
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين
ރޯދަ ވިއްލާއިރު ކިޔުމަށް ވާރިދުވެފައިވާ އެންމެ ޞައްޙަ ދުޢާއަކީ އަންނަނިވި ޙަދީޘްފުޅުގައި ވާރިދުވެފައިވާ ދުޢާއެވެ.
އިބުނު އުމަރު رضي الله عنه ރިވާކުރެއްވިއެވެ. “كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا أَفْطَرَ قَالَ: (ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ) “[1]
” رسول الله صلى الله عليه و سلم ރޯދަ ވިއްލަވާއިރު ޙަދީޘްފުޅުކުރައްވައެވެ. (ކަރުހިއްކުން ފިލައިފިއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި އިރާދަކުރެއްވިއްޔާ އަޖުރު ސާބިތުވެއްޖެއެވެ.)”
މިނޫނަސް އެހެން ދުޢާތައް މިމައުޟޫގައި ވާރިދުވެފައިވެއެވެ. މީގެ ތެރެއިން އެއް ދުޢާއަކީ (اللَّهُمَّ لَكَ صُمْتُ وعَلَيْكَ تَوَكَّلْتُ وَعَلَى رِزْقِكَ أَفْطَرْتُ) މި ލިޔުމުގައި މިދުޢާއަށް ޚާއްސަ ގޮތެއްގައި އަލި އަޅުވާމިލަނީ، މިދުޢާއަކީ ރޯދަވިއްލާއިރު ކިޔޭ ދުޢާތަކުގެ ތެރެއިން އަޅުގަނޑުމުންގެ ރާއްޖޭގައިވެސް ގިނަ ބަޔަކު ކިޔާ އުޅޭ ދުޢާއަކަށް ވާތީއެވެ.
މިދުޢާގެ އަޞްލު:
މިދުޢާއަކީ (بُغْيَةِ البَاحِثِ فِي زَوَائِدِ مُسْنَدِ الحَارِث) މިފޮތުގައި علي (رضي الله عنه) ރިވާކުރެއްވިކަމަށް ޒިކުރުކުރެވިފައިވާ ދިގު ޙަދީޘްއެއްގެ ތަންކޮޅެކެވެ. އެޙަދީޘުގައި އައިސްފައިވަނީ :
(ضعيف) حدثنا عبد الرحيم بن واقد ثنا حماد بن عمر عن السري بن خالد بن شداد عن جعفر بن محمد عن أبيه عن جده عن علي أنه قال : قال لي رسول الله صلى الله عليه و سلم : ( …يا عليُّ، إذَا كُنْتَ صَائِمًا فِي شَهْرِ رَمَضَانَ، فَقُلْ بَعْدَ إِفْطَارِكَ: اللَّهُمَّ لَكَ صُمْتُ وعَلَيْكَ تَوَكَّلْتُ وَعَلَى رِزْقِكَ أَفْطَرْتُ تُكْتَبُ لَكَ مِثْلُ مَنْ كَانَ صَائِمًا مِنْ غَيْرِ أَنْ يَنْتَقِصَ مِنْ أُجُوْرِهِمْ شَيْئًا…)[2]
ޢަލީގެފާނުގެ އަރިހުން ރިވާވެފައިވެއެވެ. رسول الله صلى الله عليه و سلم ތިމަން ކަލޭގެފާނުގެ އަރިހުގައި ޙަދީޘްފުޅު ކުރެއްވިއެވެ. (…އޭ އަލީގެފާނެވެ. ކަލޭގެފާނު ރަމަޟާނު މަހު ރޯދަ ހިއްޕަވާނަމަ ރޯދަ ވިއްލުމުގެ ފަހުގައި ވިދާޅުވާށެވެ. (އޭ ﷲ! މިއަޅާ ރޯދަ ހިފަނީ އިބަ[އިލާހަށްޓަކަ]އެވެ. އަދި މިއަޅާ ވަކީލު ކުރަނީ އިބަ[އިލާހަ]ށެވެ. އަދި މިއަޅާ ރޯދަ ވިއްލީ އިބަ[އިލާހު] ގެ ރިޒްޤުންނެވެ…)
ހަދީޘްފަންނުގެ ޢިލްމެވެރީންގެ އަރިހުގައި މިޙަދީޘަކީ މިސަނަދުން رسول الله صلى الله عليه و سلم އަރިހުން ޞައްޙަކޮށް ޘާބިތު ހަދީޘްފުޅެއްނޫނެވެ. މިހަދީޘްއަކީ ބަލިކަށިހަދީޘެކެވެ. އިމާމުއް ސުޔޫޠީ موضوع ޙަދީޘްތައް ޖަމާކުރެއްވި ފޮތުގައި މިޙަދީޘްވެސް ޒިކުރު ކުރައްވާފައިވެއެވެ.[3] موضوع ޙަދީޘަކީ އެކި މީސްމީހުން ދޮގު ހަދައިގެން ހަދީޘެއްގެ ގޮތުގައި رسول الله صلى الله عليه و سلم ނިސްބަތްކޮށް ގެނެސްފައި ބަސްތަކެވެ.
މިޙަދީޘް ބަލިކަށި ޙަދީޘަކަށްވި ސަބަބާއި އެފަދައިން ވިދާޅުވެފައިވާ ބައެއް ޢިލްމުވެރީން
މިޙަދީޘަކީ ބަލި ކަށި ޙަދީޘެއް ކަމުގައި ޢިލްމުވެރީން ކަނޑަ އަޅުއްވާފައި ވަނީ މިޙަދީޘްގެ ސަނަދުގައި ތިއްބެވި ބައެއް ބޭފުޅުންގެ ސަބަބުންނެވެ. ޙަދީޘެއް ރިވާ ކުރައްވާ ބޭފުޅުންގެ ހިތުދަސްކުރުމާއި، ޙަދީޘްތަކަށް ރައްކާތެރިވުމާއި، ދީންވެރިކަމާއި، އެބޭފުޅުންނަކީ ކޮންބޭފުޅެއްކަން ޔަޤީންކަމާއެކު އެނގުމާއި، އަދި އެބޭފުޅެއްގެ ޙަޤީޤަތް އެނގިފައި އޮތުން މިއީ ޙަދީޘް ރިވާ ކުރާ ބޭކަލެއްގެ ކިބައިގައި ހުންނަން ޖެހޭ ޞިފަތަކެކެވެ. މިތަނުން ޞިފައެއް އުނިވެއްޖެނަމަ އެބޭފުޅުން ރިވާ ކުރާ ޙަދީޘް ބަލިކަށިވެދާނެއެވެ.
إتحاف الخيرة المهرة އޭ ކިޔުނު ފޮތުގައި البوصيري ވިދާޅުވިއެވެ. “هذا إسْنَادٌ مُسَلْسَلٌ بِالضُّعَفَاءُ، السّرِيّ وحَمِّاد وعبدالرحيم ضُعَفَاءُ”[4]
“މިސަނަދުގައި ބަލިކަށި ރާވީންގެ ސިލްސިލާއެއް ވެއެވެ. السري އާއި حماد އާއި އަދި عبدالرحيم އަކީ (ޙަދީޘްރިވާ ކުރުމުގައި) ބަލިކަށި ބޭފުޅުންނެވެ.”
މިޙަދީޘްފުޅުގެ ބަލިކަށިވީ حماد بن عمرو (أبو إسماعيل) النصيبى އާއި السري بن خالد އާއި އަދި عبدالرحيم بن واقد (شيخ خراساني) މިޙަދީޘް ގެ ރާވީންގެ ގޮތުގައި ވާތީއެވެ. މިގޮތުން މިތިން ރާވީންގެ ބަލި ކަށި ކަމާއި މެދު الحافظ ابن حجر[5] އަދި إمام الذهبي[6] އަލި އަޅުއްވާލާފައިވެއެވެ.
އަދި މިހަދީޘްއަކީ ބަޔަކު ހަދާފައިވާ ބާތިލު ޙަދީޘްއެއްކަމުގައި ފަހުގެ ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚު އަބޫ އިސްޙާގު އަލްޙުވައިނީ ވިދާޅުވެފައިވެއެވެ.[7]
ޚުލާޞާ
ރޯދަ ވިއްލާ ވަގުތަކީ ދުޢާ އިޖާބަކުރެވޭ ވަގުތަކަށް ވުމުން އެވަގުތުގައި ދުޢާކުރާއިރު رسول الله صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައިވާ ދުޢާ ކިޔުން މުހިންމެވެ. މިގޮތުން މިމައުޟޫގައި ވާރިދުވެފައިވާ ޞައްޙަ ދުޢާ (ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ اللَّهُ) ކިޔާ، (اللَّهُمَّ لَكَ صُمْتُ وعَلَيْكَ تَوَكَّلْتُ وَعَلَى رِزْقِكَ أَفْطَرْتُ) ފަދަ ضعيف ދުޢާތަކުން ދުރުހެލިވުން ހުއްޓެވެ.
ދުޢާއަކީ އަޅަމެންނަކީ رسول الله صلى الله عليه وسلم ދެއްކެވި ސާފު ސީދާ މަގުގައި ޘާބިތުކަމާއެކު ހިނގާ ބަޔަކު ކަމުގައި ލެއްވުމެވެ.
والله تعالى أعلم
________________________________________
[1] رواه أبو دواد في السنن / كتاب الصوم / باب : القول عند الإفطار / رقم: 2358 وحسنه الألباني في الإرواء
[2] بغية الباحث في زوائد مسند الحارث للهيثمي / ص 526 / مجلد 1 / طبعة: الجامعة الإسلامية
[3] اللآلئ المصنوعة في الأحاديث الموضوعة للسيوطي / ص 372 / مجلد: 2 / طبعة: دار المعرفة
[4] إتحاف الخيرة المهرة للبوصيري / ص 413 / مجلد : 3 / طبعة: دار الوطن للنشر
[5] ބައްލަވާ لسان الميزان لإبن حجر
[6] ބައްލަވާ ميزان الإعتدال للذهبي
[7] مجلة التوحيد / عدد: 35 / 01/01/2005