[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ عليه الصلاة والسلام ގެ ޙައްޤުތައް 2

ދެވަނަ ޙައްޤު

އެކަލޭގެފާނު ދެކެ ލޯބިވުން

އެކަލޭގެފާނު ދެކެ ލޯބިވުމަކީ ދީނުގެ ވާޖިބުތަކުގެ ތެރެއިން އެންމެ މަތިވެރި އެއް ވާޖިބެވެ. ފަހެ، ﷲ تعالىއަށް ފަހު އަޅުގަނޑުމެން އެންމެ ބޮޑަށް ލޯބިވާން ޖެހޭ ފަރާތަކީ އެކަލޭގެފާނެވެ. އެއީ އެންމެހާ މީސްތަކުންނާއި، މުދަލާއި، އަމިއްލަ ދަރިންނަށް ވުރެވެސް ބޮޑަށެވެ. އެކަލޭގެފާނަށް ވުރެ ބޮޑަށް ދުނިޔެވީ މުދަލާއި މީސްތަކުން ދެކެ ލޯބިވުމުގެ ނުރައްކާ ބަޔާންކުރައްވާ ﷲ تعالى ވަޙީކުރައްވާފައިވެއެވެ.

(( قُلْ إِن كَانَ آبَاؤُكُمْ وَأَبْنَاؤُكُمْ وَإِخْوَانُكُمْ وَأَزْوَاجُكُمْ وَعَشِيرَتُكُمْ وَأَمْوَالٌ اقْتَرَفْتُمُوهَا وَتِجَارَةٌ تَخْشَوْنَ كَسَادَهَا وَمَسَاكِنُ تَرْضَوْنَهَا أَحَبَّ إِلَيْكُم مِّنَ اللَّـهِ وَرَسُولِهِ وَجِهَادٍ فِي سَبِيلِهِ فَتَرَبَّصُوا حَتَّىٰ يَأْتِيَ اللَّـهُ بِأَمْرِهِ ۗ وَاللَّـهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ ))  التوبة: ٢٤ މާނައަކީ: [ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ މައިންބަފައިންނާއި، ދަރިންނާއި، އަޚުންނާއި، އަނބިންނާއި، ގާތްތިމާގެ މީހުންނާއި، ތިޔަބައިމީހުން ހޯދާފައިވާ މުދަލާއި، ގެއްލުންވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަ ވިޔަފާރިއާއި، ތިޔަބައިމީހުން ހިތް ރުހޭ ގެދޮރާއި (މިހުރިހާ ތަކެތި) ﷲއާއި، ރަސޫލާއާއި، އެއިލާހުގެ މަގުގައި ޖިހާދުކުރުމަށް ވުރެ، ތިޔަބައިމީހުންނަށް ލޮބުވެތި ކަމުގައިވާނަމަ، ﷲ تعالىގެ އަމުރުފުޅު އަތުވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ބަލަބަލާ ތިބޭށެވެ! ފާސިޤުވީ މީހުންނަށް، ﷲ ތެދުމަގެއް ނުދައްކަވާނެއެވެ].

އަދިވެސް ﷲ تعالى ވަޙީކުރައްވާފައިވެއެވެ.

(( النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ  )) الأحزاب: ٦ މާނައަކީ: [މުއުމިނުންނަށް އެއުރެންގެ އަމިއްލަ ނަފްސުތަކަށް ވުރެ، ނަބިއްޔާ އައުލާކަން ބޮޑެވެ].

އަދި ނަބިއްޔާ صلى الله عليه وسلمގެ ޙަދީޘްފުޅެއްގައިވެއެވެ.

« لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلِدِهِ وَالنَّاسِ أَجْمَعِينَ »([1]) މާނައަކީ: [އެމީހެއްގެ މައިންބަފައިންނާއި ދަރިންނާއި އަދި އެންމެހާ މީސްތަކުންނަށް ވުރެ އެމީހެއްގެ ގާތުގައި ތިމަންކަލޭގެފާނު ލޮބުވެތިވެއްޖައުމަށް ދާންދެން އެމީހެއް އީމާންވީކަމުގައި ނުވެއެވެ].

އީމާންކަމުގެ ފޮނި މީރުކަން ލިބޭނެ ގޮތް ބަޔާންކުރައްވާ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

« ثَلَاثٌ مَنْ كُنَّ فِيهِ وَجَدَ بِهِنَّ حَلَاوَةَ الإِيمَانِ: مَنْ كَانَ اللهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الْمَرْءَ لَا يُحِبُّهُ إِلَّا للهِ، وَأَنْ يَكْرَهَ أَنْ يَعُودَ فِي الكُفْرِ بَعْدَ أَنْ أَنْقَذَهُ اللهُ مِنْهُ، كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ  »([2]) މާނައަކީ: [މީހެއްގެ ކިބައިގައި ތިން ކަމެއް ހުރެއްޖެނަމަ އެމީހަކަށް އޭގެ ސަބަބުން އީމާންކަމުގެ ފޮނިމީރުކަން ލިބޭނެއެވެ. އެއީ އެހެން ހުރިހާ ފަރާތަކަށް ވުރެ ބޮޑަށް ﷲ އާއި އެއިލާހުގެ ރަސޫލާ ދެކެ ލޯބިވުމެވެ. އަދި ﷲ އަށްޓަކައި މެނުވީ އެހެން ފަރާތެއްދެކެ ލޯބި ނުވުމެވެ. އަދި އަލިފާންގަނޑެއްގެ ތެރެއަށް ފުންމާލުމަށް އޭނާ ނުރުހޭ ފަދައިން، ﷲ އޭނާ ކާފަރުކަމުން ސަލާމަތްކުރެއްވުމަށް ފަހު އަލުން އަނބުރާ ކާފަރުކަމަށް ދިއުމަށް، ނުރުހުންތެރިވުމެވެ].

އެކަލޭގެފާނު ދެކެ ލޯބިވާން ޖެހޭ އެތައް ސަބަބުތަކެއް ވެއެވެ. ފުރިހަމަ އީމާނުގެ އަހުލުވެރިންނަކީ ﷲ  تعالىއާއި ރަސޫލާ صلى الله عليه وسلم ކަމަކަށް އަމުރުކުރައްވައިފިނަމަ، އެކަމެއްގެ ސަބަބު ހޯދުމެއް ނެތި އެކަމަކަށް ޢަމަލުކުރުމަށް އަވަސްވެގަންނަ ބަޔެކެވެ. ދީނުގައިވާ ހުރިހާކަމެއްވެސް ލައްވާފައިވަނީ ވަރަށް މަތިވެރި ޙިކުމަތަކަށެވެ.

އެކަލޭގެފާނު ދެކެ ލޯބިވުން ޙައްޤުވާ ސަބަބުތަކެއް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. އޭގެ ތެރޭގައި؛

ފުރަތަމަ ސަބަބު:

ﷲ تعالى އެކަލޭގެފާނު ދެކެ ލޯބިވެވޮޑިގެންވެއެވެ. އެއިލާހު ލޯބިވެވޮޑިގަންނަވާ ކޮންމެ ކަމަކާއި ފަރާތެއް ދެކެ އަޅުގަނޑުމެން ލޯބިވުން ވާޖިބުވެގެން ވެއެވެ.

ދެވަނަ ސަބަބު:

އެކަލޭގެފާނު ދެކެ ލޯބިވުމަށް ﷲ تعالى ވަނީ އަމުރުކުރައްވާފައެވެ. އެ އިލާހުގެ ކޮންމެ އަމުރުފުޅަކަށް ބޯލަނބާ ކިޔަމަންވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމްވެގެންވާ ކަމެކެވެ.

ތިންވަނަ ސަބަބު:

ސީދާވެގެންވާ ތެދުމަގަށް އަޅުގަނޑުމެންނަށް ހިދާޔަތު ލިބުނު ސަބަބަކަށް ނުވަތަ މެދުވެރިއަކަށް ވެފައިވާ ފަރާތަކީ ނަބިއްޔާ صلى الله عليه وسلمއެވެ.

ހަތަރުވަނަ ސަބަބު:

އެކަލޭގެފާނަކީ އެންމެ ފުރިހަމަ އިންސާނާއެވެ. އަޅުކަމާއި، އަޚްލާޤާއި އެންމެހާ ކަމެއްގައި އެންމެ ފުރިހަމަ ނަމޫނާ ދައްކަވާފައިވަނީ އެކަލޭގެފާނެވެ.

އެކަލޭގެފާނު ދެކެ ލޯބިވާނަމަ އެ މީހެއްގެ ފަރާތުން އެކަމުގެ އަޘަރުތައް ނުވަތަ ޢަލަމާތްތަކެއް ފެންނާނެއެވެ. އެގޮތުން އަންނަނިވި ކަންކަމަކީ އެކަލޭގެފާނު ދެކެ ލޯބިވާކަމުގެ ބައެއް ޢަލާމާތްތަކެވެ؛

  1. އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުމާއި، އެކަލޭގެފާނުގެ ސުންނަތް ދެކެ ލޯބިވުން.
  2. އެކަލޭގެފާނު މަތިވެރިކުރުމާއި ނަޞްރުދިނުން.
  3. އެކަލޭގެފާނު މަތިން ގިނަގިނައި ހަނދުމަކުރުމާއި އެކަލޭގެފާނު ދެކުމަށް ނުހަނު ބޮޑަށް ބޭނުންވުން.
  4. އެކަލޭގެފާނަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ގިނަގިނައިން ދުޢާކުރުން.
  5. އެކަލޭގެފާނުގެ ޢާއިލާގެ ބޭކަލުންގެ ތެރެއިން އީމާންވި އެންމެހާ ބޭކަލުންނާއި ބޭކަނބަލުންނާ އަދި އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނާއި އެންމެހާ އަޞްޙާބުބޭކަލުން ދެކެ ލޯބިވުން.
  6. އެކަލޭގެފާނުގެ ސުންނަތް މީސްތަކުންނަށް ފޯރުކޮށްދިނުމާއި ހެޔޮ ނަޞޭޙަތްދީ މީސްތަކުން އިސްލާމްދީނަށް ލޯބި ޖެއްސުން.
  7. ކީރިތި ޤުރްއާނަށް ލޯބިކުރުމާއި، ގިނަގިނައިން އެފޮތް ކިޔެވުމާއި ނަބިއްޔާ صلى الله عليه وسلمގެ ޙަދީޘްތައްވެސް ކިޔުމަށް ޝައުޤުވެރިވުން.
  8. އެކަލޭގެފާނު އެބައެއް ދެކެ ކޯފާވެވަޑައިގެންނެވި މީހުން ދެކެ ރުޅިއައުން.
  9. ދުނިޔޭގެ އުފަލާއި މަޖާ ދޫކޮށް، އާޚިރަތް އިސްކޮށް، ޒުހުދުވެރިވުން.
  10. ބިދުޢަތަކާއި ޚުރާފާތްތަކުން ދުރުހެލިވުން.

 

= ނުނިމޭ =

 

——————————-

އެހެނިހެން ބައިތައް

 

([1]) صحيح البخاري 15

([2]) صحيح مسلم 43