[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރްއާނާމެދު ތަދައްބުރުކުރުމާއި އެ ފޮތް ކިޔެވުމުގެ 31 ފައިދާ (2)

(11) ޤުރްއާން ކިޔެވުމުގެ މާތްކަމުގެ ތެރޭގައި: ޤުރްއާން ކިޔެވުމުގައި މާހިރުން ވާހުށީ މާތްވެގެންވާ ހެޔޮލަފާ މަލާއިކަތުންނާއެކުގައެވެ. ޙަދީޘްގައިވާ ފަދައިންނެވެ. ((الْمَاهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَالَّذِي يَقْرَأُ الْقُرْآنَ وَيَتَتَعْتَعُ فِيهِ، وَهُوَ عَلَيْهِ شَاقٌّ، لَهُ أَجْرَانِ))([1]) މާނައީ: “ޤުރްއާން ކިޔެވުމުގައި މާހިރުން ވާހުށީ މާތްވެގެންވާ ހެޔޮލަފާ މަލާއިކަތުންނާއެކުގައެވެ. އަދި އެ ފޮތްކިޔެވުމުގައި އުނދަގުލާއެކު ލަސްލަހުން ކިޔަވާމީހަކަށް ދެ ދަރުމަ ލިބިގެންވެއެވެ. (އެއީ؛ ކިޔެވުމުގެ ދަރުމައާއި، ކިޔެވުމުގައި އުނދަގޫ އުފުލާތީ ލިބޭ ދަރުމައެވެ.)”

(12) ޤުރްއާން ކިޔެވުމާއި، އެ ފޮތް ހިތުދަސްކުރުމުގެ މާތްކަމުގެ ތެރޭގައި: ޤުރްއާން ރަނގަޅަށް ހިތުދަސްކުރާމީހާގެ ދަރަޖަ ސުވަރުގޭގައި އުފުލިގެންވެއެވެ. ޙަދީޘްގައިވާ ފަދައިންނެވެ. ((يُقَالُ لِصَاحِبِ الْقُرْآنِ: اقْرَأْ، وَارْتَقِ، وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإِنَّ مَنْزِلَكَ عِنْدَ آخِرِ آيَةٍ تَقْرَؤُهَا))([2]) މާނައީ: “(ޤިޔާމަތްދުވަހު) ޤުރްއާން ހިތުދަސްކޮށް، އެ ފޮތަށް ޢަމަލުކުރި މީހާއަށް  ބުނެވޭނެއެވެ. ކިޔަވާށެވެ! އަދި މައްޗަށް އަރަމުން ދާށެވެ! އަދި ދުނިޔޭގައި ތިބާ ތަރުތީލުކޮށް([3]) ކިޔެވިފަދައިން ތަރުތީލުކޮށް ކިޔަވާށެވެ! އަދި ތިބާގެ މަންޒިލަކީ ޤުރްއާނުގެ އެންމެފަހު އާޔަތް ތިބާ ކިޔަވާއިރު ހުންނަ ހިސާބެވެ.”

(13) ކީރިތި ޤުރްއާން ކިޔަވައި، އެ ފޮތުގެ ޢިލްމު އުގެނުމަކީ ދުނިޔޭގައިވާ ޚަޒާނާތަކަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. ޢުޤުބަތު ބުން ޢާމިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ތިމަންމެން ޞުއްފާގައި([4]) ތިއްބައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ނުކުމެވަޑައިގެން ޙަދީޘްކުރެއްވިއެވެ. “ކޮންމެ ދުވަހަކު ހެނދުނުކޮޅު ބުޠުޙާނައަށް ގޮސްފައި ނުވަތަ ޢަޤީޤަށް([5]) ގޮސްފައި، ފާފައަކަށް އަރައިނުގަނެ (އެބަހީ؛ ވައްކަންކުރުމާއި، ފޭރިގަތުންފަދަކަމަކަށް އަރައިނުގަނެ)، އަދި ގާތްތިމާގެކަމުގެ ގުޅުމެއް ނުކަނޑައި (އެބަހީ؛ ގާތްތިމާގެ މީހެއްގެ އަތުން އޭނާގެ ނުރުހުމެއްނެތި) ގޮންގަނޑު ވަރުގަދަ ދެ ޖަމަލު ގެނެވޭނީ ކާކަށް ހެއްޔެވެ؟” ފަހެ، ތިމަންމެން ދެންނެވީމެވެ. “އޭ ﷲގެ ރަސޫލާއެވެ! (އެކަމަށް ކުޅަދާނަނުވިނަމަވެސް އެފަދަ ޖަމަލުތަކެއް ކޮންމެދުވަހަކު) ގެނައުމަށް ތިމަންބޭކަލުން ލޯބިކުރައްވަމެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔައިގެ ތެރެއިން ބޭކަލަކު ދުވާލުގެކުރީކޮޅު މިސްކިތަށް ދިޔުމަށްފަހު، ﷲ عَزَّ وَجَلَّ ގެ ފޮތުން ދެ އާޔަތެއްގެ ޢިލްމު އުގެނި ނުވަތަ ދެ އާޔަތް ކިޔެވުމަކީ ދެ ޖަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. އަދި ތިން އާޔަތް ތިން ޖަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި ހަތަރު އާޔަތް ހަތަރު ޖަމަލަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި (މިގޮތަށް ގިނަ) އާޔަތްތަކުގެ ޢަދަދަށްވާ ޖަމަލުތަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ.”([6])

(14) ޤުރްއާން ކިޔަވައި، އެ ފޮތަށް ޢަމަލުކުރާ މުއުމިނަކީ އެމީހެއްގެ ބޭރުފުށާއި އެތެރެފުށްވެސް ހެޔޮ މީހެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ. “ޤުރްއާން ކިޔަވާ މީހާގެ މިސާލަކީ ‘އުތުރުއްޖާ’ (ނާރިނގުގެ އާއިލާގެ ވައްތަރެއް) ގެ މިސާލެވެ. އޭގެ ރަހަ ރަނގަޅެވެ. އަދި ވަސްވެސް ރަނގަޅެވެ. ޤުރްއާން ނުކިޔަވާ މީހާގެ މިސާލަކީ ކަދުރެއްގެ މިސާލެވެ. އޭގެ ރަހަ މީރެވެ. ނަމަވެސް އޭގައި ވަހެއް ނުހުރެއެވެ. ޤުރްއާން ކިޔަވާ ފާޖިރެއްގެ މިސާލަކީ ގަނދަކޯޅީގެ މިސާލެވެ. އޭގެ ވަސް ރަނގަޅެވެ. ރަހަ ހިއްޗެވެ. އަދި ޤުރްއާން ނުކިޔަވާ ފާޖިރެއްގެ މިސާލަކީ ‘ޙަންޡަލާ’ (ކެކުރީގެ ވައްތަރެއް) ގެ މިސާލެވެ. އޭގެ ރަހަ ނުބައެވެ. އަދި އެއްވެސް ވަހެއް ނުހުރެއެވެ.”([7])

(15) މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ވާދަކޮށް ކުރިއަރައިގެންދާންޖެހޭނެ އެންމެބޮޑު އެއް ނިޢުމަތަކީ ޤުރްއާން ކިޔެވުމާއި، އެ ފޮތާ އެއްގޮތަށް ޢަމަލުކުރުމެވެ. ޙަދީޘްގައި އައިސްފައިވެއެވެ. ((لَا حَسَدَ إِلَّا فِي اثْنَتَيْنِ: رَجُلٌ عَلَّمَهُ اللَّهُ القُرْآنَ، فَهُوَ يَتْلُوهُ آنَاءَ اللَّيْلِ، وَآنَاءَ النَّهَارِ، فَسَمِعَهُ جَارٌ لَهُ، فَقَالَ: لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ، فَعَمِلْتُ مِثْلَ مَا يَعْمَلُ، وَرَجُلٌ آتَاهُ اللَّهُ مَالًا فَهُوَ يُهْلِكُهُ فِي الحَقِّ، فَقَالَ رَجُلٌ: لَيْتَنِي أُوتِيتُ مِثْلَ مَا أُوتِيَ فُلاَنٌ، فَعَمِلْتُ مِثْلَ مَا يَعْمَلُ))([8]) މާނައީ: ދެ މީހަކާމެދުގައި މެނުވީ ޙަސަދަވެރިވުމެއްނުވެއެވެ. (އެއިގެ ތެރެއިން އެކަކީ؛) ﷲ އެމީހަކަށް ޤުރްއާން އުގަންނަވައިދެއްވާފައިވާ މީހެކެވެ. ފަހެ، އެމީހާ ރޭގަނޑުގެ ވަގުތުތަކުގައްޔާއި ދުވާލުގެ ވަގުތުތަކުގައި އެ ފޮތް ކިޔަވައެވެ. އެމީހާގެ ކިޔެވުމުގެ އަޑު އިވޭހިނދު، އެމީހާގެ އަވަށްޓެރިޔާ ބުނެއެވެ. “ތިމަންނައަށް ހުރި ދެރަކަމާއެވެ! އެވެނި މީހަކަށް ލިބިގެންވި ކަންތައް ތިމަންނައަށްވެސް ލިބިގެންވީނަމައެވެ. ފަހެ، ތިމަންވެސް އެމީހަކާ އެއްގޮތަށް ޢަމަލުކުރީމުހެވެ.” އަދި (ދެވަނަ މީހަކީ؛) ﷲ އެމީހަކަށް މުދާ ދެއްވާފައިވާ މީހެކެވެ. ފަހެ، އެމީހާ ޙައްޤުގޮތުގައި އެ މުދާތައް ހޭދަކުރެތެވެ. ފަހެ، (އެތަން ފެނިފައި) މީހަކު ބުނެއެވެ. “ތިމަންނައަށް ހުރި ދެރަކަމާއެވެ! އެވެނި މީހަކަށް ލިބިގެންވި ކަންތައް ތިމަންނައަށްވެސް ލިބިގެންވީނަމައެވެ. ފަހެ، ތިމަންވެސް އެމީހަކާ އެއްގޮތަށް ޢަމަލުކުރީމުހެވެ.”

މި ޙަދީޘްގައިވާ ޙަސަދައިގެ މުރާދަކީ: الغِبْطَةُ އެވެ. އެއީ؛ އެހެންމީހަކަށް ލިބިފައިވާ ނިޢުމަތެއް، އެމީހެއްގެ ކިބައިން އެ ނިޢުމަތެއް ފިލައިދިޔުމަށް ނޭދޭޙާލު، އެ ނިޢުމަތެއް ތިމާއަށްވެސް ލިބުމަށްއެދުމެވެ. ކިޔަމަންތެރިވުމުގެ ގޮތުން ކުރެވޭ ކަންކަމުގައި މިއީ އެދެވިގެންވާ މުސްތަޙައްބުކަމެކެވެ. އެހެންކަމުން، ޙަދީޘްގެ މާނައަކީ: ނިޢުމަތެއް އެހެންމީހެއްގެ ކިބައިން ފިލައިދިޔުމަށް ނޭދި، ތިމާއަށްވެސް އެ ނިޢުމަތެއް ލިބުމަށް އެދެވިގެންވާ މުސްތަޙައްބުކަމެއްކަމުގައިވާނީ (ޙަދީޘްގައި ބަޔާންވެގެންވާ) ދެ ޞިފައާއި އެ ދެ ޞިފައިގެ މާނާގައިވާ އެހެނިހެން ހެޔޮކަންކަމެވެ.([9])

(16) ކީރިތި ޤުރްއާން ހިތުދަސްކޮށް، އެ ފޮތަށް ޢަމަލުކުރާމީހަކު؛ ޢަޛާބުން މުއްތިކުރައްވައި، ސުވަރުގޭގައި އެމީހާގެ ދަރަޖަ މަތިވެރިކުރައްވާނެއެވެ. ޙަދީޘްގައިވާ ފަދައިންނެވެ. ((لَوْ أَنَّ الْقُرْآنَ جُعِلَ فِي إِهَابٍ ثُمَّ أُلْقِيَ فِي النَّارِ مَا احْتَرَقَ))([10]) މާނައީ: “ހަމުގައި ޤުރްއާން ލިޔެވިފައި، ދެން އެ ހަން ނަރަކައަށް އެއްލާލެވުނުކަމުގައިވާނަމަ، އެ ހަމެއް ނާންދާނެއެވެ.”

މި ޙަދީޘްގެ މާނައަކީ: ތަކެތި ލިޔެއުޅޭ ހަމުގައި ކީރިތި ޤުރްއާން ލިޔެފައި، އެބަހީ؛ މީހެއްގެ ހިތުގައި ޤުރްއާން ރައްކާތެރިވެފައިވުމެވެ. އެ ހިތެއްގައި ޤުރްއާން ރައްކާކުރެވިފައިވާ ހިތެއްގެވެރި މީހެއްގެ ގައިގައި ނަރަކައިގެ އަލިފާނެއް ނުބީހޭނެތެވެ. ފަހެ، ޤުރްއާން އެމީހެއްގެ ހިތުންދަސްކޮށް، އެ ފޮތް ކިޔަވާކަމުގައިވާނަމަ، ޤިޔާމަތްދުވަހު ނަރަކައިގެ އަލިފާން އެމީހެއްގެ ގައިގައި ނުބީހޭނެތެވެ.([11])

(17) ޤުރްއާން ކިޔެވުމުގެ އަދަބުތަކުގެ ތެރޭގައި: ޠަހާރަތުކަންމަތީހުރެ ޤުރްއާން ކިޔެވުމާއި، ޤިބްލަޔަށް ކުރިމަތިލުމާއި، ސާފުތާހިރު ރަނގަޅުތަނެއްގައި ކިޔެވުމާއި، ކިޔެވުމުގެ ކުރިން ދަތްއުނގުޅުމާއި، ރަޖަމުކުރެވިގެންވާ ޝައިޠާނާގެ ނުބައިކަމުން ސަލާމަތްކޮށްދެއްވުން އެދި أَعُوذُ ކިޔުމާއި، ބިސްމީގެ ބަރަކާތުން ކިޔަވަން ފެށުންވެއެވެ.

ކިޔަވާއިރު ޤުރްއާން ތަރުތީލުކޮށް ކިޔެވުމާއި، މަޑުމައިތިރިކަމާއެކު ލަސްލަހުންކިޔެވުމެވެ. އެއީ؛ ޤުރްއާނާމެދު ފިކުރުކޮށް ވިސްނުމަށާއި ރަނގަޅަށް ދެނެގަތުމަށް މަގުފަހިކުރުވުމުގެ ގޮތުންނެވެ. އަދި ތަޖްވީދުގެ ޙުކުމްތަކަށް ފަރުވާތެރިވުމާއި، ކިޔަވަމުންދާއިރު ހުއްޓުމުގައްޔާއި ފެށުމުގައި ފަރުވާތެރިވުމާއެކު ޤުރްއާން ކިޔަވާއިރު އަޑު ރީތިކުރުމެވެ. އަދި ކިޔެވުން ބާރުކުރުމާއި ސިއްރުކުރުމަށް ބަލާއިރު މެދުމިންވަރެއްގައި ކިޔެވުމެވެ.

އަދި އާޔަތްތަކުގެ މާނަތައް ހިތަށް ގެނައުމާއި، ކިޔަވާއިރު ބިރުވެތިވުމާއި، ހަންގަނޑު ތުރުތުރުއެޅުމާއި، އެ ޤުރްއާނުގެ އަސަރުން ލޮލުން ކަރުނައެޅުމެވެ.

ވިސްނައި ފިކުރުކުރުމަށްޓަކައި އާޔަތްތަކަށް ހުއްޓުމާއި، މާތް ﷲގެ ހުސްޠާހިރުވަންތަކަން އެކުލެވޭ އާޔަތެއް ކިޔައިފިނަމަ ތަސްބީހަ (އެބަހީ: سُبْحَانَ اللهِ) ކިޔުމެވެ. އަދި ރަޙްމަތުގެވާހަކަ އެކުލެވޭ އާޔަތެއް ކިޔައިފިނަމަ، އެ ތަނަކަށް ހުއްޓުމަށްފަހު، ﷲގެ ފަޟްލަވަންތަކަމަށްއެދި އެކަލާނގެ ޙަޟްރަތަށް ދެންނެވުމެވެ. ސަލާމަތްކަމަށް އެދޭފަދަ އާޔަތެއް ނުވަތަ ޢަޛާބުގެ އާޔަތެއް ކިޔައިފިނަމަ، ރައްކާތެރިކަމަށް އެދި ދެންނެވުމެވެ. ނިޢުމަތްތަކުގެ އާޔަތްތައް ކިޔައިފިނަމަ ސުވަރުގެ ދެއްވުން އެދި ﷲ ތަޢާލާއަށް ދެންނެވުމެވެ. ޢަޛާބާއި ނަރަކައިގެ ވާހަކަތަކުގެ އާޔަތްތައް ކިޔައިފިނަމަ ނަރަކައިން ސަލާމަތްކޮށްދެއްވުމަށް އެދި ދެންނެވުމެވެ.

ބައެއްފަހަރަށް މުޞްޙަފަށް ބަލައިގެން ކިޔެވުމާއި، އަނެއްބައިފަހަރަށް ހިތުން ކިޔެވުމެވެ. އެއީ؛ ދެ ގޮތުންވެސް މާތްކަން ލިބިގަތުމަށްޓަކައެވެ.

(18) ކީރިތި ޤުރްއާން ތަދައްބުރުކުރުމަކީ: އެ ފޮތުގެ ލަފްޒުތަކުގެ މާނަތައް ދެނެގަތުމެވެ. އަދި އާޔަތްތަކުގެ މާނަތަކާއި އެ އާޔަތްތަކުގެ މުރާދާމެދު ވިސްނުމެވެ. އަދި އެ އާޔަތްތަކުން ދަލީލުކުރާކަންކަމާމެދު ފިކުރުކުރުމެވެ. އަދި އެ އާޔަތްތަކުގައިވާ ވައުޒުތަކުންނާއި ޚަބަރުތަކުން ހިތަށް މަންފާކުރުވުމެވެ. އަދި އަމުރުތަކަށާއި ނަހީތަކަށް ބޯލަނބައި ކިޔަމަންގަތުމެވެ.

(19) ތަދައްބުރުކުރާނެ ގޮތަކީ: ޤުރްއާން ކިޔަވާމީހާ ކިޔަވާ ލަފްޒުތަކާމެދު ފިކުރުކުރުމުގައި ހިތް މަޝްޣޫލުކުރުވުމެވެ. އަދި ކިޔަވާ ކޮންމެ އާޔަތެއްގެ މާނަ ދެނެގަތުމެވެ. އަދި އަމުރުތަކާއި ނަހީތަކާމެދު ވިސްނުމެވެ. އަދި އެކަންކަން ތެދުހިތުން ޤަބޫލުކުރުމެވެ. އެއިގެތެރެއިން ކަމަކާމެދު މާޒީގައި ފަރުވާކުޑަކުރެވިފައިވާނަމަ އިސްތިޣުފާރުކޮށް ތައުބާވުމެވެ. ރަޙްމަތުގެ އާޔަތެއް ކިޔަވައިފިނަމަ އުފާވެ، ރަޙްމަތަށް އެދި ދެންނެވުމެވެ. ނުވަތަ ޢަޛާބުގެ އާޔަތެއްނަމަ ދެރަވެ، އެކަމުން ސަލާމަތްކޮށްދެއްވުމަށް އެދި ދެންނެވުމެވެ. މާތް ﷲގެ މަތިވެރިކަން ބަޔާންވެފައިވާ އާޔަތެއްނަމަ، އެންމެހާ ޢައިބު އުނިޞިފަތަކަކުން އެކަލާނގެ ހުސްޠާހިރުކޮށް، އެކަލާނގެ މަތިވެރިކުރުމެވެ. ދުޢާއާއި ކަންކަމަށްއެދުމުގެ ވާހަކަ އަތުވެއްޖެނަމަ، ނިކަމެތިވެ، އެކަލާނގެއަށް އެދި ދެންނެވުމެވެ.([12])

އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “(ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައި) ތިމަންމެންގެ ތެރެއިން މީހަކު ދިހަ އާޔަތް އުގެނިއްޖެކަމުގައިވާނަމަ، އެ އާޔަތްތަކުގެ މާނަތައް ދެނެގަނެ، އެ އާޔަތްތަކަށް ޢަމަލުކޮށްފައި މެނުވީ ޖެހިގެން ހުރި އާޔަތްތަކަކަށް ނުދަމެވެ.”([13])

ސަޢީދު ބުން ޖުބައިރު ރަޙިމަހުﷲ ވިދާޅުވިއެވެ. “ޤުރްއާން ކިޔަވައި، ދެން އެ އާޔަތްތަކުގެ މާނަތައް ދެނެނުގަންނަމީހަކީ ޢަޖަމީއެކެވެ. (އެބަހީ؛ ޢަރަބިބަސް ނޭނގޭމީހެކެވެ.) ނުވަތަ އަޢުރާބީއެކެވެ. (އެބަހީ؛ ރަށްފުށުހިސާބުތަކުގައި އުޅޭ ކަންކަންނޭނގޭ މީހެކެވެ.)”([14])

(20) ކީރިތި ޤުރްއާން ބާވާލެއްވުމުގެ އެންމެ މުހިއްމު މަޤްޞަދަކީ އެ ފޮތާމެދު ވިސްނައި ފިކުރުކުރުމެވެ. އެކަމަކީ؛ ފަހުމުވުމެއްނެތި، އަދި ވިސްނައި ފިކުރުކުރުމެއްނެތި ހަމައެކަނި ކިޔަވާލާ ކިޔަވާލުމަށްވުރެ މުހިއްމުކަންދެވިފައިވާ ކަމެކެވެ. އެކަމުގެ ސަބަބުން ހިތްތައް ތަނަވަސްވެ، ހިތްތައް އަލިވެގެންދާނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ﴾ (ص: 29) މާނައީ: “(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެބައިމީހުން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެއިން) ނަޞީޙަތް ލިބިގަތުމަށެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَا﴾ (محمد: 24) މާނައީ: “ފަހެ، ޤުރްއާނާމެދު އެބައިމީހުން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ ނުވަތަ (އެބައިމީހުންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿أَفَلَمْ يَدَّبَّرُوا الْقَوْلَ﴾ (المؤمنون: 68) މާނައީ: “ފަހެ، އެބައިމީހުން ޤުރްއާނާމެދު ވިސްނުން ހިންގައި، ފިކުރުނުކުރަނީ ހެއްޔެވެ؟” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿إِنَّا جَعَلْنَاهُ قُرْآنًا عَرَبِيًّا لَّعَلَّكُمْ تَعْقِلُونَ﴾ (الزخرف: 3) މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް ލައްވާފައިވަނީ، ޢަރަބިބަހުންއޮތް ޤުރްއާނެއް ކަމުގައެވެ. އެއީ ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ.”

(ނުނިމޭ)

______________________

([1]) رواه البخاري (4937)، مسلم (798).

([2]) رواه أبو داود (1464)، والترمذي (2914)، وهو في صحيح الجامع (8122).

([3]) ތަރުތީލުކޮށް ކިޔެވުމަކީ: މަޑުމައިތިރިކަމާއެކު، އަވަސްއަރައިގަތުމެއްނެތި، ހުއްޓަންޖެހޭ ތަންތަނަށް ހުއްޓަމުން، އަކުރުތަކަށްދޭންޖެހޭ ޙައްޤުތައް ދެމުން ކިޔެވުމެވެ. (މުތަރުޖިމު)

([4]) ޞުއްފާއަކީ: ވަންނާނެ ގޯތިގެދޮރެއް، އަދި ތިމާގެ ބަޔަކުނެތް ޞަޙާބީބޭކަލުން ތިބުމަށްޓަކައި މަސްޖިދުއްނަބަވީގައި ހިޔާކޮށްފައިވާ ތަންކޮޅެކެވެ. (މުތަރުޖިމު)

([5]) ބުޠުހާނާއި ޢަޤީޤަކީ މަދީނާގެ ކައިރީގައިވާ ދެ ހިސާބުގަނޑަކަށް ކިޔާ ދެ ނަމެވެ. (މުތަރުޖިމު)

([6]) رواه مسلم (803).

([7]) رواه البخاري (5020)، مسلم (797).

([8]) رواه البخاري (5026) من حديث أبي هريرة، و (7529) ومسلم (815) – مختصراً- من حديث ابن عمر.

([9]) ينظر: شرح النووي على صحيح مسلم (6/97).

([10]) رواه أبو داود (1464)، والترمذي (2914)، وهو في صحيح الجامع (8122).

([11]) ينظر: شرح السُّنَّة للبغوي (4/437).

([12]) ينظر: الاتقان في علوم القرآن للسيوطي (1/369).

([13]) تفسير الطبري (1/74).

([14]) تفسير الطبري (1/80).