[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ރަސޫލާ صلّى الله عليه وسلّم ގެ ޙައްޤުތައް

އިސްލާމްދީނަށް މީހަކަށް ވަދެވޭހުށީ ޝަހާދަތުގެ ދެ ކަލިމަ ކިޔައިގެންނެވެ. އެ ދެ ކަލިމައަށް އީމާންވެ، ތެދުހިތުން ޤަބޫލުކުރުމަކީ އެފަދަ މީހެއްގެ މައްޗަށް ލާޒިމުވާނޭކަމެކެވެ.

މިގޮތުން ޝަހާދަތުގެ ދެވަނަ ކަލިމަކަމުގައިވާ ((وَأَشْهَدُ أَنَّ مُحَمَّداً رَسُولُ اللهِ)) “އަދި މުޙައްމަދުގެފާނަކީ ﷲގެ ރަސޫލާކަމަށް ހެކިވަމެވެ.” މި ކަލިމަ ތެދުހިތުން ކިޔައިފިމީހަކުކަމުގައިވާނަމަ، އެކަލޭގެފާނަށް ދޭންޖެހޭ ޙައްޤުތައް ދޭންޖެހޭނެއެވެ. އެ ޙައްޤުތައް ދޭދިނުމުގެ މައްޗަށް ބިނާކޮށް، އެމީހަކީ މި ކަލިމައިގެ މައްޗަށް ކިހާވަރެއްގެ އިޚްލާޞްތެރިކަން ހުރި މީހެއްކަން ވަޒަންކުރެވޭނެއެވެ. މި ޙައްޤުތައް ނުދީ، ހަމައެކަނި މި ކަލިމަ ކިޔާލާކިޔާލުމަކުން މަންފާނުކުރާނެއެވެ.

އެހެންކަމުން މި ޙައްޤުތައް އެކަލޭގެފާނަށް އަދާކުރުމަށްޓަކައި، މި ޙައްޤުތަކަކީ ކޮބައިކަން ދެނެގަތުމަކީ މުސްލިމަކަށް މުހިއްމުވާނޭ އެންމެ މުހިއްމު އެއްކަމެވެ. މިގޮތުން، އެކަލޭގެފާނަށް އަދާކޮށްދޭންޖެހޭ އަންނަނިވި 10 ޙައްޤުވެއެވެ.

(1) އެކަލޭގެފާނަށް އީމާންވުން: އެކަލޭގެފާނަށް އީމާންވުމަކީ ޝަހާދަތުގެ ދެވަނަ ކަލިމައެވެ. އެކަލޭގެފާނަށް އީމާންވެގެން މެނުވީ މީހެއްގެ އީމާންކަމެއް ޞައްޙައެއްނުވާނެއެވެ. އެކަލޭގެފާނަށް އީމާންވުމަކީ: އެކަލޭގެފާނަކީ މާތް ﷲ ފޮނުއްވި އެންމެ ފަހުގެ ރަސޫލާ އަދި ނަބިއްޔާކަމަށް ހެކިވުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((فَآمِنُوا بِاللَّهِ وَرَسُولِهِ وَالنُّورِ الَّذِي أَنْزَلْنَا )) (التغابن: 8) މާނައީ: “ފަހެ، ތިޔަބައިމީހުން ﷲ އަށާއި، އެކަލާނގެ ރަސޫލާއަށާއި، ތިމަންރަސްކަލާނގެ ބާވައިލެއްވި ނޫރަށް (އެބަހީ: ޤުރްއާނަށް) އީމާންވާށެވެ!”

(2) އެކަލޭގެފާނުދެކެ ލޯބިވުން: އިންސާނުންކުރެ އެންމެ ބޮޑަށް ލޯބިވާންޖެހޭ ފަރާތަކީ އެކަލޭގެފާނެވެ. އެކަލޭގެފާނަށް ލޯބިވުމުގެ ތެރޭގައި: އެކަލޭގެފާނު މަތިން ހަނދުމަކުރުމާއި، އެކަލޭގެފާނާ ބައްދަލުވުމުގެ ޝައުޤުވެރިކަންހުރުމާއި، އެކަލޭގެފާނުގެ ސިޔަރަތު ގިނަގިނައިން ކިޔުން ހިމެނެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((قُلْ إِنْ كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُمْ مِنَ اللَّهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّى يَأْتِيَ اللَّهُ بِأَمْرِهِ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ)) (التوبة: 24) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، އަޚުންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދާތަކާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތްރުހޭ ގެދޮރާއި (މިހުރިހައި ތަކެތި) ﷲ އާއި، އެކަލާނގެ ރަސޫލާއާއި، އެކަލާނގެ މަގުގައި ޖިހާދު ކުރުމަށްވުރެން، ތިޔަބައިމީހުންނަށް ލޯބިވެތި ކަމުގައިވާނަމަ، ﷲގެ އަމުރުފުޅު އަތުވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ބަލަބަލައި ތިބޭށެވެ! ފާސިޤުވީ މީހުންނަށް، ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.” އަދި އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ((لاَ يُؤْمِنُ أَحَدُكُمْ، حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ)) (البخاري) މާނައީ: “އެމީހެއްގެ މައިންބަފައިންނާއި، ދަރިންނާއި، އަދި އެންމެހާ މީސްތަކުންނަށްވުރެ އެމީހެއްގެ ގާތުގައި ތިމަންކަލޭގެފާނު ލޮބުވެތިވެއްޖެއުމަށްދާންދެން އެމީހެއްގެ އީމާންވިކަމުގައި ނުވެއެވެ.”

(3) އެކަލޭގެފާނަށް ކިޔަމަންވުން: އެބަހީ: އެކަލޭގެފާނު އަމުރުކުރެއްވިކަމެއްނަމަ އެކަމެއް ކުރުމާއި، ނަހީކުރެއްވިކަމެއްނަމަ އެކަމަކުން ދުރުހެލިވުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((قُلْ أَطِيعُوا اللَّهَ وَالرَّسُول)) (آل عمران: 32) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، ﷲއަށާއި، ރަސޫލާއަށް ކިޔަމަންވާށެވެ!”

(4) އެކަލޭގެފާނަށް ތަބާވުން: އެބަހީ: އަޅުކަމެއްކުރާކަމުގައިވާނަމަ، އަދި އެކަލޭގެފާނު ވަކިގޮތަކަށް ކަމެއްކުރުމަށް އަންގަވާދެއްވާފައިވާ ގޮތް ބަލައި އެގޮތަކަށް ޢަމަލުކުރުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ)) (الأعراف: 158) މާނައީ: “އަދި ތިޔަބައިމީހުން، އެކަލޭގެފާނަށް ތަބަޢަވާށެވެ! (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.”

(5) ނަމޫނާއެއްގެގޮތުގައި އެކަލޭގެފާނު ބެލުން: އެބަހީ: ކަންކަންކުރާނެގޮތުގެ ނަމޫނާއަކީ އެކަލޭގެފާނު ކަމުގައި ބަލައި، އެކަލޭގެފާނު އުގަންނަވައިދެއްވި ގޮތަށް އެކަންކަން ކުރުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ)) (الأحزاب: 21) މާނައީ: “ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ.”

(6) އެކަލޭގެފާނު މާތްކުރުން: އެކަލޭގެފާނު މާތްކޮށް، މަތިވެރިކުރުމަކީ ވާޖިބުވާނެކަމެކެވެ. އެކަލޭގެފާނަށް މަލާމާތްކޮށް، ކުޑައިމީސްކޮށްފިމީހަކީ ދީނުން ބޭރުވާނެ މީހެކެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((لَّا تَجْعَلُوا دُعَاءَ الرَّسُولِ بَيْنَكُمْ كَدُعَاءِ بَعْضِكُم بَعْضًا)) (النور: 63) މާނައީ: “ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ގޮވައިއުޅޭފަދައިން ތިޔަބައިމީހުންގެ މެދުގައި ރަސޫލާއަށް ގޮވައިނޫޅޭށެވެ!”

(7) އެކަލޭގެފާނުގެ ހައިބަތު މަތިވެރިކުރުން: އެބަހީ: އެކަލޭގެފާނުގެ ނަންފުޅާއި، ޙަދީޘްފުޅުތަކާއި، ސުންނަތާއި، ޝަރީޢަތާއި، އާލުބައިތުންނާއި، ޞަޙާބީ ބޭކަލުންފަދަ އެކަލޭގެފާނާ ގުޅުންހުރި އެންމެހާކަމަކަށް އިޙްތިރާމުކުރުމެވެ. މިސަބަބާހުރެ މާތް ﷲ ވަނީ އެކަލޭގެފާނަށްފަހު، އެކަލޭގެފާނުގެ އެއްވެސް އަނބިކަނބަލަކު އެހެންމީހަކާ ކައިވެނިކުރުން ޙަރާމްކުރައްވާފައެވެ. އަދި އެކަލޭގެފާނުގެ ނަންފުޅު މަތިވެރިކުރައްވާފައެވެ.

(8) އެކަލޭގެފާނުގެ މަގަށް ނަޞޭޙަތްތެރިވުން: އެބަހީ: އެކަލޭގެފާނަށް އީމާންވުމަށާއި، އެކަލޭގެފާނުދެކެ ފުރިހަމަ ލޯތްބެއްވުމަށާއި، އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމަށް ނަޞޭޙަތްތެރިވުމެވެ. އަދި އެކަލޭގެފާނުގެ ދަޢުވަތު ފެތުރުމާއި، އެކަލޭގެފާނުގެ ޢަދުއްވުންނާ ޢަދާވާތްތެރިވުމާއި، އެކަލޭގެފާނުގެ އަބުރުފުޅު ދިފާޢުކުރުމެވެ.

(9) އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންދެކެ ލޯބިވުން: އެކަލޭގެފާނުދެކެ ލޯބިވުމުގެ ތެރޭގައި އެކަލޭގެފާނު ލޯބިވެވަޑައިގެންނެވި ފަރާތްތައްދެކެ ލޯބިވުން ހިމެނެއެވެ.

(10) އެކަލޭގެފާނަށް ޞަލަވާތްކިޔެވުން: މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. ((إِنَّ اللَّـهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا)) (الأحزاب: 56) މާނައީ: “ހަމަކަށަވަރުން، ﷲއާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ބަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާ ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާ ކުރާށެވެ!” ދުޢާކުރާ ވަގުތާއި، ހުކުރުދުވަހާއި، އެކަލޭގެފާނުގެ ނަންފުޅު އަޑުއިވޭހިނދުގައްޔާއި، މިސްކިތަށް ވަންނައިރުއާއި ނުކުންނައިރުއާއި، ކަށުނަމާދުގައި އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔެވުން ޚާއްޞަވެގެންވެއެވެ.