[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާގެ ޙަޔާތުން އުފާވެރިކަން ޙާޞިލުކުރައްވާ – 4

ތިބާގެ ނަފްސު ކުރިއަރުވާށެވެ.

 

   ވިއްސަކަށް އަހަރުގެ ޒުވާނުންގެ މަޖްލީހެއްގައި ތިބާ އިށީނދެއްޖެ ނަމަ، އެމީހުން ކަންކަމާ ވިސްނާ، ކުރިމަތިލާ އަދި ޚިޔާލު ފާޅުކުރާ ވަކި ގޮތެއްވާކަން ތިބާއަށް ދެނެގަނެވޭނެއެވެ. އޭގެ ފަހުން، ގާތްގަނޑަކަށް އެމީހުންގެ ޢުމުރުން ތިރީސް ވަރަކަށް އަހަރުގައި ތިބާ އަނެއްކާވެސް އެމީހުންނާއި އެކީ މަޖްލީހެއްގައި އިށީނދެއްޖެ ނަމަ، އެމީހުންގެ ޤާބިލިއްޔަތުކަން ހަމަ އެގޮތުގައި ވާތަން ތިބާއަށް ފެންނާނެއެވެ. އެމީހުންގެ ނަފްސުތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

 ނަމަވެސް، ތިބާ އެހެން ބަޔަކާ އެކީ މަޖްލީހެއްގައި އިށީނދެއްޖެނަމަ އެމީހުންގެ ޙަޔާތުން ތިބާއަށް ފައިދާތަކެއް ޙާސިލް ވެއެވެ. އެމީހުން އެއްދުވަހުން އަނެއްދުވަހަށް އެމީހުންގެ ނަފްސުތައް ކުރިއަރުވާ ތަރައްގީ ކުރާތީއެވެ. އެމީހުން އެންމެ ގަޑިއިރެއްވެސް އެމީހުންގެ ނަފްސުތައް ކުރިއެރުވުމުގައި މެނުވީ ހޭދައެއް ނުކުރެއެވެ. އެއީ ދީނީ ގޮތުން ނުވަތަ ދުނިޔަވީ ގޮތުން ވިޔަސްމެއެވެ. މީސްތަކުންގެ މެދުގައިވާ މިފަދަ ތަފާތުތަކެއް ތިބާ ދެކެން ބޭނުން ހެއްޔެވެ؟ އެހެން ކަމުގައި ވާނަމަ އަންނާށެވެ. އަހަރެމެން އެމީޙުންގެ މަސްލަހަތާއި ފިކުރުތަކަށް ވިސްނާލަމާ ތޯއެވެ.

   ސެޓެލައިޓް ޗެނަލްތައް މިސާލެއްގެ ގޮތުގައި ނަގަމާތޯއެވެ. އެބައިމީހުންނަކީ އެމީހުންގެ ޢިލްމާއި ވިސްނުންތޫނުކަން ކުރިއަރުވާނެ ފަދަ ޕްރޮގްރާމްތައް ބަލާ އަދި އެހެން މީހުންގެ ފޮނި ލަފްޒުތަކުން ފައިދާ ހޯދާ މީހުންނެވެ. އެމީހުންގެ ކިބައިން ބަހާއި، މުޢާމަލާތާއި، ފަހުމްވުމާއި އަވަހަށް ކަންކަން ދެނެގަތުމާއި، ބަހުސް ކުރުމާއި މީހުން އެއްބަސް ކުރުވުމުގެ އުކުޅުތައް ފަދަ ތަފާތު އެކިއެކި ހުނަރުތައް އެމީހުން ހޯދައިގަނެއެވެ.

 އަނެއްބައި މީހުންނަކީ ނޭނގިވެސް ލޯބީގެ ވާހަކައެއް ނުވަތަ ފިލްމެއް، ބިރުވެރި ވާހަކައެއް ނުވަތަ އެއްވެސް މާނައެއް ނެތް ހާދިސާތައް ބަޔާންކުރާ ފިލްމުތަކުގެ އެންމެ ބާބެއްވެސް ދޫކޮށް ނުލާ މީހުންނެވެ.

މި ދެބައިމީހުންގެ ޙާލަތުވެސް ފަސް އަހަރު ނުވަތަ ދިހަ ވަރަކަށް އަހަރު ފަހުން ބަލާ، އަޅާ ކިޔާބަލާށެވެ. މި ދެބައި މީހުންގެ ތެރެއިން ހުނަރާއި ދެނެގަތުމުގެ ޤާބިލިއްޔަތާއި ދުނިޔަވީ ތަޖުރިބާތަކާއި މީސްތަކުންގެ ވިސްނުން ބަދަލުކުރުމާއި ހިނގަމުންދާ ކަންތައްތަކުގެ ގޮތުން ކުރިއަރާފައިވާނީ ކޮންބައެއް ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި އެންމެ ފުރަތަމަ ބަޔާން ކުރެވުނު މީހުންނެވެ. އަދި އެބައި މީހުންގެ ވައްޓަފާޅިވެސް ނުހަނު ތަފާތުކަން ތިބާއަށް ފާހަގަ ކުރެވޭނެއެވެ. އެމީހުން ދީނާއި ބެހޭ ލިޔުންތަކާއި ޢަދަދުތައް އަދި ދިރާސާތައް ބަޔާން ކުރާނެއެވެ.

ނަމަވެސް ދެވަނަ ބައިގެ މީހުންނަށް ބަޔާންކޮށް ދެވޭނީ ހަމައެކަނި ލަވަކިޔުންތެރިންނާއި ފިލްމީ ދާއިރާގެ ފަންނާނުންގެ ބަސްތަކެވެ. މިކަމުގެ ތެދުކަން އަހަރެމެންގެ ތެރެއިންވާ މީހެއް އެއްފަހަރަކު ބުނެފައިވާ މި ބަހުންވެސް އެނގިގެން ދެއެވެ.

 އެމީހާ ބުންޏެވެ: “ﷲ ވަޙީ ކުރެއްވިއެވެ. އޭ ތިމަން ރަސްކަލާނގެ އަޅާއެވެ! ހިތްވަރާއި އެކީ ދަތިތަކާއި ކުރިމަތިލާށެވެ. އޭރުން ތިމަން ރަސްކަލާނގެ އެކަމުގައި ތިޔަބައިމީހުންނާއި އެކީގައި ވާނަމެވެ.” އަހަރެމެން ވަގުތުން އޭނާ ބުނި ބަސް ރަނގަޅުކޮށްދީ އެއީ ޤުރްއާނުގެ އާޔަތެއް ނޫންކަން ހަނދާންކޮށް ދިނީމެވެ. އެ އަޑު އަހާފަ، އެ މީހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، ބަސް ހުސްވިއެވެ. އެމީހާ ﷲގެ ބަސްފުޅެއްކަމުގައި ބުނެ ބަޔާންކުރި ބަހާއި މެދު އަހަރެން ވިސްނާލުމުން އެއީ ޓީވީ ސިލްސިލާ އެއްގައި ހިމަނާފައިވާ މިޞްރުގެ އަދަބީ ބަހެއްކަން ދެނެގަނެވުނެވެ. އާނއެކެވެ! ހަމަކަށަވަރުން އެ އެއްޗެއް ފުރި އަރާނީ އޭގެ ތެރޭގައިވާ އެއްޗަކުންނެވެ.

   އެހެން ނަޒަރިއްޔާތަކަށް ވިސްނާލަމާތޯ އެވެ: ނޫހާއި މަޖައްލާތައް ކިޔުމެވެ. ފައިދާކުރަނިވި ނޫސްތަކާއި ނަފްސު ދެނެގަތުމާއި، ހުނަރުތައް އަށަގެންނެވުމާއި ޢިލްމު ތަރައްގީކުރެވޭނެ ފަދަ ބޭނުންތެރި މަޢުލޫމާތުތައް ކިޔާ އުޅެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ބާވައެވެ. އަނެއްކޮޅަށް ބަލާއިރު، ނޫސްތަކުގެ ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ބައި ކިޔާ އުޅެނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ތޯއެވެ؟

ފަހުން ބަޔާން މިކުރެވުނު މީހުންގެ ޢަދަދު އާދަޔާ ޚިލާފަށް ގިނަވުމުގެ ސަބަބުން މިއަދުގެ ނޫސް މަޖައްލާތައް ވާދަކުރަނީ ކުޅިވަރާއި މުނިފޫހީގެ ބައިތައް އެހެނިހެން ބައިތަކަށް ވުރެ އިތުރު ކުރުމަށެވެ. ކުޅިވަރާއި މުނިފޫހިފިލުވުމަށް އަހަރެމެންގެ ތެރޭގައި އޮންނަ ޝައުޤުވެރިކަން އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން އަހަރެމެން ބައިވެރިވާ ގިނަ ޖަމާޢަތްތަކުގައި ވެސް އަހަރެމެންގެ ތެރޭގައި ގިނައިން ދެކެވެނީ ފައިދާ ކުރަނިވި ވާހަކަތަކުގެ ބަދަލުގައި މިފަދަ ބޭނުމެއް ނެތްފަދަ ވާހަކަ ތަކެކެވެ.

     ތިބާ ބޭނުންވަނީ އެއްޗެއްގެ ނަގުލަށް ވުމުގަ ބަދަލުގައި އެ އެއްޗެއްގެ ބޮލަށް ވުމަށް ކަމުގައި ވާނަމަ ތިބާ ކޮންމެ ތަނެއްގައި ވިޔަސް ތިބާގެ ހުނަރުތަކަށް ފަރުވާތެރިވެ އެ ހުނަރުތައް ބޭނުންކުރަން ތިބާގެ ނަފްސު އާދަ ކުރުވާށެވެ.

   ޢަބްދުﷲ އަކީ އެކަމެއް ނުހަނު ކުރާ ހިތުން މެނުވީ ކަންތައް ނުކުރާ މީހެކެވެ. ނަމަވެސް އޭނާގެ ކިބައިގައި އެ ކަންކަން ފުރިހަމަ ގޮތުގައި ކުރަން ބޭނުންވާ ބައެއް ހުނަރުތަކެއް ނުހުރެއެވެ. އެއް ދުވަހަކު އޭނާ ނަމާދު ޤާއިމްކޮށް ދީން ފެތުރުމަށް އޭނާގެ ޝައުޤުވެރިކަން ހުރި މިންވަރުގެ ސަބަބުން އޭނާ މެންދުރު ނަމާދު އަދާ ކުރުމަށްޓަކައި މިސްކިތާ ދިމާލަށް މިސްރާބު ޖެހިއެވެ. އޭނާއަށް މިސްކިތާ ހިސާބަށް ދެވޭ އިރު ނަމާދު ފެށިދާނެކަމުގެ ބިރު ހީވެފައިވުމުން އޭނާ ދިޔައީ ނުހަނު ބާރަށެވެ. މިސްކިތަށް ދިޔަ މަގުމަތީގައި ކަދުރު ރުކެއްގެ ކޮޅުގައި މަސައްކަތު ހެދުމުގައި މީހެއް ކަދުރުތައް ބަލާ ފާސްކުރުމުގައި މަޝްޣޫލުވެގެން ހުރިތަން ފެނުނެވެ.

ޢަބްދުﷲ އަށް މި މީހާ ނަމާދާ މެދު ވިސްނުމެއް ނެތް ތަން ފެނި ހައިރާން ވިއެވެ. އެ މީހާއަށް ބަންގި ދިން އަޑު އިވުނުހެނެއް ވެސް ހިޔެއް ނުވެއެވެ. އަދި ކިއެއްތޯއެވެ. އޭނާ ޤަމަތް ދޭނެ އިރަކަށް އިންތިޒާރު ކުރާ ހެނެއްވެސް ހިޔެއް ނުވެއެވެ. ޢަބްދުﷲ މި މީހާއާއި ދިމާލަށް ރުޅިވެރިކަމާއި އެކީ ހަޅޭއްލަވައިގަތެވެ:

” އޭ ނަމާދަށް ފައިބަން އުޅޭށެވެ! މި މީހާ ނުރުހިފައި ޖަވާބު ދިނެވެ: “އާނއެކެވެ. މި ފައިބަނީއެވެ.”

ޢަބްދުﷲ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. “އޭ ހިމާރު އަވަސްކުރާށެވެ! ނަމާދު ކުރާށެވެ! މި މީހާވެސް ހަޅޭއްލަވައިގަތެވެ. “އަހަންނަކީ ހިމާރެއް ހެއްޔެވެ؟”މިހެން ބުނުމަށް ފަހު މި މީހާ ކަދުރު އިހަލެއް ހިފައިގެން ރުޅިވެރިކަމާ އެކީ ޢަބްދުﷲގެ ބޯފަޅާލުމަށްވެސް ތައްޔާރަށް ހުރި ބީދައަކުން ކަދުރު ރުކުން ފައިބަން ފެށިއެވެ. މި މަންޒަރު ފެނިފައި ޢަބްދުﷲ އޭނާގެ ބޮލުގައިވާ ފޮށަލުގެ ކޮޅުން އޭނާގެ މޫނު ފޮރުވަމުން އަވަހަށް މިސްކިތާ ދިމާލަށް ދުއްވައިގަތެވެ. އޭނާ އަކީ ކާކުކަން އެމީހާއަށް އެނގިދާނެކަމުގެ ބިރަށްޓަކައެވެ.

  މި މީހާ ރުޅިވެރިކަމާ އެކީ ރުކުން ފޭބުމަށް ފަހު ނަމާދުކޮށް ކުޑަކޮށް އަރާމު ކުރުމަށްޓަކައި ގެއަށް ދިޔައެވެ. އެއަށް ފަހު އަނެއްކާވެސް އޭނާގެ މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި ކަދުރު ރުއްތައް ބަލަހައްޓަން ދިޔައެވެ. ޢަޞްރު ނަމާދު ވަގުތު ޖެހިއްޖެއެވެ. ޢަބްދުﷲ އަނެއްކާވެސް މިސްކިތަށް ދިޔުމަށް މިސްރާބު ޖަހައިފިއެވެ. އޭނާ އެއްކަލަ ރުއް ފަހަނައަޅައި ދިޔަ އިރު ހަމަ އެއްކަލަ މީހާ އެ ގަހުގެ ކޮޅުގައި އޭނާގެ މަސައްކަތުގައި މަޝްޣޫލުވެގެން ހުރި މަންޒަރު ފެނުނެވެ.

 އެހެނަސް، މި ފަހަރު އޭނާ މުޢާމަލާތް ކުރާގޮތް ބަދަލު ކުރުމަށް ފަހު ބުނެފިއެވެ: “އައްސަލާމު ޢަލައިކުމް، ތިބާގެ ޙާލު ކިހިނެތް ހެއްޔެވެ.”

މި މީހާ ޖަވާބުގައި ބުނެލިއެވެ: “އަލްޙަމްދުލިއްލާހި (އެންމެހާ ޙަމްދެއް ވަނީ ﷲ އަށެވެ). އަހަރެންގެ ޙާލު ރަނގަޅެވެ.”ޢަބްދުﷲ ބުންޏެވެ: “އަހަރެމެންނަށް ހެޔޮ ޚަބަރު ދޭށެވެ! މި އަހަރު ގަހުގައި އަޅާ މޭވާތައް ކިހިނެއްތޯއެވެ؟”މި މީހާ ޖަވާބުގައި ﷲ އަށް ޙަމްދު ކޮށްފިއެވެ. ދެން، ޢަބްދުﷲ މި މީހާއަށް ދުޢާކޮށްދިނެވެ. “ﷲ ތިބާއަށް ކާމިޔާބީއާއި ރިޒުޤުދެއްވާ އިތުރުކޮށްދެއްވާ ތިބާއާއި ތިބާގެ ދަރިން ތިބާގެ މަސައްކަތުގެ މޭވާތަކުން މަޙުރޫމް ނުކުރައްވާށިއެވެ”.

   މި ދުޢާ އަޑުއިވުމަށް ފަހު މި މީހާ އުފަލުން ފޮޅުނެވެ. އޭނާ “އާމީން” އޭ ބުނުމަށް ފަހު ޢަބްދުﷲ އަށް ޝުކުރު އަދާކުރިއެވެ. ދެން ޢަބްދުﷲ ބުނެފިއެވެ. “ތިބާ މަސައްކަތުގައި މަޝްޣޫލުވެފައިވުމުން ތިބާއަށް ޢަޞްރު ނަމާދުގެ ބަންގީގެ އަޑު ނީވުނީ ތޯއެވެ. އިނގޭ ހެއްޔެވެ؟  ބަންގި ދީފިއެވެ. އަދި އިރުކޮޅަކުން ޤަމަތްވެސް ދޭނެއެވެ. ތިބާ ނަމާދުކޮށް އިރުކޮޅަކަށް އަރާމުކޮށްލަން ރުކުން ފައިބަންވީ ނޫންތޯއެވެ؟ އެއަށް ފަހު ތިބާއަށް އަނެއްކާވެސް ތިބާގެ މަސައްކަތަސް އެނބުރި ދެވިދާނެއެވެ. ﷲ ތިބާ ދުޅަހެޔޮ ސިއްޙަތެއްގައި ލައްވާށިއެވެ.”

މި މީހާ އާނއެކޭ ބުނުމަށް ފަހު މަޑުމަޑުން ރުކުން ފައިބަން ފަށައިފިއެވެ. އޭނާ ޢަބްދުﷲގެ ގާތަށް ދިޔުމަށް ފަހު ޢަބްދުﷲ އާއި އަތާއަތްޖޯޑުކޮށް ސަލާމްކުރުމަށް ފަހު ބުނެލިއެވެ. “ތިޔަ ރީތި އަދަބުތަކަށް އަހަރެން ތިބާއަށް ނުހަނު ޝުކުރުވެރިވަމެވެ. މިއަދު މެންދުރު އަހަރެން ފަސްދީ ދިޔަ މީހާ އެހެންނެއް ނޫނެވެ. އަހަރެންނަށް އޭނާ އަދި އެއް ފަހަރު ފެނިއްޖެނަމަ އަހަރެން އޭނާއަށް އަޞްލު ހިމާރަކީ ކާކުކަން ދައްކައި ދޭނަމެވެ!”

ނަތީޖާ:
އެހެންމީހުންނާ މުޢާމަލާތް ކުރުމުގައި އެކި އެކި ހުނަރުތައް ބޭނުންކުރާށެވެ؛
އެއީ އެމީހުން ތިބާއާއި މެދު ކަންތައް ކުރާނެ ގޮތް ކަނޑައަޅާނެ ކަމެކެވެ.

______________________________

ތަރުޖަމާކުރީ:

އީނާޝް އިބްރާހީމް

ބިންތު އަޙްމަދު

އުންމު މުޙްސިނު

 

މިއީ ޑރ. މުޙައްމަދު ޢަބްދުލް ރަޙްމާން އަލް ޢަރީފީ ލިޔުއްވާފައިވާ استمتع بحياتك ގެ ތަރުޖަމާއެވެ.

 

މިލިޔުމުގެ އެހެންބައިތައް