(24) ތަރާވީޙުނަމާދަކީ: ރޯދަމަހުގެ ރޭއަޅުކަމެވެ. ރޯދަމަހުގެ ރޭއަޅުކަމަށް “ތަރާވީޙު” އޭ ކިއިފައިވަނީ، ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި، މީސްތަކުން ޖަމާޢަތް ހަދައިގެން ރޭއަޅުކަންކުރެއްވިއިރު، ކޮންމެ ދެ އައްތަޙިއްޔާތަކަށްފަހު، ނުވަތަ ކޮންމެ ހަތަރު ރަކުޢަތަކަށްފަހު އަރާމުކުރާތީއެވެ. އެގޮތަށް އަރާމުކޮށްލަނީ އެބައިމީހުންގެ ރޭއަޅުކަމުގައި ވަރަށް ދިގުކޮށް ޤުރުއާން ކިޔަވާތީއެވެ.
(25) (ރަމަޟާންމަހުގައި ކުރާ ރޭއަޅުކަންކަމުގައިވާ) ތަރާވީޙުނަމާދަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އުނގަންނަވައިދެއްވާފައިވާ ސުންނަތެކެވެ. އަދި ޞަޙާބީބޭކަލުން އެ ނަމާދުކުރައްވާފައިވާކަން ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެނގިފައިވެއެވެ. އަދި އިސްލާމީ އުއްމަތް ވަނީ އެބޭކަލުންގެ ފަރާތްޕުޅުން އެކަން ދަސްކުރައްވާފައެވެ.
(26) ތަރާވީޙުނަމާދަކީ މަތިވެރި އަޖުރު ލިބިގެންވާ ނަމާދެކެވެ. ފަހެ، އެ ނަމާދަކީ ފާފަތަކަށް ފުއްސެވުން ލިބޭނޭކަމެކެވެ. އަދި ލައިލަތުލްޤަދްރި ޙާޞިލުކުރުމަށްޓަކައި ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގައި މި ނަމާދު ކުރުމަކީ ވަރަށް ބޮޑަށް ބާރުއެޅިފައިވާ ކަމެކެވެ. ޙަދީޘްގައި އައިސްފައިވެއެވެ. ((مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ))([1]) މާނައީ: “ރޭއަޅުކަމަށް އީމާންވާޙާލު، އެ އަޅުކަމުގެ ޘަވާބާއި ދަރުމައަށްއެދި ރަމަޟާންމަހުގައި ރޭއަޅުކަންކޮށްފިމީހެއްގެ އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާދެއްވާނެއެވެ.”
މި ޙަދީޘްގައިވާ ރޭއަޅުކަމަށް އީމާންވުމުގެ މާނައަކީ: ރޭއަޅުކަމަކީ ޙައްޤުކަމެއްކަމަށާއި، ކިޔަމަންތެރިވެވޭކަމެއްކަން ތެދުކުރުމެވެ. އަދި އެ އަޅުކަން ޝަރުޢުކުރައްވައި، އެކަމަށް ބާރުއަޅުއްވާފައިވާ ފަރާތަކީ ﷲ ކަމަށް ޤަބޫލުކުރުމެވެ.
އަދި ޙަދީޘްގައިވާ ((احْتِسَابًا)) ގެ މާނައަކީ: ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދުމެވެ. އެ ޘަވާބާއި ދަރުމަ ހޯދުމަށްޓަކައި ފުރިހަމަ ޢަޒުމާއެކު ރޭއަޅުކަމަށް ތެދުވުމެވެ. އެ އަޅުކަމަށް މީހާގެ ނަފްސު ލޯބިކުރުވުމެވެ. އަދި އެ އަޅުކަންކުރުމުގައި ބަރުހެލިނުވުމާއި، އެ ނަމާދުގެ ޤިޔާމުގައި ހުރުމަށް ކަންނެތްނުވުމެވެ. އަދި ހަމައެކަނި ﷲ ތަޢާލާއަށް އިޚްލާޞްތެރިކަމާއެކު އެ އަޅުކަން އަދާކުރުމެވެ.
(27) ރަމަޟާންމަހުގައި ޢުމުރާވާ ޢުމުރާވެރިން މަސްޖިދުލްޙަރާމްގައި ނުވަތަ މަސްޖިދުއްނަބަވީގައި ރޭއަޅުކަންކުރުމަށް ނުވަތަ ތަރާވީޙުނަމާދުކުރުމަށް އަވަސްވެގަންނަންޖެހެއެވެ. ފަހެ، އެ މިސްކިތްތަކުގައި ކުރެވޭ ނަމާދުތަކުގެ ޘަވާބު ގިނަގުނަވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((صَلَاةٌ فِي مَسْجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ، إِلَّا الْمَسْجِدَ الْحَرَامَ، وَصَلَاةٌ فِي الْمَسْجِدِ الْحَرَامِ أَفْضَلُ مِنْ مِائَةِ أَلْفِ صَلَاةٍ))([2]) މާނައީ: “އެހެން މިސްކިތެއްގައި ކުރެވޭ އެއްހާސް ނަމާދަށްވުރެ ތިމަންކަލޭގެފާނުގެ މި މިސްކިތްކޮޅުގައި ކުރެވޭ ނަމާދު މަތިވެރިވެގެންވެއެވެ. މަސްޖިދުލްޙަރާމް ފިޔަވައެވެ. އަދި މަސްޖިދުލްޙަރާމްގައި ކުރެވޭ ނަމާދު، އެހެން މިސްކިތެއްގައި ކުރެވޭ އެއްލައްކަ ނަމާދަށްވުރެ މަތިވެރިވެގެންވެއެވެ.”
(28) އިބްނު ރަޖަބު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ރަމަޟާންމަހުގައި މުއުމިނާ، އޭނާގެ ނަފްސަށްޓަކައި ދެ ޖިހާދެއްކުރެއެވެ. އެއީ: ދުވާލުގަޑީގައި ރޯދަހިފައިގެންކުރާ ޖިހާދާއި، ރޭއަޅުކަންކޮށްގެން ރޭގަނޑުގައި ކުރާ ޖިހާދެވެ.
މި ދެ ޖިހާދު ކޮށް، މި ދެ ޖިހާދުގެ ޙައްޤުތައް އަދާކޮށް، މި ދެ ޖިހާދުގެ މަތީގައި ކެތްތެރިވެއްޖެމީހަކަށް ވަކި މިންވަރެއްނެތި އަޖުރުދެއްވާނެތެވެ.”([3])
(29) ސުންނަތް ނަމާދަކަށްވާތީވެ، ތަރާވީޙުނަމާދު ގޭގައި ކުރުމަކީވެސް ޝަރުޢުވެގެންވާ ގޮތެކެވެ. އަދި އިމާމާއެކު މިސްކިތުގައިވެސް ކުރެވިދާނެއެވެ. މިސްކިތުގައި ޖަމާޢީކޮށް ކުރުމަކީ އެންމެ މޮޅުއިތުރު ގޮތެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައާއި އަޞްޙާބުބޭކަލުންނަށް ތަބާވެވަޑައިގަތުމުގެ ގޮތުންނެވެ.
(30) މިސްކިތުގައި ކުރުމަށްވުރެ އަންހެނާއަށް ހެޔޮވެގެންވަނީ އެކަނބުލޭގެ ގޭގައި ނަމާދުކުރުމެވެ. އެއީ ފަރުޟުނަމާދެއްކަމުގައިވީނަމަވެސް އަދި ސުންނަތް ނަމާދެކަމުގައިވީނަމަވެސްމެއެވެ. އެއީ ތަރާވީޙުނަމާދުކަމުގައިވީނަމަވެސް އަދި އެހެން ނަމާދެއްކަމުގައިވީނަމަވެސްމެއެވެ. އެހެންނަމަވެސް، އެކަނބުލޭގެ ފިރިމީހާގެ އިޒުނައާއެކު، ޒީނަތްތެރިވުމެއްނެތި، ހުވަނދުލުމެއްނެތި، އަމާންކަން ލިބިފައިވާނަމަ، އަދި ފިތުނައެއް ނުއުފެދޭނެކަމުގައިވާނަމަ، މި ޝަރުޠުތަކާއެކު އެކަނބުލޭގެ މިސްކިތުގައި ނަމާދުކުރުމަކީ މަނާކަމެއް ނޫނެވެ.
(31) އަންހެން ކަނބަލުން ތަރާވީޙުނަމާދުކުރުމަށްޓަކައި، އެކަނބުލުންކުރެ ކަނބަލެއްގެ ގެއަށް އެއްވެގެން ނަމާދުކުރުމަކީ ހުއްދަކަމެކެވެ. އެއިގެތެރެއިން ކަނބަލަކު އިމާމާއެއްގެ މަޤާމުގައި ހުންނާނީއެވެ. އަދި އެކަނބުލޭގެ ހުންނާނީ އެ އަންހެން ކަނބަލުންގެ ސަފުގެ މެދުގައި، ކުރިއަށްނުޖެހި އެއްހަމައެއްގައެވެ. އެކަނބުލޭގެއަށް މަޙްރަމްނޫން ފިރިހެނަކަށް އަޑުނީވޭނެނަމަ، ފިރިހެނާ ނަމާދުކުރާއިރު ބާރަށް ކިޔަވާފަދައިން އެކަނބުލޭގެ ބާރަށް ކިޔަވާނީއެވެ.
(32) ތަރާވީޙުނަމާދު އެގާރަ ރަކުޢަތަށް ކުރުކުރުމަކީ އެންމެ ރަނގަޅުގޮތެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ކަންތައް ކުރައްވާފައިވާ ގޮތެވެ. އެހެންނަމަވެސް، އެ ޢަދަދަށްވުރެ އިތުރުކުރިޔަސް އެއީ މައްސަލައެއް ނޫނެވެ. ޢަދަދުގެ މަސްއަލައަކީ ތަނަވަސް މައްސަލައެކެވެ. والحمد لله.
(33) ހައްދުފަހަނައަޅާވަރަށް އަވަސްކޮށް ބައެއްމީހުން ތަރާވީޙުނަމާދުކުރެއެވެ. މިއީ ޝަރުޢުވެގެންވާގޮތާ ޚިލާފުގޮތެކެވެ.
ފަހެ، އަވަސްވުމުގެ ސަބަބުން ނަމާދުގައި މަޑުމައިތިރިކަން ގެއްލުމާއި، ރުކޫޢުއާއި ސަޖިދަތައް ފުރިހަމަނުވުންފަދަ ކަންކަމަކީ ނަމާދު ބާޠިލުކުރާނެކަންކަމެވެ.
(34) މިސްކިތުގައި ތަރާވީޙުނަމާދުކުރާކަމުގައިވާނަމަ، އެންމެ މަތިވެރިގޮތަކީ އިމާމާ ނަމާދުކޮށް ނުނިމެނީހެން ނަމާދު ދޫކޮށްފައި ނުދިޔުމެވެ. އެއީ؛ ރޭއަޅުކަން ކުރިމީހެއްގެގޮތުގައި ލިޔެވުމަށްޓަކައެވެ. ޙަދީޘްގައި އައިސްފައިވެއެވެ. ((مَنْ قَامَ مَعَ الإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ))([4]) މާނައީ: “އިމާމާ ނިމެންދެން އިމާމާއާއެކު ހުރެއްޖެމީހަކު، ރޭގަނޑު ރޭއަޅުކަންކުރިމީހެއްކަމުގައި ލިޔުއްވާނެއެވެ.”
އެއް މިސްކިތެއްގައި ގިނަ އިމާމުން ނަމާދުކުރާކަމުގައިވީނަމަވެސް ބެލެވޭނީ އެއީ އެއް އިމާމެއްކަމުގައެވެ.
(35) ތަރާވީޙުނަމާދުގެ ކޮންމެ ދެ ރަކުޢަތެއްގެ ފުރަތަމަ ރަކުޢަތުގައި ދުޢާއުލްއިސްތިފްތާޙު([5]) ކިޔުމަކީ ކިޔުން އެދެވިގެންވާ މުސްތަޙައްބުކަމެކެވެ. އެހެނީ، ކޮންމެ ދެ ރަކުޢަތެއް ބެލެވޭނީ ވަކި ނަމާދެއްފަދަ ގޮތަކަށެވެ. އަދި ފަރުޟުނަމާދާއި ސުންނަތްނަމާދުގައި ދުޢާއުލްއިސްތިފްތާޙުގެ ޢިބާރާތްތަކުގައި ތަފާތެއް ނުހުންނާނެއެވެ.
(36) ތަރާވީޙުނަމާދުގައި އިމާމާ މުޞްޙަފަށް ބަލައިގެން ކިޔެވުމަކުން މައްސަލައެއްނެތެވެ. ބޭނުމެއްނެތި މައުމޫމުން މުޞްޙަފު އަތުން ހިފަހައްޓައިގެން ހުރުމަކީ މޮޅުއިތުރުގޮތާ ޚިލާފުގޮތެކެވެ. އެހެނީ، އެ ގޮތަށް މުޞްޙަފު އަތުން ހިފަހައްޓައިގެންހުރުމަކީ ނަމާދުގެ ބައެއް ސުންނަތްތަކުންނާއި، ނަމާދުގައި ޚުޝޫޢަތްތެރިވުމުން ކޮންމެވެސްވަރަކަށް ދުރުކުރާނެކަމެކެވެ.
(37) ތަރާވީޙުނަމާދު އެއް އިމާމަކަށްވުރެ ގިނަ އިމާމުންކުރުމަކީ މަނާކަމެއް ނޫނެވެ. އެއީ މަސްޖިދުލްޙަރަމްގައިކަމުގައިވީނަމަވެސް އަދި އެހެން މިސްކިތެއްކަމުގައިވީނަމަވެސްމެއެވެ. ތަރާވީޙުނަމާދު ފުރިހަމަކުރުމަށްޓަކައި އެ އިމާމުންނާއެކުގައި ނަމާދުކުރާނީއެވެ. އެއް އިމާމަށްވުރެ ގިނަ އިމާމުން ނަމާދުކުރާކަމުގައިވީނަމަވެސް ބެލެވޭނީ އެއީ އެއް އިމާމެއްކަމުގައެވެ.([6])
(38) ތަރާވީޙުނަމާދުގައި އިމާމާ ވިތުރިކުރާއިރު، (ދަންވަރު ހޭލައިގެން ނަމާދުކުރަން ބޭނުންވާމީހާ) ނިޔަތްގަންނާނީ ވިތުރިނުކޮށް، ދެ ރަކުޢަތުން ދެ ރަކުޢަތުން ސުންނަތްކުރުމަށެވެ. ފަހެ، އިމާމާ ވިތުރިކޮށްނިންމުމަށްފަހު ސަލާމްދިނުމުން ތެދުވެ ދެވަނަ ރަކުޢަތްކުރާނީއެވެ. އެއީ؛ ރޭގަނޑުގެ ފަހުބަޔަށް ވިތުރިކުރުން ފަސްކޮށްލުމަށްޓަކައެވެ.
(39) އިމާމާއެކު ތާރާވީޙުނަމާދާއި ވިތުރިކޮށްނިންމާފައި، ފަހުން، އިތުރަށް އެކަނި ނަމާދު ކުރަންބޭނުންކަމުގައިވާނަމަ، ﷲ މިންވަރުކުރެއްވިވަރަކަށް އެމީހަކު ނަމާދުކުރާނީއެވެ. ދެ ރަކުޢަތުން ދެ ރަކުޢަތުންނެވެ. (ކުރިން އިމާމާއާއެކު ވިތުރިކޮށްފައިވާތީ) ދެން ވިތުރިއެއް ނުކުރާނެއެވެ.
(40) ޢިޝާނަމާދުގެ ޖަމާޢަތް ފާއިތުވެއްޖެމީހަކަށް، ތަރާވީޙުނަމާދު ކުރާ އިމާމެއްގެ ފަހަތުގައި ޢިޝާނަމާދުކުރުމުގެ ނިޔަތުގައި ބައިވެރިވެވިދާނެއެވެ. މިގޮތުން؛ އިމާމާ ދެ ރަކުޢަތްކޮށްފައި ސަލާމްދިނުމުން، ތެދުވެ ބާކީ އޮތް ދެ ރަކުޢަތް ފުރިހަމަކުރާނީއެވެ.
(41) ތަރާވީޙުނަމާދު ފާއިތުވެއްޖެމީހަކަށް، އެކަނި ނުވަތަ އެހެން ޖަމާޢަތެއް ހަދައިގެން އެ ނަމާދުކުރެވޭނެއެވެ.
(42) ސުންނަތް ޠަވާފުކުރުމަށްވުރެ، މަސްޖިދުލްޙަރަމްގައި އިމާމާއެކު ތަރާވީޙުނަމާދުކުރުން މަތިވެރިވެގެންވެއެވެ. އެހެނީ، ތަރާވީޙުނަމާދުގެ ވަގުތަކީ ފާއިތުވެދާނެ ވަގުތެކެވެ. އެހެންނަމަވެސް، ޠަވާފުގެ ވަގުތަކީ ފާއިތުވާނެ ވަގުތެއް ނޫނެވެ. (އެބަހީ؛ ކޮންމެ ވަގުތަކުވެސް ޠަވާފުކުރެވިދާނެއެވެ.)
(43) އިމާމާ ތަރާވީޙުނަމާދުކުރަންފެށުމުން، ކަޢުބާ ވަށައިގެން ޠަވާފުކުރާމީހާ ޠަވާފު މެދުކަނޑާލާކަށް ނުޖެހޭނެއެވެ. އެހެނީ، އެ ނަމާދަކީ ސުންނަތް ނަމާދަކަށްވެފައި، ޠަވާފު މެދުކަނޑާލަންޖެހޭނީ ފަރުޟުނަމާދަށްކަމަށް ވާތީއެވެ. ފަރުޟު ނަމާދަށް ޠަވާފު މެދުކަނޑާލައިފިނަމަ، ޤަމަތްދިނުމުގެ ކުރިން އެހުރި ހިސާބަކުން ޠަވާފު ކުރިއަށް ގެންދާނީއެވެ.
(44) ވިތުރީގައި ޤުނޫތުކިޔުމަކީ ކުރުން އެދެވިގެންވާ މުސްތަޙައްބުކަމެކެވެ. އަދި އިމާމާއި މައުމޫމުން ޤުނޫޠުގައި އަތް ނެގުމަކީ ޝަރުޢުވެގެންވާ ކަމެކެވެ. އެހެނީ، އެ ޤުނޫތަކީވެސް ޤުނޫތުއްނާޒިލާ([7]) އާ އެއްފަދަ ޤުނޫޠެކެވެ.
(45) ތަރާވީޙުނަމާދުގައި ޤުރްއާން ޚަތިމުކުރުމަށްފަހު ދުޢާކިޔުމާއި، އިމާމާގެ ފަހަތުން މައުމޫމުން އާމީން ކިޔުމަކީ މަނާކަމެއް ނޫނެވެ. އެހެނީ، ގިނަ ސަލަފު ބޭކަލުންނެއްގެ ކިބައިން މިގޮތަށް ކުރުން ވާރިދުވެފައިވެއެވެ.
(46) ރަމަޟާންމަހަށް ހަނދުފެންނަ ފުރަތަމަ ރެއިން ފަށައިގެން (އެބަހީ؛ ރަމަޟާންމަހުގެ ފުރަތަމަ ވިލޭރެއިން ފަށައިގެން) ތަރާވީޙުނަމާދު ކުރާނެއެވެ.
(47) ޢީދުވިލޭރޭ ތަރާވީޙުނަމާދެއް ނުކުރާނެއެވެ. އެހެނީ، ތަރާވީޙުނަމާދު ޝަރުޢުވެގެންވަނީ ރަމަޟާންމަހަށެވެ. ފަހެ، ރަމަޟާންމަސް ނިމިއްޖެކަން ސާބިތުވެއްޖެނަމަ ތަރާވީޙުނަމާދެއް ނުކުރާނެއެވެ. އެހެންމަވެސް، ރޭއަޅުކަން ޢާދަކޮށް ކުރާމީހެއްނަމަ، އެމީހެއްގެ ގޭގައި އެކަނި ރޭއަޅުކަން ކުރާނީއެވެ.
(48) އެހެން ރޭތަކަށްވުރެ ޢީދުވިލޭރޭ ޚާއްޞަކޮށްގެން ރޭއަޅުކަން ކުރުމަކީ ޝަރުޢުވެގެންވާކަމެއް ނޫނެވެ. އެހެން ރޭތަކުގައިވެސް ޢާދަކޮށް ރޭއަޅުކަންކުރާމީހެއްކަމުގައިވާނަމަ، ޢީދު ވިލޭރޭވެސް ރޭއަޅުކަން ކުރެވޭނެއެވެ.
ޚާއްޞަކޮށް ޢީދު ވިލޭރޭ ރޭއަޅުކަންކުރުމަށް ވާރިދުވެފައިވާ ޙަދީޘްތައް ޞައްޙަވެގެން ނުވެއެވެ.
އަޅަމެންގެ ރޯދައާއި، ރޭއަޅުކަމާއި، ޤުރްއާން ކިޔެވުން އަޅަމެންގެ ކިބައިން މާތް ﷲ ޤަބޫލުކުރައްވާނދޭވެ! އަދި އެކަލާނގެއަށް ކިޔަމަންތެރިވުމުގައި ވާގިވެރިވެވޮޑިގެންފާނދޭވެ! އަދި ރަމަޟާންމަހުގެ ދަރުމައާއި ޘަވާބު ޙާޞިލުކުރިމީހުންގެ ތެރޭގައި އަޅަމެން ލައްވާނދޭވެ! آمين!
وَالْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ.
(ނިމުނީ)
____________________________
([1]) رواه البخاري (1152)، ومسلم (1159).
([2]) رواه الإمام أحمد (14847)، وصحّحه الألباني في الإرواء (971).
([4]) رواه أبو داود (1375)، والترمذي (806)، والنسائي (1364)، وابن ماجه (1327)، وصحّحه الألباني.
([5]) ދުޢާއުލްއިސްތިފްތާޙަކީ: ހަށަންބަން ތަކްބީރަށްފަހު، ފާތިޙާ ސޫރަތް ކިޔެވުމާދެމެދު ކިޔާ ދުޢާއެވެ. ދިވެހިރާއްޖޭގައި މަޝްހޫރުވެފައިވަނީ ވައްޖަހުތު ކިޔުމުގެ ނަމުގައެވެ. މި ދުޢާގެ ތަފާތު އެކި ދުޢާތައް އައިސްފައިވެއެވެ. ނަމާދާގުޅޭ ފޮތްތަކާއި، ދުޢާފޮތްތަކުގައި މި ދުޢާތައް ބަޔާންވެފައި ހުންނާނެއެވެ. (މުތަރުޖިމު)
([6]) ينظر: فتاوى ابن عثيمين (14/190).
([7]) ޤުނޫތުއްނާޒިލާއަކީ: ބޮޑެތި ވަބާތަކާއި، މުޞީބާތްތައް ކުރިމަތިވުމުން، އެކަމަކުން ސަލާމަތްކޮށްދެއްވުން އެދި ފަރުޟުނަމާދުތަކުގައި ކިޔާ ޤުނޫތެކެވެ. (މުތަރުޖިމު)