[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤުއްލަތައިންގެ ޙަދީޘް

  1. (صحيح) وَعَنْ عَبْدِ اللَّهِ بْنِ عُمَرَرضي الله عنهقالَ: قَالَ رَسُولُ اللَّهِصَلَّى الله عَلَيْهِ وَسَلَّمَ: «إِذَا كَانَ الْمَاءَ قُلَّتَيْنِ لَمْ يَحْمِلْ الْخَبَثَ». وَفِي لَفْظٍ: «لَمْ يَنْجُسْ». أَخْرَجَهُ الْأَرْبَعَةُ، وَصَحَّحَهُ ابْنُ خُزَيْمَةَ. وَابْنُ حِبَّانَ وَالحَاكِمُ

މާނަ: ޢަބްދުﷲ އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ދެޤުއްލަ ހަމަވާ ފެނުގައި ނަޖިހެއް ނުވެއެވެ.” އަދި އެހެން ރިވާޔަތެއްގައި ވެއެވެ. “(ދެގުއްލަ ހަމަވާ ފެން) ނަޖިސް ނުވާ ހުއްޓެވެ.”

(މިޙަދީޘް ރިވާ ކުރެއްވީ އަބޫ ދާވޫދު، އައްތިރްމިޛީ، އައްނަސާއީ އަދި އިބްނު މާޖާއެވެ. އަދި އިބްނު ޚުޒައިމާ އާއި އިބްނު ޙިއްބާން އަދި އަލްހާކިމް ވަނީ މި ޙަދީޘް ޞައްޙަ ކުރައްވާފައެވެ.)

 

މިފަދައިން ޙަދީޘް ކުރެއްވި ސަބަބު:

ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް މިފަދައިން ޙަދީޘްކުރެއްވި ސަބަބަށް ބަލާއިރު، ޙަދީޘް އެއްކޮށް ޛިކުރުކޮށްލާއިރު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިފަދައިން ޙަދީޘްކުރެއްވި ސަބަބު އެނގިގެންދެއެވެ. މި ޙަދީޘުގެ އެތައް ރިވާޔަތެއްވާ ހިނދު އެތަނުން ޞައްޙަ ރިވާޔަތެއްގައި ވެއެވެ: «عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، قَالَ سَمِعْتُ رَسُولَ اللَّهِ ـ صلى الله عليه وسلم ـ سُئِلَ عَنِ الْمَاءِ يَكُونُ بِالْفَلاَةِ مِنَ الأَرْضِ وَمَا يَنُوبُهُ مِنَ الدَّوَابِّ وَالسِّبَاعِ فَقَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ إِذَا بَلَغَ الْمَاءُ قُلَّتَيْنِ لَمْ يُنَجِّسْهُ شَىْءٌ“»

މާނަ: ޢުބައިދުﷲ އިބްނު ޢަބްދުﷲ އިބްނު ޢުމަރު، އެކަލޭގެފާނުގެ ބައްޕާފުޅު (ޢަބްދުﷲ އިބްނު ޢުމަރު) ގެ އަރިހުން ރިވާކުރަށްވާފައިވެއެވެ. ސަހަރާ ތެރޭގައިގައިވާ ފެންގަނޑުތަކުގެ ތެރެއިން، ވަލު ޖަނަވާރުތައް އެފެންގަނޑުތަކަށް ގޮސް އުޅޭ، ފެންގަނޑުތަކާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި، ސުވާލުކުރެވުނު އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ: “ފެނުގައި ދެގުއްލަ ހަމަވެއްޖެ ނަމަ، އެއްވެސް އެއްޗަކުން އެފެން، ނަޖިސް ނުވާ ހުއްޓެވެ.”

 

ޙަދީޘްގެ ޞައްޙަކަން:

މި ޙަދީޘުގެ ޞައްޙަ ކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. އެއްބައި ޢިލްމުވެރިން މިޙަދީޘް ޟަޢީފު ކުރައްވާއިރު އަނެއް ބައި ޢިލްމުވެރިން މިޙަދީޘް ޞައްޙަ ކުރައްވައެވެ. މިޙަދީޘް ޞައްޙަ ކަމަށް ބުނެވޭ ރަޢުޔަކީ މިމައްސަލާގައި ރަނގަޅު ރަޢުޔެވެ. މި ޙަދީޘް ޞައްޙަކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި އިމާމް އައްޝާފިޢީ، އިމާމް އަޙްމަދު، ޢުބައިދުލް ޤާސިމް އިބްނު ސައްލާމް، އައްޠަޙާވީ، އައްދާރުޤުޠްނީ، އިބްނު ދަޤީޤުލް ޢީދު އަލްޢައްލާއީ، ޢަބްދުލް ޙައްޤު އަލް އަޝްބީލީ، އަލްޚައްޠާބީ އަދި މަތީގައި ވާ ފަދައިން އިބްނު ޚުޒައިމާ، އިބްނު ޙިއްބާން، ޙާކިމް ހިމެނެއެވެ. މި ޙަދީޘާ މެދު އިމާމް އަލްޚައްޠާބީ ވިދާޅުވެފައި ވެއެވެ. “ޙަދީޘް ޢިލްމުގައި ބިންމަތީގައިވާ ތަރިތައް ފަދަ ޢިލްމުވެރިން، މިޙަދީޘް ޞައްޙަކަމަށް ވިދާޅުވެފައިވާ ވިދާޅުވުމަކީ، މި ޙަދީޘް ޞައްޙަކަމުގެ ހެއްކަކަށް ފުދޭ ކަމެކެވެ.” (معالم السنن (1/58))

އަދި މިޙަދީޘް ޟަޢީފުކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ތެރޭގައި އިމާމް އިބްނު ޢަބްދުލް ބައްރު އަދި އިބުނުލް ޢަރަބީ ހިމެނެއެވެ. އެބޭކަލުންގެ އަރިހުގައި މި ޙަދީޘް ޟަޢީފުވާ ސަބަބަކީ މިޙަދީޘުގެ ސަނަދާއި މަތުނު ވެސް އިޟްޠިރާބު ވެފައިވުމެވެ. އިޟްޠިރާބު ވެފައިވުމަކީ އިޚްތިލާފު ވެފައި ވުމެވެ. އެގޮތުން ބަލާއިރު، މިޙަދީޘުގެ ސަނަދުގައި ހިމެނޭ އަލްވަލީދު އިބްނު ކަޘީރުލް މަޚްޒޫމީ އަކީ ޘިޤާ ރާވީއެއްކަމަކު، އެކަލޭގެފާނު މި ޙަދީޘް ރިވާކުރެއްވި ގޮތާމެދު އިޚްތިލާފު އުފެދިފައިވެއެވެ. އެއްބައި ފަހަރު މުޙައްމަދު އިބުނު ޖަޢުފަރު އިބުނުއް ޒުބައިރުގެ އަރިހުން ރިވާ ކުރެއްވިކަމަށް ވާރިދުވެފައި ވާއިރު، އަނެއް ބައިފަހަރު މުޙައްމަދު އިބްނު ޢައްބާދު އިބްނު ޖަޢުފަރުގެ އަރިހުން ރިވާ ކުރެއްވި ކަމަށް ވެއެވެ. އަލްވަލީދު ނޫން އެހެން ދެ މަގަކުންވެސް މި ޙަދީޘް ރިވާވެފައި ވެއެވެ. އެއީ ޙައްމާދު އިބުނު ސަލަމާ، ޢާޞިމް އިބްނުލް މުންޛިރު ކިބައިން އަޑުއައްސަވައި، ޢާޞިމް، ޢުބައިދުﷲ އިބްނު ޢަބްދުﷲ އިބްނު ޢުމަރުގެ ކިބައިން އަދި އެކަލޭގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅު ޢަބްދުﷲ އިބްނު ޢުމަރުގެ ކިބައިން މިޙަދީޘް ރިވާކުރައްވާފައިވާ މަގެވެ. މިސަނަދުގައިވާ ރާވީންނަކީ ޘިޤާ ރާވީންނެވެ. ދެވަނަ މަގަކީ މުޙައްމަދު އިބްނު އިސްޙާޤު، މުޙައްމަދު އިބްނު ޖަޢުފަރު އައްޒުބައިރު ކިބައިން އަޑުއައްސަވައި، އެކަލޭޣެފާނު، ޢުބައިދުﷲ އިބްނު ޢަބްދުﷲ އިބްނު ޢުމަރުގެ ކިބައިން އަދި އެކަލޭގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅު ޢަބްދުﷲ އިބްނު ޢުމަރުގެ ކިބައިން މިޙަދީޘް ރިވާކުރައްވާފައިވާ މަގެވެ.

ދެން މަތުނުގައި ވާ އިޚްތިލާފަށް ބަލާއިރު، ތިންގޮތަކަށް ޙަދީޘް އައިސްފައި އެބައޮތެވެ.

  1. «إِذَا بَلَغَ الْمَاءُ قُلَّتَيْنِ» މާނަ: ފެނުގައި ދެ ޤުއްލަ ހަމަވެއްޖެ ނަމަ.
  2. «إِذَا كَانَ إِذَا كَانَ الْمَاءُ قَدرَ قُلَّتَيْنِ أَو ثَلَاثٍ لَمْ يَنْجُسْهُ شَيْء» މާނަ: ފެނުގެ މިންވަރުގައި ވަނީ ދެޤުއްލަ ނުވަތަ ތިންޤުއްލަ ކަމުގައި ވާނަމަ، އެއްވެސް އެއްޗަކުން އެފެން ނަޖިސް ނުވާ ހުއްޓެވެ.
  3. «إِذَا بَلَغَ الْمَاءُ أَربَعِيْنَ قُلَّة فَإِنَّه لَا يَحْمِلْ الْخَبَثَ » މާނަ: ފެނުގައި ސާޅީސް ޤުއްލަ ހަމަވެއްޖެ ނަމަ، އެފެނުގައި ނަޖިހެއް ނުވެއެވެ.

 

ޙަދީޘުގެ ސަނަދުގައިވާ އިޚްތިލާފާ މެދު ދެވޭ ޖަވާބު

ޢައްޝައިޚް އިބްނުލް ޢުޘައިމީން މަންޘޫމަތުލް ބައިޤޫނިއްޔާގެ ޝަރަޙައިގައި ވިދާޅުވެފައިވާ ފަދައިން އިޚްތިލާފު އުފެދިފައިވާ ޙަދީޘެއް، ޖަމްޢު ނުވަތަ ތަރްޖީޙުގެ މަގުން، އޭގައި ވާ އިޚްތިލާފު ފިލާނަމަ، އެޙަދީޘުގައި ވާ އިޟްޠިރާބު ފިލާނެއެވެ. (انظر منظومة البيقونية لابن العثيمين (104))

އެގޮތުން ބައެއް ޢިލްމުވެރިން ތަރްޖީޙް ކުރުމުގެ މަގު ޚިޔާރު ކުރައްވާފައި ވެއެވެ. މާނައަކީ ރިވާވެގެން އައިސްފައިވާ މަގުތަކުގެ ތެރެއިން ވަކި މަގެއް އެއީ ޞައްޙަ މަގު ކަމަށް ބުނުމެވެ. ފަހެ އަބޫ ޙާތިމާއި އިބްނު މަންދާ އަދި އަލްޚައްޠާބީ، މުޙައްމަދު އިބްނު ޖަޢުފަރުއިބްނުއް ޒުބައިރުގެ މަގު ރާޖިޙް ކުރައްވާއިރު، އަބޫދާވޫދު ރާޖިޙް ކުރައްވަނީ މުޙައްމަދު އިބްނު ޢައްބާދު އިބްނު ޖަޢްފަރުގެ މަގެވެ. މިއީ ތަރްޖީޙުގެ މަގެވެ. ނަމަވެސް ތަރްޖީޙާއި ޖަމްޢާ މި ދެގޮތަށް ބަލާއިރު މިޙަދީޘުގައި ބޮޑަށް ރަނގަޅީ ޖަމްޢުގެ މަގެވެ. އެއީ ޙަދީޘް ރިވާވެފައިވާ ކަމަށް އެނގެން އޮތް މަގުތަކަކީ ޘިޤާ ރާވީން ހިމެނޭ މަގުތަކަށްވެފައި އެ ރާވީންގެ ޢަދުލުވެރިކަމަށް އިމާމް ބުޚާރީއާއި މުސްލިމްގެ ޞަޙީޙާއިން އިން ވެސް ހެކި ލިބޭތީއެވެ. މިސަބަބަށްޓަކައި މި ޙަދީޘުގެ ސަނަދާމެދު ބެލެވެނީ އެއީ ޞައްޙަ ސަނަދެއް ކަމުގައެވެ.

 

ޙަދީޘުގެ މަތަނުގައިވާ އިޚްތިލާފާ މެދު ދެވޭ ޖަވާބު

«إِذَا كَانَ الْمَاءُ قَدرَ قُلَّتَيْنِ أَو ثَلَاثٍ لَمْ يَنْجُسْهُ شَيْء» މި ރިވާޔަތް ނެގިފައި ވަނީ ޙައްމާދު އިބްނު ސަލަމާގެ މަގުން އައިސްފައިވާ ޙަދީޘުންނެވެ. ޙައްމާދަކީ ޘިޤާ ރާވީއެއްކަމުގައި ވީ ނަމަވެސް އެކަލޭގެފާނުގެ ޢުމުރުގެ ފަހުކޮޅުގައި ޢުމުރުން ދުވަސް ވުމުގެ ސަބަބުން ހަނދާން ބަލިވެފައިވާކަމަށް ޛިކުރު ކުރެވިފައިވެއެވެ. އެކަލޭގެފާނުގެ ކިބައިން އައިސްފައި އޮތް މި ރިވާޔަތުގައި “ނުވަތަ ތިނެކޭ” ބުނެވިފައި ވަނީ ޝައްކު ހިމެނޭ ގޮތުގައެވެ. އަދި މިއާ ޚިލާފަށް އެކަލޭގެފާނުގެ ކިބައިން މިބައި ނުލައިވެސް މިޙަދީޘް ރިވާވެފައި ވެއެވެ. އެހެންކަމުން މީގައި ބޮޑަށް ބުރަވެވެނީ ޢުމުރުން ދުވަސްވެ، ހަނދާނަށް އައި ބަލިކަށިކަމުގެ ސަބަބުން ޙައްމާދަށް ފެނުގެ މިންވަރުގައި ޝައްކު އުފެދުނީ ކަމުގައެވެ. އަދި މީގައި އެންމެ ރަނގަޅީ، “ނުވަތަ ތިނެކޭ” ނުލައި ހަމައެކަނި “ދެޤުއްލަ” މިފަދައިން ވާ ރިވާޔަތެވެ. އެއަށްފަހު:

«إِذَا بَلَغَ الْمَاءُ أَربَعِيْنَ قُلَّة فَإِنَّه لَا يَحْمِلْ الْخَبَثَ » މިރިވާޔަތަށް ތަޙްޤީޤީ ނަޘަރަކުން ބަލައިލާއިރު، އަލްޤާސިމް ފިޔަވާ އެހެން ފަރާތެއްގެ ކިބައިން މި ރިވާޔަތް މަރްފޫޢޫކޮށް ރިވާވެފައި ނުވެއެވެ. އަދި އަލްޤާސިމާ ބެހޭގޮތުން އިމާމް އަޙްމަދު ވިދާޅުވެފައި ވެއެވެ. “ތިމަންކަލޭގެފާނުގެ ގާތުގައި އަލްޤާސިމަކީ އެއްވެސް މީހެއް ނޫނެވެ. އެހެނީ އޭނާ ދޮގު ހަދާ ކަމަށާއި ދޮގު ޙަދީޘް ހަދާކަމަށް އެނގެން އެބަ އޮތެވެ. އޭނާގެ ޙަދީޘްތައް މީސްތަކުން ވަނީ ޤަބޫލު ނުކޮށް ދޫކޮށްފައެވެ.” (الكامل لابن عدي (6/34)-رقم: 1577)

އަދި ޔަޙްޔާ އިބްނު މަޢީން ވިދާޅުވެފައި ވެއެވެ. “އެއީ މުޑުދާރު ދޮގުވެރިޔެކެވެ.” (انظر الميزان للذهبي (3/372)-رقم: 6812)

އެހެންކަމުން މިރިވާޔަތްވެސް ވަނީ ޤަބޫލު ނުކުރެވި ދޫކޮށްލެވިގެންނެވެ. މި ސަބަބު ތަކަށްޓަކައި މި ޙަދީޘުގެ މަތުނާމެދު ބެލެވެނީ، «إِذَا بَلَغَ الْمَاءُ قُلَّتَيْنِ» މާނަ: “ފެނުގައި ދެ ޤުއްލަ ހަމަވެއްޖެ ނަމަ.” މިފަދައިން ވާ ރިވާޔަތުގެ ސަނަދަކީ ބުރަދަން ހުރި ޞައްޙަ މަތުނެއް ކަމުގައެވެ.

ޙަދީޘުގެ ބައެއް ކަލިމަ ތަކުގެ މާނަ:

((ދެޤުއްލަ ހަމަވާ ފެނުގައި)): ޤުއްލައަކީ ފެން މިނަން ބޭނުން ކުރާ މިނެކެވެ. އަޞްލު ޤުއްލަ ކިޔަނީ ވަރަށް ބޮޑު ބިލިގާއެއް ކަހަލަ އެއްޗަކަށެވެ. އެއަށް ފެންއަޅާފައި ފަހުން ބޭނުން ކުރުމަށް ޓަކައި ފިނިކުރުމަށް ބަހައްޓައެވެ. ފެނުގެ ފިޤުހީ ފޮތްތަކުގައި ވަރަށް ގިނައިން ފެނުގެ ގިނަ މިން ނުވަތަ މަދު މިން، މިފަދައިން ލިޔެފައި ހުންނާނެއެވެ. އެގޮތުން ބަލާއިރު، ފެނުގެ ގިނަ މިނަކީ ދެގުއްލަ ހަމަވާ ފެނެވެ. އަދި މަދު މިނަކީ ދެގުއްލަ ހަމަ ނުވާ ފެނެވެ. ޤުއްލަ އަކީ ލީޓަރުން ބަލާނަމަ ގާތް ގަނޑަކަށް 160.5 ލީޓަރެވެ. އެހެންވީމާ ދެޤުއްލައަކީ ގާތްގަނޑަކަށް 321 ލީޓަރެވެ.

 

ޙަދީޘުން ނެގޭ ފައިދާތަކާއި ފިޤްހީ މައްސަލަތައް:

ފުރަތަމަ ފައިދާ: މިޙަދީޘުގެ މަންޠޫޤުން (މަންޠޫޤަކީ: ޙަދީޘުގެ ލަފްޡުން ފެންނަން އޮންނަ މާނައެވެ.) މާނަ ކުރެވޭ ގޮތުގައި ދެގުއްލަ ހަމަވާ ފެނަށް ނަޖިހެއް އެޅުނު ކަމުގައިވިޔަސް އެފެން ތަޣައްޔަރެއް ނުވާނެއެވެ. އެއީ އެއެޅުނު ނަޖިހުގެ ސަބަބުން އެފެނުގެ ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލު އައި ނަމަވެސް އެވެ. ނަމަވެސް މިތާނގައި އަޅުގަނޑުމެން ދަންނަން ޖެހޭ ކަމެއް ވެއެވެ. އެއީ ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމް މިފަދައިން ޙަދީޘް ކުރައްވާފައި ވަނީ އެކަލޭގެފާނާ ކުރެވުނު ސުވާލަށް ރިޢާޔަތް ކުރައްވައި ޢާންމުކޮށް ކަންހިނގާ ޙާލަތަށް ބައްލަވައި ޖަވާބު ދެއްވަމުންނެވެ. އެހެނީ ޖަނަވާރުތައް ސަހަރާގައި ދަތުރުކުރުމުގައި ޖަމާވަނީ ސަހަރާގައި ހެދިފަ ހުންނަ ބޮޑެތި ފެންގަނޑުތަކަށެވެ. އެއީ އެއިން ފެންބޮއެ، ސާފުވެލުމަށެވެ. މިހެން އުޅުމުގެ ތެރޭގައި ފެންގަނޑަށް، އެޖަނަވާރުގެ ގައިން ނަޖިސް އެޅެއެވެ. ނަމަވެސް އެހެން އެޅޭ ނަޖިހުގެ ސަބަބުން ގިނަ ޙާލަތްތަކުގައި (އެ ބޮޑު ފެންގަނޑުގެ) ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލެއް ނާދެއެވެ. އައްޝައިޚް ޚާލިދު އަލް މުޞްލިޙް، މަސްޖިދުއް ނަބަވީގައި މިޙަދީޘް ޝަރަކުރައްވަމުން މިމޭރުމުން ވާހަކަދައްކަވާފައި ވެއެވެ. ޝައިޚު އިތުރަށް ވިދާޅުވިއެވެ: “އެހެނެއްކަމަކު (އުންމަތުގެ) ޢިލްމުވެރިންގެ އިއްތިފާޤުން އެނގޭ ގޮތުގައި، ގިނަ ނުވަތަ މަދު ފެން (އެއީ ދެޤުއްލަ ހަމަވިޔަސް ނުވިޔަސް) އެފެނަށް އެޅޭ ނަޖިހެއްގެ ސަބަބުން އެފެނުގެ ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލު އައިސްފިނަމަ، އެފެން ނަޖިސްވާނެއެވެ.” އެހެންކަމުން ޙަދީޘްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުގެ މުރާދަކީ އެއްވެސް ޙާލެއްގައި ދެގުއްލައަށްވުރެ ގިނަ ފެނަށް ކިތަންމެ ވަރަކަށް ނަޖިސް އެޅުނަސް އެފެން ނަޖިސް ނުވާނެއެކޭ ނޫނެވެ. އެހެނެއްކަމަކު މިޙަދީޘުގައި އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މުރާދަކީ: ދެގުއްލަ ހަމަވާ ފެނަށް، ނަޖިހެއް އެޅުނު ކަމުގައި ވީ ނަމަވެސް އެފެން ނަޖިހެއް ނުވާނެއެވެ. އެއީ އެފެނުގެ ވަހަށް ނުވަތަ ރަހަޔަށް ނުވަތަ ކުލައަށް ބަދަލު ނައަންނަ ހިނދެއްގައެވެ. މިތިން ކަންތަކުގެ ތެރެއިން ކަމަކަށް ބަދަލުއައިސް، އެފެން ތަޣައްޔަރު ވެއްޖެނަމަ، އެފެން ނަޖިސްވާނެއެވެ.

ދެވަނަ ފައިދާ: ދެން އަނެއްކާވެސް މިޙަދީޘަށް ނަޡަރު ހިންގާލާއިރު މިޙަދީޘުން ވަރަށް ތަފާތު މަފްހޫމެއް އެބަ ފާހަގަ ވެއެވެ. (މަފްހޫމަކީ: ޙަދީޘުގެ ލަފްޡުން ނަގައިގަނެވޭ އެކަމަކު އެލަފްޡުގެ ބޭރުފުށުގައި ނުވާ މާނައެކެވެ.) ޙަދީޘުގައި: “ފެނުގައި ދެގުއްލަ ހަމަވެއްޖެ ނަމަ، އެއްވެސް އެއްޗަކުން އެފެން، ނަޖިސް ނުވާހުއްޓެވެ.” މިފަދައިން އޮތުމުން ނެގޭ މަފްހޫމަކީ: ދެގުއްލަ ހަމަނުވާ ފެނަށް ނަޖިހެއް އެޅިއްޖެނަމަ، އެފެނުގެ ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލުއައި ކަމުގައިވިޔަސް ނުވަތަ މިކަންކަމަށް ބަދަލު ނައި ކަމުގައި ވިޔަސް އެފެން ނަޖިސްވާނެއެވެ. މިމަފްހޫމަކީ ނައްޞުގެ އިދިކޮޅު މަފްހޫމް ނުވަތަ ޢަރަބި ބަހުން ބުނާނަމަ “މަފްހޫމުލް-މުޚާލަފާ” އެވެ. ތަޢުރީފަށް ބަލާއިރު މަފްހޫމުލް މުޚާލަފާއަކީ، “އެ ޙުކުމަކާ މެދު ހަނުހުރެފައިވާ ޙުކުމް، މަންޠޫޤުގެ ޙުކުމާ ޚިލާފުވުމެވެ.”

މިތަނުގައި މަފްހޫމް، މަންތޫޤަކާ ޚިލާފުވެއެވެ. އެއީ ކުރިން ޝަރަޙަ ކުރެވިގެންދިޔަ އަބޫ ސަޢީދުނިލް ޚުދްރީގެ ޙަދީޘުގައިވާ މަންޠޫޤެވެ. އެއީ: «إِنَّ الْمَاءَ طَهُورٌ لاَ يُنَجِّسُهُ شَيْءٌ» މާނަ: “ހަމަކަށަވަރުން ފެނަކީ ޠަހޫރު އެއްޗެކެވެ. އެއްވެސް އެއްޗެއް، އެފެން ނަޖިހެއް ނުކުރެއެވެ.”

މި މަންޠޫޤު ކުރިން ބަޔާންކުރެވިގެން ދިޔަ މަފްހޫމާ ޚިލާފު ވުމުގެ ސަބަބުން، ފެނިގެން މިދަނީ މަންޠޫޤާއި މަފްހޫމު ތަޢާރުޟުވާ ތަނެވެ. މަންޠޫޤާއި މަފްހޫމު، ތަޢާރުޟުވާ ހިނދު، ކަންތައް ކުރަންވީގޮތް އަންނަނިވި އުސޫލީ ޤާޢިދާ އިން އެނގިގެންދެއެވެ. ޤާޢިދާ ގައި ވެއެވެ: الـمَنْطُوقُ مُقَدَّمٌ عَلَى الـمَفْهُومِ މާނަ: “މަފްހޫމުގެ މައްޗަށް މަންޠޫޤު އިސްކުރެވޭނެއެވެ.”

އެހެންކަމުން އަބޫ ސަޢީދުނިލް ޚުދުރީގެ ޙަދީޘުގެ މަންޠޫޤު އިސްކޮށް، ނެގެވޭ ޙުކުމަކީ: ފެނުގެ މިންވަރު ދެޤުއްލައަށްވުރެ މަދުވެފައި އެފެނަށް އެޅޭ ނަޖިހެއްގެ ސަބަބުން ފެނުގެ ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލު އައުމުން މެނުވީ އެފެން ނަޖިހެއް ނުވާނެއެވެ.

މިމައްސަލާގައި ޢިލްމުވެރިން ޚިޔާލު ތަފާތުވެފައި ވީ ނަމަވެސް މަތީގައި ބަޔާންވެފައި އެވަނީ މިމައްސަލައިގެ އެންމެ ރަނގަޅު ރަޢުޔެވެ. މިރަޢުޔަކީ އެއްމެ ރަނގަޅު ރަޢުޔުކަމަށް ވިދާޅުވާ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި: އިމާމް އަޙްމަދު އެކަލޭގެފާނުގެ އެއް ރިވާޔަތުގައި މި ރަޢުޔު ރަނގަޅު ކަމަށް ވިދާޅުވެފައި ވެއެވެ. އޭގެ އިތުރުންވެސް އިމާމް މާލިކް، ޡާހިރިއްޔާ، ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ، އަލް ޢައްލާމާ އިބްނުލް ޤައްޔިމްގެ އިތުރުން އެހާރާއި މިހާރުގެ އެތައް ޢިލްމުވެރިންނެއް މިރަޢުޔު ރަނގަޅު ކަމަށް ވިދާޅުވެފައި ވެއެވެ. (منحة العلام (1/40))

 

ޚުލާޞާ:

މި ޙަދީޘުގެ ޝަރަޙައިގައި ދެކެވިފައިވާ ވާހަކަތަކުގެ ޚުލާސާއަށް ބަލާއިރު، ފެނުގެ މިންވަރު، ދެޤުއްލައަށްވުރެ ގިނަ ކަމުގައި ވީ ނަމަވެސް ނުވަތަ މަދު ކަމުގައި ވީ ނަމަވެސް، ނަޖިހެއް އެ ފެނާ އެކުވުމުގެ ސަބަބުން ފެން ނަޖިސް ވެގެންދާނީ، (އެނަޖިހުގެ ސަބަބުން) އެފެނުގެ ވަހަށް ނުވަތަ ރަހައަށް ނުވަތަ ކުލައަށް ބަދަލު އައި ނަމައެވެ.

_____________________________

ބުލޫޣުލް މަރާމުގެ ޝަރަޙަ