[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އެސްފީނާ 5

  • ބަރަކާތް ލެއްވުމަށް އެދި ދުޢާކުރާނީ ކިހިނެތް؟

 

ބަރަކާތް ލެއްވުން އެދި ތަފާތު ޢިބާރާތްތަކުން ދުޢާ ކުރެވިދާނެއެވެ. ދިވެހި ބަހުންވެސް ދުޢާ ކުރެވިދާނެއެވެ. މިޘާލަކަށް “ހާދަ މޮޅު ކުއްޖެކެވެ. ﷲ ތިބާއަށް ބަރަކާތް ލައްވާށިއެވެ!” މިފަދަ ޢިބާރާތަކުން ނުވަތަ އެފަދަ މާނައެއް ދޭހަވާ ޢިބާރާތަކުން ބަރަކާތް ލެއްވުން އެދި ދުޢާ ކުރެވިދާނެއެވެ. ތިރީގައި އެވަނީ ބަރަކާތް ލެއްވުން އެދި ދުޢާ ކުރުމުގައި ބޭނުންކުރެވިދާނެ ބައެއް ޢަރަބި ޢިބާރާތްތަކެވެ.

  1. بَارَكَ ﷲ لَكَ – ތިބާއަށްޓަކައި ﷲ ބަރަކާތް ލައްވާށި
  2. بَارَكَ الله فِيْكَ– ﷲ ތިބާގެ ކިބައިގައި ބަރަކާތް ލައްވާށިއެވެ.
  3. اللهم بَارِكْ عَلَيهِ – ޔާﷲ! އޭނާގެ މައްޗަށް ބަރަކާތްލައްވާށިއެވެ.

ބަރަކާތް ލެއްވުމަށް ދުޢާ ކުރެއްވުމުގެ ބަދަލުގައި مَا شَاءَ اللَّهُ އޭ ބުނުމަށްވެސް ބައެއް ޢިލްމުވެރިން ވިދާޅުއެވެ. އެއީ ޤުރްއާނުގެ އަންނަނިވި އާޔަތުން ދަލީލު ނަންގަވައިގެންނެވެ. ﷲ ވަޙީ ކުރައްވާފައި ވެއެވެ.

﴿وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّهُ لَا قُوَّةَ إِلَّا بِاللَّهِ﴾ [سورة الكهف: 39]

މާނަ: ” އަދި ތިބާގެ ބަގީޗާއަށް، ތިބާ ވަންހިނދު، مَا شَاءَ اللَّهُ لَا قُوَّةَ إِلَّا بِاللَّهِ ‘(މިއީ ތިމަންނާއަށް) اللّه އިރާދަކޮށްދެއްވި ނިޢުމަތެއް ކަމުގައާއި އަދި މިތަކެތި ޙާޞިލްކުރުމުގައި އެއްވެސް ބާރެއް اللّه ގެ ޙަޟްރަތުން މެނުވީ ލިބިގެން ނުވޭ’ ބުނިނަމަ ކޮންފަދަ ހެއްޔެވެ!”

އެެހެނަސް ބައެއް ޢިލްމުވެރިން ބުރަވެވަޑައިގަންނަވަނީ މިއާޔަތަކީ ބޮޑާވެ ގަންނަ މީހުންނަށް ދެއްވާފައިވާ އިރުޝާދެއް ކަމުގައެވެ. އެސްފީނާއާ ގުޅުން ހުރި މައްސަލައެއް ނޫންކަމުގައެވެ. [1]

އަދި ބައެއް ޢިލްމުވެރިން مَا شَاءَ اللَّهُ ނުވަތަ تَبَارَكَ اللَّهُ ކިޔުމަށްވެސް އިރުޝާދުދެއްވައެވެ. تَبَارَكَ اللَّهُ މި ލަފުޒު ބުނުމުން އެ ބުނެވެނީ “ﷲ މަތިވެރިވެވޮޑިގެންވެއެވެ.” ނުވަތަ “ﷲގެ މަތިވެރިކަމާއެވެ.” މިހެންނެވެ.

އެސްފީނާއާ ގުޅުން ހުރި ޞައްޙަ ޙަދީޘްތަކުގައި ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބޮޑަށް ބާރު އަޅުއްވާފައިވަނީ ބަރަކާތްލެއްވުން އެދި ދުޢާކުރުމަށެވެ. އަދި އެސްފީނާ ޖެހިފައިވާ މީހާއަށް ފެން އަޅާ ޙަދީޘް ޝަރަޙަކުރައްވަމުން އިބްނުލް ޤައްޔިމު ވިދާޅުވިއެވެ.

“أَلَّا بَرَّكْتَ ؟

މާނައީ: އޭނާއަށްޓަކައި ﷲ ބަރަކާތްލެއްވުން އެދި ދުޢާ ނުކުރަނީ ކީއްވެ ހެއްޔެވެ؟

އެބަހީ: اللهم بَارِكْ عَلَيهِ  (ޔާﷲ! އޭނާގެ މައްޗަށް ބަރަކާތްލައްވާށިއެވެ.) މިފަދައިން ވިދާޅުވާށެވެ.” [2]

އެެހެންކަމުން މިކަމުގައި އެންމެ ރަނގަޅުކަމަށް ބުރަވެވެނީ ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވާފައިވާ އިރުޝާދަށް ތަބާވެ ކުރިން ބަޔާންވެދިޔަ ތިން ޢިބާރާތްފަދަ ޢިބާރާތަކުން ދުޢާކުރުމެވެ.

واللَّهُ أعلم.

=ނުނިމޭ =

_______________________________

މިލިޔުމުގެ އެހެންބައިތައް

ބައްލަވާ: وسيلة منع العائن لد. منيرة بنت محمد المطلق (ص: 21). [1]

زاد المعاد لابن القيم (4/156). [2]