[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ބަގީޗާ: سورة الإنشقاق

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع

މި ސޫރަތުގައި މައިގަނޑުގޮތެއްގައި އައިސްފައިވަނީ ޤިޔާމަތްދުވަހުން ޢަމަލުތަކުގައި އިޚްލާޞްތެރިވީ މީހުންނަށާއި އިޚްލާޞްތެރިކަމެއް ނެތި ހެޔޮޢަމަލުތައް ކުޅަމީހުންނަށް އެމީހުންގެ ޢަމަލުތަކުގެ ނަތީޖާ އެނގިގެންދާނެކަމެވެ. އަދި ފާފަތަކަށް އަރައިގަތް މީހުންނަށް ޢަޛާބު ދެއްވާނެކަމެވެ.

ސޫރަތުގައިވާ މުހިއްމު ނުކުތާތައް

  1. ހެޔޮ ޢަމަލުތައް ކުރުމުގެ މުހިއްމުކަމާއި ޢަމަލުތަކުގައި އިޚްލާޞްތެރިވުމުގެ މުހިއްމުކަން ބަޔާންވެފައިވެއެވެ. (6 ވަނަ އާޔަތް)
  2. ތަޤްވާވެރިވީމީހުންނަށް ހުރި ހެޔޮ ޖަޒާއާއި ކާފަރުންނަށްހުރި ޢަޛާބުގެ ވާހަކަ ބަޔާންވެފައިވެއެވެ. (7 ވަނަ އާޔަތުން 13 ވަނަ އާޔަތަށް)
  3. ކަންކަން އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުކުރެއްވުމަކީ ކައުނުގައި ﷲ ތަޢާލާ ލައްވާފައިވާ ސުންނަތެކެވެ. (19 ވަނަ އާޔަތް)
  4. މާތް ﷲ ގެ ކުޅަދުންވަންތަކަން ބަޔާންކުރައްވަފައިވެއެވެ. އަދި އެއިލާހީ ހިތްތަކުގައިވާ ސިއްރުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހުކަން ބަޔާންކުރައްވައިފައިވެއެވެ. (23 ވަނަ އާޔަތް)

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

  1. ޙަޤީޤީ އުފާވެރިކަމަކީ ތިބާ ލޯބިވާ މީހަކާއިއެކީގައި ސުވަރުގެ ދެވުމެވެ.
  2. ދުނިޔެ ދަނީ އޭގެ އަހުލުންނާއެކު އަބަދުވެސް ބަދަލުވަމުންނެވެ. އެތަނުގައި ދެމި ނުތިބެވޭނެއެވެ. އެހެންކަމުން ދުނިޔެވީ އުފާތަކަށާއި ދުނިޔެވީ ވާދަވެރިކަމަށް މާބޮޑަށް ލެނބުމުން ދުރުވާންޖެހެއެވެ. (މި ސޫރަތުގެ 19 ވަނަ އާޔަތް ބައްލަވާލައްވާ)
  3. ބޭކާރު ގޮތުގައްޔާއި ޣާފިލުކަންމަތީގައި ވަގުތުތައް ހޭދަކުރުމަކީ އިސްލާމީ އުއްމަތުގައި އެއްގޮތަކަށްވެސް އޮންނަންވާނެ ސިފައެއް ނޫނެވެ. (މި ސޫރަތުގެ 6 ވަނަ އާޔަތް ބައްލަވާލައްވާ)
  4. ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

«مَنْ نُوقِشَ الحِسَابَ عُذِّبَ» قَالَتْ: قُلْتُ: أَلَيْسَ يَقُولُ اللَّهُ تَعَالَى: ﴿فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا﴾ [الانشقاق: 8] قَالَ: «ذَلِكِ العَرْضُ» [رواه البخاري]

މާނައީ: “ޙިސާބު ބެލެވިއްޖެމީހާއަށް ޢަޛާބުދެއްވޭނެއެވެ.” އެކަމަނާ ދެންނެވިއެވެ. ﷲ (މިފަދައިން) ވަޙީ ކުރައްވާފައިނުވޭތޯއެވެ؟

﴿فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا﴾ [الانشقاق: 8]

މާނައީ: “ފަހެ، ލުއިފަސޭހަވެގެންވާ ޙިސާބުބެއްލެވުމަކުން، ނިކަންހުރެ އެމީހަކާމެދު ޙިސާބުބައްލަވާނެތެވެ.”

އެކަލޭގެފާނު ވިދާޅުވިއެވެ. “އެއީ ހަމައެކަނި ހުށަހަޅާލެވޭ ހުށަހަޅާލުމެކެވެ.”

  1. ﴿لَتَرْكَبُنَّ طَبَقًا عَن طَبَقٍ﴾ [الانشقاق: 19]

ﷲ ތަޢާލާ އެކަލާނގެ ޚަލްޤުތަކުންގެ ޙާލަތު އަބަދުވެސް ބަދަލުކުރައްވަމުންގެންދަވައެވެ. ދުނިޔެވީ ޙަޔާތުގެ ކުލަތައް ސާބިތުކަމެއްނެތި، އަބަދުވެސް ބަދަލުވަމުންދާގޮތެއްގައި ލައްވަވާފައިވަނީ ދުނިޔަވީ ޙަޔާތުގެ އުފަލާއި އަރާމަށް މާބޮޑަށް ލެނބިނުގަތުމަށް ހަނދާންކޮށްދެއްވުމުގެ ގޮތުންނެވެ. ދުނިޔެވީ ޙަޔާތަކީ ދާއިމީ ގޮވައްޗެއް ނޫންކަން ހަނދާންކޮށްދެއްވުމުގެ ގޮތުންނެވެ.

މި އާޔަތުގެ ތަފްސީރުގައި ابن عباس (رضي الله عنهما) ވިދާޅުވެފައިވަނީ އެއީ އެއް ޙާލަތަށް ފަހު އަނެއް ޙާލަތް ކަމުގައެވެ.

އެހެނިހެން ބައެއް މުފައްސިރުން ވިދާޅުވެފައިވެއެވެ.

” ބަލިމަޑު ދުވަސްތަކާއި ދުޅަހެޔޮ ދުވަސްތަކެވެ.

އަތްމަތި ތަނަވަސް ދުވަސްތަކާއި އަތްމަތި ދަތި ދުވަސްތަކެވެ.

އަމާންކަމުގެ ދުވަސްތަކާއި ބިރުވެރިކަމުގެ ދުވަސްތަކެވެ.

ﷲ ތަޢާލާއާ ބައްދަލުވެއްޖައުމަށް ދާންދެން އެފަދައިން ޙާލަތްތައް ބަދަލުވަމުންދެއެވެ.”


މަޞްދަރު: أول مرة أتدبر القرآنކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް