-
ހޫދުގެފާނުގެ އީމާންތެރިކަން
ހޫދުގެފާނުގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ޢާދު ބާގައިމީހުންނަކަށް ނޭނގުނެވެ.
ދެން އެމީހުން ބުނީ ކީކޭކަން ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟ އެމީހުން ބުނީ އެމީހުންގެ އިލާހުންތައް ހޫދުގެފާނު ދެކެ ރުޅިއަތުވެއްޖެކަމަށެވެ. އަދި އެމީހުންގެ އިލާހުންތައްވަނީ އެކަލޭގެފާނަށް ބަލިމަޑުކަމެއް ޖައްސާފައެވެ.
ނަމަވެސް މިއީ ތެދަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟
އެމީހުން އެބުނާ އިލާހުންތަކަކީ އެމީހުން އަމިއްލަޔަށް ހަދައިގެން އުޅޭ ބުދުތަކެކެވެ. އެއީ ދިރުމެއްވާ އެއްޗެއްސެއް ނޫނެވެ.
އެ އެއްޗިއްސަށް ކައިބޮއެ އުޅުމުގެ ކުޅަދާނަކަން ލިބިގެން ނުވާއިރު، އެހެން މީހަކަށް ބަލިމަޑުކަމެއް ކުރިމަތިކުރުމުގެ ކުޅަދާނަކަން ލިބޭނީ ކިހިނަކުން ހެއްޔެވެ؟
ރަނގަޅަށް ވިސްނައިފި މީހަކަށް އެއީ ހަމަނުޖެހޭ ވާހަކަތަކެއްކަން ވިސްނޭނެއެވެ.
ޙަޤީޤީ މޮޔައިންނަކީ މިކަންތައް ނުވިސްނޭ މީހުން ނޫން ހެއްޔެވެ؟
ހަމަ ޔަޤީނުންވެސް އެބައިމީހުން އަޅުކަންކުރާ ބުދުތަކަށް، ހޫދުގެފާނު އީމާނެއް ނުވެއެވެ. އަދި އެ ބުދުތައް ދެކެ އެކަލޭގެފާނު ބިރުފުޅެއްވެސް ނުގަނެއެވެ.
(إِنِّي أُشْهِدُ اللَّـهَ وَاشْهَدُوا أَنِّي بَرِيءٌ مِّمَّا تُشْرِكُونَ)[1]
މާނަ: “ހަމަކަށަވަރުން ތިޔަބައިމީހުން ޝަރީކުކޮށް އުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވާކަމަށް ﷲ ހެކިކުރައްވަމެވެ. އަދި ތިޔަބައިމީހުންވެސް ހެކިވާށެވެ!”
(فَكِيدُونِي جَمِيعًا)[2]
މާނަ: “ފަހެ، ތިޔަބައިމީހުން އެންމެން ތިމަންކަލޭގެފާނަށް (ހަލާކު ދިނުމަށް) ރޭވުންތައް ރާވާށެވެ!”
(إِنِّي تَوَكَّلْتُ عَلَى اللَّـهِ رَبِّي وَرَبِّكُم) [3]
މާނަ: “ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ވެރި އަދި ތިޔަބައިމީހުންގެ ވެރި ރައްބަށް ތިމަންކަލޭގެފާނު ވަކީލުކޮށްފީމެވެ.”
ހުރިހާ ކަމެއްވެސް ވަނީ ﷲ ތަޢާލާގެ އިރާދަފުޅުންނެވެ. ގަހުގައިވާ އެންމެ ކުޑަކުޑަ ފަތެއްވެސް ﷲ ގެ އިރާދަފުޅުން މެނުވީ ނުވެއްޓެއެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] 54 هود
[2] 55 هود
[3] 56 هود