بسم الله الرحمن الرحيم
މުޤައްދިމާ
الحمد لله الذي أرسل رسوله بالهدى ودين الحق ليظهره على الدين كله، فجعله شاهدا ومبشرا ونذيرا، وداعيا إلى الله وسراجا منيرا، وجعل فيه أسوة حسنة لمن كان يرجوا الله واليوم الآخر وذكر الله كثيرا. اللهم صل وسلم وبارك عليه وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين، وبعد.
އަޅުގަނޑުމެންގެ ނަބިއްޔާ އަދި ރަސޫލާ صلى الله عليه وسلمގެ މަތިވެރި ޝަޚުޞިއްޔަތުގެ ވާހަކަތައް ޛިކުރުކުރެވޭ ކޮންމެ ފަހަރަކީ އަޅުގަނޑުމެންގެ ހިތްތަކަށް ނުހަނު ހިތްހަމަޖެހުން ލިއްބައިދޭ ކަމެކެވެ. އަދި އެއީ އަޅުގަނޑުމެންގެ އީމާންތެރިކަން އިތުކޮށްދޭވެސް ކަމެކެވެ. އެހެނީ އީމާންކަމަކީ އުނިވެ އިތުރުވާ އެއްޗަކަށް ވީ ހިނދު، ﷲ تعالى ލޯބިވެވޮޑިގަންނަވާ ކޮންމެ ޢަމަލަކީ، އެ ޢަމަލެއް ކުރުމުން އީމާންކަމަށް އިތުރު އާރޯކަމެއް ލިބި، އީމާންކަން ތާޒާކޮށްދޭނެ ކަމެކެވެ.
މިއާއެކު އަޅުގަނޑުމެން ދަންނަންވީ ކަމަކީ އިސްލާމްދީން ބިނާވެފައި ވަނީ މައިގަނޑު ދެ އަޞްލެއްގެ މައްޗަށްކަމެވެ. އެއީ ﷲ تعالى ފިޔަވާ ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާކަމަށް ހެކިވުމާއި މުޙައްމަދު صلى الله عليه وسلم އަކީ އެ އިލާހުގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުމެވެ. ފަހެ، އެ ދެ އަޞްލުގެ ފުރިހަމަ މަޢުލޫމާތު ހޯދުމަކީ މި ދެންނެވި އީމާންކަން އޭގެ އެންމެ މަތީ ދަރަޖައަށް ގެންދިޔުމަށް އޮތް އެންމެ އަގުހުރި ވަސީލަތެވެ.
ﷲ تعالىގެ ޚަލްޤުތަކުންގެ ތެރެއިން އެއިލާހު ޚަލްޤުކުރެއްވި އެންމެ މާތް މަޚްލޫޤަކީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ صلى الله عليه وسلمއެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއުންމަތުގެ ނަބިއްޔާ صلى الله عليه وسلمއަށް އީމާންވުމާއެކު، އަޅުގަނޑުމެން އެކަލޭގެފާނަށްޓަކައި އަދާކޮށްދޭން ޖެހޭ ޙައްޤުތަކެއްވެއެވެ. އެއިން ކޮންމެކަމަކީވެސް އެއްކަމަކާއި އަނެއްކަމެއް ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ކަންތައްތަކެކެވެ. އެކަލޭގެފާނަށް އީމާންވާކަމަށް އަޅުގަނޑުމެންގެ ހިތުން އިޢުތިޤާދުކޮށް، ހަމައެކަނި ދުލުން ބުނެލުމަކުން އަޅުގަނޑުމެންނަކީ އެކަލޭގެފާނަށް އީމާންވާ ބަޔަކަށް ނުވާނެއެވެ. އެއާއެކު ޢަމަލުން އެކަން ދައްކުވައި ދޭންޖެހެއެވެ. އެހެނީ އީމާންކަމަކީ ހިތާއި، ދުލާއި، ގުނަވަންތަކުން ވެވޭ އެއްޗެކެވެ.
މި ކުޑަކުޑަ ފޮތަކީ މި ދެންނެވި ޙައްޤުތަކުގެ ތެރެއިން އެންމެ މުހިއްމު ޙައްޤުތަކުގެ ޚުލާޞާއެއް، ޤުރްއާނާއި ސުންނަތުގެ އަލީގައި ކުރު ގޮތަކަށް ބަޔާންކޮށް، މީސްތަކުންނަށް އެކަންކަމުގެ ކޮންމެވެސް ވަރެއްގެ މަޢުލޫމާތުކޮޅެއް ހިއްސާކޮށްލުމުގެ މަޤުޞަދުގައި ލިޔެފައިވާ ކުޑަކުޑަ ފޮތެކެވެ. މި ފޮތް ލިޔުމުގައި، ތަފާތު އެކި މަރުޖިޢުތަކުން މަޢުލޫމާތު ނަގާފައިވާނެއެވެ. އޭގެ ތެރެއިން، الدكتور محمد ابن خليفة بن علي التميمي ލިޔުއްވާފައިވާ ‘حقوق النبي صلى الله عليه وسلم على أمته في ضوء الكتاب والسنة’ އަދި أ.د. صالح بن عبدالعزيز بن عثمان سندي ލިޔުއްވާފައިވާ ‘المصفى من حقوق المصطفى صلى الله عليه وسلم’ މި ދެ ފޮތް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަމެވެ.
وآخر دعوانا أن الحمد لله رب العالمين، وصلى الله وسلم على نبينا محمد.
ފުރަތަމަ ޙައްޤު
އެކަލޭގެފާނުގެ ރަސޫލުކަމަށާއި ނަބީކަމަށް އީމާންވުން
މިއީ އެކަލޭގެފާނުގެ ޙައްޤުތަކުގެ ތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު ޙައްޤެވެ. އަދި އެ ޙައްޤެއްގެ މައްޗަށް އެހެން ހުރިހާ ޙައްޤުތަކެއް ބިނާވެފައިވާ މައިގަނޑު އަޞްލަކީ ވެސް މިއެވެ.
އެކަލޭގެފާނަށް އީމާންވުމަކީ ވާޖިބެކެވެ. އަދި އެކަލޭގެފާނަށް އީމާން ނުވާ މީހާގެ އީމާންކަން ޞައްޙަ ނުވާނެއެވެ.
ނަބިއްޔާ صلى الله عليه وسلمއަށް އީމާންވުމަކީ ކޮބައިކަން ބަޔާންކުރައްވާ، އަލްޤާޟީ ޢިޔާޟް رحمه الله ވިދާޅުވެފައިވެއެވެ. [އެކަލޭގެފާނަށް އިމާންވުމަކީ، އެކަލޭގެފާނުގެ ނަބީކަމާއި ރަސޫލުކަން ތެދުކުރުމާއި އެކަލޭގެފާނު އެކަންކަމަކާއިގެން ވަޑައިގެންނެވި އެންމެހާ ކަންކަމަކާއި ވިދާޅުވި އެންމެހާ ބަސްފުޅެއް ތެދުކުރުމެވެ].([1])
އެކަލޭގެފާނުގެ ރަސޫލުކަމަށާއި ނަބީކަމަށް އީމާންވުމުގައި ތިން ކަމެއް ހިމެނެން ޖެހެއެވެ. އެ ތިން ކަމުން ކުރެ އެއްކަމަކަށް އިންކާރު ކުރިކަމުގައި ވިޔަސް އެމީހަކު، ރަސޫލާ صلى الله عليه وسلمއަށް އީމާންވީކަމުގައި ނުވާނެއެވެ.
-
ފުރަތަމައީ:
މުޙައްމަދު صلى الله عليه وسلم އަކީ އަހަރެމެންގެ ނަބިއްޔާ އަދި ރަސޫލާކަމަށް އީމާންވާން ޖެހެއެވެ. ފަހެ އެކަލޭގެފާނުގެ ރިސާލަތަށް އީމާން ނުވާ މީހަކީ އީމާނުގެ އަހުލުވެރިއަކަށް ނުވާނެއެވެ. އަދި އެކަލޭގެފާނަށް އީމާންވުމަކީ ﷲ تعالىއަށް އީމާންވާ މީހެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އަދި ކިއެއް ހެއްޔެވެ. އެއީ އެކަލޭގެފާނަށްޓަކައި މީސްތަކުން އަދާ ކޮށްދޭން ޖެހޭ ޙައްޤެކެވެ. ﷲ تعالى ވަޙީކުރައްވާފައިވެއެވެ.
(( وَمَن لَّمْ يُؤْمِن بِاللَّـهِ وَرَسُولِهِ فَإِنَّا أَعْتَدْنَا لِلْكَافِرِينَ سَعِيرًا )) الفتح: ١٣ މާނައަކީ: [އަދި ﷲ تعالىއަށާއި، އެއިލާހުގެ ރަސޫލާއަށް އީމާންނުވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަން އިލާހު، ކާފަރުންނަށްޓަކާ އަނދައަނދާ ހުންނަ ނަރަކަ ތައްޔާރު ކުރެއްވީމެވެ].
-
ދެވަނައީ:
އެކަލޭގެފާނުގެ ރިސާލަތަކީ ޢުމޫމީ ރިސާލަތެއްކަމަށް އީމާންވުން ލާޒިމްވެގެން ވެއެވެ. މާނައަކީ، އެކަލޭގެފާނު ފޮނުއްވުނީ ކުރީގެ އުންމަތްތަކަށް ނަބިއްޔުންނާއި ރަސޫލުން ފޮނުއްވުނު ފަދައިން ހަމައެކަނި އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ގާތަށް ނޫންކަމަށް އިޤުރާރުވުމެވެ. އަދި ކިއެއް ހެއްޔެވެ. އެކަލޭގެފާނުގެ ރިސާލަތަކީ ޤިޔާމަތާއި ހަމައަށް ދާންދެން އަންނާނެ އެންމެހާ މީސްތަކުންނަށް ޝާމިލު ރިސާލަތެކެވެ. އެކަލޭގެފާނު ފޮނުއްވުނީ އިންސީންނާއި ޖިންނީންގެ ގާތަށެވެ. މިޙަޤީޤަތް ބަޔާންކުރައްވާ ﷲ تعالى ވަޙީކުރައްވާފައިވެއެވެ.
(( وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ )) الأنبياء: ١٠٧ މާނައަކީ: [އަދި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މެނުވީ، ތިމަންއިލާހު ކަލޭގެފާނު ރަސޫލުކަމައިގެން ނުފޮނުއްވަމެވެ].
މި އާޔަތުގައިވާ ޢާލަމްތަކުގެ މުރާދަކީ އިންސީންނާއި ޖިންނީންކަމަށް ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
އަދި އެކަލޭގެފާނު ފޮނުއްވުނީ އެންމެހާ މީސްތަކުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވައި ﷲ تعالىގެ ޢަޛާބުގެ ވާހަކައިން އިންޒާރު ކުރައްވާ ބޭކަލެއްކަމުގައެވެ. ﷲ تعالى ވަޙީކުރައްވާފައިވެއެވެ.
(( وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ )) سبأ: ٢٨ މާނައަކީ: [އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައްޔާއި، ބިރުވެރިކަމުގެ އިންޒާރުދެއްވާ ބޭކަލަކު ކަމުގައި މެނުވީ ތިމަންއިލާހު، އެންމެހާ މީސްތަކުންގެ ގާތަކަށް ކަލޭގެފާނު ރަސޫލުކަމައިގެން ނުފޮނުއްވަމެވެ. އެހެނެއްކަމަކު މީސްތަކުންގެ ތެރެއިން ގިނަމީހުން (އެކަމެއް) ނުދަނެއެވެ].
އަދި އެންމެހާ މީސްތަކުންނަށް މުޚާޠަބު ކުރައްވާ އެކަލޭގެފާނުގެ ރިސާލަތަކީ ޢާންމު ރިސާލަތެއްކަން އަންގަވާ ﷲ تعالى ވަޙީކުރެއްވިއެވެ.
(( قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا )) الأعراف: ١٥٨ މާނައަކީ: [ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ].
އެހެންކަމުން އެކަލޭގެފާނަކީ ހަމައެކަނި ޢަރަބީންގެ ގާތަށް ފޮނުއްވުނު ބޭކަލެއްކަމަށް ބުނުމަކީ ބާޠިލު ބުނުމެކެވެ. އަދި އެކަލޭގެފާނު ގެނެސްދެއްވި ޝަރީޢަތުގެ ބައެއް ޙުކުމްތަކަކީ ޢަރަބީންނަށް ޚާއްޞަ ޙުކުމްތަކެކޭ ބުނުމަކީވެސް އޭގައި އެއްވެސް އަޞްލެއް ނެތް ބާޠިލް ބުނުންތަކެކެވެ.
-
ތިންވަނައީ:
އެކަލޭގެފާނަކީ ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވި ސާހިބާކަމަށް އިޢުތިޤާދު ކުރަން ޖެހެއެވެ. އެއީ އެކަލޭގެފާނަށް ފަހު އެއްވެސް ނަބިއްޔެއް އަދި ރަސޫލެއްވެސް ރިސާލަތަކާއިގެން ވަޑައިނުގަންނަވާނެކަމަށް އީމާންވުމެވެ. މިކަން ބަޔާންކުރައްވާ ﷲ تعالى ވަޙީކުރެއްވިއެވެ.
(( مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ اللَّـهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّـهُ بِكُلِّ شَيْءٍ عَلِيمًا )) الأحزاب: ٤٠ މާނައަކީ: [ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އެހެނެއްކަމަކު، (އެކަލޭގެފާނަކީ) ﷲގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމްކުރެއްވި ކަލޭގެފާނުވެސް މެއެވެ. އަދި ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ].
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
« وَإِنَّهُ لَا نَبِيَّ بَعْدِي »([2]) މާނައަކީ: [އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނަށްފަހު ނަބިއްޔެއް ނުވެއެވެ].
އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ.
« وَأَنَا خَاتَمُ النَّبِيِّين »([3]) މާނައަކީ: [އަދި ނަބީކަން ޚަތިމްކުރެއްވީ ތިމަންކަލޭގެފާނެވެ].
= ނުނިމޭ =
—————————
([1]) القاضي عياض، الشفاء بتعريف حقوق المصطفى صلى الله عليه وسلم، ص 475.