މީސްތަކުންނަށް ހެޔޮކޮތް ހިތުމަކީ އަޅާގެ ނިމުން ރަނގަޅުވެގެންދާ ކަމެކެވެ. އަދި ނުބައި ނިމުމުން ދުރުހެލިކޮށްދޭ ކަމެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
«صَنَائِعُ الْمَعْرُوفِ تَقِي مَصَارِعَ السَّوْءِ، وَالصَّدَقَةُ خَفِيًّا تُطْفِئُ غَضَبَ الرَّبِّ، وَصِلَةُ الرَّحِمِ زِيَادَةٌ فِي الْعُمُرِ، وَكُلُّ مَعْرُوفٍ صَدَقَةٌ، وَأَهْلُ الْمَعْرُوفِ فِي الدُّنْيَا أَهْلُ الْمَعْرُوفِ فِي الْآخِرَةِ» [رواه الطبراني في الأوسط وحسنه الألباني في صحيح الترغيب والترهيب]
މާނައީ: “ހެޔޮކަންތައްތައް ކޮށްދިނުމަކީ ނުބައި ނިމުމުން ރައްކާތެރިކޮށްދޭ ކަމެކެވެ. އަދި ސިއްރުން ކުރެވޭ ޞަދަޤާތަކީ ވެރިރައްބުގެ (އެބަހީ: ﷲގެ) ކޯފާއިން ދުރުކޮށްދޭ ކަމެކެވެ. އަދި ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ޢުމުރު އިތުރުކޮށްދޭ ކަމެކެވެ. އަދި ކޮންމެ ހެޔޮކަމަކީ ޞަދަޤާތެކެވެ. ދުނިޔޭގައި ހެޔޮފޯރުކޮށްދޭ މީހުންނަކީ އާޚިރަތުގައިވެސް ހެޔޮކަމުގެ އަހުލުވެރިންނެވެ.”
މީސްތަކުންގެ ބޭނުންތައް ފުއްދައި ދިނުމަކީ ކުރެވޭ ޞަދަޤާތެކެވެ.
އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.
“އެމީހެއްގެ އަޚާގެ ޙައްޤުގައި، އޭނާއަށް އެހީތެރިވެދިނުމަށް މަސައްކަތްކޮށްފިމީހާ ދަންނައެވެ. ފަހެ އޭނާ އަޅާ ކޮންމެ ފިޔަވަޅަކަށްމެ ޞަދަޤާތެއްވެއެވެ.”
މީސްތަކުންނަށް ޚިދުމަތްކުރުމަކީ ހެޔޮކަމުގެ ތަޅުދަނޑިއެވެ. އަދި އެކަން ދޫކޮށްލުމަކީ ނުބައިކަމަށް ހުޅެވޭ ދޮރެކެވެ.
އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ.
“ޝަރުޢީ ގޮތުން އައިސްފައިވާ ދަލީލުތަކުންނާއި، ބުއްދީގެ ހަމަތަކުންއާއި، ފިޠުރީ ގޮތުންނާއި، އެކިއެކި އުންމަތްތަކާއި މިއްލަތްތަކުގެ ތަޖުރިބާއިން ދަލީލު ލިބެނީ: ޢާލަމްތަކުގެ ވެރި ރައްބަށް ކުއްތަންވުމާއި އެއިލާހުގެ ރުއްސެވުން ހޯދަން މަސައްކަތްކުރުމާ އަދި އެއިލާހުގެ އަޅުތަކުންނަށް އިޙްސާންތެރިވެ ހެޔޮކޮށް ހިތުމީ ހުރިހާ ހެވެއް ގެނުވައިދޭ ކަންކަމެވެ. އަދި އޭގެ އިދިކޮޅަކީ ހުރިހާ ނުބައެއް ގެނުވައިދޭ ކަންކަމެވެ.” [1]
ހެޔޮކަންކަމަކީ އަބަދުގެ އަބަދަށް ރައްކާކުރެވޭ އެއްޗެކެވެ. އަދި މީސްތަކުންގެ ކަންކަމުގައި އުޅުމަކީ މުރޫއަތުގެ އަހުލުވެރިންގެ ޒަކާތެވެ. އެފަދަ މާތްކަމުން ކަންނެތްވުމީ ނުބައިވެގެންވާ ކަމެކެވެ. ކަންނެތްކަމަށް ލޯބިކުރުމީ ހުރިހާ އުފަލެއްގެ މައްޗަށް ހިތާމަ ގެނުވާ ކަމެކެވެ.
ހިންމަތުގެ އަހުލުވެރިންގެ ގާތަށް ކަންކަމުގައި މީސްތަކުން ނައުމަކީ އެބައިމީހުންނަށް ދިމާވާ މުޞީބާތްކަމުގައި އެބައިމީހުން ދެކިއުޅެއެވެ.
ޙަކީމު ބުން ޙިޒާމު رضي الله عنه ވިދާޅުވިއެވެ.
“ހެނދުނުވާއިރު ތިމަންކަލޭގެފާނުގެ ގޭގެ ދޮރުމަތީގައި ކަމަކަށް އެދި މީހަކު އައިސްފައި ނެތިއްޔާ، އެއީ މުޞީބާތެއްކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ.”
އަދި މީސްތަކުންނަށް ޚިދުމަތްކުރުމަކީ އެބައިމީހުންގެ ހިތްތައް ކާމިޔާބު ކުރެވޭ ކަމެކެވެ.
ޅެންވެރިއަކު ވިދާޅުވިއެވެ.
“މީސްތަކުންނަށް އިޙްސާންތެރިވުމަކީ އެބައިމީހުންގެ ހިތްތައް ކާމިޔާބު ކުރެވޭ ކަމެކެވެ.
ފަހެ އަބަދުވެސް އިންސާނާ އެންމެ ބޮޑަށް ލެނބެނީ ހެޔޮކަމުންނެވެ.”
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] الجواب الكافي لابن القيم (ص: 9).