[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިބްނު ޚުޒައިމާ رحمه الله 8

ޢަޤީދާ:

 

އިބްނު ޚުޒައިމާ رحمه الله ވިދާޅުވިއެވެ.

” ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ޞައްޙަ ޚަބަރެއް އަތުވެއްޖެނަމަ ދެން އެހެން މީހަކަށް އެކަމުގައި ބަސް ބުނުމެއް ނުވެއެވެ.” [1]

ﷲ ތަޢާލާގެ ޞިފަފުޅުތަކުގައްޔާއި އިބްނު ޚުޒައިމާގެ ޢަޤީދާއަކީ ސުންނަތް ޖަމާޢަތުގެ ޢަޤީދާއެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ފޮތްތަކުގައި އެކަން ޞަރީޙަކޮށް ބަޔާންކުރައްވާފައި ވެއެވެ. [2]

އަދި ގަބުރަށް އަޅުކަންކުރުމާ ދެކޮޅަށް އެކަލޭގެފާނުގެ ޞަޙީޙުގައި ބާބެއްވެސް ގެންނަވާފައިވެއެވެ. [3] އަދި އެކަލޭގެފާނަކީ ސުންނަތަށް ނަޞްރުދެއްވައި ބިދުޢަވެރިންނަށް ރައްދުދެއްވި ބޭކަލެކެވެ. އެގޮތުން ޚަވާރިޖުންނާއި މުޢުތަޒިލީން ފަދަ ފިރުޤާތަކާ ދެކޮޅަށް އެކަލޭގެފާނުވަނީ ރައްދުދެއްވާފައެވެ. [4]

ސުންނަތް ޖަމާޢަތުގެ ޢަޤީދާގައި އެކަލޭގެފާނު ހިފަހައްޓަވާފައިވާލެއް ވަރުގަދަކަމުން އެކަލޭގެފާނާ ޚިލާފުވި ބަޔަކު ވަނީ އެކަލޭގެފާނާ ބެހޭގޮތުން އެކަށީގެން ނުވާ ވަރަށް ގިނަ ވާހަކަތައް ދައްކާފައެވެ. އަދި އިބްނު ޚުޒައިމާ ލިޔުއްވާފައިވާ “ކިތާބުއް ތައުޙީދަށް” ކިތާބުއް ޝިރުކުގެ ނަމުންވެސް ބައެއް މީހުން އެޒަމާނުގައި ނަން ދީ އުޅުނެވެ. އަދި އެކަލޭގެފާނަކީ ދެކޮޅު ނުޖެހޭ ވާހަކަ ދައްކައި ނުވިސްނޭ އަދި ބުއްދި ހަމަ ނުޖެހޭ މީހެއްކަމުގައިވެސް އެމީހުން ބުނެ އުޅުނެވެ. [[5]]

ޝައްކެއްވެސް ނެތް ގޮތުގައި އެކަލޭގެފާނާ ބެހޭގޮތުން އެފަދަ ވާހަކަތައް ދައްކާފައިވާ މީހުންނަކީ އިންސާފުވެރިކަމާއެކު ވާހަކަ ދައްކާފައިވާ ބައެއް ނޫނެވެ.

އެހެނީ ޢަޤީދާގެ ބައެއް މައްސަލަތަކުގައި އެކަލޭގެފާނާ ނުހަނު ޚިލާފުވުމަށް ފަހުގައިވެސް تاج الدين السبكي ފަދަ ބޭފުޅުންވަނީ އެކަލޭގެފާނުގެ މާތްކަމާއި މޮޅުކަމަށް އިޢުތިރާފުވެފައެވެ. އަދި އަބާއްޖަވެރިއެއް ނޫނީ އެކަލޭގެފާނު ދޫނުކޮށްލާނެ ކަމުގައިވެސް ވިދާޅުވެފައިވެއެވެ. [6]

ޢަޤީދާގެ މައްސަލަތަކުގެ ތެރެއިން އިބްނު ޚުޒައިމާއަށް ޙަޤީޤަތުގައިވެސް އޮޅުން އަރާފައިވާ މައްސަލައެއް ކަމުގައި ސުންނަތް ޖަމާޢަތުގެ ޢިލްމުވެރިން ފާހަގަކުރައްވާ އެންމެ މަޝްހޫރު އެއް މައްސަލައަކީ “حديث الصورة” އާ ބެހޭގޮތުން އެކަލޭގެފާނު ދައްކަވާފައިވާ ވާހަކަތަކެވެ. [7]

ﷲ ތަޢާލާ އެކަލޭގެފާނުގެ ފާފަ ފުއްސަވައި ރަޙްމަތް ލައްވާށިއެވެ.

= ނިމުނީ=

_________________________________

[1] السير للذهبي (14/373).

[2] التوحيد لابن خزيمة (1/289) وصحيح ابن خزيمة (1/61).

[3] صحيح ابن خزيمة (1/407).

[4] التوحيد لابن خزيمة (2/650).

[5] تفسير الرازي (27/151)

[6] طبقات الشافعية الكبرى للسبكي (3/109).

[7] އިބްނު ޚުޒައިމާގެ ޢަޤީދާއާ ބެހޭގޮތުން އިތުރު ތަފްޞީލު ވިދާޅުވުމަށް ބައްލަވާ: منهج ابن خزيمة في تقرير العقيدة والرد على المخالفين، للباحثة هالة بنت علي كماخي وأحاديث العقيدة في صحيح ابن خزيمة – جعا ودراسة – .

މިލިޔުމުގެ އެހެންބައިތައް