[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދުވަހުގެ ތާވަލު ރާވާލެވިދާނެ ގޮތެއް 1

މިސްކިތުގައި މުސްލިމުންގެ ޖަމާޢަތާއެކު ފަތިސްނަމާދު އަދާކުރާށެވެ. [1] ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ صَلَّى صَلَاةَ الصُّبْحِ فَهُوَ فِي ذِمَّةِ اللهِ» [رواه مسلم]

މާނައީ: “ފަތިސްނަމާދުކޮށްފި މީހަކު ވަނީ ﷲ ގެ ޛިންމާގައެވެ.”

ދެން އެއަށްފަހުގައި މިސްކިތުގައި މަޑުކުރާށެވެ. ހެނދުނުގެ ޛިކުރުތައް ކިޔުމަށްފަހު ކީރިތި ޤުރުއާން ދަސްކުރާށެވެ. ތިބާއަށް ޤުރުއާން ދަސްވެފައިވާނަމަ، ޤުރުއާން މުރާޖަޢާކޮށްފައި މަތަނުތައް ދަސްކުރާށެވެ. އަދި އޭގެންވެސް ކޮންމެވެސް މިންވަރެއް މުރާޖަޢާކުރާށެވެ. އެހުރިހާ ކަމެއްވެސް ކުރާނީ މިސްކިތުގައި އިނދެގެންނެވެ. ލޮންސިއެއްގެ މިންވަރަށް އިރުއަރައްޖައުމަށް ދާންދެން އެކަމުގައި ކުރިއަށް ދާނީއެވެ. ދެން އެއަށްފަހު ގެއަށް ގޮސްފައި މަދަރުސާއަށް ނުވަތަ ވަޡީފާއަށް ދާނީއެވެ.

މަދަރުސާއިން ނުވަތަ ވަޡީފާއިން އައުމަށްފަހު ޢަޞުރު ވަގުތު ވަންދެން އަރާމު ކުރާށެވެ. [2] ޢަޞުރު ނަމާދަށް ފަހުގައި ސްކޫލުގެ ފިލާވަޅުތައް މުޠާލިޢާކުރާށެވެ.

ދެން މަޣުރިބު ނަމާދަށްފަހު އިށާނަމާދާ ޖެހެންދެން މިސްކިތުގައި މަޑުކުރާށެވެ. އަދި ފަތިސް ފަހުން ޢަމަލުކުރި ގޮތަށް އެގަޑީގައިވެސް ޤުރުއާން ދަސްކުރުމާއި މަތަނުތައް ދަސްކުރުމާއި މުރާޖަޢާކުރުން ކުރިއަށް ގެންދާށެވެ. އަދި ޢިޝާނަމާދުކުރުމަށް ފަހުގައި އަވަހަށް ނިދާށެވެ. ޢިޝާނަމާދުގެ ކުރިން ނިދުމާއި ޢިޝާ ނަމާދުގެ ފަހުން މީސްތަކުންނާ ވާހަކަދެއްކެވުމަކީ ނަބިއްޔާ صلى الله عليه وسلم ނުރުހުންތެރިވެވަޑައިގެންނެވި ކަމެކެވެ.

އަބޫ ބަރްޒާ رضي الله عنه ވިދާޅުވިއެވެ.

«وَكَانَ لَا يُحِبُّ النَّوْمَ قَبْلَهَا، وَلَا الْحَدِيثَ بَعْدَهَا» [رواه البخاري]

މާނައީ: “ޢިޝާނަމާދުގެ ކުރިން ނިދުމާއި އޭގެ ފަހުން (އެބަހީ: ޢިޝާނަމާދު ފަހުން) މީސްތަކުންނާ ވާހަކަދެއްކެވުމަކީ ނަބިއްޔާ صلى الله عليه وسلم ނުރުހުންތެރިވެވަޑައިގެންނެވި ކަމެކެވެ.”

= ނުނިމޭ =

__________________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

 

[1] އަންހެނަކުނަމަ ގޭގައި ނަމާދުކުރާށެވެ.

[2] މިފޮތުގެ މުއައްލިފު މިފޮތް ލިޔުއްވާފައި މިވަނީ ސުޢޫދީ ޢަރަބިއްޔާގެ މުޖުތަމަޢާ ގުޅުވައިގެންނެވެ. މިފަދަ ކަންކަމުގައި ދިވެހި މުޖުތަމަޢުގައި ކަން ހިނގާ ގޮތާ ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރެދާނެއެވެ.