފައިވަނީ އާޚިރަތްދުވަހުގެ ކަންކަން ހުންނާނެގޮތް ސިފަކޮށްދެއްވުމުގެ މައްޗަށެވެ.
ސޫރަތުގައި އަލިއަޅުވައިލެވިފައިވާ ބައެއް موضوع ތައް
- 1ވަނަ އާޔަތުން 14 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވަނީ އާޚިރަތްދުވަހުގެ ކަންކަން ހުންނާނެގޮތުގެ ސިފަކޮށްދެއްވުމެކެވެ.
- 15 ވަނަ އާޔަތުން 26 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވަނީ ބޮޑާވެރިކަމާއި ކިބުރުވެރިކަމާއި ޙައްޤަށް އިންކާރުކުރުމުގައި ހައްދުފަހަނައަޅާފައިވާ ފިރްޢައުނުގެ ވާހަކައެވެ.
- 27 ވަނަ އާޔަތުން 33 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވަނީ މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ބައެއް ހެކިތަކުގެ ބަޔާނެކެވެ.
- 34 ވަނަ އާޔަތުން 41 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވަނީ މުއުމިނުންނަށް ޖަޒާ ލިބިގެންދާނެގޮތާއި އަދި ޙައްޤަށް އިންކާރުކޮށް އާޚިރަތްދުވަހާމެދު ފަރުވާލެއް ނުބަހައްޓާ އުޅުނު މީހުންނަށް ޖަޒާ ލިބިގެންދާނެގޮތުގެ ބަޔާނެކެވެ.
- މި ސޫރަތުގެ އެންމެ ފަހު އާޔަތްތަކުގައި މައިގަނޑުގޮތެއްގައި ބަޔާންވެފައިވަނީ ޤިޔާމަތްވާނެ ވަޤުތު ދެނެވޮޑިގެންވާ ހަމައެކަނި ފަރާތަކީ މާތް ﷲ ކަމެވެ.
ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
- ސުވަރުގެއަށް ދެވޭނެ މަގަކީ މާތް ﷲ އަށް ބިރުވެތިވުމާއި ހަވާނަފްސުގެ އެދުންތަކަށް ތަބާނުވުމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
((حُفَّتْ النَّارُ بِالشَّهَوَاتِ وَحُفَّتْ الْجَنَّةُ بِالْمَكَارِهِ)) [رواه مسلم]
މާނައީ: “ނަރަކަ ވަށައިލެވިގެންވަނީ ޝަހުވަތްތަކުންނެވެ. (އިންސާނާގެ ހަވާނަފްސު އެދޭ ކަންތައްތަކުންނެވެ.) އަދި ސުވަރުގެ ވަށައިގެންވަނީ އިންސާނާ ނުރުހުންތެރިވާ ކަންތަކުންނެވެ.”
މިޙަދީޘުން އެނގޭގޮތުގައި، ނަރަކައިގެ ޢަޛާބުން ސަލާމަތްވުމަށްޓަކައި ހަވާނަފްސު އެދުންތަކުން ދުރުވާން ޖެހެއެވެ. ﷲ ތަޢާލާ ނަހީކުރައްވާފައިވާ، އެޝަހުވަތްތަކުގެ ތެރެއަށް ވަދެއްޖެ ކަމުގައި ވާނަމަ އެދެވެނީ ނަރަކައާއި ދިމާއަށެވެ. އަދި ސުވަރުގެ ޙާސިލުކުރުމަށްޓަކައި ތިމާގެ ނަފްސު ކުރަންނޭދޭ ކަންތައްތައްވެސް ކުރަން އެބަޖެހެއެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށްވީތީއެވެ.
- މި ދުނިޔެމަތީގައި އެތަކެއްޗަކީ ބޮޑެތި އެއްޗެހިކަމުގައި ކާފިރުން ދެކިއުޅުނު އެއްޗިއްސާއިމެދު ޤިޔާމަތްދުވަހުން އެބައިމީހުންދެކޭނީ އެއީ ކުދިކުދި އެއްޗެހި ކަމުގައެވެ.
- މި ސޫރަތުގައި މުޅިންވެސް އައިސްފައިވަނީ ބިރުވެރި ވާހަކަތަކެވެ.
މި ގޮތުން ގަދަފަދަވެގެންވާ ގޮތުގައި ކާފިރުންގެ ފުރާނަތައް ގެންދަވާ ވާހަކައާއި ޤިޔާމަތްވެ މަޙްޝަރުކުރެވޭހިނދު މީސްތަކުންގެ ހިތްތަކަށް ބޮޑު ބިރުވެރިކަމެއް ވެރިވެފައިވާނެ ވާހަކައާއި ލޯތައް ބިރުން ތިރިވެ ނިކަމެތިވެގެންވާނެ ވާހަކައެވެ. މި ބިރުވެތިކަމުން ސަލާމަތްވެ އުފަލާއި އަރާމުގެ ދާއިމީ ގޮވައްޗަށް ދެވޭނެ ބަޔަކީ މިދުނިޔެމަތީގައި މާތް ﷲއަށް ބިރުވެތިވެ އުޅުނު މީހުންކަމަށްވެސް މިސޫރަތުގައި ބަޔާންވެފައިވެއެވެ. އެހެންކަމުން މިސޫރަތުގައި ބިރުގެ ދެ ވައްތަރެއް ޖަމަޢަވެފައި އެބަވެއެވެ. އެއީ މި ދުނިޔެމަތީގައި ކިޔަމަންތެރި އަޅުން ﷲ އަށް ބިރުވެތިވާ ބިރުވެތިވުމާއި އާޚިރަތުގެ ބިރުވެތިކަމެވެ.
- ﴿فَقُلْ هَل لَّكَ إِلَىٰ أَن تَزَكَّىٰ ﴾ [سورة النازعات ١٨]
މާނައީ: “އަދި ކަލޭގެފާނު (ފިރުޢައުނަށް) ވިދާޅުވާށެވެ! ކާފިރުކަމުން ޠާހިރުވެގަތުމަށް ތިބާ އެދެމުހެއްޔެވެ؟”
﴿وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ﴾ [سورة النازعات ١٩]
މާނައީ: ” އަދި ތިބާގެ ވެރިރައްބުގެ ޙަޟްރަތަށް ތިމަންކަލޭގެފާނު ތިބާއަށް މަގު ދެއްކެވުމަށް އެދެމު ހެއްޔެވެ؟ ފަހެ، އެއިލާހަށް ތިބާ ބިރުވެތިވުމަށެވެ.”
މި އާޔަތްތަކުގައި އައިސްފައިމިވަނީ މީސްތަކުންނަށް ދަޢުވަތު ދިނުމުގައި ގެންގުޅެންޖެހޭ އޯގާވެރިކަމުގެ އުސްލޫބު ބަޔާންކޮށްދެއްވާފައެވެ. އިންސާނިއްޔަތު ދުށް އެންމެ ނުބައި، އެންމެ ޖައްބާރު މީހާއަށްވެސް ދަޢުވަތުދިނުމުގައި އޯގާވެރިވުމަށް އަންގަވާފައިވުމުން ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ އެންމެހާ ބޭފުޅުންވެސް މިމަންހަޖަށް ތަބާވުމުގެ މުހިންމުކަން ހާމަވެގެންދެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
«إِنَّ الرِّفْقَ لَا يَكُونُ فِي شَيْءٍ إِلَّا زَانَهُ، وَلَا يُنْزَعُ مِنْ شَيْءٍ إِلَّا شَانَهُ» [رواه مسلم]
މާނައީ: “ކަމެއްގައި އޯގާތެރިކަން އެކުލެވިފައިވާނަމަ އެއީ އެކަމަކަށް ޒީނަތްތެރިކަން ފިޔަވައި އިތުރުކަމެއް ގެނެސްދޭ ކަމެއްނޫނެވެ. އަދި ކަމެއްގައި އޯގާތެރިކަން ނެތިގެން ހިނގައްޖެނަމައެއީ އެކަމަކަށް ޢައިބުކަން ފިޔަވައި އިތުރުކަމެއް ގެނެސްދޭކަމެއް ނޫނެވެ.”
ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާއެއްގެ މައްޗަށް ލިޔަން ޤަސްދުކޮށްގެން މިފަށާ ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާ ކުދިންނަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء الله.
و الله ولي التوفيق .
މަޞްދަރު: أول مرة أتدبر القرآنކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް