[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތުންޖީނާ ޞަލަވާތަކީ ބިދުޢައެއް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ތުންޖީނާ ޞަލަވާތުގެ ނަމުގައި މަޝްހޫރުވެފައިވާ ޞަލަވާތަކީ ބިދުޢައެކެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވާ އެއްޗެއް ނޫނެވެ.

މިޞަލަވާތް ޛިކުރުކޮށްފައިވަނީ މުއައްރިޚެއް އަދި އަދީބެއްކަމުގައިވާ ޢަބްދުއްރަޙްމާން ބުން ޢަބްދުއްސަލާމް އައްޞަފޫރީގެ “نزهة المجالس ومنتخب النفائس”  އޭ ކިޔުނު ފޮތުގެ 284 ވަނަ ޞަފްޙާގައާއި ނަޙްވު ޢިލްމާއި މާލިކީ ފިޤުހުވެރިއެއްކަމުގައިވާ އައްޝައިޚް ޢުމަރު ބުން ޢަލީ ބުން ސާލިމު އަލްފާކިހާނީ ގެ “الفجر المنير”  އޭ ކިޔުނުފޮތުގެ 31 އަދި 32 ވަނަ ޞަފްޙާގައެވެ. އޭގައިވަނީ މިފަދައިންނެވެ.

 

“ޞާލިޙު ޝައިޚު މޫސާ އައްޟަރީރު رحمه الله تعالى އަހުރެންނަށް ކިޔައިދިނެވެ. އެބޭފުޅާ ކަނޑު ބޯޓަކަށް އެރިއެވެ. އެބޭފުޅާ ވިދާޅުވިއެވެ. الأقلابية އޭ ކިޔުނު ވައެއް ތިމަންމެންނާ ބައްދަލުވިއެވެ. އެވައިގެ ސަބަބުން ޣަރަޤު ނުވެ ސަލާމަތްވަނީ މަދު ބައެކެވެ. ޣަރަޤުވެދާނެކަމަށް ބިރުގަނެ މީސްތަކުން ކަންތައް ބޮޑުވިއެވެ. އެބޭފުޅާ ވިދާޅުވިއެވެ. ފަހެ، ތިމަންނާއަށް ނިދުނެވެ. އަދި ހުވަފެނުގައި ނަބިއްޔާ صلى الله عليه وآله وسلم ފެނުނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މިފަދައިން އެއްހާސް ފަހަރު ކިޔުމަށް ބޯޓުގައި ތިބި މީހުންގެ ގާތު ބުނާށެވެ.

اللهم صل على سيدنا محمد، وعلى آل سيدنا، صلاة تنجينا بها من جميع الأهوال والآفات، وتقضي لنا بها جميع الحاجات، وتطهرنا بها من جميع السيئات، وترفعنا بها عندك أعلى الدرجات، وتبلغنا بها أقصى الغايات من جميع الخيرات في الحياة وبعد الممات .

އެބޭފުޅާ ވިދާޅުވިއެވެ. ފަހެ، ތިމަންނާއަށް ހޭލެވުމުން މިފެނުނު ހުވަފެނުގެ ވާހަކަ ބޯޓުގައި ތިބި މީހުންނަށް ކިޔައިދިނީމެވެ. ފަހެ، ތިމަންމެން މިޞަލަވާތް ތިންސަތޭކަ ފަހަރު ކިޔެވީމެވެ. ފަހެ، ތިމަންމެން އެކަމުން ސަލާމަތްވިއެވެ. صلى الله عليه وسلم .” (އެފޮތުން ނަޤުލުކުރި ހިސާބު ނިމުނީމެއެވެ.)

 

ހުވަފެނަކީ ޢަމަލުތަކުގެ މާތްކަން ޘާބިތުކުރުމަށާއި ޙުކުމްތައް ދެނެގަތުމަށް ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުމަށް މިޞީޣާގެ މާތްކަން، މިފަދައިން ޘާބިތު ނުކުރެވޭނެއެވެ.

ﷲ ތަޢާލާވަނީ އެއިލާހުގެ ޝަރީޢަތް ފުރިހަމަ ކުރައްވާފައެވެ. އެއީ އެއިލާހު ވަޙީކުރައްވާފައިވާ ފަދައިންނެވެ.

﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا﴾ [سورة المائدة 3]

މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިމަންއިލާހު ތިޔަބައިމީހުންނަށް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.”

އަދި ރަސޫލުﷲ صلى الله عليه وسلم ވަނީ އެޝަރީޢަތް ފުރިހަމަކަމާއެކު އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވާފައެވެ. އެއިން އެއްވެސް މިންވަރެއް ފޮރުވުމަކާ ނުލައެވެ. ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޞައްޙަ މަގުން ޘާބިތުވާ ކަންކަމަށް ޢަމަލުކުރުމުން މުސްލިމުންނަށް ފުދޭނެއެވެ. ހުވަފެނަކުން އަޅުކަމެއް ޝަރުޢުކުރުމަށް ނުވަތަ މުސްތަޙައްބުކަމަކަށް ހެދުމުގެ އެއްވެސް ޙާޖަތެއް ނެތެވެ.

ކަންތައް ބޮޑުވުމުންނާއި ދަތި އުނދަގޫ ކަންކަމާ ކުރިމަތިވުމުން ކިޔުމަށް ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވާ ދުޢާތައް އެބަހުއްޓެވެ.

އިމާމް ބުޙާރީއާއި އިމާމް މުސްލިމް، އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَدْعُو عِنْدَ الكَرْبِ يَقُولُ: «لاَ إِلَهَ إِلَّا اللَّهُ العَظِيمُ الحَلِيمُ، لاَ إِلَهَ إِلَّا اللَّهُ رَبُّ السَّمَوَاتِ وَالأَرْضِ، وَرَبُّ العَرْشِ العَظِيمِ» [رواه البخاري (6345)، ومسلم (2730)]

މާނައީ: “ދަތި އުނދަގޫކަމެއް ކުރިމަތިވުމުން ނަބިއްޔާ صلى الله عليه وسلم މިފަދައިން ދުޢާކުރައްވައެވެ.

«لاَ إِلَهَ إِلَّا اللَّهُ العَظِيمُ الحَلِيمُ، لاَ إِلَهَ إِلَّا اللَّهُ رَبُّ السَّمَوَاتِ وَالأَرْضِ، وَرَبُّ العَرْشِ العَظِيمِ»

[މާނައި: “މަތިވެރި ޙަލީމުވަންތަ ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އުޑުތަކާއި ބިމުގެ ވެރި އަދި މަތިވެރި ޢަރުޝުގެ ވެރި ﷲ ފިޔަވައި އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.”]”

ޞަޙީޙް މުސްލިމުގައިވަނީ «وَرَبُّ الْعَرْشِ الْكَرِيمِ» މިފަދައިންނެވެ.

އަދި އައްތިރްމިޛީ، އަނަސް ބުން މާލިކު رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا كَرَبَهُ أَمْرٌ قَالَ: «يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ» [رواه الترمذي (3524) ، وصححه الألباني في صحيح الترمذي]

މާނައީ: “ނަބިއްޔާ صلى الله عليه وسلم އަށް ކަމެއް އުނދަގޫ ވެއްޖެނަމަ މިފަދައިން ދުޢާކުރައްވައެވެ.

«يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ»

[މާނައި: “އޭ ދިރިދެމިވޮޑިގެންވާ، މުޅި ކާއިނާތު ބެލެހެއްޓެވުމުގައި ޤާއިމުވެވޮޑިގެންވާ އިލާހެވެ! އިބަﷲގެ ރަޙުމަތުގެ ޒަރިއްޔާއިން މިއަޅާ ފަރިޔާދުކުރަމެވެ.”]”

ފަހެ، ނަބިއްޔާ صلى الله عليه وسلم އަށް ތަބާވުމުގައި މުސްލިމުން ފަރުވާތެރިވާން ވާނެއެވެ. އަދި ދީނުގެ ތެރެއަށް އާ ކަންތައްތައް ވައްދައިގެން ނުވާނެއެވެ. ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه­ ވިދާޅުވިއެވެ.

“اتَّبِعُوا وَلَا تَبْتَدِعُوا، فَقَدْ كُفِيتُمْ”. [رواه الدارمي (211)]

މާނައީ: “ތިޔަބައިމީހުން ތަބާވާށެވެ. އަދި ބިދުޢަ ނުހަދާށެވެ. ފަހެ، (އެވަރުން) ތިޔަބައިމީހުންނަށް ފުދޭނެއެވެ.”

نسأل الله تعالى أن يوفقنا لحسن القول والعمل .

والله أعلم .

______________________

ރަސޫލުﷲ صلى ﷲ عليه و سلم ގެ މައްޗަށް ޞަލަވާތް ކިޔަވާނޭ ބައެއް ގޮތްތައް

ޞަލާތުއް ނާރިޔާ އަކީ އޭގައި ޝިރުކުހިމެނޭ ޞަލަވާތެއް

ހުވަފެނުގައި، ނަބިއްޔާ صلى الله عليه وسلم ފެނުން

______________________

މަޞްދަރު