ޒިޔާރަތްކުރުމުގެ ތަޢުރީފު
ޢަރަބިބަހުގައި ޒިޔާރަތުގެ މާނައަކީ ޤަޞްދުކުރުމެވެ. އެފަދައިން އެކިޔެނީ ޒިޔާރަތްކުރެވޭ ފަރާތް ޤަޞްދުކުރާތީއެވެ. އިޞްޠިލާޙުގައިވެސް މި ލަފްޒު ބޭނުންކޮށްއުޅެނީ މި މާނާގައިއެވެ. އިޞްޠިލާޙުގައި މާނައަކީ: “ޒިޔާރަތްކުރެވޭ ފަރާތުގެ މަތިވެރިކަމަށްޓަކައި، ނުވަތަ އެ ފަރާތަކަށްވާ އޯގާތެރިކަމެއްގެ ސަބަބުން އެ ފަރާތެއް ޤަޞްދުކުރުމެވެ.”([1])
ޒިޔާރަތްކުރުމުގެ ޙުކުމް
ޒިޔާރަތްކުރުމުގެ ޙުކުމަކީ އެ ޒިޔާރަތްކުރާމީހާއާއި ޒިޔާރަތްކުރެވޭމީހާއާ ގުޅޭގޮތުން ޙުކުމް ބަދަލުވާކަމެކެވެ. ދަރިން މައިންބަފައިންނަށް ޒިޔާރަތްކުރުމާއި، ގާތްތިމާގެމީހުން އެއްބަޔަކު އަނެއްބަޔަކަށް ޒިޔާރަތްކުރުންފަދަ ޙާލަތްތަކުގައި ވާޖިބުވެއެވެ. އަދި ބަލިމީހުންނަށް ޒިޔާރަތްކުރުންފަދަ ޝަރުޢުގައި ޒިޔާރަތްކުރުން ލާޒިމުނުކުރާގޮތަށް ޒިޔާރަތްކުރުމަށް ބާރުއެޅިފައިވާ ޙާލަތްތަކުގައި މުސްތަޙައްބުވާނެއެވެ. އަދި ޝަރުޢުގައި ބާރުއެޅިފައިނުވާ އަދި މަނާކުރެވިފައިނުވާ ޙާލަތްތަކުގައި ހުއްދަވެއެވެ. އަދި ޙަރާމްކަމަކަށް މަގުފަހިކުރުވަފާނެކަމަށްބެލެވޭ ޒިޔާރަތްތައް މަކްރޫހަވާނެއެވެ. އަދި ކަނޑައެޅިގެން ޙަރާމްކަމަށް ޒިޔާރަތްކުރުމަކީ ޙަރާމްކަމެކެވެ.([2])
ޒިޔާރަތްކުރުމުގެ މާތްކަން
މާތް ﷲއަށްޓަކައި ޒިޔާރަތްކުރުމުގެ މާތްކަމާބެހޭގޮތުން، މުޢާޛު ބުން ޖަބަލް ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވާ ޤުދުސީ ޙަދީޘެއްގައި އައިސްފައިވެއެވެ. ((وَجَبَتْ مَحَبَّتِي لِلْمُتَحَابِّينَ فِيَّ، وَالْمُتَجَالِسِينَ فِيَّ، وَالْمُتَزَاوِرِينَ فِيَّ، وَالْمُتَبَاذِلِينَ فِيَّ))([3]) މާނައީ: “ތިމަންރަސްކަލާނގެއަށްޓަކައި އެކަކު އަނެކަކުދެކެ ލޯބިވެ، އަދި ތިމަންރަސްކަލާނގެއަށްޓަކައި މަޖިލިސްތަކުގައި އިށީނދެ، އަދި ތިމަންރަސްކަލާނގެއަށްޓަކައި އެކަކު އަނެކަކަށް ޒިޔާރަތްކޮށް، އަދި ތިމަންރަސްކަލާނގެއަށްޓަކައި އެކަކު އަނެކަކަށް ހޭދަކޮށްއުޅޭމީހުންނަށް ތިމަންރަސްކަލާނގެ ލޯބިވެވޮޑިގަތުން ޙާޞިލުވެއްޖެއެވެ.”
އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. ((حَقَّتْ مَحَبَّتِي لِلْمُتَحَابِّينَ فِيَّ، وَحَقَّتْ مَحَبَّتِي لِلْمُتَبَاذِلِينَ فِيَّ، وَحَقَّتْ مَحَبَّتِي لِلْمُتَزَاوِرِينَ فِيَّ))([4]) މާނައީ: “ތިމަންރަސްކަލާނގެއަށްޓަކައި އެކަކު އަނެކަކުދެކެ ލޯބިވާ ބަޔަކަށް ތިމަންރަސްކަލާގެ ލޯބިވޮޑިގަތުން ޙައްޤުވެއްޖެއެވެ. އަދި ތިމަންރަސްކަލާނގެއަށްޓަކައި އެކަކު އަނެކަކަށް ހޭދަކޮށްއުޅޭމީހުންނަށް ތިމަންރަސްކަލާނގެ ލޯބިވެވޮޑިގަތުން ޙައްޤުވެއްޖެއެވެ. އަދި ތިމަންރަސްކަލާނގެއަށްޓަކައި އެކަކު އަނެކަކަށް ޒިޔާރަތްކޮށްއުޅޭމީހުންނަށް ތިމަންރަސްކަލާނގެ ލޯބިވެވޮޑިގަތުން ޙައްޤުވެއްޖެއެވެ.”
ބަޔާންވެދިޔަ، ޤުދުސީ ޙަދީޘުން އެނގިގެންދަނީ؛ މާތް ﷲއަށްޓަކައި އެކަކު އަނެކަކަށް ޒިޔާރަތްކުރުމަކީ އެކަލާނގެ ލޯބިވެވޮޑިގަތުން ޙާޞިލުވާނެކަމެއްކަމެކެވެ. ހަމައެހެންމެ، ޒިޔާރަތްކުރުމަކީ އެކަކު އަނެކަކު ދެކެ ލޯބިވުމަށް މަގުފަހިކޮށްދޭނެކަމެކެވެ. މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައިވެއެވެ. ((لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ))([5]) މާނައީ: “ތިޔަބައިމީހުން އީމާންނުވަނީހެން ތިޔަބައިމީހުން ސުވަރުގެ ނުވަންނާނެއެވެ. އަދި ތިޔަބައިމީހުން އެކަކުއަނެކަކުދެކެ ލޯބިވެއްޖެއުމަށްދާންދެން އީމާންވިކަމުގައެއް ނުވާނެއެވެ. ތިޔަބައިމީހުން އެކަމެއްކުރުމުން އެކަކު އަނެކަކުދެކެ ލޯބިވާނެކަމަކަށް ތިމަންކަލޭގެފާނު މަގުދައްކަވަންތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ.”
އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ((مَنْ عَادَ مَرِيضًا أَوْ زَارَ أَخًا لَهُ فِي اللَّهِ نَادَاهُ مُنَادٍ أَنْ طِبْتَ وَطَابَ مَمْشَاكَ وَتَبَوَّأْتَ مِنَ الجَنَّةِ مَنْزِلًا))([6]) މާނައީ: “ﷲއަށްޓަކައި ބަލިމީހަކަށް ޒިޔާރަތްކޮށްފިމީހަކަށް، ނުވަތަ އޭނާގެ އަޚަކަށް ޒިޔާރަތްކޮށްފިމީހަކަށް، ގޮވާލައްވާ ފަރާތަކުން ގޮވާލައްވާނެއެވެ. “ތިބާއަށް ފާގަތިކަން ހުއްޓެވެ. އަދި ތިބާގެ ފިޔަވަޅުގައި ފާގަތިކަން ހުއްޓެވެ. އަދި ތިބާއަށް ސުވަރުގެ ލިބޭނެތަނެއްގައި މަޑުކޮށްފިއެވެ.”
މީސްތަކުންނަށް ޒިޔާރަތްކުރުމަކީ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަމެއް ކުރެއްވުމުގައި ދެމިހުންނެވި ކަމެކެވެ. މިގޮތުން، އަނަސް ބުން މާލިކް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ((أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَزُورُ الأَنْصَارَ، وَيُسَلِّمُ عَلَى صِبْيَانِهِمْ، وَيَمْسَحُ بِرُءُوسِهِمْ))([7]) މާނައީ: “ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އަންޞާރީ ބޭކަލުންނަށް ޒިޔާރަތްކުރައްވާކަމުގައިވެއެވެ. އަދި އެބޭކަލުންގެ ކުޑަކުދިންނަށް ސަލާމް ގޮވާލައްވައެވެ. އަދި އެކުދިންގެ ބޮލުގައި ފިރުމާލައްވަވައެވެ.”
ﷲއަށްޓަކައި ތިމާގެ އަޚާއަށް ޒިޔާރަތްކުރުމަށްޓަކައި ދަތުރުކޮށްފައި ދިޔުމަކީވެސް ޚާއްޞަ މަތިވެރިކަމެއް ލިބިގެންވާކަމެކެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. ((أَلَا أُخْبِرُكُمْ بِرِجَالِكُمْ فِي الْجَنَّةِ؟)) قَالُوا: بَلَى يَا رَسُولَ اللهِ فَقَالَ: ((النَّبِيُّ فِي الْجَنَّةِ، وَالصِّدِّيقُ فِي الْجَنَّةِ، وَالشَّهِيدُ فِي الْجَنَّةِ، وَالْمَوْلُودُ فِي الْجَنَّةِ، وَالرَّجُلُ يَزُورُ أَخَاهُ فِي نَاحِيَةِ الْمِصْرِ لَا يَزُورُهُ إِلَّا لِلَّهِ عَزَّ وَجَلَّ فِي الْجَنَّةِ))([8]) މާނައީ: “ތިޔަބައިމީހުންގެ ތެރެއިން ސުވަރުގޭގައިވާނެ ބަޔަކީ ކޮބައިކަމުގެ ޚަބަރު ނުދެއްވަންވީތޯއެވެ؟” ޞަޙާބީން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ދެއްވާށެވެ! ފަހެ، އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ނަބިއްޔުން ވަނީ ސުވަރުގޭގައެވެ. ޞިއްދީޤުން ވަނީ ސުވަރުގޭގައެވެ. ޝަހީދުންވަނީ ސުވަރުގޭގައެވެ. ޅަފަތުގައި މަރުވާކުދިން ވަނީ ސުވަރުގޭގައެވެ. އަދި ރަށުގެ އެއްފަރާތެއްގައިވާ އޭނާގެ އަޚާއަށް ހަމައެކަނި ﷲ عَزَّ وَجَلَّ އަށްޓަކައި ޒިޔާރަތްކުރާމީހާވަނީ ސުވަރުގޭގައެވެ.”
އެހެން ޙަދީޘެއްގައި ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. މީހަކު ރަށެއްގައިހުރި އޭނާގެ އަޚަކަށް ޒިޔާރަތްކުރިއެވެ. ފަހެ، އެ ދަތުރުގެ ވަކި ހިސާބަކުން މާތް ﷲ (އިންސާނެއްގެ ޞޫރާގައި) މަލާއިކަތަކު ފޮނުއްވިއެވެ. އެމަލާއިކަތަކު އެމީހަކަށް ވިދާޅުވިއެވެ. “ތިބާ ތިޔަ ބޭނުންވަނީ ކޮންތާކަށް ދާން ހެއްޔެވެ؟” އެމީހަކު ދެންނެވިއެވެ. “މި ރަށުގައި އުޅޭ ތިމަންގެ އަޚެއްގެ ކައިރިއަށެވެ.” މަލާއިކަތާ ވިދާޅުވިއެވެ. “(ދުނިޔަވީ) ނިޢުމަތްތަކުގެ ތެރެއިން އޭނާ ތިބާއަށް އަދާކޮށްދޭންޖެހޭ ނިޢުމަތެއް އޮތީހެއްޔެވެ؟” އެމީހަކު ދެންނެވިއެވެ. “ނޫނެކެވެ. ހަމައެކަނި ތިމަން ﷲއަށްޓަކައި އޭނާދެކެ ލޯބިވުން ފިޔަވައި އިތުރުކަމެއް ނެތެވެ.” އެމަލާއިކަތާ ވިދާޅުވިއެވެ. “ހަމަކަށަވަރުން ތިމަންނައަކީ ތިބާގެ ގާތަށް ފޮނުއްވުނު ﷲގެ ރަސޫލަކީމެވެ. ހަމަކަށަވަރުން ތިބާ އޭނާދެކެ ލޯބިވިފަދައިން ﷲވެސް ތިބާދެކެ ލޯބިވެވޮޑިގެންފިއެވެ.”([9])
ޒިޔާރަތްކުރުމުން ލިބޭ ބައެއް ފައިދާތައް
(1) ޒިޔާރަތްކުރާ ފަރާތާއި ޒިޔާރަތްކުރެވޭ ފަރާތާދެމެދު ލޯބި އިތުރުވުން:
ސުވަރުގެ ވަނުމަށްޓަކައި އެންމެ މުހިއްމު އަސާސީ ސަބަބަކީ އީމާންކަން ފުރިހަމަވުމެވެ. ކުރިން ބަޔާންވެދިޔަ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްގައިވާގޮތުން، އީމާންކަން ފުރިހަމަވުމުގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކުދެކެ ލޯބިވުން ހިމެނެއެވެ. ލޯބި އިތުރުކުރެވޭނެ އެންމެ މުހިއްމު އެއްސަބަބެއްކަމުގައި އެކަލޭގެފާނު އިރުޝާދު ދެއްވާފައި އެވަނީ ސަލާމްކުރުން ފެތުރުމަށެވެ. މުސްލިމުން އެކަކު އަނެކަކަށް ޒިޔާރަތްކުރުމަކީ އެއްބަޔަކު އަނެއްބައެއްދެކެ ލޯބި އިތުރުވެ، ސަލާމްކުރުން ފެތުރިގެންދާނެކަމެކެވެ.
(2) އޯގާތެރިކަން:
އެކަކު އަނެކަކަށް ޒިޔާރަތްކުރުމަކީ އެކަކު އަނެކަކެއްގެ ޙާލު އެނގި އޯގާތެރިކަމާއި، ހަމްދަރުދީ އުފެދޭނެކަމެކެވެ. ހަމައެހެންމެ، އެކަކުއަނެކެއްގެ އިޙްސާސްތައް ދެނެގަނެވޭނެކަމެކެވެ. ނަބިއްޔާ އަންޞާރީ ބޭކަލުން އުޅުއްވާ ހިސާބުތަކަށް ޒިޔާރަތްކުރެއްވުމުގެ މައިގަނޑު ސަބަބަކީ އެކަލޭގެފާނު އެބޭކަލުންދެކެ ވެވަޑައިގަންނަވާ ލޯތްބާއި، އޯގާތެރިކަމުގެ ސަބަބުންނެވެ.
(3) ހެޔޮކަންކަމަށާއި ތަޤްވާވެރިވުމަށް ވާގިވެރިވުން:
ޒިޔާރަތްކުރުމުގެ ސަބަބުން އެކަކު އަނެކަކަށް ހެޔޮކަންކަމަށާއި ތަޤްވާވެރިވުމަށް ވާގިވެރިވުމުގެ ދޮރުހުޅުވިދެއެވެ. މާއްދީގޮތުން އެއްބަޔަކު ކުރަންޖެހިފައިވާ ކަންކަން އަނެއްބަޔަކު ކޮށްދީ، އެހީތެރިކަން ފޯރުކޮށްދެވެއެވެ. ކަންކަމުގައި މަޝްވަރާދީ، ލަފާދިނުމުގެ މަގު ތަނަވަސްވެގެން ދެއެވެ.
______________________________
([1]) ينظر: المصباح المنير: 1/260، والبحر الرائق: 4/4، وفيض القدير: 1/366، ومجمع البحرين للطريحي: 2/320.
([2]) انظر: أحكام الزيارة في الفقه الإسلامي لمحمد عبد الرحيم: ص. 21.
([3]) رواه أحمد: 22030، وصححه الألباني في صحيح الجامع: 4331، وصححه محقّقو المسند.
([4]) رواه أحمد: 22064، وقال محققو المسند: “إسناده صحيح”.
([7]) رواه النسائي في عمل اليوم والليلة: 329، وصححه الألباني في صحيح الجامع: 4947.
([8]) رواه الطبراني في الكبير: 307، والبيهقي في الشعب: 8358، وصححه الألباني في السلسة الصحيحة: 287.
([9]) رواه البخاري في الأدب المفرد: 350، ومسلم: 2567، وأحمد: 9291، وهذا اللفظ لأحمد.