[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މައްޔިތާގެ ހަށިގަނޑު ފެޅުން

ބޭސްފަރުވާގެ ކަންކަން އުނގެނުމަށާއި އުނގަންނައިދިނުމަށް އަދި މިނޫންވެސް މިފަދަ އެހެނިހެން ބޭނުންތަކަށް، މަރުވެފައިވާ އިންސާނާގެ ހަށިގަނޑު ފެޅުމާ ބެހޭގޮތުން ފިޤްހު ކައުންސިލްތަކާ، ޢިލްމުވެރިންގެ ކޮމެޓީތަކުން ތަޙްޤީޤުތައްކޮށް ދިރާސާތައްކޮށްފައިވެއެވެ. އެހެނީ މި މައްސަލައަކީ އިސްލާމްދީނުގައި އައިސްފައިވާ ބޮޑު ދެ ޤަވާޢިދަކާ ގުޅިފައިވާ މައްސަލައެކެވެ.

1- ފުރަތަމަކަމަކީ، އިސްލާމީ ޝަރީޢަތުގައި މައްޔިތާއަށް ދީފައިވާ ޙުރުމަތެވެ. މައްޔިތުންނަށް ކަމޭހިތުމަށާއި ޙުރުމަތްތެރިކޮށް ހިތުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ.
2- ދެވަނަ ކަމަކީ، ވަރަށް ގިނަ ޙާލަތްތަކުގައި، މައްޔިތާގެ ހަށިގަނޑު ފަޅަންޖެހޭ ފަޅަންޖެހުމުގެ މައްޗަށް ބިނާވާ ޟަރޫރީ މަޞްލަޙަތެވެ.

މައްކާގައި ބޭއްވުނު އިސްލާމީ ފިޤްހު ކައުންސިލުގެ ބައްދަލުވުމެއްގައި މައްޔިތާގެ ހަށިގަނޑު ފެޅުމާ ބެހޭގޮތުން އަންނަނިވި ޤަރާރު ނެރެފައިވެއެވެ.
“މައްޔިތާގެ ހަށިގަނޑު ފެޅުމުގެ ޟަރޫރަތުގެ މައްޗަށް ބިނާކޮށް، އަދި މައްޔިތާގެ ހަށިގަނޑު ފެޅުމުގެ ޟަރޫރީ މަޞްލަޙަތު މައްޔިތާގެ ކަރާމަތަށް ވުރެ ބޮޑުވާނަމަ، މުސްލިމް ވޯރލްޑް ލީގުގެ އަލްމަޖްމަޢަލް ފިޤްހީ އަލްއިސްލާމީ (އިސްލާމީ ފިޤްހު ކައުންސިލް) އަންނަނިވި ކަންކަމުގެ މައްޗަށް އިޤްރާރުވަމެވެ.

ފުރަތަމައީ: މައްޔިތާގެ ހަށިގަނޑު ފެޅުން އަންނަނިވި ސަބަބުތަކަށްޓަކައި ހުއްދަވެގެންވެއެވެ.
1- ޖިނާއީ ކުށެއް ތަޙްޤީޤު ކުރުމުގެ ގޮތުން، މަރުވި/މަރާލި ގޮތް ހޯދުން ނުވަތަ ކުށް ދެނެގަތުމަށްޓަކައި، އެ މަޢުލޫމާތު ދެނެގަތުމަށްޓަކައި، މައްޔިތާގެ ހަށިގަނޑު ފަޅައިގެން ނޫނީ، އެ ނޫން ގޮތަކުން އެ މަޢުލޫމާތު ލިބޭނެ ގޮތެއް ނެތުން.
2- ބައެއް ބަލިތައް ތަޙްޤީޤު ކުރުމަށްޓަކައި. ދިރިތިބީންނަށް އެ ބަލިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ކަންކަން ދެނެގަތުމަށާއި، އެ ބައްޔާ އެކަށީގެންވާ ފަރުވާއެއް ހޯދުމަށް ނުވަތަ އެކަށީގެންވާ ބޭސް އުފެއްދުމަށްޓަކައި އެކަމުގެ މަޢުލޫމާތު ދެނެގަތުމަށް އެ ފަދަ ބަލި ޖެހިގެން މަރުވާ މައްޔިތާގެ ހަށިގަނޑު ފެޅުން.
3- ބޭސްފަރުވާގެ ކަންކަން އުނގެނުމަށާއި އުނގަންނައިދިނުމަށް، މިސާލަކަށް މެޑިކަލް ކޮލެޖުތަކުގައި.
ދެވަނައީ، ތަޢުލީމީ ބޭނުމަށް މައްޔިތާގެ ހަށިގަނޑު ފަޅާނަމަ، އެ ފެޅުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަން ޖެހޭނެއެވެ.
ހ- ފަޅާ ހަށިގަނޑަކީ ކާކުގެ ހަށިގަނޑެއްކަން އެނގޭ ހަށިގަނޑެއްނަމަ، މައްޔިތާ މަރުވުމުގެ ކުރިން އެކަމަށް ހުއްދަ ދީފައި އޮތުމަކީ ޝަރުޠެކެވެ. ނުވަތަ އޭނާ މަރުވިފަހުން އޭނާގެ ވާރުތަވެރިން އެކަމަށް ހުއްދަ ދިނުމަކީ ޝަރުޠެކެވެ. ޝަރީޢަތުން ޙުރުމަތްދީފައިވާ އިންސާނެއްގެ ހަށިގަނޑު، ޟަރޫރީ ޙާލަތެއްގައި މެނުވީ ފަޅައިގެން ނުވާނެއެވެ.
ށ- މައްޔިތާ ފެޅުމުގައި، ކޮންމެހެން ބޭނުންވާ ޟަރޫރީ މިންވަރަށް މެނުވީ ފަޅައިގެން ނުވާނެއެވެ. އެއީ މައްޔިތާގެ ހަށިގަނޑަކީ ކުޅޭ ކުޅޭ އެއްޗަކަށް ނުހެދުމަށްޓަކައެވެ.
ނ- އަންހެނުންގެ ހަށިގަނޑު ފެޅުމުގައި ޙަރަކާތްތެރިވާނީ އަންހެން ޑޮކްޓަރުންނެވެ. އަންހެން ޑޮކްޓަރުން ނެތް ޙާލަތެއްގައި މެނުވީއެވެ.
ތިންވަނައީ، ހުރިހާ ޙާލަތެއްގައިވެސް، ފަޅާފައިފާ ގުނަވަންތައް ވަޅުލުން ވާޖިބުވާނެއެވެ.”

“المجمع الفقهي الإسلامي” بمكة المكرمة نقلا عن “فقه النوازل” للجيزاني (4/208-209)

ސަޢޫދީ ޢަރަބިއްޔާގެ ބޮޑެތި ޢިލްމުވެރިންގެ މަޖިލީސް (ހައިއަތު ކިބާރިލް ޢުލަމާއި) ގެ “البحوث العلمية” ގައި އައިސްފައިވެއެވެ.
“މި މައުޟޫ ތިން ބަޔަކަށް ބެހެއެވެ.
1- ޖިނާޢީ ދަޢުވާއެއް ތަޙްޤީޤުކުރުމަށްޓަކައި މައްޔިތާގެ ހަށިގަނޑު ފެޅުން
2- ނުރައްކާތެރި ބަލިތައް ތަޙްޤީޤު ކުރުމަށް މައްޔިތާގެ ހަށިގަނޑު ފެޅުން، މީގެ އަލީގައި ބަލިން ރައްކާތެރިވާނެ ގޮތް ދެނެގަތުން
3- ތަޢުލީމީ ބޭނުމަށް، އުނގެނުމަށާއި އުނގަންނައިދިނުމަށް މައްޔިތާގެ ހަށިގަނޑު ފެޅުން

މިކަމާ ބެހޭގޮތުން ހުށަހެޅުނު ރައުޔުތަކާމެދު ޚިޔާލު ބަދަލުކޮށް، މަޝްވަރާކޮށް، ދިރާސާކޮށް، މުނާޤަޝާ ކުރުމަށްފަހު އަންނަނިވި ކަންކަމުގެ މައްޗަށް މި މަޖިލީހުން އިޤްރާރު ވަމެވެ.
ފުރަތަމަ އަދި ދެވަނަ ބަޔާމެދު މި މަޖިލީހުން ދެކެނީ އެކަން ހުއްދަކުރުން އެއީ ވަރަށް ގިނަ ޟަރޫރީ މަޞްލަޙަތުތަކަށް ބޭނުންވާ ކަމެއް ކަމަށެވެ. އެގޮތުން އަމްނު ބެލެހެއްޓުމާއި، ޢަދުލު އިންސާފު ޤާއިމުކުރުމާއި، ނުރައްކާތެރި ބަލިތަކުން މުޖުތަމަޢު ސަލާމަތްކުރުން ފަދަ ކަންތައްތަކުގެ އިޖްތިމާޢީ ޟަރޫރީ މަޞްލަޙަތު، މައްޔިތާގެ ހަށިގަނޑު ފެޅުމަށްވުރެ (އެކަމުގެ ސަބަބުން އަރައިގަނެވޭ މައްޔިތާގެ ކަރާމާތަށްވުރެ) ބޮޑުވެގެންވެއެވެ.

އެހެންކަމުން މި މަޖިލިސް އިއްތިފާޤުވަނީ މިދެންނެވި ދެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައި މައްޔިތާގެ ހަށިގަނޑު ފެޅުމަކީ ހުއްދަކަމެއް ކަމަށެވެ. އެ ހަށިގަނޑަކީ ޝަރީޢަތުން ޙުރުމަތްތެރި ކުރައްވާފައިވާ (މުސްލިމެއްގެ) ހަށިގަނޑެއްކަމުގައި ވީނަމަވެސް އަދި އެ ހަށިގަނޑަކީ ޝަރީޢަތުން ޙުރުމަތްތެރި ކުރައްވާފައިނުވާ (ކާފިރެއްގެ) ހަށިގަނޑެއްކަމުގައި ވީނަމަވެސް މެއެވެ.
ތިންވަނަ ބައި، ތަޢުލީމީ ބޭނުމަށް މައްޔިތާގެ ހަށިގަނޑު ފެޅުމާމެދު ބުނަމެވެ. އިސްލާމީ ޝަރީޢަތް އައިސްފައިވަނީ މަޞްލަޙަތު ޤާއިމުކޮށް، މަޞްލަހަތު އިތުރުކުރުމަށް ކަމުގައި ވެފައި، އަދި މަޞްލަޙަތާ ފުށުއަރާ ކަންކަން ކަމުގައިވާ މަފްސަދާ (ފަސާދަ) ނައްތާލާ ފަސާދަ ވީހާވެސް ކުޑަކުރުމަށް ކަމަށް ވީ ހިނދު، މަޞްލަޙަތު ފުށުއަރާ ކަންކަމުގައި ފަސާދަ ކުޑަކުރުމުގެ ގޮތުން އޭގެ ތެރެއިން ކުޑަ ނުބައި އިޚްތިޔާރު ކުރުމަށާއި، މަޞްލަޙަތު އެންމެ ބޮޑު ގޮތަށް ރިޢާޔަތްކުރަން ޖެހޭނެއެވެ.

މަރުވެފައިވާ ޖަނަވާރުގެ ހަށިގަނޑު ފަޅާހެދުމަކީ، މަރުވެފައިވާ އިންސާނުންގެ ހަށިގަނޑު ފަޅާ ހަދަން ޖެހޭ ސަބަބެއް ނޫނެވެ. (އެކަން ހުއްދަވާ ސަބަބެއް ނޫނެވެ.)

މި މަޖިލީހުން ޤަބޫލުކުރާ ގޮތުގައި، މައްޔިތާގެ ހަށިގަނޑު ފެޅުން މި ދެންނެވި ޙާލަތްތަކުގައި ހުއްދަވެފައި ވީ ކަމުގައިވިޔަސް، ދިރި ހުރި އިރު މުސްލިމަކަށް ކުރާ އިޙްތިރާމް އޭނާ މަރުވުމަށްފަހުގައި ކުރުމަށް އިސްލާމްދީން ބާރު އަޅުއްވާފައިވާތީ، އަންނަނިވި ޙަދީޘްގައިވާ ފަދައިން، ( كَسْرُ عَظْمِ الْمَيِّتِ كَكَسْرِهِ حَيًّا ). رواه أبو داود (3207) ، وعند ابن ماجه (1617) بلفظ : ( كَسْرُ عَظْمِ الْمَيِّتِ كَكَسْرِ عَظْمِ الْحَيِّ فِي الْإِثْمِ ) ، وصححه النووي في “خلاصة الأحكام” (2/1035) ، والألباني في “الإرواء” (763) . “މައްޔިތާގެ ކަށި ބިނދުން (ހަލާކުކުރުން) ދިރި ހުރި މީހެއްގެ ކަށި ބިންދުން (ހަލާކުކުރުން) ފަދައެވެ.” އެހެން ރިވާޔަތެއްގައި ވެއެވެ. “މައްޔިތާގެ ކަށި ބިންދުން (ހަލާކުކުރުން) ފާފައިގައި ދިރިހުރި މީހެއްގެ ކަށި ބިންދުމާ (ހަލާކުކުރުމާ) އެއްފަދަ އެވެ.”، މިފަދަ ކަރާމާތް ދެއްވާފައިވާ ހިނދު، މައްތިޔާގެ ހަށިގަނޑު ފެޅުމަކީ، މައްޔިތާގެ ކަރާމަތަށް ވެވޭ އިހާނާތްތެރިކަމަކަށް ވާތީ، އަދި ޝަރީޢަތުގައި ޙުރުމަތްތެރި ކުރައްވާފައިނުވާ މައްޔިތުންގެ ހަށިގަނޑު މިފަދަ ކަންކަމަށް ހޯދުމަކީ ކުރެވޭނެކަމަކަށް ވާތީ، މިތަނުގައި (ތަޢުލީމީ ބޭނުންތަކަށް ފެޅުމުގައި) މުސްލިމް މައްޔިތެއްގެ ހަށިގަނޑު ފެޅުމުގެ ޟަރޫރަތެއް ނެތެވެ. ކައުންސިލުން ޤަބޫލުކުރާ ގޮތުގައި މިފަދަ ބޭނުންތަކަށް ފަޅަން ޖެހޭނީ ޝަރީޢަތުގައި ޙުރުމަތްތެރި ކުރައްވާފައިނުވާ (ކާފިރެއްގެ) ހަށިގަނޑެކެވެ.”
“البحوث العلمية” لهيئة كبار العلماء في المملكة العربية السعودية (2/83-84)

މަރްޖިޢުތައް
“فقه النوازل” للجيزاني (4/208-209)
“البحوث العلمية” لهيئة كبار العلماء في المملكة العربية السعودية (2/83-84)
https://islamqa.info/ar/answers/92820