[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަމުނަމާދުގެ މާތްކަމާބެހޭގޮތުން ފެތުރިފައިވާ އަޞްލެއް ނެތް ވާހަކައެއް

ސުވާލު:

“މީހަކު އޭނާގެ ގޭގައި ސުންނަތް ނަމާދުތައް ކުރާކަމަށްވަނީނަމަ، އެ ގެއަށް ނޫރާނީ އަލިކަމެއް ލިބެއެވެ. އެ ނޫރާނީ އަލިކަން އުޑުތަކަށް ވެސް ވާޞިލުވެއެވެ. އެހެންކަމުން، އުޑުތަކުގެ އަހުލުވެރިންނަށް، ބިންމަތީގައިވާ އެ ގެ ފެންނާނެއެވެ. އަދި އެފަދައިން ނަމާދުކުރެވޭ އެހެން ގެތައް ވެސް ފެންނާނެއެވެ. ބިމުގެ އަހުލުވެރިންނަށް އުޑުގައިވާ ތަރިތައް ފެންނަ ފަދައިންނެވެ. އާދޭހެވެ. މަލާއިކަތްބޭކަލުން ބިމަށް ބައްލަވާ ހިނދު، އެ ބޭކަލުންނަށް އެ ގެތަކުގެ ނޫރާނީ އަލިކަން ފެނިވަޑައިގަންނަވާނެއެވެ. އެހެން ގެތަކާ ޚިލާފަށް އެ ގެތައް ވިދައި ބަބުޅަމުންދަނީ، އެ ގެތަކުގެ ތެރޭގައި ސުންނަތް ނަމާދުތައް ކުރެވޭތީއެވެ. މިއަށްވުރެ ބޮޑަށް ހައިރާންކުރުވަނިވި ކަމަކީ، މަލާއިކަތްބޭކަލުންނަށް، އެ ގެއެއްގެ ނޫރު ފެނިވަޑައިގަންނަވާ ގެއަކުން ނޫރު ކެނޑިއްޖެނަމަ، އެއީ ކީއްވެގެންތޯ ބެއްލެވުމަށްޓަކައި އެބޭކަލުން ސުވާލު ދަންނަވާކަމެވެ. އެގޭގައިވާ ނޫރު ކެނޑުނީ، ނަމާދުކުރާ މީހާ ބަލިވެއުޅޭތީ ކަމަށްވަނީނަމަ، ނުވަތަ އޭނާއަށް މުޞީބާތެއް ކުރިމަތިވުމުގެ ސަބަބުން ކަމަށްވަނީނަމަ، އެކަން އެ މަލާއިކަތްބޭކަލުންނަށް އެންގެވެއެވެ. ދެން އެބޭކަލުން އެ މީހެއްގެ ބައްޔަށް ޝިފާދެއްވުންއެދި މާތް ﷲ ގެ ޙަޟުރަތަށް ދުޢާކުރައްވައެވެ. ނުވަތަ އެމީހަކަށް ޖެހިފައިވާ މުޞީބާތެއް ފިއްލަވައިދެއްވުން އެދި އެކަލާނގެ ޙަޟުރަތަށް ދުޢާކުރައްވައެވެ. އެއީ، އޭނާގެ ގެއިން ވިދައި ބަބުޅަމުންދިޔަ ނޫރާނީ އަލިކަން ދެކެވަޑައިގަތުމަށްޓަކައި އެބޭކަލުން ޝައުޤުވެރިވެ ވަޑައިގަންނަވާތީއެވެ.”

މިއީ ޞައްޙަ ވާހަކަތަކެއް ހެއްޔެވެ؟

 

ޖަވާބު:

الحمد لله.

ދަމުނަމާދުކުރާ މީހާގެ ގެ، އުޑުގެ އަހުލުވެރިންނަށް ފެންނާނެހެން ދިއްލޭނެކަމަށް ޤުރުއާނާ ސުންނަތުން އެއްވެސް ދަލީލެއް އޮތްކަން އަޅުގަނޑުމެންނަށް އެނގިފައެއް ނެތެވެ. އެގެތަކުގެ އަހުލުވެރިންގެ ނަމާދުގެ ސަބަބުން އެގެތަކުގައިވާ ނޫރު ދުށުމަށްޓަކައި، އަހަރެމެން އުޑުގެ ތަރިތަކުގެ އަލިކަމަށް ބަލާ ފަދައިން، މަލާއިކަތުން ބިމަށް ބަލާނެ ކަމުގައިވެސް ދަލީލެއް ނެތެވެ.

އެކަމާ ބެހޭގޮތުން އައިސްފައިވަނީ ކަޢުބުލް އަޙްބާރުގެ ބަސްފުޅެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ހަމަކަށަވަރުން ރޭގަނޑު ދަމުނަމާދު ކުރާމީހުންނަށް އުޑުން މަލާއިކަތުން ބައްލަވައެވެ. އެއީ ތިޔަބައިމީހުން އުޑުގެ ތަރިތަކަށް ބަލާފަދައިންނެވެ.”

މިވާހަކަ އަލްޙާފިޡު އިބްނު ރަޖަބު އެކަލޭގެފާނުގެ “اختيار الأولى في شرح حديث اختصام الملأ الأعلى” އޭ ކިޔުނު ފޮތުގެ 91 ވަނަ ޞަފްޙާގައި ޛިކުރު ކުރައްވާފައިވެއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ.

“ކުރަޒު ބުން ވަބްރާ ވިދާޅުވިއެވެ. ކަޢުބުގެ އަރިހުން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ރޭގަނޑު ދަމުނަމާދު ކުރާމީހުންނަށް އުޑުން މަލާއިކަތުން ބައްލަވައެވެ. އެއީ ތިޔަބައިމީހުން އުޑުގެ ތަރިތަކަށް ބަލާ ފަދައިންނެވެ.”

މިކަން ކަޢުބުގެ އަރިހުން ޞައްޙަކޮށް އައިސްފައެއް ނުވެއެވެ. އެއީ ރާވީންގެ ތެރޭއިން މެދުކެނޑުމެއް އައިސްފައިވުމުންނެވެ. އެހެނީ ސީދާ ކަޢުބު ވިދާޅުވިކަމަށް ކުރަޒު ބުން ވަބްރާ ނުބުނެއެވެ.

އަދި ކުރަޒު ބުން ވަބްރާއަކީ ޢަދުލުވެރި މީހެއްކަމެއް ނުވަތަ ޢަދުލުވެރި މީހެއް ނޫންކަމެއްވެސް އެނގޭކަށް ނެތެވެ.

އަދި ކަޢުބުގެ އަރިހުން އެކަން ޘާބިތުވެފައިވާ ކަމަށް ބެލިޔަސް އެއީ ޙުއްޖަތެއްކަމުގައި ނުބެލެވޭނެއެވެ. އެހެނީ ކަޢުބަކީ ތާބިޢީ ބޭކަލެކެވެ. އެކަލޭގެފާނަކީ އަހުލުކިތާބީންކުރެ އިސްލާމްވެވަޑައިގެން ބޭކަލެކެވެ. އެކަލޭގެފާނު ވަރަށް ގިނައިން އަހުލުކިތާބީންގެ ފޮތްތަކުން ނަޤުލުކުރައްވައެވެ. އެފަދަ ޚަބަރަކުން ޙުއްޖަތެއް ނުނެގޭނެއެވެ.

އަދި المدخل (2/ 137) ގައި އިބްނުލް ޙާއްޖުވެސް އެފަދައިން ވިދާޅުވެފައިވެއެވެ.

“ހަމަކަށަވަރުން އެމީހަކު އެހުންނަ ތަން” – އެބަހީ: ރޭ އަޅުކަންކުރާ މީހާ އެ ހުންނަ ތަން – “އުޑުގައިވާ މަލާއިކަތް ބޭކަލުންނަށް ފެނިވަޑައިގަންނަވާނެއެވެ. އެއީ އުޑުގައިވާ ބަބުޅާ ތަރިއެއް އަހުރުމެންނާ ދިމާއަށް ބަލާފަދައިންނެވެ.”

މީގައިވެސް ޙުއްޖަތެއް ނުވެއެވެ. މިކަމުގައި އެންމެ ބޮޑަށްވެސް ބުނެވޭނީ މިއީ ކަޢުބުގެ އަރިހުން މާނައިން ރިވާކުރައްވާފައިވާ ވާހަކައެއްކަމުގައެވެ.

އެހެނަސް ޙުއްޖަތްވަނީ ޤުރުއާނާއި ސުންނަތުގެ ނައްޞުތަކުގައެވެ.

ޤުރުއާން ކިޔެވުމަކީ އަޅާއަށްވާ ނޫރެކެވެ. ޚާއްޞަގޮތެއްގައި ރޭއަޅުކަން ކުރަން ތެދުވުމަކީ އަޅާއަށްވާ ނޫރެކެވެ. އަބޫ ސަޢީދުލް ޚުދްރީގެ އަރިހުން އިމާމު އަޙްމަދު ރިވާކުރެއްވިއެވެ.

أَنَّ رَجُلًا جَاءَهُ فَقَالَ: أَوْصِنِي. فَقَالَ: سَأَلْتَ عَمَّا سَأَلْتُ عَنْهُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مِنْ قَبْلِكَ، «أُوصِيكَ بِتَقْوَى اللَّهِ، فَإِنَّهُ رَأْسُ كُلِّ شَيْءٍ، وَعَلَيْكَ بِالْجِهَادِ، فَإِنَّهُ رَهْبَانِيَّةُ الْإِسْلَامِ، وَعَلَيْكَ بِذِكْرِ اللَّهِ وَتِلَاوَةِ الْقُرْآنِ، فَإِنَّهُ رَوْحُكَ فِي السَّمَاءِ، وَذِكْرُكَ فِي الْأَرْضِ» [رواه أحمد (11774)، وحسنه الألباني في صحيح الجامع (2543)]

މާނައީ: “ހަމަކަށަވަރުން އެކަލޭގެފާނުގެ އަރިހަށް މީހަކު އައިސްފައި ދެންނެވިއެވެ. ތިމަންނައަށް ވަޞިއްޔަތެއް ކުރައްވާށެވެ. އެކަލޭގެފާނުފާނު ވިދާޅުވިއެވެ. ކަލޭގެފާނު ތިޔަ ސުވާލު ދެންނެވި ގޮތަށް މީގެ ކުރިން، ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ތިމަންކަލޭގެފާނުވެސް ސުވާލު ދެންނެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲ އަށް ތަޤުވާވެރިވުމަށް ތިބާއަށް ވަޞިއްޔަތްކުރަމެވެ. ފަހެ އެއީ ހުރިހާ ކަމެއްގެ އަސާސެވެ. އަދި ތިބާ ޖިހާދުކުރާށެވެ. އެއީ އިސްލާމްދީނުގައިވާ ރާހިބުކަމެވެ. އަދި ތިބާ ﷲ ގެ ޛިކުރުކޮށް ޤުރުއާން ކިޔަވާށެވެ. އެއީ އުޑުގައި ތިބާއަށް ހުރި އުފާވެރިކަމެވެ. އަދި ބިމުގައި ތިބާއަށް ހުރި ޛިކުރެކެވެ.”

އަދި އިބްނު ޙިއްބާން އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ޛައްރު ރިވާކުރެއްވިއެވެ.

«عَلَيْكَ بِتِلَاوَةِ الْقُرْآنِ، وَذِكْرِ اللَّهِ، فَإِنَّهُ نُورٌ لَكَ فِي الْأَرْضِ، وَذُخْرٌ لَكَ فِي السَّمَاءِ» [رواه ابن حبان (361) وقال الألباني في صحيح الترغيب: صحيح لغيره (2868)]

މާނައީ: “ތިބާ ޤުރުއާން ތިލާވަތުކޮށް ﷲ ގެ ޛިކުރުކުރާށެވެ. އެއީ ބިމުގައި ތިބާއަށްޓަކައިވާ ނޫރެކެވެ. އަދި އުޑުގައި ތިބާއަށްވާ ޛިކުރެކެވެ.”

އަދި އިމާމު މުސްލިމު އަބޫ މާލިކު އަލްއަޝްޢަރީގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«الطُّهُورُ شَطْرُ الْإِيمَانِ وَالْحَمْدُ لِلَّهِ تَمْلَأُ الْمِيزَانَ، وَسُبْحَانَ اللهِ وَالْحَمْدُ لِلَّهِ تَمْلَآَنِ – أَوْ تَمْلَأُ – مَا بَيْنَ السَّمَاوَاتِ وَالْأَرْضِ، وَالصَّلَاةُ نُورٌ…» [رواه المسلم (223)]

މާނައީ: “ޠާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. އަދި الحَمْدُ لِلّٰهِ (މި ކަލިމަ) މީޒާން ފުރާލައެވެ. އަދި سُبْحَانَ اللهِ وَالحَمْدُ لِلّٰهِ، މި ދެ ކަލިމަ (ނުވަތަ މި ކަލިމަ) އުޑާއި ބިމާ ދެމެދުގައި ވާހައި ތަނެއް ފުރާލައެވެ. އަދި ނަމާދަކީ ނޫރެކެވެ.”

 

ޚުލާޞާއަކީ ހަމަކަށަވަރުން ހުރިހާ ނަމާދަކީވެސް ނޫރެކެވެ. ރޭ އަޅުކަމަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން އެންމެ މަތިވެރި ނަމާދެވެ. އަދި އެއީ އިހުގެ އުންމަތްތަކުގެވެސް ޞާލިޙުން ކުރެއްވި ކަމެކެވެ. އެހެނަސް ސުވާލުގައި އައިސްފައިވާ ފަދައިން އެގޮތަށް އެކަން ވަކިކަމަކަމަށް ޙާއްޞަކުރުމަށް ދަލީލެއް ނުވެއެވެ.

އަދި ހަމައެފަދައިން މަލާއިކަތުން ރޭގަނޑު ގަޑީގައި ނަމާދުކުރާމީހުން ހޯދާކަމާއި އަދި ގެއެއްގައި ނޫރެއް ނުފެނިއްޖެނަމަ އެކަމާ ބެހޭގޮތުން ސުވާލުކުރާކަމާ އަދި އެމީހަކު ބަލިވެފައި ނުވަތަ ކަންބޮޑުވެފައިވާނަމަ އެމީހަކަށްޓަކައި ދުޢާކޮށްދޭކަމަށް އައިސްފައި އެވާ ވާހަކަތަކަކީ އެއީ އެކަމަށް ޝަރުޢީ ދަލީލެއް އައިސްފައިވާ ކަމެއް ނޫނެވެ.

ކީރިތި ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ގޮތަށް މެނުވީ މަލާއިކަތުންނާއި އެބޭކަލުންގެ ޢަމަލުތަކާ ބެހޭގޮތުން ވާހަކަދެއްކުމީ އެކަށީގެންވާ ކަމެއް ނޫނެވެ. އެހެނީ މަލާއިކަތުންނާ ގުޅޭ ވާހަކަތަކަކީ ޣައިބުގެ ޢިލްމެކެވެ. ޝަރުޢީ ނައްޞެއް ނެތި އެކަމާ ބެހޭގޮތުން ވާހަކައެއް ނުދެއްކޭނެއެވެ.

މަލާއިކަތުން ޛިކުރާއި ޢިލްމާއި ޤުރުއާނުގެ މަޖްލިސްތަކަށް ޙާޟިރުވެވަޑައިގަންނަވާކަމަށާއި އަޅުތަކުންގެ ޢަމަލުތައް ލިޔުއްވާ ކަމަށާއި މުއުމިނުންނަށް ފާފަފުއްސަވައިދެއްވުން އެދި ދަންނަވާކަމަށް ނައްޞުތަކުގައި އައިސްފައިވެއެވެ. އެހެނަސް މިސުވާލުގައި އައިސްފައިވާ ފަދައިން ޢަމަލުކުރައްވާކަމަށް ދަލީލެއް ވާރިދުވެފައި ނުވެއެވެ.

والله تعالى أعلم.

މަޞްދަރު