[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބްނު ޚުޒައިމާ رحمه الله 3

ޢިލްމު ޙާޞިލުކުރެއްވުން:

އިބްނު ޚުޒައިމާ رحمه الله ކުޑައިރު އުޅުއްވީ ނައިސާޕޫރުގައެވެ. ކުޑައިރުވެސް ރަށުގައި ހުންނަވައިގެން ޙަދީޘް އުނގެނުމަށް މަސައްކަތްކުރެއްވިއެވެ. ދެން އެއަށްފަހުގައި ޢިލްމު ޙާޞިލުކުރެއްވުމަށް ދަތުރުކުރެއްވިއެވެ.

އައްސުބުކީ  رحمه الله ވިދާޅުވިއެވެ.

“އިބްނު ޚުޒައިމާވަނީ ވަރަށް ގިނަ ޢިލްމުވެރިންގެ އަރިހުން ޙަދީޘް ލިޔުއްވާފައެވެ. އޭގެ ތެރޭގައި إسحاق بن راهويه އަދި محمد بن حميد الرازى ހިމެނިވަޑައިގަންނަވައެވެ. އެހެނަސް އެދެބޭކަލުންގެ އަރިހުން ލިޔުއްވި ޙަދީޘްތައް އެކަލޭގެފާނު ކިޔައިދީ ނޫޅުއްވައެވެ. އެއީ ކުޑައިރު ލިޔުއްވާފައިވާ ޙަދީޘްތަކަކަށް ވާތީއެވެ.” [1]

އައްޛަހަބީ رحمه الله ވިދާޅުވިއެވެ.

“މުޙައްމަދު ބުން އަލްފަޟްލު ބުން މުޙައްމަދު ވިދާޅުވިއެވެ. ކާފާފުޅު (އެބަހީ: އިބްނު ޚުޒައިމާ) ވިދާޅުވަނިކޮށް ތިމަން އަޑުއެހީމެވެ. ޤުތައިބާގެ އަރިހަށް (ކިޔަވަން) ދިޔުމަށް ތިމަންކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ހުއްދައަށް އެދުނީމެވެ. ފަހެ ވިދާޅުވިއެވެ. ފުރަތަމަ ޤުރުއާން ރަނގަޅަށް ދަސްކޮށް ކިޔަވާށެވެ. އޭރުން ހުއްދަ ދޭނަމެވެ.” [2]

ޢިލްމު ޙާޞިލުކުރެއްވުމަށްޓަކައި އިބްނު ޚުޒައިމާ رحمه الله ވަރަށް ގިނަ ރަށްތަކަށް ދަތުރުކުރެއްވިއެވެ. އޭގެ ތެރޭގައި مرو، الكوفة، البصرة، بغداد، الشام، مصر، الحجاز އަދި އެނޫން ރަށްތައްވެސް ހިމެނެއެވެ. [3]

އިބްނުލް ޖައުޒީ رحمه الله ވިދާޅުވިއެވެ.

“ޙަދީޘް އެއްކުރެއްވުމަށްޓަކައި (އިބްނު ޚުޒައިމާ) އެކި ރަށްތަކަށް ވަޑައިގެންނެވިއެވެ. އެގޮތުން نيسابور ގައި ابن راهويه ގެ އަރިހުން އަދި އެނޫން ބޭކަލުންގެ އަރިހުންވެސް ރިވާކުރެއްވިއެވެ. مرو ގައި علي بن حجر ގެ އަރިހުން އަދި އެނޫން ބޭކަލުންގެ އަރިހުންވެސް ރިވާކުރެއްވިއެވެ. الري ގައި محمد بن مهران ގެ އަރިހުން އަދި އެނޫން ބޭކަލުންގެ އަރިހުންވެސް ރިވާކުރެއްވިއެވެ. بغداد ގައި أحمد بن منيع ގެ އަރިހުން އަދި އެނޫން ބޭކަލުންގެ އަރިހުންވެސް ރިވާކުރެއްވިއެވެ. البصرة ގައި بشر بن معاذ العقدي ގެ އަރިހުން އަދި އެނޫން ބޭކަލުންގެ އަރިހުންވެސް ރިވާކުރެއްވިއެވެ. الكوفة ގައި أَبو كريب ގެ އަރިހުން އަދި އެނޫން ބޭކަލުންގެ އަރިހުންވެސް ރިވާކުރެއްވިއެވެ. الحجاز ގައި عبد الجبار بن العلاء ގެ އަރިހުން އަދި އެނޫން ބޭކަލުންގެ އަރިހުންވެސް ރިވާކުރެއްވިއެވެ. الشام ގައި موسى بن سهل الرملي ގެ އަރިހުން އަދި އެނޫން ބޭކަލުންގެ އަރިހުންވެސް ރިވާކުރެއްވިއެވެ. الجزيرة ގައި عبد الجبار بن العلاء ގެ އަރިހުން އަދި އެނޫން ބޭކަލުންގެ އަރިހުންވެސް ރިވާކުރެއްވިއެވެ. مصر ގައި يونس بن عبد الأعلى ގެ އަރިހުން އަދި އެނޫން ބޭކަލުންގެ އަރިހުންވެސް ރިވާކުރެއްވިއެވެ. واسط ގައި محمد بن حرب ގެ އަރިހުން އަދި އެނޫން ބޭކަލުންގެ އަރިހުންވެސް ރިވާކުރެއްވިއެވެ.” [4]

= ނުނިމޭ =

______________________________________

[[1]] طبقات الشافعية الكبرى للسبكبي (3/110).

[[2]] السير للذهبي (14/371).

[[3]] المصدر نفسه (14/371).

[[4]] المنتظم لابن الجوزي (13/233).