[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފައްޅިތަކަށް މުސްލިމުން ވަނުން

އަވަށްޓެރި ކާފިރު ޤައުމުތަކުގައި މިސާލަކަށް އިންޑިޔާ ސްރީލަންކާގައި ތަފާތު ބޭނުންތަކުގައި ދިރިއުޅޭ މުސްލިމުންނާއި އެކި އެކި މުހުތާދުތައް ފުއްދުމަށްޓަކައި އެފަދަ ޤައުމުތަކަށް ޒިޔާރަތްކުރާ މުސްލިމުން، ބައެއްފަހަރު ކާފިރުން އަޅުކަންކުރާ ތަންތަނަށް އެތަންތަން ބަލާލުމަށްޓަކައި ޒިޔާރަތްކުރާތީ ފެނެއެވެ. މިކަމަކީ ހުއްދަކަމެއްތޯ މިކަމުގެ ޙުކުމަކީ ކޮބައިތޯ ބަލާލަންޖެހެއެވެ.
މުސްލިމުން ފައްޅިތަކަށް ވަނުމުގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުހުއްޓެވެ.

 

އެގޮތުން:
1- އެއީ ޙަރާމް ކަމެކެވެ. މިގޮތަށް ވިދާޅުވަނީ ޙަނަފީންނާއި ޝާފިޢީންނެވެ.
ޝާފިޢީން ބުނާގޮތުގައި ވަނުން ޙަރާމްވަނީ ޞޫރަ ހުރި ފައްޅިއެއްކަމަށް ވާނަމައެވެ. ” تحفة المحتاج ” ( 2 / 424 ) و ” نهاية المحتاج ” ( 2 / 63 ) و ” حاشيتا قليوبي وعميرة على شرح المحلي ” ( 4 / 236 ) .
ޙަނަފީން ބުނާ ގޮތުގައި ފައްޅިއަށް ވަނުމަކީ މުޠްލަޤު ގޮތެއްގައި ޙަރާމް ކަމެކެވެ. ސަބަބެއްކަމަށް އެމީހުން ބުނަނީ އެއީ ޝައިޠާނުން އުޅޭ ތަނަކަށް ވާތީއެވެ. البحر الرائق ” ( 7 / 364 ) ، وفي ” حاشية ابن عابدين ” ( 2 / 43 ) .

2- އެއީ މަކްރޫހަ ކަމެކެވެ. މިއީ ޙަންބަލީ މަޛްހަބުގެ އެއްބަސްފުޅެވެ. ޙަންބަލީ މަޛްހަބުގެ ބައެއް ޢިލްމުވެރިން ވިދާޅުވަނީ މަކްރޫހަވަނީ އެ ފައްޅީގައި ޞޫރަ ހުރިނަމަކަމަށެވެ. “الفروع” (5/308) و “الآداب الشرعية” (3/415) و “الإنصاف” (1/496)
ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިއެއް ކަމަށްވާ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ. “އަހަރެމެންގެ ތެރެއިން(ޙަންބަލީންގެ ތެރެއިން) ގިނަ މީހުންގެ ބަހަކީ ޞޫރަ ހުރި ފައްޅިތަކަށް ވަނުން މަކްރޫހަވެގެން ވުމެވެ. އެއްވެސް ޝައްކެތްނެތް ގޮތުގައި އެންމެ ޞައްޙަ ބަހަކީ މިއީއެވެ. ” الفتاوى الكبرى ” ( 5 / 327 )

މަކްރޫހަކަމެއް ކަމަށް ބުނާ ޙަންބަލީ ޢިލްމުވެރިންގެ ދަލީލުތައް
ފުރަތަމަ ދަލީލު عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا ( أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمَّا رَأَى الصُّوَرَ فِي الْبَيْتِ لَمْ يَدْخُلْ حَتَّى أَمَرَ بِهَا فَمُحِيَتْ ) رواه البخاري ( 3352 ) އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ކަޢުބާގައި ޞޫރަ ހުއްޓާ ދެކެވަޑައިގެން، އެތަކެތި ނައްތާލުމަށް އަމުރުކުރައްވައި، އެ ނައްތާލުމުން މެނުވީ އެތަނަށް ވަދެވަޑައިނުގަންނަވައެވެ.”
ދެވަނަ ދަލީލު عن ابن عمر رضي الله عنهما قال : ( وَعَدَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ جِبْرِيلُ ، فَرَاثَ عَلَيْهِ حَتَّى اشْتَدَّ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَخَرَجَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَلَقِيَهُ ، فَشَكَا إِلَيْهِ مَا وَجَدَ ، فَقَالَ لَهُ : إِنَّا لَا نَدْخُلُ بَيْتًا فِيهِ صُورَةٌ وَلَا كَلْبٌ ) رواه البخاري (5960) އިބްނު ޢުމަރު رضي الله عنه ގެ ކިބައިން ރިވާވެގެންއެވެ. ޖިބްރީލް -عليه السلام-، ނަބިއްޔާ صلى الله عليه وسلم އާ ބައްދަލުކުރެއްވުމަށް ވަޢުދުވެވަޑައިގެންނެވިއެވެ. އެކަމަކު ޖިބްރީލް -عليه السلام- ލަސްވުމުން ނަބިއްޔާ صلى الله عليه وسلم އެކަމާ ކަންބޮޑުވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ނުކުމެވަޑައިގެންނެވިއިރު ޖިބްރީލް -عليه السلام- ދެކެވަޑައިގެން އެކަލޭގެފާނުގެ ކަންބޮޑުވުމުގެ ވާހަކަ ދެންނެވުމުން ޖިބްރީލް -عليه السلام- ވިދާޅުވިއެވެ. “އަހަރެމެން (މަލާއިކަތުން) ޞޫރަ ނުވަތަ ކުއްތާ އެގެއެއްގައި ވާ ގެއަކަށް ނުވަންނަމެވެ.”
ތިންވަނަ ދަލީލު وعن أسلم مولى عمر قال : ( لما قدم عمر الشام صنع له رجل من عظماء النصارى طعاما ودعاه فقال عمر : إنا لا ندخل كنائسكم من الصور التي فيها – يعني : التماثيل – ) رواه عبد الرزاق في ” المصنف ” ( 1 / 411 و 10 / 398 ) ޢުމަރު رضي الله عنه މިނިވަންކުރެއްވި އަޅެއްކަމުގައިވާ އަސްލަމްގެ ކިބައިން ރިވާވެގެންވެއެވެ. ޢުމަރު رضي الله عنه ޝާމަށް ވަޑައިގެންނެވުމުން ނަޞާރާއިންގެ ބޮޑުންގެ ތެރެއިން މީހަކު ޢުމަރު رضي الله عنه އަށް ކެއުމެއް ތައްޔާރުކުރައްވާ ޢުމަރު رضي الله عنه އަށް ކެއުމަށް ދަޢުވަތު އެރުވިއެވެ. ޢުމަރު رضي الله عنه ވިދާޅުވިއެވެ. “ކަލޭމެންގެ ފައްޅިތަކުގައި ވާ ޞޫރަތަކުގެ ސަބަބުން އެތަންތަނަށް އަހަރެން ނުވަންނަމެވެ.” މިތަނުގައި ޞޫރައިގެ މުރާދަކީ ތަމްޘީލް (ބުދު) އެވެ.”

3- އެއީ ހުއްދަކަމެކެވެ. އެއީ ޙަންބަލީންގެ އެއްބަސްފުޅެވެ. އަދި ޙަންބަލީ މަޛްހަބުގެ މުޢުތަބަރު ރައުޔަކީވެސް މިއެވެ. ” المغني ” ( 8 / 113 ) و ” الإنصاف ” ( 1 / 496
އަދި މިއީ ޡާހިރީ މަޛްހަބުގެ ޢިލްމުވެރިއެއް ކަމަށްވާ އިބްނު ޙަޒްމު އައްޡާހިރީ ގެވެސް ބަސްފުޅެވެ. ” المحلى ” ( 1 / 400 ) .
ހުއްދަކަމެއްކަމަށް ބުނާ ޙަންބަލީންގެ ދަލީލުތަކަކީ
1- އަހުލު ކިތާބީން އެމީހުންގެ ފައްޅިތައް ތަނަވަސްކޮށް، އެމީހުންގެ ރާހިބުން ތިބޭ ޚާއްޞަގެތައް ތަނަވަސްކޮށް މުސްލިމުންނަށް ރޭކުރުމަށް ތިބެވޭނެ ގޮތް ހަދައިދިނުމަށް ޢުމަރު رضي الله عنه އެބައިމީހުންނަށް ކުރެއްވި ޝަރުޠުކުރެއްވުން. ” المغني ” ( 8 / 113 ) .
2- އިބްނު ޢާއިޛު “ފުތޫޙުއް ޝާމް” ކިޔުނު ފޮތުގައި ރިވާކުރައްވާފައިވެއެވެ. ޢުމަރު رضي الله عنه ޝާމަށް ވަޑައިގަތުމުން ނަޞާރާއިން ކާއެއްޗިހި ތައްޔާރުކޮށް، ކެއުމަށްޓަކައި ޢުމަރު رضي الله عنه އަށް ދަޢުވަތު ދިނެވެ. ޢުމަރު رضي الله عنه ދެންނެވިއެވެ. “ކެއުން އޮތީ ކޮންތާކުހެއްޔެވެ؟” އެމީހުން ބުންޏެވެ. “ފައްޅީގައެވެ.” ދެން ޢުމަރު رضي الله عنه ކެއުމަށް ވަޑައިނުގެންނެވިއެވެ. ޢުމަރު رضي الله عنه، ޢަލީ رضي الله عنه އަށް ދެންނެވިއެވެ. “މީސްތަކުން ގޮވައިގެން ކާންދާށެވެ.” ދެން ޢަލީ رضي الله عنه މީސްތަކުންނައިގެން ފައްޅިއަށް ވަދެވަޑައިގެންފިއެވެ. އަދި ޢަލީ رضي الله عنه އާއި މީސްތަކުން މެންދުރުގެ ކެއުމަށް އިންސާފުކުރިއެވެ. އަދި ފައްޅީގައި ހުރި ޞޫރަތަކަށް ބައްލަވާފައި ޢަލީ رضي الله عنه ވިދާޅުވިއެވެ. “އަމީރުލް މުއުމިނީން (ޢުމަރު رضي الله عنه) މި ފައްޅިއަށް ވެންނެވުމުގައި އޮތީ ކޮން ގޯސްކަމެއް ހެއްޔެވެ؟” ” المغني ” ( 8 / 113 )

މަތީގައިވާ ދަލީލުތަކަށް ބަލާލުމުން އެނގޭނެ އެއްކަމަކީ ފައްޅިއަށް ވަނުން މަނާކުރާ ޞަރީޙަ ދަލީލެއް އައިސްފައި ނެތްކަމެވެ. ތަނެއްގައި ޞޫރަ އަދި ބުދު ހުރުމަކީ އެތަނަން ވަނުން މަނާކުރާ ސަބަބެއް ނޫނެވެ. އޭގެ ފާފަ ލިބޭނީ ތަޞްވީރުކުރަހާ މީހުންނަށާއި ބުދު ހަދާ މީހުންނަށެވެ. އެފަދަ ތަންތަނަށް ވަންނަ މީހުންނަށް ނަޞޭޙަތް ދޭންޖެހޭނެއެވެ.
އެކަމަކު ޙާޖަތެއް ފެންމަތިވުމަކާ ނުލައި ފައްޅިތަކަށް ވަނުމަކީ މަކްރޫހަކަމެކެވެ. އެހެނީ މަލާއިކަތުންނާއި ނަބިއްޔާ صلى الله عليه وسلم ވެސް ޞޫރަ ހުންނަ ތަންތަނަށް ވަދެ ވަޑައިނުގަންނަވައެވެ. އެހެންކަމުން މިކަމުން އެކަމުގެ މަކްރޫހަކަމަށް ދަލާލަތު ލިބެއެވެ. އަދި މި މަކްރޫހަކަން ޙަރާމް ދަރަޖައަށް ބަދަލުވެގެންވެސް ހިނގައިދާނެއެވެ. އެއީ ފައްޅިއަށް ވަނުމުގެ ސަބަބުން ފަސާދައަކަށް މަގުފަހިވާނަމަ އެވެ. މިސާލަކަށް ނަޞާރާއިން އެކުރާ ޝިރުކުގެ ޢަމަލުތައް، ﷲ ދަރިކަލަކު އަދި އަނބިކަނބަލަކު، ހިއްޕެވިކަމަށް ބުނާ ބުނުން، ފަދަ އެމީހުންގެ އިޢުތިޤާދުތަކަށް އެވަނުމުގައި އިޤްރާރުވުން އެކުލެވިފައިވާނަމައެވެ. ނުވަތަ ފައްޅިއަށް ވަނުމުގައި ނަޞާރާއިން ގާތްއެކުވެރިންގެ ގޮތުގައި އިޚްތިޔާރުކުރުމާއި އެމީހުންގެ ދެކެ ލޯބިވުން އެކަމުގައިވާނަމަ އެވެ.
ސަޢޫދީ ޢަރަބިއްޔާގެ ފަތާވާ ކޮމެޓީގެ ފަތުވާގައި ވެއެވެ.
“ތިބާ ފައްޅިއަށް ވަންނަނީ މުސްލިމުންނަކީ ކަންކަން ތަޙައްމަލު ކުރެވޭ (އެހެން ދީންތައް) ޓޮލެރޭޓް ކުރެވޭ ބައެއްކަމުގައި ދެއްކުމަށް ކަމުގައިވާނަމަ އެމަޤްޞަދަށްޓަކައި ވަނުން ހުއްދަވެގެން ނުވެއެވެ. އެހެނެއްކަމަކު ތިބާ ފައްޅިއަށް ވަންނަނީ އިސްލާމްދީނަށް ގޮވާލުމަށާއި އަދި އިސްލާމްދީނަށް ދަޢުވަތު ދިނުމަށް މަގުކޮށުމަށް ކަމުގައި ވާނަމަ ވަނުން ހުއްދައެވެ. އެކަމަކު ތިބާ އެބައިމީހުން އަޅުކަމުގައި ބައިވެރިވެގެން ނުވާނެއެވެ. އަދި މިގޮތަށް ވަނުން ހުއްދަވަނީ އެބައިމީހުންގެ ޢަޤީދާގެ އަސަރު ތިބާއަށް ނުކުރާނެ ކަމާއި، އެބައިމީހުންގެ އާދަކާދަ ތަކުގެ އަސަރު ތިބާއަށް ނުކުރާނެކަމަށް ތިބާ ބިރު ނުގަންނަނަމައެވެ.” ” فتاوى اللجنة الدائمة ” ( 2 / 115 )
އަޅުގަނޑުމެން ތެރެއިން ވަރަށް ގިނަ މީހުން ބޭރުގެ ޤައުމުތަކަށް ގޮސް ފައްޅިތައް ހުންނަގޮތް ބަލާލަން ކަމަށް ބުނެ ފައްޅިތަކަށް ވަދެއެވެ.
މުސްލިމަކު އެތަން ބަލާލުމުގެ ގޮތުން ފައްޅިތަކަށް ވަނުމަކީ ހުއްދަކަމެއް ނޫނެވެ. އިސްލާމްދީނުގެ ޢިލްމު ހުރި މީހަކު އަދި ފައްޅީގެ އަހުލުވެރިންގެ ބާޠިލު ޢަޤީދާއަށް ރައްދުދެވޭ ވަރުގެ މީހަކު އެމީހުންނަށް އިސްލާމް ދީނަށް ދަޢުވަތު ދިނުމުގެ ގޮތުން ފައްޅިތަކަށް ވަނުމަކީ ހުއްދަކަމެކެވެ. (من فتاوى اللجنة الدائمة 13/257.)

މުހިއްމު ބައެއް ނުކުތާތައް
1- ފައްޅިއަށް ޙާޖަތެއް ނެތި ވަނުމަކީ ހުއްދަކަމެއް ނޫންކަމަށް ޢިލްމުވެރިން ފަތުވާ ދެއްވާފައިވެއެވެ. އެއީ އެފަދަ ތަންތަނަކީ އެމީހުން ދީނަށް ދަޢުވަތު ދޭ ތަންތަނެވެ. އެހެންވީމާ ވަންނަ މީހުންނަށްވެސް އެމީހުން ދީނަށް ދަޢުވަތު ދޭނެއެވެ. އެމީހުން ގެންނަ ޝުބުހުތަކަށް ރައްދުދެވޭ ވަރުގެ ޢިލްމެއް ނެތް މީހެއްނަމަ އެމީހުންގެ ޢަޤީދާގެ އަސަރު އެމީހަކަށް ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
2- ކްރިސްޓިއަން ދީނުގެ ކެތޮލިސްޓުން އެމީހުންގެ ފައްޅިތަކުގައި ފުޅާ ދާއިރާއެއްގައި ޞޫރަ ބޭނުން ކުރި ކަމުގައިވިޔަސް ޕްރޮޓެސްޓެންޓުން ޞޫރަ ބޭނުމެއް ނުކުރެއެވެ. އިންޑިޔާ ސްރީ ލަންކާ ތައިލެންޑު ފަދަ ބުދު ދީން ބޮޑު ޤައުމުތަކުގައި އެމީހުން ފައްޅިތަކުގެ އެތެރެއާއި ބޭރާއި މައްޗާއި ތިރީގައިވެސް ހުންނަނީ ބޮޑެތި ބުދާއި ކުދި ބުދެވެ. އަދި މިފަދަ ތަންތަނަށް ވަދެ ހެދުމުގައި އެމީހުންގެ ކަލާންގެ ތަކަށް އަދަބު އިޙްތިރާމް އަދާކުރުމުގެ ގޮތުން ބައެއް ކަންކަން ލާޒިމުކޮށްފައި ހުރެއެވެ. އަދި ބައެއްފަހަރު އެމީހުންގެ ކަލާންގެ “ބަރަކާތް” ލައްވާފައި ހުންނަ ކާތަކެތި ފަދަ ތަކެތިވެސް ކާންދީ ހަދައެވެ. ފައްޅިތަކަށް ވަނުމާ ބެހޭގޮތުން އައިސްފައިވާ އަޘަރުތަކުގައި މިފަދަ ވާހަކަތައް ނެތީ އެ އަޘަރުތައް އައިސްފައިވަނީ ނަޞާރާއިންގެ ފައްޅިތަކާ ބެހޭގޮތުން ކަމުގައިވާތީއެވެ. އެހެންވީމާ ޤައުމުތަކަށް ދަތުރުފަތުރުކޮށް އުޅުމުގައި މިފަދަ ތަންތަނަށް ވަނުމާ މެދު އަހަރެމެން ސަމާލުވާން ޖެހޭނެއެވެ.

މަރުޖިޢުތައް
https://islamqa.info/ar/111832
https://islamqa.info/ar/10108