ކުފުރުގެ ދެ ވައްތަރެއްވެއެވެ. އެއީ ބޮޑު ކުފުރާއި ކުޑަ ކުފުރެވެ.
ބޮޑު ކުފުރަކީ: މިއްލަތުން ބޭރުކުރުވާ ކުފުރެވެ.
އޭގެ 5 ބާވަތެއް ވެއެވެ.
ފުރަތަމަ ބާވަތް: ދޮގުކުރުމުގެ ކުފުރު
މިކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.
﴿وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّـهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ ۚ أَلَيْسَ فِي جَهَنَّمَ مَثْوًى لِّلْكَافِرِينَ﴾ [سورة العنكبوت ٦٨]
މާނައީ: “ﷲ އާމެދު ދޮގުހަދާ މީހަކަށްވުރެ ނުވަތަ އެއިލާހުގެ ޙައްޤު ބަސްފުޅު އޭނާގެ ގާތަށް އައިހިނދު، އެ ބަސްފުޅު ދޮގުކުޅަ މީހަކަށް ވުރެ އަނިޔާވެރިކަން ބޮޑީ ކާކު ހެއްޔެވެ. ކާފިރުން ތިބޭނެ ތަނެއް ނަރަކައިގައި ނުވޭ ހެއްޔެވެ.”
ދެވަނަ ބާވަތް: ދެކޮޅު ހެދުމާއި ބޮޑާވެގަތުމުގެ ކުފުރު
އިސްލާމްދީނަކީ ޙައްޤު މަގުކަން އެނގުނަސް އަދި އެކަން ތެދުކުރިޔަސް އެއާ ދެކޮޅު ހަދައި ބޮޑާވެގަނެ ބައެއް މީހުން ކާފިރު ވެއެވެ. މިކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.
﴿وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ وَاسْتَكْبَرَ وَكَانَ مِنَ الْكَافِرِينَ﴾ [سورة البقرة ٣٤]
މާނައީ: “އަދި އާދަމުގެފާނަށް ތިޔަބައިމީހުން ސަޖިދަކުރާށޭ މަލާއިކަތުންނަށް ތިމަންއިލާހު ވަޙީކުރެއްވި ހިނދު، ހަނދުމަކުރައްވާށެވެ. ފަހެ، އިބްލީސް ފިޔަވައި، އެ މަލާއިކަތުން ސަޖިދަ ކުރެއްވިއެވެ. އެކަލޭގެ އެކަމުން މަނާވެގަނެ، ކިބުރުވެރިވީއެވެ. އަދި ކާފިރުންގެ ތެރެއިން އެކަލޭގެ ވިއެވެ.”
ތިންވަނަ ބާވަތް: ޝައްކުކުރުމުގެ ކުފުރު
އިސްލާމްކަމުގެ ރުކުންތަކާއި އީމާންކަމުގެ ރުކުންތަކާ އަދި އެނޫނަސް ކޮންމެ މުސްލިމަކަށްވެސް ޟަރޫރީ ގޮތުން އެނގޭފަދަ ކަމެއްގައި ޝައްކުކުރުން މިކަމުގައި ހިމެނޭނެއެވެ.
މިކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.
وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِّنَفْسِهِ قَالَ مَا أَظُنُّ أَن تَبِيدَ هَـٰذِهِ أَبَدًا ﴿٣٥﴾ وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِن رُّدِدتُّ إِلَىٰ رَبِّي لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا ﴿٣٦﴾ قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّاكَ رَجُلًا ﴿٣٧﴾ لَّـٰكِنَّا هُوَ اللَّـهُ رَبِّي وَلَا أُشْرِكُ بِرَبِّي أَحَدًا ﴿٣٨﴾ [سورة الكهف]
މާނައީ: “އަދި އޭނާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެގެންވާ ޙާލު، އޭނާގެ ބަގީޗާއަށް ވަދެ ބުންޏެވެ. ދުވަހަކުވެސް މިތަކެތި ހަލާކުވެ ފަނާވެދާނެކަމަށް އަހުރެން ހިއެއް ނުކުރަމެވެ. [35] އަދި ޤިޔާމަތް ވާނޭ ކަމަކަށްވެސް އަހުރެން ހިއެއް ނުކުރަމެވެ. އަދި އަހުރެންގެ ރައްބުގެ ޙަޟްރަތަށް އަހުރެން ރައްދުކުރެއްވިޔަސް މިއަށް ވުރެ ރަނގަޅު ގޮތް، އަހުރެންނަށް ފެންނާނެކަން ކަށަވަރެވެ [36] .(ޖަވާބުގައި) އޭނާގެ އެކުވެރިޔާ އޭނާއާ ވާހަކަ ދައްކަމުން ބުންޏެވެ. ވެލިން ތިބާ ހައްދަވައި (އެބަހީ: އާދަމުގެފާނު ހައްދަވައި) ދެން މަނިފޮދަކުން ހައްދަވައި، ދެން ފުރިހަމަ ފިރިހެނަކަށް ހެއްދެވި ފަރާތަށް ތިބާ ކާފިރުވީ ހެއްޔެވެ؟ [37] އެހެނެއްކަމަކު، އެއީ ﷲއެވެ. އަހުރެންގެ ރައްބެވެ. އަހުރެންގެ ރައްބާ އެއްވެސް ފަރާތެއް އަހުރެން ޝަރީކެއް ނުކުރަމެވެ. [38]”
ފިލާވަޅުގެ އިރުޝާދުތައް
* ކުފުރަކީ އީމާންކަމުގެ އިދިކޮޅެވެ. އޭގެ ތެރޭގައި ﷲ އަށާއި ރަސޫލު ބޭކަލުންނަށް އީމާން ނުވުން ހިމެނެއެވެ. އެއީ ދޮގުކުރުމާ އެކުގައި ވިޔަސް އަދި ދޮގުކުރުމަކާ ނުލައި އެކަން ކުރިކަމުގައި ވިޔަސްމެއެވެ.
އަދި ކިއެއް ހެއްޔެވެ. އީމާންކަމާމެދު ޝައްކުކުރުމާއި އެއަށް ފުރަގަސް ދިނުންވެސް އޭގައި ހިމެނެއެވެ. އަދި ދީނަށް ޙަސަދަވެރިވެގެން ނުވަތަ ކިބުރުވެރިކަމުގެ ގޮތުން ނުވަތަ ހަވާ ނަފްސަށް ތަބާވެގެން ނަބިއްޔާ صلى الله عليه وسلم ގެ ރިސާލަތަށް ދެކޮޅު ހެދުންވެސް އެކަމުގައި ހިމެނެއެވެ.
* މުސްލިމަކު ބޮޑު ކުފުރަށް އަރައިގަތުމުން އިސްލާމްދީނުން ބޭރުވެގެން ދާނެއެވެ.
* ދޮގުކުރުމުގެ ކުފުރަށްވާ ބައެއް ކަންތައްތަކުގެ ތެރޭގައި:
– ﷲ ގެ އެއްކައުވަންތަކަމަށް އިންކާރުކުރުން.
– މުޙައްމަދު صلى الله عليه وسلم ގެ ރިސާލަތަށް އިންކާރުކުރުން.
– ޤުރުއާނަށް އިންކާރުކުރުމާއި ﷲ ގެ ޝަރީޢަތަށް ފުރަގަސް ދިނުން.
* ނަބިއްޔާ صلى الله عليه وسلم ގެ ތެދުވެރިކަން އެނގޭ ޙާލުވެސް އެކަލޭގެފާނުގެ ރިސާލަތަށް އީމާން ނުވެއްޖެމީހަކީ އެއީ ކާފިރެކެވެ. އެކަމުގެ މިޘާލަކީ ނަބިއްޔާ صلى الله عليه وسلم ގެ ބޮޑުބޭބެ އަބޫ ޠާލިބެވެ.
މުޙައްމަދު صلى الله عليه وسلم ގެ ދީނަކީ ދީންތަކުގެ ތެރެއިން އެންމެ ހެޔޮ ދީންކަން ހަމަކަށަވަރުން އޭނާވެސް ދަނެއެވެ. އެހެނަސް މަރުވީ ބުދަށް އަޅުކަންކުރުމުގެ މަތީގައި، ކާފިރެއްގެ ގޮތުގައެވެ.
އަދި އިބިލީސް ފަދައިން ﷲ އަށް ކިޔަމަން ގަތުމަށް ބޮޑާވެ ގަންނަ މީހެއްގެ ޙާލަކީވެސް ހަމަ އެއީއެވެ.
* މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ދީނާ މެދު ހުންނަ އޮޅުންތަކުން ދުރުހެލިވެ ނުބައި ފިކުރުތަކުން ރައްކާތެރިވުމެވެ. އެހެނީ އޭގެ ސަބަބުން އީމާންކަމަށް އަސަރުކުރުވައެވެ. އަދި ހިތުގައި ޝައްކާއި ވަސްވާސްތައް އުފެދެއެވެ.
ސުވާލުތައް
1- ކުފުރު ބެހިގެންވަނީ ކިތައް ބަޔަށް ހެއްޔެވެ؟
2- ދޮގުކުރުމުގެ ކުފުރަށްވާ ބައެއް ކަންތައްތައް ބަޔާން ކުރާށެވެ.
3- ބޮޑު ކުފުރުގެ ތިން ވައްތަރެއް ދަލީލާ އެކު ބަޔާންކުރާށެވެ.
4- އަންނަނިވި އާޔަތުގައި ބަޔާންކޮށްފައިވާ ކުފުރުގެ ބާވަތް ފާހަގަކުރުމުގެ ގޮތުން އެކަން އަންގައިދޭ ލަފްޒުގައި ދަށު ރޮނގު ދަމާށެވެ.
﴿وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّـهِ كَذِبًا أَوْ كَذَّبَ بِالْحَقِّ لَمَّا جَاءَهُ ۚ أَلَيْسَ فِي جَهَنَّمَ مَثْوًى لِّلْكَافِرِينَ﴾ [سورة العنكبوت ٦٨]
މާނައީ: “ﷲ އާމެދު ދޮގުހަދާ މީހަކަށްވުރެ ނުވަތަ އެއިލާހުގެ ޙައްޤުބަސްފުޅު އޭނާގެ ގާތަށް އައިހިނދު، އެ ބަސްފުޅު ދޮގުކުޅަ މީހަކަށް ވުރެ އަނިޔާވެރިކަން ބޮޑީ ކާކު ހެއްޔެވެ. ކާފިރުން ތިބޭނެ ތަނެއް ނަރަކައިގައި ނުވޭ ހެއްޔެވެ.”
= ނުނިމޭ =
_____________________________