ތެދުވެރިކަމަކީ ރިވެތި އަޚްލާޤުގެ ތެރެއިން އެންމެ މާތްވެގެންވާ އެއް ސިފައެވެ. އަދި އިންސާނީ ސިފަތަކުންކުރެ އެންމެ މާތް އެއް ސިފަވެސް މެއެވެ. އެއީ އީމާންކަމުގެ އަސާސެވެ. މަތިވެރިކަމާއި ހިންމަތް އޭގެ ސަބަބުން ފާޅުވެއެވެ. މީސްތަކުންކުރެ ނަމޫނާ މީހުން އެކަމުގެ ސަބަބުން ފާހަގަކުރެވެއެވެ. އަދި މުއުމިނުންކުރެ ވަފާތެރިން އެސިފައިން ސިފަ ލިބިގަނެއެވެ. ފަހެ އަބޫ ބަކުރު އައްޞިއްދީޤުގެ رضي الله عنه ޙަޔާތްޕުޅުގައި، އެކަލޭގެފާނު އެންމެ ފަހަރަކުވެސް ދޮގެއް ހެދިކަމުގައި ސާބިތުވެފައެއް ނުވެއެވެ.
އަބޫ ބަކުރު رضي الله عنه ސިފަކުރައްވަމުން، މުޞްޢަބު ބުން ޒުބައިރު ވިދާޅުވިއެވެ.
“އެކަލޭގެފާނަށް ޞިއްދީޤުގެ ނަމުން ނަން ދިނުމަށް އުންމަތް ވަނީ އިޖުމާޢުވެފައެވެ. އެހެނީ ރަސޫލާ صلى الله عليه وسلم ތެދުކުރެއްވުމަށް އެކަލޭގެފާނު އަވަސްވެވަޑައިގެންނެވިއެވެ. އަދި ތެދުވެރިކަމުގައި ދެމި ހުންނެވިއެވެ. އަދި އެކަލޭގެފާނުގެ ފުށުން ނުރަނގަޅު ކަމެއް ހިނގާފައި ނުވެއެވެ…”
ﷲ ތަޢާލާ، އެއިލާހުގެ ރަސޫލާ صلى الله عليه وسلم އަށް އަމުރުކުރައްވާފައިވަނީ އެކަލޭގެފާނުގެ ވެންނެވުމާއި ނުކުންނެވުންވެސް ތެދުވެރިކަން މަތީ ޤާއިމުކުރެއްވުމަށެވެ.
﴿وَقُل رَّبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَل لِّي مِن لَّدُنكَ سُلْطَانًا نَّصِيرًا﴾ [سورة الإسراء ٨٠]
މާނައީ: “އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ރައްބެވެ. ތެދުވެރި ވެއްދެވުމަކުން ތިމަން އަޅާ ވައްދަވާނދޭވެ! (އެބަހީ: މަދީނާއަށެވެ.) އަދި ތެދުވެރި ނެރުއްވުމަކުން މިއަޅާ ނެރުއްވާނދޭވެ! (އެބަހީ: މައްކާއަށެވެ.) އަދި ނަޞްރުދެނިވި ބާރެއް އިބައިލާހުގެ ޙަޟްރަތުން މިއަޅާއަށް ލައްވާނދޭވެ!”
= ނުނިމޭ =
______________________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.