ތިންވަނަ ކަންތައް: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުން ޘާބިތުނުވާ ދުޢާތަކާއި ދުރުހެލިވުން. އެހެނީ އެފަދަ ސަނަދުގައި (ކައްޒާބުން) ނުވަތަ ދޮގު ހެދުމަށް ތުހުމަތު ކުރެވޭ ނުވަތަ އެބަޔެއްގެ ޙަދީޘް ޤަބޫލުނުކުރެވޭ ބަލި ރާވީން ތިބެއެވެ.
އޭގެ ތެރެއިން އެއް ޙަދީޘަކީ ފުރާތު ބިން ސަލްމާން، ޢަލީ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާކުރެއްވި ޙަދީޘެވެ. އެ ޙަދީޘްގައި އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ އަލީގެފާނު ތިމަންކަލޭގެފާނަށް ދެންނެވިއެވެ.
(أَلاَ يَقُومُ أَحَدٌ فَيُصَلِّي أَرْبَعَ رَكعاتٍ قَبلَ العَصْرِ، وَيَقُوْلُ فِيْهِنَّ ما كانَ رَسُوْلُ اللهِ صَلَّى اللُه عَلَيْهِ وَسَلَّمَ يَقُولُ: تَمَّ نُورُكَ فَهَدَيْتَ فَلَكَ الحَمْدُ، عَظُمَ حِلْمُكَ فَعَفَوْتَ فَلَكَ الحَمْدُ… إلى قوله: وَلاَ يَبْلُغُ مِدْحَتَكَ قَوْلُ قَائِلٍ)
މާނަ: އެއްވެސް މީހަކު ޢަޞްރު ނަމާދުގެ ކުރިން 44 ރަޚުއަތް ކުރުމަށް ނުތެދުވާނަން ހެއްޔެވެ؟ އަދި ރަސޫލުﷲ ދުޢާ ކުރެއްވިގޮތަށް މި ދުޢާ ނުކުރާނަން ހެއްޔެވެ؟ “އިބައިލާހުގެ ނޫރުފުޅު ފުރިހަމަވެ، އިބަ އިލާހު ހިދާޔަތް ދައްކަވައިފިއެވެ. ފަހެ ޙަމްދު ހުރީ އިބަ އިލާހަށެވެ. އިބައިލާހުގެ ޙިލްމުވެރިވޮޑިގަތުން މަތިވެރިވެގެންވެ އިބަ އިލާހު ޢަފޫކުރައްވައިފިއެވެ. ޙަމްދު ހުރީ އިބައިލާހަށެވެ… މީހަކަށް އިބަ އިލާހަށް އެކަށީގެންވާ ވަރަށް ޘަނާ ނުކިޔޭނެއެވެ.”
އަބޫ ޔަޢުލާ ޟަޢީފް ސަނަދަކާއެކު މި ޙަދީޘް ރިވާކުރައްވައެވެ. އެހެނީ މިޙަދީޘްގައި ގިނަ علل ވެއެވެ. އޭގެ ތެރެއިން އެއްކަމަކަށް ފުރާތު ބިން ސަލްމާން ޢަލީގެފާނާއި ބައްދަލުވެވަޑައި ނުގަންނަވައެވެ. އެހެންކަމުން އޭގެ ސަނަދުވަނީ ނުގުޅެއެވެ. އެހެން ނަމަވެސް ބައެއް މީހުން މި ދުޢާ ކިޔާ އަޑު އިވެއެވެ.
ދުޢާތަކުގެ ތެރޭގައި ދުޢާގެ މާނަ ރަނގަޅު އެހެނަސް އެދުޢާ ނެގިފައިވާ ޙަދީޘްގައި ބަލިކަމެއް އުޅޭ ސައްޙަ ނޫން ދުޢާވެއެވެ. މިޘާލަކަށް: ((اللهم لا تدع لنا ذنبًا إِلا غفرته، وَلاَ همًا إِلاَّ فَرَّجْتَه، ولا دينًا إِلاَّ قَضَيْتَه، ولا حاجة من حوائج الدُّنيا والآخرة إلا قضيتها برحمتك يا أَرحم الراحمين)) މި ދުޢާ ހިމެނެއެވެ.
މާނައީ: “އޭﷲ! އަޅަމެންނަށް ކުރެވިފައިވާ ފާފައެއް ނުފުއްސަވާ ދޫކޮށްނުލައްވާށިއެވެ! އަދި ކަންބޮޑުވުމެއް ފިއްލަވާ ނުދެއްވާ ދޫކޮށް ނުލައްވާށިއެވެ. އަދި ދަރަންޏެއް އަދާކޮށް ނުދެއްވާ ދޫކޮށް ނުލައްވާށެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ޙާޖަތެއް ވިޔަސް އެކަމެއް ނުކޮށްދެއްވާ ދޫކޮށް ނުލައްވާށިއެވެ! ޔާ أَرحم الراحمين!”
މައްސަލައަކީ ސައްޙަކޮށް ވާރިދުވެފައިވާ ދުޢާތައް ދޫކޮށްލާ ސައްޙަނޫން ދުޢާތަށް ކިޔަމުން ގެންދިޔުމެވެ. އަދި ދުޢާގެ ލަފްޒުތަކުގައި އިހްތިމާލް އުފެދޭ ލަފްޒުތަށް އިތުރުކޮށްގެން ކިޔުމެވެ.
މިޘާލަކަށް ދުޢާކުރާއިރު: في مقامنا هذا (މާނައި: މިމަޤާމުގައި ވަނިކޮށް އަޅަމެންނަށް މިވެނިކަމެއް ކޮށްދެއްވާނދޭވެ!) މިގޮތަށް ބުނެ ދުޢާކުރުން ހިމެނެއެވެ. މިޢިބާރާތުގައި ﷲ އަށް ކަމެއް ޝަރުޠުކުރުމުގެ މާނަ ދޭހަވެއެވެ.
ހަތަރުވަނަ ކަންތައް: ދުޢާކުރުމުގައި ސަޖަޢަ އާ (ވަކި ވަޒަނަކަށް ވާގޮތަށް، އެއްގޮތަށް ކިޔޭ ކަލިމަތައް ހިމަނައިގެން ދުޢާ ހަދައިގެން ކިޔުމާ) ދުރުހެލިވުމާ އަދި އެފަދަ ގޮތްތަކަށް ކިޔޭ (ޤުރުއާނާއި ސުންނަތާ) ބީރައްޓެހި ދުޢާތައް ހޯދުމާއި ދުރުހެލިވުމެވެ. ސަޙީޙުލް ބުޚާރީގައި ޘާބިތުވެގެން އައިސްފައިވެއެވެ. ޢިކްރިމާ، ޢިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޢިކްރިމާއަށް ދެންނެވިއެވެ
“ހަމަކަށަވަރުން ކަލޭގެފާނު ދުޢާކުރުމުގައި ސަޖަޢަކުރުމާ ދުރުހެލިވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނު އަޞްޙާބުންނާއި އެކު އުޅުއްވީމެވެ. އެއިން އެއްވެސް ބޭފުޅަކު އެފަދައިން ކަންތައް ނުކުރައްވައެވެ” [1]
އެފަދައިން (ސަޖަޢަ އާ އެކު) ހެދިފައިވާ ދުޢާއެއްގައި ވެއެވެ. ( اللّهُمَّ ارْحَمْناَ فَوْقَ الأَرْضِ وَارْحَمْناَ تَحْت الأَرْضِ وَارْحَمْناَ يَوْمَ العَرْضِ )
މާނައީ: “އޭﷲ! ބިމުގެ މަތީގައި ވަނިކޮށް އަޅަމެންނަށް ރަޙްމަތް ލައްވާނދޭވެ! އަދި ބިމުގައި ދަށުގައި ވަނިކޮށްވެސް އަޅަމެންނަށް ރަޙުމަތް ލައްވާނދޭވެ! އަދި ޤިޔާމަތް ދުވަހުވެސް އަޅަމެންނަށް ރަޙުމަތް ލައްވާނދޭވެ!”
އެއްވެސް ޙާލެއްގައި މީގެ މާނައަކީ ބައެއް ނަބަވީ ޙަދީޘްތަކުގައިވާ ގުޅިގެންދާފަދަ ލަފްޒުތައް ބޭނުންކޮށްފައިވާ ދުޢާތައް ދޫކޮށްލުމެއް ނޫނެވެ.
= ނުނިމޭ =
___________________
މިއީ الشيخ بكر بن عبدالله أبو زيد ލިޔުއްވާފައިވާ دعاء القنوت في الوتر ގެ ތަރުޖަމާއެވެ.
[1] صحيح البخاري (8/ 74)