[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެސްފީނާ 3

ޙަސަދަވެރިކަމާއި މިފަދަ ނުބައި ސިފަތަކުން ދުރުވުމަށް މުޅި އުންމަތަށް އިރުޝާދު ދެއްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ.

عَنْ أَبي هُرَيرَةَ رضي لله عنه أنه قَالَ: قَالَ رَسُولُ للهِ صلى لله عليه وسلم: ((لاَ تَحَاسَدوا، وَلاَتَنَاجَشوا، وَلاَ تَبَاغَضوا، وَلاَ تَدَابَروا …)) [1]

މާނަ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރިނުވާށެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ގެއްލުންދިނުމުގެ ގޮތުން މުދަލުގެ އަގު ބޮޑުނުކުރާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ރުޅިވެރިނުވާށެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސްނުދޭށެވެ…”

ތިބާގެ ދުލުން ބޭރުކުރާ ބަސްތަކަކީ އަބަދުވެސް ހެޔޮ ބަސްތައް ކަމުގައި ހަދާށެވެ. މީހުންގެ ވާހަކަދެއްކުން ހުއްޓާލާށެވެ. މީސްތަކުންނާމެދު ހެޔޮކޮށް ހީކުރާށެވެ. ނުބައި ހީތަކުން ދުރުވެގަންނާށެވެ. ތިބާއަކީ ކިތަންމެ ރަނގަޅު މީހަކަސް އެމީހެއްގެ ކިބައިން އެހެން މީހަކަށް އެސްފީނާ ޖެހިދާނެއެވެ. އެހެނީ މިއުންމަތް ދުށް އެންމެ މާތް ޖީލުކަމުގައިވާ ޞަޙާބީންގެ ދުވަސްވަރުގައިވެސް އެސްފީނާގެ ޙާދިޘާތައް ހިނގައިފައި ވެއެވެ.

އަލް މުވައްޠާގައި އިމާމު މާލިކް ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.

عَنْ أَبِي أُمَامَةَ بْنِ سَهْلِ بْنِ حُنَيْفٍ أَنَّهُ قَالَ : رَأَى عَامِرُ بْنُ رَبِيعَةَ سَهْلَ بْنَ حُنَيْفٍ يَغْتَسِلُ، فَقَالَ : مَا رَأَيْتُ كَالْيَوْمِ وَلَا جِلْدَ مُخْبَأَةٍ . فَلُبِطَ بِسَهْلٍ، فَأُتِيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقِيلَ : يَا رَسُولَ اللَّهِ، هَلْ لَكَ فِي سَهْلِ بْنِ حُنَيْفٍ، وَاللَّهِ مَا يَرْفَعُ رَأْسَهُ. فَقَالَ : ” هَلْ تَتَّهِمُونَ لَهُ أَحَدًا ؟ ” قَالُوا : نَتَّهِمُ عَامِرَ بْنَ رَبِيعَةَ. قَالَ : فَدَعَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَامِرًا، فَتَغَيَّظَ عَلَيْهِ، وَقَالَ : ” عَلَامَ يَقْتُلُ أَحَدُكُمْ أَخَاهُ ؟ أَلَّا بَرَّكْتَ ؟ اغْتَسِلْ لَهُ “. فَغَسَلَ عَامِرٌ وَجْهَهُ وَيَدَيْهِ وَمِرْفَقَيْهِ وَرُكْبَتَيْهِ وَأَطْرَافَ رِجْلَيْهِ وَدَاخِلَةَ إِزَارِهِ فِي قَدَحٍ، ثُمَّ صُبَّ عَلَيْهِ، فَرَاحَ سَهْلٌ مَعَ النَّاسِ لَيْسَ بِهِ بَأْسٌ. [2]

މާނަ: އަބޫ އުމާމާ އިބްނު ސަހްލު އިބްނު ޙުނައިފް ވިދާޅުވިއެވެ. ޢާމިރު އިބްނު ރަބީޢާ އަށް، ސަހްލު އިބްނު ޙުނައިފް ފެންވަރާތީ ފެނިވަޑައިގަތެވެ. ދެން ޢާމިރު ވިދާޅުވިއެވެ. “މިހާ ރީތި ހަންގަނޑެއްގެ ވެރި ޒުވާނަކު ތިމަން ދުވަހަކުވެސް ނުދެކެމެވެ. ގެއިން ދުވަހަކުވެސް ނުނުކުމެ އިން އަންހެންކުއްޖެއްގެ ހަންގަނޑުވެސް މިހާ ރީއްޗެއް ނުވާނެއެވެ.” އެހިނދު ސަހްލު ކުއްލިއަކަށް ހޭނެތިގެން ބިން މައްޗަށް ވެއްޓިއްޖެއެވެ. މިކަމާ ގުޅިގެން މީސްތަކުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! ކަލޭގެފާނަށް، ސަހްލަށް ކަމެއް ކޮށްދެވިދާނެތޯއެވެ. ﷲ ގަންދީ ބުނަމެވެ، އޭނާއަކަށް، އޭނާގެ ބޯވެސް ހިއްލައި ނުލެވެއެވެ.” އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެއްސެވިއެވެ. “ތިޔަބައިމީހުންނަށް (އޭނާގެ ކަންތަކުގައި) ތުހުމަތުކުރެވޭ މީހަކު އެބަހުރި ހެއްޔެވެ؟” އެބައިމީހުން ދެންނެވިއެވެ. “އާމިރު އިބްނު ރަބީޢާ އަށް އަހަރެމެން ތުހުމަތު ކުރަމެވެ.” އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭނާއަށް ގޮވާލައްވައި، ކޯފާގެ ރާގެއްގައި ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާ ޤަތުލުކުރަނީ ކީއްވެ ހެއްޔެވެ؟ އޭނާއަށްޓަކައި ﷲ ބަރަކާތްލެއްވުން އެދި ދުޢާ ނުކުރަނީ ކީއްވެ ހެއްޔެވެ؟ އޭނާއަށްޓަކައި ތިބާގެ ހަށިގަނޑު ދޮންނާށެވެ!” ދެން ޢާމިރު އޭނާގެ މޫނާއި، ދެއަތާއި، ދެއަތްދަނޑިއާއި، ދެކަކުލާއި، ފައިގެ އަރިމައްޗާއި، ޢިޒާރުގެ އެތެރެ ފެން އެއްޗަކުން ދޮވެ، އެފެން ސަހުލުގެ ގަޔަށް އެޅުމުން ސަހްލަށް ކުރިމަތިވެފައިވާ ކަންތައް ﷲ އޭނާގެ ކިބައިން ފިއްލަވައިދެއްވައި، އެއްވެސް ބަލިކަމެއް ނުވާ މީހެއް ފަދައިން މީސްތަކުންނާއެކު ހިނގައިގެންފިއެވެ.

މި ޙަދީޘުން އެސްފީނާގެ ނުރައްކާތެރިކަން އަހަރެމެންނަށް އެނގިގެން ހިނގައްޖެއެވެ. އަދި އެއަށް ފަރުވާކުރާނެ ގޮތްވެސް އެނގިގެން ދެއެވެ.

=ނުނިމޭ =

_______________________________

މިލިޔުމުގެ އެހެންބައިތައް

 

 

[1]   رواه مسلم (2564)

 الموطأ (1973)، وصححه الألباني في “مشكاة المصابيح” (4562) [2]