[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުކުރު ދުވަހުގެ ފައިދާތައް ( 6 )

  1. ހުކުރު ދުވަހު، ހުކުރު ނަމާދަށް ހިނައިގަތުމަކީ ވަރަށް މަތިވެރި ގަދަވެގެންވާ ސުންނަތެކެވެ. އެއީ ޖުމްހޫރު ޢިލްމުވެރިން (ގިނަ ޢިލްމުވެރިން) ގެ ރަޢުޔެވެ. އޭގެ ތެރޭގައި މަޝްހޫރު ހަތަރު މަޛްހަބުގެ އިމާމުންވެސް ހިމެނިވަޑައިގަންނަވައެވެ. މިއާ ޚިލާފަށް ޡާހިރީ މަޛްހަބުގައިވާ ގޮތުގައި ހުކުރު ނަމާދަށް ދިޔުމަށް ހިނައިގަތުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ހަމަ މިފަދައިން އިމާމް އަޙުމަދުގެ ރިވާޔަތެއްގައިވެސް އައިސްފައިވެއެވެ. އަދިވެސް މިނޫންވެސް ބައެއް ޢިލްމުވެރިން ވާޖިބެއްކަމުގައި ދެކިލައްވައެވެ. އެބޭކަލުންގެ ދަލީލަކީ އިމާމު ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ މާތް ނަބިއްޔާ صلى الله عليه وسلم ގެ މިޙަދީޘް ބަސްފުޅެވެ.

«الغُسْلُ يَوْمَ الجُمُعَةِ وَاجِبٌ عَلَى كُلِّ مُحْتَلِمٍ» [1]

މާނައީ: “ހުކުރު ދުވަހު ހިނައިގަތުމަކީ ބާލިޣުވެފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ.”

ޖުމްހޫރު ޢިލްމުވެރިން (ގިނަ ޢިލްމުވެރިން) ވާޖިބެއް ނޫންކަމާއި ގަދަވެގެންވާ ސުންނަތެއް ކަމުގައި ވިދާޅުވަނީ އަންނަނިވި ޙަދީޘްފުޅުގެ އަލީގައެވެ. ‏

«مَنْ تَوَضَّأَ يَوْمَ الْجُمُعَةِ فَبِهَا وَنِعْمَتْ، وَمَنِ اغْتَسَلَ فَهُوَ أَفْضَلُ» [2]

މާނައީ: “ހުކުރު ދުވަހު (ހުކުރު ނަމާދަށް) ވުޟޫކޮށްފި މީހަކަށް އެކަން ފުދިގެންވެއެވެ. އަދި ހިނައިގެންފި މިހާ ދަންނާށެވެ. ފަހެ ހިނައިގަތުން އިތުރުކަން ބޮޑުވެގެންވެއެވެ.”

މިމައްސަލައިގައި (ހުކުރު ނަމާދަށް ހިނައިގަތުން ވާޖިބެއްތޯ ނުވަތަ ސުންނަތެއްތޯ) ޖުމްހޫރު ޢިލްމުވެރިންނާއި ޡާހިރީ މަޛްހަބުގެ މިދެރަޢުޔުގެ ތެރެއިން ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އިޚްތިޔާރު ކުރައްވާފައިވަނީ ހުކުރު ދުވަހު ހިނައިގަތުން ވާޖިބުވެގެންވަނީ އެމީހެއްގެ ގައިގައި ހުރި މިލަ ނުވަތަ ހަޑި ވަހެއްގެ ސަބަބުން މީސްތަކުންނަށް އުނދަގުލެއް ވެދާނެ މީހެއްގެ މައްޗަށް ކަމަށެވެ. [3]

 

  1. ހުކުރު ދުވަހު ހުކުރު ނަމާދަށް ދިއުމަށް ހިނައިގަތުން ފެށޭނެ އެންމެ އަވަސް ވަޤުތަކީ ހުކުރު ދުވަހުގެ ފަޖުރުގެ ވަޤުތަށް ފަހުގައެވެ. އޭގެ ކުރިން ހިނައިގެންފި މީހާ އެއީ ހުކުރު ނަމާދަށް ދިއުމަށް ހިނައިގަތް މީހެއްކަމުގައި ނުބެލެވޭނެއެވެ. އަދި އެފަދަ މީހަކަށް މިމަތިވެރި ސުންނަތް އަދާވީކަމުގައިވެސް ނުބެލެވޭނެއެވެ.

އެންމެ އިތުރުކަން ބޮޑުވެގެންވަނީ، ހުކުރު ނަމާދަށް ދިއުމަށް ނުކުތުމާ ހަމައަށް ހިނައިގަތުން ލަސްކުރުމެވެ. [4]

_______________________________

މަޞްދަރު: أربعون فائدة في يوم الجمعة للشيخ محمد صالح المنجد

 

ހުކުރު ދުވަހުގެ ފައިދާތައް: އެހެންބައިތައް

[1]  رواه البخاري ومسلم

[2]  رواه أبوداود، والترمذي، والنسائي، وحسنه الألباني

[3] ބައްލަވާ:  الاختيارات الفقهية (ص17).

[4]  ބައްލަވާ:  المغني، والمجموع، وفتاوى ابن عثيمين.