﴿قُلْ أَفَرَأَيْتُمْ مَا تَدْعُونَ مِنْ دُونِ اللَّهِ إِنْ أَرَادَنِيَ اللَّهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ﴾ [سورة الزمر 38]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން (ތިމަންކަލޭގެފާނަށް) ޚަބަރުދީ ބަލާށެވެ! ﷲ، ތިމަންކަލޭގެފާނަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ، ﷲ ފިޔަވާ ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަށް އެގެއްލުން ދުރުކޮށްދެވިދާނެ ހެއްޔެވެ! ނުވަތަ އެއިލާހު ތިމަންކަލޭގެފާނަށް ރަޙުމަތަކަށް އިރާދަކުރައްވައިފިނަމަ، އެއިލާހުގެ ރަޙުމަތް (އަޔަނުދީ) އެތަކެއްޗަށް ހިފެހިއްޓިދާނެ ހެއްޔެވެ! “
ސުވާލު:
– މިއާޔަތުގެ މާނަ ބަޔާންކޮށްދޭށެވެ.
– އަދި މިއާޔަތުން މިބާބަށް ދަލީލުކުރާ ގޮތަކީ ކޮބައިކަން ބަޔާންކޮށްދޭށެވެ.
ޖަވާބު:
– ﷲ ފިޔަވާ އެބައިމީހުން އެދުޢާކޮށް އަޅުކަންކުރާ އިލާހުންތަކަކީ އެއްވެސް ކަމެއްކުރުމަށް ކުޅަދާނަވެގެން ނުވާ ފަރާތްތަކެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅަކަށް ގެއްލުމަކަށް އިރާދަކުރައްވައިފިނަމަ އެއިލާހުންތަކަށް އެގެއްލުމުން ސަލާމަތްކޮށްދިނުމަށް ކުޅަދާނަވެގެން ނުވެއެވެ. ނުވަތަ ﷲ އެކަލާނގެ އަޅަކަށް ބާވައިލައްވާ ރަޙުމަތެއް އަޔަނުދީ ހިފެހެއްޓުމުގެ ކުޅަދާނަކަންވެސް އެއިލާހުންތަކަށް ލިބިގެން ނުވެއެވެ. އެހުރިހާ ކަމެއްގެ ކުޅަދާނަކަން ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ސުބުޙާނަހޫ ވަތަޢާލާ އަށެވެ.
– މިއާޔަތުން މިބާބަށް ދަލީލުކުރާ ގޮތް: މުޝްރިކުން ބުދުތަކާމެދު ޤަބޫލުކުރާ ޤަބޫލުކުރުން ނުވަތަ ރޮދިފަށްތަކާ އަދި އެފަދަ ތަކެއްޗާމެދު ޖާހިލުން ޤަބޫލުކުރާ ޤަބޫލުކުރުމުގައި ތަފާތެއް ނުވެއެވެ. (އެހެނީ ބުދުތަކާއި އެރޮދިފަތްތަކަށްވެސް އެއްވެސް ކަމެއްކޮށް ނުދެވެއެވެ. އެ ދެބައިމީހުންވެސް މުޞީބާތްތަކުން ސަލާމަތަށް އެދެނީ ނުކުޅެދޭ ފަރާތްތަކަށެވެ.) މިހުރިހާ ކަމަކީވެސް (އެބަހީ: ބުދުތަކާއި ރޮދިފަށް އަދި އެފަދަ ތަކެތިން ފައިދާއެއް އަދި ގެއްލުންވެސް ލިބޭނެކަމަށް ޤަބޫލުކުރުމަކީ) ބާޠިލު ކަންތައްތަކެވެ. އެހެނީ ހަމަކަށަވަރުން ފައިދާ އާއި ގެއްލުން މެދުވެރިކުރައްވާ ހަމައެކަނި ފަރާތަކީ ﷲ އެވެ.
* * * *
އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ)
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް