[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒަކާތާބެހޭ ފިޤްހު (15): ޖަމްޢިއްޔާތަކުގެ މުދަލުން ޒަކާތްދޭންޖެހޭތަ؟

ޢާއްމު މުދަލުން ޒަކާތް ނެރުމުގެ ޙުކުމް

ޢާއްމު މުދަލުގެ ތަޢުރީފު

ޢާއްމު މުދަލަކީ: ޢާއްމުމީހުންގެ މަންފާއަށް ބޭނުންކުރާ، ވަކި ޚާއްޞަ މީހެއްގެ ނުވަތަ ވަކި ޚާއްޞަ ފަރާތެއްގެ މިލްކަކަށްނުވާ މުދަލެވެ. މީގެ މިސާލަކީ: މުސްލިމުންގެ ބައިތުލްމާލަށް ވަންނަ މުދަލާއި، މި ޒަމާނުގައި ކިޔާ ޕަބްލިކް ސެކްޓަރގެ މުދަލެވެ. މި ވައްތަރުގެ މުދަލުގެ ޙުކުމުގެ ތެރެއަށް: ޢިލްމީ، އަދި ހެޔޮކަން ފޮރުވައިދޭ، އަދި އިޖްތިމާޢީ މުއައްސަސާތަކާއި ޖަމްޢިއްޔާތައް ވަންނާނެއެވެ.(1)

ޢާއްމު މުދަލުން ޒަކާތް ދެއްކުމުގެ ޙުކުމް

ޢާއްމު މުދަލުން ޒަކާތް ދެއްކުން ވާޖިބެއް ނުވާނެއެވެ. މިގޮތަށް (ސަޢޫދިޢަރަބިއްޔާގެ ފަތުވާ ކޮމެޓީ) ލަޖްނަތުއް ދާއިމާގެ ޤަރާރުގައާއި،(2) މި ޒަމާނުގެ ޒަކާތުގެ މައްސަލަތަކާބެހޭ ނަދުވާތަކުން ޤަރާރުނެރުއްވާފައިވެއެވެ.(3) އެއީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ.

ފުރަތަމައީ: ޢާއްމު މުދަލުގައި، އެ މުދާ މިލްކުވެފައިވާ ވަކި ޚާއްޞަ ފަރާތެއް ނުހުންނާނެއެވެ. ޒަކާތް ވާޖިބުވުމުގެ ޝާރުޠުތަކުގެ ތެރޭގައި ފުރިހަމައަށް މިލްކުވުންކަމުގައިވާ: އެ މުދަލެއް އަޢިނިއްޔަގޮތެއްގައި މިލްކުވެފައިވުމާއި، މިލްކުވެފައި އަތުގައި އޮތުމާއި، މުދާ ހޭދަކުރުމުގެ ބާރުވެރިކަން މިލްކުވުމާއި، އެ މުދަލެއްގެ ފައިދާ އެމީހަކަށް ލިބުމެވެ.(4)

ދެވަނައީ: ޒަކާތަކީ (އަނެކާއަށް) މިލްކުކޮށްދެވޭ ކަމެކެވެ. އެހެންކަމުން، މީހެއްގެ މިލްކުގައި ނުވާ އެއްޗެއް މިލްކުކޮށެއް ނުދެވޭނެއެވެ.(5)

ފައިދާ ހޯދާ ޢާއްމު މުދަލުގެ ޙުކުމް

ދައުލަތަށް އެއްކޮށް މިލްކުވެފައިވާ މުއައްސަސާތައް މެދުވެރިކޮށް ފައިދާ ޙާޞިލުކުރާ ޢާއްމު މުދަލުން ޒަކާތް ވާޖިބެއް ނުވާނެއެވެ. މި ޒަމާނުގެ ޒަކާތުގެ މައްސަލަތަކާބެހޭގޮތުން ބޭއްވުނު 13 ވަނަ ނަދުވާގައި މިގޮތަށް ފަތުވާދެވިފައިވެއެވެ.(6) އެހެނީ؛ ޒަކާތް ވާޖިބުވުމުގެ ޝަރުޠުތަކުގެ ތެރޭގައި؛ ޢައިނިއްޔަ ފަރާތަކަށް ފުރިހަމައަށް އެ މުދަލެއް މިލްކުވުންވެއެވެ.(7)

_____________________________________

(1) ((أحكام وفتاوى الزَّكاة)) من فتاوى ندوات الزَّكاة قضايا الزَّكاة المعاصرة (الندوة الثامنة) سنة (1998م) (ص 101).

(2) ލަޖްނަތުއްދާއިމާގެ ފަތުވާގައިވެއެވެ. “ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ބިނާކޮށް، ނަންގަނެވުނު މުއައްސަސާތަކުގެ މުދާތަކަކީ އެއްވެސްމީހެއްގެ މިލްކަކަށް ނުވާ މުދާތަކެކެވެ. އެހެނެއްކަމަކު، އެ މުދާތަކަކީ؛ އިސްލާމްދީނަށް ދަޢުވަތުދިނުމާއި، މިސްކިތްތައް ބިނާކުރުމާއި، ފަޤީރުންނަށް ހޭދަކުރުންފަދަ ޢާއްމު ހެޔޮކަންކަމަށް ހޭދަކުރުމަށް ކަނޑައަޅާފައިވާ މުދާތަކެކެވެ. ފަހެ، ލަޖްނަތުއްދާއިމާއިން ފަތުވާދެނީ؛ މިފަދަ މުދަލުންނާއި، މިފަދަ މުދަލާ އެއްވައްތަރު، ވަކި މީހަކަށް މިލްކުނުވާގޮތަށް، ޢާއްމު މަންފާއަށްޓަކައި ހޭދަކުރުމަށް ކަނޑައެޅިފައިވާ މުދަލުން ޒަކާތެއް ނުވާކަމަށެވެ. އެހެނީ، ބަޔާންކުރެވުނު ޙާލަތްތަކުގެ ޙުކުމަކީ ވަޤްފުގެ ޙުކުމެވެ.” ((فتاوى اللَّجنة الدَّائمة – المجموعة الأولى)) (9/294).

(3) ((أحكام وفتاوى الزَّكاة)) من فتاوى ندوات الزَّكاة قضايا الزَّكاة المعاصرة (الندوة الثامنة) سنة (1998م) (ص 101).

(4) ((ندوات قضايا الزَّكاة المعاصرة – الندوة الثامنة)) (ص: 422).

(5) ((حاشية الشلبي)) مع ((تبيين الحقائق)) للزيلعي (1/252).

(6) ((أحكام وفتاوى الزَّكاة)) من فتاوى ندوات الزَّكاة قضايا الزَّكاة المعاصرة (الندوة الثالثة عشر) سنة (2004م) (ص 102).

(7) ((أحكام وفتاوى الزَّكاة)) من فتاوى ندوات الزَّكاة قضايا الزَّكاة المعاصرة (الندوة الثالثة عشر) سنة (2004م) (ص 102).