ނިޞާބުހަމަވުން
ނިޞާބުގެ ތަޢުރީފު
ނިޞާބަކީ؛ އެ މިންވަރެއް ހަމަވުމުން ޒަކާތް ވާޖިބުވާކަމަށް ޝާރިޢު ކަނޑައަޅުއްވާފައިވާ މުދަލުގެ މިންވަރެވެ. އެ މިންވަރަށްވުރެ މަދުވެއްޖެނަމަ ޒަކާތް ވާޖިބެއްނުވާނެއެވެ. ޒަކާތް ދައްކާ މުދަލުގެ ބާވަތަކާގުޅޭގޮތުން އެ މިންވަރު ތަފާތުވާނެއެވެ.([1])
ނިޞާބު ހަމަވުން ޝަރުޠުވެގެންވުން
ޒަކާތް ވާޖިބުމަށްޓަކައި ނިޞާބު ހަމަވުމަކީ ޝަރުޠެކެވެ.
ދަލީލުތައް؛
ފުރަތަމައީ؛ ސުންނަތުން
އަބޫ ސަޢީދުލް ޚުދްރީ رَضِيَ اللهُ عنه ވިދާޅުވިއެވެ. ނަބިއްޔާ صلَّى الله عليه وسلَّم ޙަދީޘްކުރެއްވިއެވެ. ((لَيْسَ فِيمَا دُونَ خَمْسِ أَوَاقٍ صَدَقَةٌ، وَلَا فِيمَا دُونَ خَمْسِ ذَوْدٍ صَدَقَةٌ، وَلَا فِيمَا دُونَ خَمْسِ أَوْسُقٍ صَدَقَةٌ))([2]) މާނައީ: “ފަސް އޫޤިއްޔާ (އެބަހީ؛ 200 ދިރުހަމް) ހަމަނުވާ (ރިހިން) ޒަކާތްދިނުމެއް ނުވެއެވެ. އަދި ފަސް ޖަމަލު ހަމަނުވާނަމަ ޒަކާތްދިނުމެއް ނުވެއެވެ. އަދި ފަސް ވަސަޤު (އެބަހީ؛ ކަދުރާއި ގޮވާމުން 300 ޞާޢު ނުވަތަ ގޮދަނުން ގާތްގަނޑަކަށް 612 ކިލޯ) ހަމަނުވާނަމަ ޒަކާތްދިނުމެއް ނުވެއެވެ.”
ދެވަނައީ؛ އިޖްމާޢުން
ދަނޑު ގޮވާމާއި، މޭވާއާއި މަޢުދަނުން ނޫން މުދަލުން ނިޞާބު ހަމަވާންޖެހޭކަމަށް ޢިލްމުވެރިން އިޖްމާޢުވެފައިވެއެވެ. އިބްނު ޙަޒްމްއާއި،([3]) އަންނަވަވީއާއި،([4]) އިބްނު ޤުދާމާ([5]) މިފަދައިން އިޖްމާޢު ނަޤުލުކުރައްވާފައިވެއެވެ.
ތިންވަނަ ދަލީލަކީ؛ ނިޞާބު ހަމަނުވާމިންވަރަކުން ގާތްކަމާއެކު އެކަކުއަނެކަކަށް މުދާ މިލްކުކޮށްދިނުމެއް ނާންނާނެއެވެ. ފަހެ، އެހެންކަމުން އެފަދަ މުދަލަކުން ޒަކާތް ވާޖިބެއް ނުވާނެއެވެ.([6])
ނިޞާބުގެ މިންވަރު
ނިޞާބަކީ: ގަނޑައެޅިގެންވާ މުދަލަކުން ޝަރުޢީގޮތުން ކަނޑައަޅާފައިވާ ވަކި މިންވަރެކެވެ. އެ މިންވަރަށްވުރެ މަދުވެއްޖެނަމަ އެ މުދަލަކުން ޒަކާތް ވާޖިބެއް ނުވާނެއެވެ. ރަނުގެ ނިޞާބަކީ 20 މިޘްޤާލެވެ. އެ މިންވަރު އެއްވަރުވާނީ 85 ގުރާމް ޚާލިޞް ރަނާއެވެ. ރިހީގެ ނިޞާބަކީ 200 ދިރުހަމެވެ. އެ މިންވަރު އެއްވަރުވާނީ 595 ގުރާމް ޚާލިޞް ރިއްސާއެވެ. ދަނޑުގޮވާމުންނާއި މޭވާގެ ނިޞާބަކީ 5 ވަސަޤެވެ. އެ މިންވަރު އެއްވަރުވާނީ 612 ކިލޯ ގޮދަނާއެވެ. ޖަމަލުގެ ނިޞާބަކީ 5 ޖަމަލެވެ. ގެރީގެ ނިޞާބަކީ 30 ގެރިއެވެ. ބަކަރީގެ ނިޞާބަކީ 40 ބަކަރިއެވެ.([7])
ނިޞާބު ހަމަވާނެކަމަށް ބަލާނެ ވަގުތު
މުޅި ޙައުލު (އަހަރު) ތެރޭގައި ފުރިހަމައަށް ނިޞާބު ހަމަވެފައި ހުރުން ވާޖިބުވާނެއެވެ. ފަހެ، ޙައުލުގެ ތެރޭގައި ކުޑަވަގުތުކޮޅަކަށްނަމަވެސް ނިޞާބަށްވުރެ އުނިވެއްޖެނަމަ ޙައުލު މެދުކެނޑޭނެއެވެ. އަލުން ނިޞާބު ހަމަވާ އިރަކުން ފަށައިގެން އަލުން ޙައުލު ގުނަންފަށާނީއެވެ. މިއީ ޖުމްހޫރު ޢިލްމްވެރިންކަމުގައިވާ: މާލިކީ،([8]) ޝާފިޢީ،([9]) އަދި ޙަންބަލީ([10]) މަޛްހަބުގެ ރައުޔެވެ. އަދި ޙަނަފީ މަޛްހަބުގެ ޢިލްމުވެރިއެއްކަމުގައިވާ ޒުފަރުގެ ބަސްފުޅެވެ.([11])
އެއީ؛ މުޅި ޙައުލުގެ ތެރޭގައި ނިޞާބު ފުރިހަމަވެފައިހުރުމަކީ ޒަކާތް ވާޖިބުވުމުގެ ޝަރުޠެކެވެ. އެހެންކަމުން، މި ޙާލަތުގައި އެ ޝަރުޠު ހަމައެއްނުވެއެވެ.([12])
ދަރަންޏެއް އޮތުމަކީ ޒަކާތް ވާޖިބުވުން މަނާކުރާކަމެއްތަ؟
މީހެއްގެ މައްޗަށް ދަރަންޏެއް އޮތުމަކީ ޒަކާތް ވާޖިބުވުން މަނާވާނެކަމެއް ނޫނެވެ. މިއީ ޝާފިޢީ،([13]) އަދި ޡާހިރީ([14]) މަޛްހަބުގެ ރައުޔެވެ. ކުރީގެ ސަލަފުންގެ ތެރެއިން ޖަމާޢަތެއްގެ ބޭކަލުން މިފަދައިން ވިދާޅުވެއެވެ.([15]) އަދި އަބޫ ޢުބައިދު އަލްޤާސިމް ބުން ސައްލާމާއި،([16]) އިބްނު ބާޒާއި،([17]) އިބްނު ޢުޘައިމީން([18]) މިގޮތް އިޚްތިޔާރުކުރައްވާފައިވެއެވެ.
ދަލީލުތައް؛
ފުރަތަމައީ؛ ޤުރްއާނުން
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا)) (التوبة: 103) މާނައީ: “އޭގެސަބަބުން ކަލޭގެފާނު އެބައިމީހުން ޠާހިރުކުރައްވާނޭ، އަދި އެބައިމީހުންގެ ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް، އެބައިމީހުންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!”
ދަލީލުނެގޭ ގޮތް:
މި ނައްޞުގެ ޢާއްމު މާނައިން ދަލީލުކުރަނީ މުދަލުން ޒަކާތް ވާޖިބުވާކަމަށެވެ. އެއީ ދަރަންޏެއް އޮތްނަމަވެސް އަދި ދަރަންޏެއް ނެތް ނަމަވެސްމެއެވެ.([19])
ދެވަނަ ދަލީލަކީ: ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ، ޒަކާތް ނެންގެވުމަށްޓަކައި އެކަލޭގެފާނުގެ ޢާމިލުން، ނަޢަމްސޫފި ގެންގުޅޭ މީހުންގެ ގާތަށާއި، ދަނޑުގޮވާމާއި މޭވާގެ އަހުލުވެރިންގެ ގާތަށް ފޮނުއްވާފައިވެއެވެ. މިގޮތަށް ފޮނުއްވާފައިވާއިރު، އެބައިމީހުންގެ ގާތަށް ވަޑައިގެން ދަރަންޏެއް އޮތްތޯ ނުވަތަ ނެތްތޯ ސާފުކުރެއްވުމަށް އެ ބޭކަލުންނަށް އަންގަވާފައެއް ނުވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައި ދަނޑުގޮވާމާއި މޭވާގެ އަހުލުވެރިންގެ ގިނަމީހުންނަކީ، އެބައިމީހުންގެ މައްޗަށް ދަރަނި އޮންނާނެ މީހުންނެވެ. އެހެނީ، އަހަރެއް ނުވަތަ ދެ އަހަރުގެ މޭވާ ކުރިއަށް ވިއްކުމަކީ އެބައިމީހުންގެ އާދައެކެވެ. މި ޙާލަތުގައި، ދަނޑުގެވެރިޔާގެ މައްޗަށް ކުރިން ވިއްކުމުގެ ސަބަބުން އޮންނަ ދަރަނި އޮންނާނެއެވެ. މިގޮތަށް މިކަން އޮތްއިރުވެސް، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އެބައިމީހުންގެ މޭވާތައް މިންކުރައްވައި، އެބައިމީހުން ލައްވާ އެއިގެން ޒަކާތް ނެރުއްވާފައެވެ.([20])
ތިންވަނަ ދަލީލަކީ: ޒަކާތް ދެއްކުމަށް އަމުރުކުރައްވާފައިވާ ނައްޞުތަކުން ދޭހަވަނީ (ދަރަނި އޮތްނަމަވެސް) ޒަކާތް ދެއްކުމަށެވެ. ދަރަނީގެ ސަބަބުން ޒަކާތް ދައްކަންނުޖެހޭނެކަމަށް ޤުރްއާނާއި، ސުންނަތުގެ ޞައްޙަ އަދި ޞައްޙަ ނޫން ޙަދީޘަކުންވެސް، އަދި އިޖްމާޢުއަކުންވެސް އައިސްފައެއްނުވެއެވެ.([21])
ހަތަރުވަނަ ދަލީލަކީ: ޒަކާތް ގުޅިފައިވަނީ ކަނޑައެޅިފައިވާ މުދަލެއް މިލްކުވުމާއި، އެ މުދަލުގެ މައްޗަށް ތަޞައްރުފު އޮތުމުގެ މައްޗަށެވެ. އެއްވެސްޙާލެއްގައި، ޒަކާތް ދައްކާމީހާގެ މައްޗަށް ވާ މުދަލުގެ ޒިންމާއަކަށްނޫނެވެ.([22])
ފަސްވަނަ ދަލީލަކީ: (ދަރަންޏެއް އޮތްނަމަވެސް) އެމީހެއްގެ އަތުގައިވާ މުދަލަކީ އެމީހާގެ މިލްކަކަށްވާތީވެ، އެ މުދަލުން އެމީހަކަށް ބޭނުންކުރެވޭނެތީ އެމީހާގެ މައްޗަށް ޒަކާތް ނެރުން ލާޒިމުކުރުން ވާޖިބުވާނެއެވެ.([23])
__________________________________
([1]) ((بداية المجتهد)) لابن رشد (1/254)، ((أحكام وفتاوى الزَّكاة والنذور والكفارات)) – بيت الزَّكاة الكويتي (ص: 19)، ((الشرح الممتع)) لابن عُثيمين (6/16).
([2]) رواه البخاري (1405)، ومسلم (979).
([3]) އިބްނު ޙަޒްމް ވިދާޅުވިއެވެ. “ޒަކާތް ދައްކަންޖެހޭ އެންމެހާ އެއްޗަކުން ނިޞާބަށްވުރެ މަދުނަމަ، (ނިޞާބު ހަމަވާވަރަށް) އެކިވައްތަރުގެ މުދާ އެއްވެގެންނުވަނަމަ، އެމީހެއްގެ މައްޗަށް ޒަކާތް ދެއްކުމެއް ނެތްކަމުގައި ޢިލްމުވެރިން އިއްތިފާޤުވެލައްވާފައިވެއެވެ.” ((مراتب الإجماع)) (37).
([4]) އަންނަވަވީ ވިދާޅުވެފައިވެއެވެ. “ނަޢަމްސޫތްޕާއި ފައިސާއާއި، ވިޔަފާރީގައި ނިޞާބު ހަމަވުމުގެ ކުރިން ޒަކާތް ދެއްކުން ހުއްދައެއްނުވާނެއެވެ. މިކަމުގައި ޚިލާފެއްނެތެވެ.” ((المجموع)) (6/146).
([5]) އިބްނު ޤުދާމާ ވިދާޅުވިއެވެ. “ނިޞާބު މިންވަރަށް މުދާ މިލްކު ނުވަނީސް ޒަކާތް އަވަސްކުރުން ހުއްދަވެގެންނުވެއެވެ. ތިމަންމެނަށް މިކަމާބެހޭގޮތުން އެނގިފައިވާ މިންވަރަށް ބަލާއިރު މިކަމުގައި ޚިލާފައެއްނެތެވެ.” ((المغني)) (2/471).
([6]) ((المجموع)) للنووي (5/359)، ((الشرح الممتع)) لابن عُثيمين (6/16).
([7]) ((أحكام وفتاوى الزَّكاة والنذور والكفارات)) – بيت الزَّكاة الكويتي (ص 19).
([8]) ((مواهب الجليل)) للحطاب (3/82)، ((منح الجليل شرح مختصر خليل)) لمحمد عليش (2/4).
([9]) ޝަފިޢީ މަޛްހަބުގައި ވިޔަފާރީގެ ޒަކާތް އިސްތިސްނާކުރައްވައެވެ. މި މަޛްހަބުގައި ނިޞާބުބަލަންޖެހޭނީ ޙައުލުގެ ފަހުކޮޅުގައެވެ. އެއީ؛ ވިޔަފާރިއަށް އަންނަ ގިނަ ތަފާތުތަކާހުރެއެވެ. ينظر: ((المجموع)) للنووي (6/19)، ((تحفة المحتاج)) لابن حجر الهيتمي (3/234).
([10]) ((الإقناع)) للحجاوي (1/246)، ((شرح منتهى الإرادات)) للبهوتي (1/395).
([11]) އިބްނުލް ހުމާމް ވިދާޅުވެފައިވެއެވެ. “ޙައުލު ފެށިގެންގޮސް ޙައުލުގެ ފަހަށް ދާންދެން ނިޞާބު ހަމަވުމަށް ޒުފަރު ޝަރުޠުކުރައްވައެވެ. އަދި ނަޢަމްސޫތްޕަށާއި، ރަނާއި ރިއްސަށް މިގޮތަށް ޝާފިޢީ ޝަރުޠުކުރައްވައެވެ. އަދި މި ދެއްވައްތަރުނޫން ތަކެއްޗަށް ނިޞާބު ބަލާނީ ޙައުލުގެ ފަހުކޮޅުގައި އެކަނިކަމަށް ވިދާޅުވެއެވެ.” ((فتح القدير)) (2/221).
([12]) ((كشاف القناع)) للبهوتي (2/178).
([13]) ((المجموع)) للنووي (5/ 344)، ويُنظر: ((الحاوي الكبير)) للماوردي (3/309)، ((البيان في مذهب الإمام الشافعي)) العمراني (3/147).
([14]) އިބްނު ޙަޒްމު ވިދާޅުވެފައިވެއެވެ. “މިއީ ޝާފިޢީއާއި އަބޫ ސުލައިމާންއާއި، އެނޫން ބޭކަލުންގެ ބަސްފުޅެވެ.” ((المحلى)) (4/219) رقم (695).
([15]) ((الحاوي الكبير)) للماوردي (3/309).
([16]) އަބޫ ޢުބައިދު ވިދާޅުވިއެވެ. “(މީހެއްގެ އަތުގައި އެއްހާސް ދިރުހަމް އޮވެފައި، އަދި އެމީހާ ދައްކަންޖެހޭ އެއްހާސް ދިރުހަމްގެ ދަރަންޏެއް އޮވެފައި، އަދި އެމީހާގެ ވިޔަފާރީގެ މުދަލެއްގެގޮތުގައި އެއްހާސް ދަރުހަމް އޮވެއްޖެނަމަ) އެހެން ބޭފުޅުން ބުރަވެވަޑައިގަންނަވަނީ، ވިޔަފާރީގެ މުދަލުގެގޮތުގައި އޮތް މުދަލަކީ އެމީހާއަށް މިލްކުވާނެ މުދަލެކެވެ. އެހެންކަމުން، އެ މުދާ އެމީހާގެ ދަރަނީގެ މަޤާމަށްލައިފައި، އެމީހާގެ އަތުގައި އޮތް އެއްހާސް ދިރުހަމުން ޒަކާތް ދެއްކުން އެމީހާގެ މައްޗަށްވެއެވެ. މިއީ ތިމަންގެ ގާތުގައިވެސް ބަހެވެ. އެހެނީ، ވަގުތަށް ބަލާއިރު، ދަރަންޏަށްވުރެ އަތުގައި އޮތް އެއްހާސް ދިރުހަމް ގިނަވިނަމަވެސް މިލްކުވެރިޔަކީ އެމީހާއެވެ. އެމީހާގެ އަތުގައި އެއްހާސް ދިރުހަމް ނެތްނަމަ، ދަރަނި ދިން ފަރާތުން ދަރަނީގެ ބަދަލުގައި ވިޔަފާރި މުދަލަށްވި (އެއްހާސް ދިރުހަމް) އަތުލެވޭނެކަން ތިބާއަށް އެނގޭނެއެވެ.” ((الأموال)) للقاسم بن سلام (ص: 536، 537).
([17]) އިބްނު ބާޒު ވިދާޅުވިއެވެ. “ތިންވަނަ ބަހަކީ: އެ އެންމެހާ މުދަލަކުން ޒަކާތް ވާޖިބުވާނެއެވެ. އެއީ ބޭރުފުށަށް ފެންނަން ހުންނަ މުދަލުން ޒަކާތް ވާޖިބުވާނެކަމަށް ބަޔާންކޮށްފައިވާ ދަލީލުތަކުގެ އަލީގައެވެ. މުދަލުގެ ވެރިފަރާތުގެ މައްޗަށް ދަރަންޏެއް އޮތްނަމަ، ޒަކާތް ވާޖިބުކަމަށް ދަލީލުކުރާ ދަލީލުތަކުން ދަލީލުކޮށްދެނީ ބޭރުފުށަށް ފެންނަ، އަދި ނުފެންނަ މުދަލުންވެސް ޒަކާތް ދިނުމަށެވެ. އަދި ދަރަންޏަށް ސަމާލުކަމެއް ދެވިފައިވާ ތަނެއް އެ ދަލީލުތަކަކުން ނުފެނެއެވެ. އެހެންކަމުން، ޢާއްމުކޮށް ޒަކާތް ދިނުން ވާޖިބުވާނެއެވެ. މިއީ ރަބީޢަތު ބުން އަބީ ޢަބްދިއްރަޙްމާން އާއި، ޙައްމާދު ބުން އަބީ ސުލައިމާންއާއި، ޝާފިޢީގެ ފަހުގެ ބަސްފުޅެވެ. އަދި ރަނގަޅު ގޮތަކީވެސް މިއެވެ.” ((مجموع فتاوى ابن باز)) (14/49، 50).
([18]) އިބްނު ޢުޘައިމީން ވިދާޅުވިއެވެ. “ތިމަންގެ ގާތުގައި އެންމެ ރާޖިޙުގޮތަކީ: ބޭރުފުށަށް ފެންނަ، އަދި ނުފެންނަ މުދަލުންވެސް ޒަކާތް ދިނުމަށެވެ. އެ މުދަލުގެ ވެރިޔާގެ މައްޗަށް އަދާކުރަންޖެހިފައިވާ ދަރަންޏެއް އޮތްނަމަވެސްމެއެވެ. އެއީ؛ މުދަލުގެ ޒަކާތް ވާޖިބުކަމަށް ދަލީލުކުރާ ދަލީލުތަކުން ޢާއްމުކޮށް ދަލީލުކޮށްދޭތީއެވެ. ޒަކާތަކީ ގާތްކަމާއެކު މުދާ މިލްކުކޮށްދޭކަމެއްކަމަށް އަހަރެމެން ބުނާއިރު، މި ޢާއްމު ގޮތް ޚާއްޞަކުރުމެއް ނުވެއެވެ. ޒަކާތަކީ އަޅުކަމެއްކަމަށްވުމާއެކު، ގާތްކަމާއި އެކުވެރިކަމަށް ގޮވާލައްވާފައިވާ މިންވަރަށްވުރެ ޒަކާތަށް ގޮވާލައްވާފައިވެއެވެ. އެހެނީ، އެއީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ގާތްކަމާއި އެކުވެރިކަމަކީ (ޒަކާތުގެ) ޢިއްލަތެކެވެ.” ((مجموع فتاوى ورسائل العُثيمين)) (18/37). އަދިވެސް ވިދާޅުވެފައިވެއެވެ. “ތިމަން ރާޖިޙުކުރާގޮތަކީ: މުޠުލަޤުކޮށް ޒަކާތް ވާޖިބުވާނެއެވެ. އެއީ ނިޞާބުގެ މިންވަރަށްވުރެ (މުދަލުގެ މިންވަރު) ދަށްވާނެފަދަ ދަރަންޏެއް އޮތްނަމަވެސްމެއެވެ. ޒަކާތުގެ ޙައުލު ހަމަވުމުގެ ކުރިން ދައްކަންޖެހިފައިވާ ދަރަންޏެއް އޮތް ޙާލަތު ފިޔަވައެވެ. މިޙާލަތުގައި؛ ދަރަނި އަދާކުރުމަށްފަހު ބާކީ އޮންނަ އެއްޗަކުން ޒަކާތް ދޭނީއެވެ. އެއީ ޒިންމާ ބަރީއަކުރުމުގެ ގޮތުންނެވެ. އަހަރެމެންގެ ބަހަކީ މިއީކަމަށްވާއިރު، މީގެ ސަބަބުން ދަރަނިވެރިން ދަރަނިތައް ދެއްކުމަށް އަހަރެމެން ބާރުއަޅަނީއެވެ. އެއްލައްކަ ދަރަނީގެ ގޮތުގައި ދައްކަންޖެހިފައިވާމީހަކު، އެމީހާގެ އަތުގައި އެއްލައްކަ ފަންސާސްހާސް އޮވެފައި، އެ ދަރަންޏަކީ އެވަގުތު ދައްކަންޖެހިފައިވާ ދަރަންޏެއްނަމަ، އަހަރެމެން މި ބުނަނީ: ދަރަނި ދައްކާށެވެ. އެހެންނޫނީ، ތިބާގެ މައްޗަށް އެ އެއްލައްކަ އިންވެސް ޒަކާތް ވާޖިބުވާނެއެވެ.” ((الشرح الممتع)) (35/6).
([19]) ((المحلى)) لابن حزم (4/220) رقم (695).
([20]) ((الشرح الممتع)) لابن عُثيمين (6/30).
([21]) ((المحلى)) لابن حزم (4/220) رقم (695)، ((نهاية المحتاج)) للرملي (3/132)، ((الشرح الممتع)) لابن عُثيمين (6/30).
([22]) ((الحاوي الكبير)) للماوردي (3/310)، ((المجموع)) للنووي (5/343)، ((مجموع فتاوى ورسائل العُثيمين)) (18/36)، ((الشرح الممتع)) لابن عُثيمين (6/32).
([23]) ((الحاوي الكبير)) للماوردي (3/310)، ((مجموع فتاوى ورسائل العُثيمين)) (18/36).