4. ދިގު ސޫރަތެއް ކިޔެވުން ނަސްޚުވުން. އެސޫރަތުގެ އާޔަތްތަކުގެ ތެރޭގައި އަންނަނިވި އާޔަތްވެއެވެ. ((لَوْ كَانَ لِابْنِ آدَمَ وَادِيَانِ مِنْ مَالٍ، لَابْتَغَى وَادِيًا ثَالِثًا)) [މާނައީ: “އާދަމުގެ ދަރިޔާއަށް މުދަލުގެ ދެވާދީ ލިބުނަސް، އޭނާ ތިންވަނަ ވާދީއެއް ބޭނުންވީހެވެ.”]
ދަލީލަކީ އަބުލްއަސްވަދު رحمه الله ގެ އަރިހުން ރިވާވެގެން އައިސްފައިވާ ބަސްފުޅެވެ.
“بَعَثَ أَبُو مُوسَى الْأَشْعَرِيُّ إِلَى قُرَّاءِ أَهْلِ الْبَصْرَةِ، فَدَخَلَ عَلَيْهِ ثَلَاثُمِائَةِ رَجُلٍ قَدْ قَرَءُوا الْقُرْآنَ، فَقَالَ: أَنْتُمْ خِيَارُ أَهْلِ الْبَصْرَةِ وَقُرَّاؤُهُمْ، فَاتْلُوهُ، وَلَا يَطُولَنَّ عَلَيْكُمُ الْأَمَدُ فَتَقْسُوَ قُلُوبُكُمْ، كَمَا قَسَتْ قُلُوبُ مَنْ كَانَ قَبْلَكُمْ، وَإِنَّا كُنَّا نَقْرَأُ سُورَةً، كُنَّا نُشَبِّهُهَا فِي الطُّولِ وَالشِّدَّةِ بِبَرَاءَةَ، فَأُنْسِيتُهَا، غَيْرَ أَنِّي قَدْ حَفِظْتُ مِنْهَا: ((لَوْ كَانَ لِابْنِ آدَمَ وَادِيَانِ مِنْ مَالٍ، لَابْتَغَى وَادِيًا ثَالِثًا، وَلَا يَمْلَأُ جَوْفَ ابْنِ آدَمَ إِلَّا التُّرَابُ))، وَكُنَّا نَقْرَأُ سُورَةً، كُنَّا نُشَبِّهُهَا بِإِحْدَى الْمُسَبِّحَاتِ، فَأُنْسِيتُهَا، غَيْرَ أَنِّي حَفِظْتُ مِنْهَا: ((يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ، فَتُكْتَبُ شَهَادَةً فِي أَعْنَاقِكُمْ، فَتُسْأَلُونَ عَنْهَا يَوْمَ الْقِيَامَةِ))” [رواه مسلم / كتاب: الزكاة / باب: لو أن لابن آدم واديين لابتغى ثالثا / رقم: 1050]
މާނައީ: “ބަޞަރާގައި ޤުރުއާނުގެ ޢިލްމުގައި އަރާތިއްބެވި ބޭކަލުންގެ އަރިހަށް އަބޫ މޫސާ އަލްއަޝްޢަރިއްޔު ފޮނުއްވުނެވެ. ޤުރުއާން ކިޔަވާ ވިދާޅުވާ ތިން ސަތޭކަ ބޭކަލުން އެކަލޭގެފާނުގެ އަރިހަށް ވަދެވަޑައިގެންނެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބޭކަލުންނަކީ ބަޞަރާގެ އެންމެ ހެޔޮ ބޭކަލުންނެވެ. އަދި ބަޞަރާގައި ޤުރުއާނުގެ ޢިލްމުގައި އަރާތިއްބެވި ބޭކަލުންނެވެ. ފަހެ އެ ކިޔަވާ ވިދާޅުވާށެވެ. އަދި މުއްދަތު ދިގުވުމުގެ ސަބަބުން ތިޔަބޭކަލުންގެ ކުރީގެ މީހުންގެ ހިތްތައް ހަރުވި ފަދައިން ތިޔަބޭކަލުންގެ ހިތްތައް ހަރުވިޔަ ނުދޭށެވެ. އަދި ތިމަންބޭކަލުން ސޫރަތެއް ކިޔަވާ އުޅުނީމެވެ. އެސޫރަތުގެ ދިގުމިނާއި ވަރުގަދަކަމުގައި ބަރާއަތު ސޫރަތާ (އެބަހީ: ތައުބާ ސޫރަތާ) އެއްފަދައެވެ. ފަހެ، އެސޫރަތް ތިމަންކަލޭގެފާނަށް ހަނދުމަ ނެތި ކުރެއްވުނެވެ. އެސޫރަތުން ހިތުދަސްކުރި މިއާޔަތް ފިޔަވައެވެ. ((لَوْ كَانَ لِابْنِ آدَمَ وَادِيَانِ مِنْ مَالٍ، لَابْتَغَى وَادِيًا ثَالِثًا، وَلَا يَمْلَأُ جَوْفَ ابْنِ آدَمَ إِلَّا التُّرَابُ)) [މާނައީ: “އާދަމުގެ ދަރިޔާއަށް މުދަލުގެ ދެވާދީ ލިބުނަސް، އޭނާ ތިންވަނަ ވާދީއެއް އެދުނީހެވެ. ވެލިން ފުރައްޖައުމަށް ދާންދެން އާދަމުގެ ދަރިޔާގެ އެތެރެއެއް ނުފުރޭނެއެވެ. (އެބަހީ: މަރުވުމަށް ދާންދެން އޭނާގެ ދުނިޔަވީ އެދުންތަކެއް ނުފުދޭނެއެވެ.)”]
އަދި الْمُسَبِّحَات [1] ގެ ސޫރަތްތަކާ ވައްތަރު ސޫރަތެއް ތިމަން ބޭކަލުން ކިޔުއްވާ އުޅުއްވީމެވެ. ފަހެ، އެސޫރަތް ތިމަންކަލޭގެފާނު ހަނދުމަ ނެތިކުރެއްވުނެވެ. އެސޫރަތުން ހިތުދަސްކުރި މިއާޔަތް ފިޔަވައެވެ. ((يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ، فَتُكْتَبُ شَهَادَةً فِي أَعْنَاقِكُمْ، فَتُسْأَلُونَ عَنْهَا يَوْمَ الْقِيَامَةِ)) [މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައިމީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އަދި ތިޔަބައިމީހުންގެ ކަރުތަކުގައި އެކަމަށް ހެކިވުމުގެ ޒިންމާ އެޅިގެން ދާނެއެވެ. އަދި ޤިޔާމަތް ދުވަހުން އެކަމާމެދު ސުވާލު ވެވޭނެއެވެ.”]”
މިޙަދީޘްގައި މިވާ އާޔަތް ޛިކުރު ކުރައްވާފައިވާ އެއް ރިވާޔަތާ ގުޅޭގޮތުން އަލްޙާފިޡު އިބްނު ޙަޖަރު ވިދާޅުވިއެވެ.
“އަދި މިއީ ޤުރްއާނުގައިއޮތް އާޔަތެއްކަމަށް ﷲ ތަޢާލާ، ނަބިއްޔާ صلى الله عليه وسلم އަށް ޚަބަރު ދެއްވާފައިވުން ނުވަތަ އެއީ ޤުދުސިއްޔަ ޙަދީޘްތަކުގެ ތެރެއިންވާ ޙަދީޘަކަށްވުމުގެ އިޙްތިމާލު އެބައޮތެވެ. އަދި އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި ފުރަތަމަ ގޮތަށް ބަލާއިރު، ފަހެ، އެއީ އެކަމުގެ ޙުކުމް ދެމިއޮތުމާއެކު، ކިޔެވުން މަންސޫޚު ކުރައްވާފައިވާ އާޔަތްތަކުގެ ތެރެއިންވާ އާޔަތްތަކެކެވެ. މިއިޙްތިމާލަށް ބާރުދެނީ އަބޫ ޢުބައިދާ ” فضائل القرآن” ގައި އަބޫ މޫސާގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެވެ.
“قَرَأْتُ سُورَةً نَحْوَ بَرَاءَةٌ فَغِبْتُ وَحَفِظْتُ مِنْهَا وَلَوْ أَنَّ لِابْنِ آدَمَ وَادِيَيْنِ مِنْ مَالٍ لَتَمَنَّى وَادِيًا ثَالِثًا”
މާނައީ: “ބަރާއަތު ސޫރަތާ (ތައުބާ ސޫރަތާ) އެއްފަދަ ސޫރަތެއް ތިމަންކަލޭގެފާނު ކިޔެވީމެވެ. ފަހެ، އެސޫރަތް ގެއްލުނެވެ. އަދި އެސޫރަތުން ތިމަންކަލޭގެފާނު ހިތުދަސްކުރީމެވެ. وَلَوْ أَنَّ لِابْنِ آدَمَ وَادِيَيْنِ مِنْ مَالٍ لَتَمَنَّى وَادِيًا ثَالِثًا [މާނައީ: “އާދަމުގެ ދަރިޔާއަށް މުދަލުގެ ދެވާދީ ލިބުނަސް، އޭނާ ތިންވަނަ ވާދީއެއް ބޭނުންވީހެވެ.]”
އަދި ޖާބިރުގެފާނުގެ ޙަދީޘެވެ.
“كُنَّا نَقْرَأُ لَوْ أَنَّ لِابْنِ آدَمَ مِلْءَ وَادٍ مَالًا لَأَحَبَّ إِلَيْهِ مثله”
މާނައީ: “ތިމަންބޭކަލުން ކިޔެވީމެވެ. لَوْ أَنَّ لِابْنِ آدَمَ مِلْءَ وَادٍ مَالًا لَأَحَبَّ إِلَيْهِ مثله [މާނައީ: “އާދަމުގެ ދަރިޔާއަށް ވާދީއެއް ފުރެންދެން މުދާ ދެވުނަސް އަދި އެފަދަ މިންވަރެއް ލިބުމަށް އޭނާ ލޯބިކުރާނެއެވެ.”]
[فتح الباري 11/258]
އަބުލްޢައްބާސް އަލްޤުރުޠުބީ رحمه الله ވިދާޅުވިއެވެ.
“((كُنَّا نَقْرَأُ سُورَةً، كُنَّا نُشَبِّهُهَا فِي الطُّولِ وَالشِّدَّةِ بِبَرَاءَةَ، فَأُنْسِيتُهَا)) މިއީވެސް ނަސްޚުވުމުގެ ވައްތަރެކެވެ. ފަހެ، ޢިލްމުވެރިން ނަސްޚު ތިން ބަޔަކަށް ބައްސަވައެވެ.
އެއްބަޔަކީ: ޙުކުމް ނަސްޚުވެ، ކިޔެވުން ދެމިއޮތުމެވެ.
އަދި ދެވަނަ ބަޔަކީ: އޭގެ އިދިކޮޅެވެ. އެއީ ކިޔެވުން ނަސްޚުވެ، ޙުކުމް ދެމިއޮތުމެވެ.
އަދި ތިންވަނަ ބަޔަކީ: ޙުކުމާއި ކިޔެވުންވެސް ނަސްޚުވުމެވެ. އެއީ އަބޫ މޫސާ ޛިކުރު ކުރައްވާފައިވާ މިދެ ސޫރަތް ފަދައިންނެވެ. ފަހެ، އެދެސޫރަތުގެ ޙުކުމާއި ކިޔެވުންވެސް ވަނީ އުފުއްލަވާފައެވެ. މި ނަސްޚަކީ އަންނަނިވި އާޔަތުގައި ﷲ ތަޢާލާ ޛިކުރު ކުރައްވާފައިވާ ނަސްޚެވެ.
﴿مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا …﴾ [سورة البقرة 106]
މާނައީ: “ތިމަންއިލާހު ނަސްޚުކުރައްވައިފި އާޔަތެއް ނުވަތަ ތިމަންއިލާހު ހަނދުމަނައްތަވައިފި އާޔަތެއް…”
އެއީ ނޫނުގައި އުބުފިލި އަދި ސީނުގައި އިބިފިލި ޖަހައިގެން ކިޔަވާ ޤިރާއަތުގައިވާ ފަދައިންނެވެ.
އަދި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.
﴿سَنُقْرِئُكَ فَلَا تَنسَىٰ [٦] إِلَّا مَا شَاءَ اللَّـهُ﴾ [سورة الأعلى 6-7]
މާނައީ: “ތިމަންއިލާހު ކަލޭގެފާނު ކިޔަވައިވިދާޅުވާ ބޭކަލަކު ކަމުގައި ލައްވާހުށީމެވެ. ފަހެ، ކަލޭގެފާނު (އެ ޤުރުއާން) ހަނދުމަފުޅެއް ނުނެތޭނެއެވެ. [6] (ހަނދުމަފުޅު ނެތުމަށް) ﷲ އިރާދަކުރެއްވި އެއްޗެއް މެނުވީއެވެ. “
މިދެ ސޫރަތް ބާވައިލެއްވުމަށް ފަހު، ނަސްޚުކުރައްވަން ﷲ ތަޢާލާ އިރާދަކުރެއްވީއެވެ. އަދި ހަމަކަށަވަރުން ﷲ ތަޢާލާއީ އިރާދަކުރައްވާ ކޮންމެ ކަމެއް ކުރައްވާ އަދި ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ.
އަދި މިފަދަ ވާހަކަތައް އަޑުއިވުމުން، ޤުރުއާނުގެ ބައެއް ބައިތައް ގެއްލުނީކަމަށް ހީކުރާމީހަކު ހީކޮށްފާނެއެވެ. ފަހެ، އެއީ ބާޠިލު ހީއެކެވެ. އޭގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ބަސްފުޅެވެ.
﴿إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ﴾ [سورة الحجر 9]
މާނައީ: “ހަމަކަށަވަރުން ޤުރުއާން ބާވައިލެއްވީ، ތިމަންއިލާހެވެ. އަދި ހަމަކަށަވަރުން ތިމަންއިލާހު، އެ ޤުރުއާން ރައްކާތެރި ކުރައްވާހުށީމެވެ.”
އަޅުކަމެއްގެ ގޮތުގައި އަޅުގަނޑުމެން ކިޔަވާ އަދި އެއިން ޙުކުމްތައް ނަގާ ޤުރުއާނަކީ އަޅުގަނޑުމެންގެ އަތްމަތީގައި މިވާ މުޞްޙަފުގައިވާ ޤުރުއާންކަމަށް ޞަޙާބީންނާއި އޭގެ ފަހުން އައި ބޭކަލުންވެސް އެއްބަސްވެ ވަޑައިގެންފައިވެއެވެ. އެއީ އެއަށް އިތުރުކުރުމެއް އަދި އުނިކުރުމެއްވެސް ނެތިއެވެ. އަދި އެއީ އަޅުގަނޑުމެން އުޞޫލުލް ފިޤުހުގައިވެސް އިޤުރާރުވެފައިވާ ފަދައިންނެވެ.”
[المفهم لما أشكل من تلخيص كتاب مسلم 3 / 93-94]
އަދި ސުޔޫޠީ رحمه الله ވިދާޅުވިއެވެ.
“މިއީ ﷲ ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅުގައި އިޝާރާތްކުރައްވާފައިވާ ފަދައިން ކިޔެވުން މަންސޫޚުވެފައިވާ ބައެކެވެ.
﴿مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا …﴾ [سورة البقرة 106]
މާނައީ: “ތިމަންއިލާހު ނަސްޚުކުރައްވައިފި އާޔަތެއް ނުވަތަ ތިމަންއިލާހު ހަނދުމަނައްތަވައިފި އާޔަތެއް…”
މީސްތަކުން އެއާޔަތްތައް ހިތުދަސްކުރުމަށް ފަހު، ﷲ ތަޢާލާ އެއާޔަތްތައް ނަސްޚުކުރެއްވިއެވެ. އަދި މީސްތަކުންގެ ހިތްތަކުން ވެސް ފުހެލެއްވިއެވެ. އަދި އެއީ ނަބިއްޔާ صلى الله عليه سلوم ގެ ޒަމާނަށް ޚާއްޞަވެފައިވާ ކަމެކެވެ. އަދި އެއަށްފަހު، ނަސްޚުވުމެއް ނުވެއެވެ.”
[الديباج على صحيح مسلم بن الحجاج 3/129]
– ނުނިމޭ –
________________________________
[1] الْمُسَبِّحَات އަކީ: سُبْحَانَ، سَبَّحَ، يُسَبِّحُ، سَبِّح އިން ފެށިފައިވާ ސޫރަތްތަކެވެ.