[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަމަޟާންމަހަށްފަހުގައްޔާއި ޗުއްޓީތެރޭ ހެޔޮމަގުގައި ސާބިތުވުމާގުޅޭ 20 ފައިދާ (2)

(11) ސާބިތުވުމުގެ ސަބަބުތަކުގެ ތެރޭގައި: ޞާލިޙުންނާއި ހެޔޮކަމުގައި ސާބިތުވެތިބިމީހުންނާ އެކުވެއުޅުންވެއެވެ. ފަހެ، މިއީ ﷲގެ ޙަޟްރަތުން ލިބޭ ވާގިވެރިކަމަށްފަހު ހެޔޮކަމުގައި ސާބިތުވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ އެންމެ ހެޔޮ ވާގިވެރިކަމެވެ. ﷲ ތަޢާލާގެ ތައުފީޤަށްފަހު، ރަމަޟާންމަހުގައި އެކަލާނގެއަށް ކިޔަމަންތެރިވުމަށާއި، ހެޔޮކަންކަން ކުރުމުގައި ސާބިތުވުމަށް ފަސޭހަވަނީ އެ މައްސަރުގެ ތެރޭގައި ކިޔަމަންތެރިން ގިނަވުމުގެ ސަބަބުންނެވެ. ބިރުވެރިކަމާއި އެކަނިވެރިކަމަށް ވެއްޓިގެންދަނީ ވަކިވެގަތުމުގެ ސަބަބުންނެވެ. މިނިކާކުއްތާ ޖަހައިގަންނާނީ ވަކިން އޮންނަ ކަންބަޅިއެކެވެ.

(12) ޙަޤީޤަތުގައި އިންސާނާގެ ވަގުތަކީ އޭނާގެ ޢުމުރެވެ. އެއީ އޭނާގެ ރައުސްމާލެވެ. އަލްޙަސަނުލް ބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވާ ފަދައިންނެވެ. “އޭ އާދަމުގެ ދަރިޔާއެވެ! ތިބާ ވާކަންކަށަވަރީ ދުވަސްތަކެއް ކަމުގައެވެ. ދުވަހެއް ގޮސްފިކަމުގައިވާނަމަ އެދިޔައީ ތިބާގެ ބައެކެވެ.”([1])

(13) އިންސާނާގެ ވަގުތަކީ އެކަމުގެ މައްޗަށް ދެ ދުނިޔޭގައި އެ އިންސާނާ ބާއްޖަވެރިވުމާއި އަބާއްޖަވެރިވުން ގުޅިފައިވާ ސަބަބެވެ. “އެމީހެއްގެ ވަގުތުތައް ﷲއަށްޓަކައި، ﷲގެ މަގުގައި ހޭދަކޮށްފިކަމުގައިވާނަމަ، އެމީހެއްގެ ދިރުމަކީ އަދި ޢުމުރަކީ އެއީއެވެ. މިނޫންގޮތަކަށް ވަގުތުތައް ހޭދަކޮށްފިނަމަ އެއީ އެމީހާގެ ދިރުންކަމުގައެއް ނުބެލެވޭނެއެވެ… (އެބަހީ؛ އެމީހާގެ ވަގުތުތައް ވެގެންދާނީ އެއްވެސް އަގެއްނެތް، ބޭކާރު އެއްޗެއްގެ ގޮތުގައެވެ.)

ފަހެ، މީހެއްގެ ވަގުތުތައް ޣާފިލުކަމާއި، ﷲ މަތިން ހަނދުމަނައްތާލުމާއި، ބާޠިލު ފޮނި އުންމީދުތަކުގައި ހޭދަކުރުމަށްވުރެ، ނިންޖާއި އެއްވެސްކަމެއް ނުކޮށް ވަގުތުތައް ހޭދަކުރިއްޔާ މާ ރަނގަޅުވާނެއެވެ. އަދި މި ޙާލަތުގައި އެމީހާ ދުނިޔޭގައި އުޅުމަށްވުރެ މަރުވެފައިވުން މާ ހެޔޮވާނެއެވެ. (އެބަހީ؛ އެމީހެކޭ މަރުވެފައިވާ މީހެކޭ ތަފާތެއް ނުހުންނާނެއެވެ. އެމީހާގެ ދިރިއުޅުމުގައި އެއްވެސް އަގެއް ނެތެވެ.)”([2])

(14) އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ﷲ އަޅަކަށް ހެވެއް މެދުވެރިކުރައްވާކަމުގައިވާނަމަ؛ ވަގުތު (ހެޔޮގޮތުގައި ހޭދަކުރުމަށް) ވާގިވެރިވެވޮޑިގަންނަވައެވެ. އަދި އޭނާގެ ވަގުތުތަކަކީ އޭނާއަށްވާ އެހީތެރިކަމެއްކަމުގައި ލައްވައެވެ. އަދި އެކަލާނގެ މީހަކަށް ނުބައިކަމެއް އެދިވޮޑިގެންފިކަމުގައިވާނަމަ؛ އޭނާގެ ވަގުތުތަކަކީ އޭނާގެ މައްޗަށްވާ (އުނދަގޫ) އެއްޗެއްކަމުގައި ލައްވައެވެ. އަދި އޭނާގެ ވަގުތުތަކަކީ އޭނާއަށް ދަތި އުނދަގުލެއްކަމުގައި ލައްވައެވެ. ފަހެ، ކަންކަންކުރުމަށްޓަކައި ވަގުތުގެ ބޭނުންޖެހޭ ކޮންމެފަހަރަކު، އެ ވަގުތު އޭނާއަކަށް އެހީތެރިއެއް ނުވާނެއެވެ. މިއާއިޚިލާފަށް؛ (އިސްވެ ބަޔާންކުރެވުނު ދެ މީހުންގެ ތެރެއިން) ފުރަތަމަމީހާއަށް ކަންކަން އުނދަގޫވެގެން ނަފްސު މަޑުޖެހިލާ ކޮންމެފަހަރަކު، ވަގުތު އޭނާ ކޮޅަށްޖަހައިދީ، އެހީތެރިވެދެއެވެ.”([3])

ވަގުތަށް ރައްކާތެރިވުމުގައްޔާއި، ވަގުތުތައް މަންފާކުރަނިވި ކަންކަމުން އުޖާލާކޮށްލުމަށްޓަކައި ﷲ ތަޢާލާގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ. އަދި އެކަލާނގެއަށް ވަކީލުކުރާށެވެ. އަދި ދުޢާކުރުން ގިނަކޮށް، އެކަލާނގެ ޙަޟްރަތަށް ނިކަމެތިވެ ދަންނަވާށެވެ. ފަހެ، އެންމެހާ ކަމެއް ވަނީ ﷲ ތަޢާލާގެ އަތްޕުޅުގައެވެ. އެކަލާނގެ ދެއްވަވަން މިންވަރުކުރައްވާފައިވާ އެއްޗެއް މަނާކުރާނެ ފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ނުދެއްވަވަން މިންވަރުކުރައްވާފައިވާ އެއްޗެއް ދެވޭނެ ފަރާތެއްނުވެއެވެ.

(15) ހުސްވަގުތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެވަގުތުތައް ފައިދާހުރި ގޮތްތަކުގައި ހޭދަކުރުމަކީ އަޅާއަށް ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭ މައިގަނޑު ނިޢުމަތެކެވެ. ޙަދީޘްގައި އައިސްފައިވެއެވެ. ((نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ: الصِّحَّةُ وَالفَرَاغُ))([4]) މާނައީ: “މީސްތަކުންކުރެ ގިނަމީހުންނަށް އެ ދެ ނިޢުމަތަކުން ގެއްލުންވާ ދެ ނިޢުމަތެއްވެއެވެ. އެއީ؛ ފުރިހަމަ ޞިއްޙަތާއި، ހުސްވަގުތެވެ.”

ފަހެ، ފުރިހަމަ ޞިއްޙަތާއި، ހުސްވަގުތަކީ އިންސާނާގެ ރައުސްމާލެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްގައިވާ ((نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ)) މި ޢިބާރާތުން އިޝާރާތްކުރަނީ އެ ދެ ނިޢުމަތް ހެޔޮގޮތުގައި ބޭނުންކުރުމުގެ ތައުފީޤަކީ މަދުބަޔަކަށް ލިބޭނެކަމެއްކަމެވެ.

ފަހެ، އިންސާނަކު ޞިއްޙަތު ސަލާމަތުންހުރެ، ދިރިއުޅުމުގެ ކަންކަމާ އިންތިހާއަށް މަޝްޣޫލުވުމުގެ ސަބަބުން އަޅުކަންކުރަމަށްޓަކައި ވަގުތު ހުސްނުކޮށްފާނެއެވެ. އަދި ކަންކަންކަމުން ދުރުވެގެން ހުސްވަގުތުތައް ލިބޭއިރު، ޞިއްޙަތު ސަލާމަތުން ނުހުރެދާނެއެވެ. ފަހެ، މި ދެ ނިޢުމަތް އަޅަކަށް ލިބި، ދެން އޭގެފަހުގައި، ﷲއަށް ކިޔަމަންތެރިކަން އަދާކުރުމާމެދު ކަންނެތްވެއްޖެމީހަކީ ބޭކާރުމީހެކެވެ. (ޢުމުރުގެ ބަރަކާތްކެނޑުމުގެ ސަބަބުން) ޢުމުރު ކުރުވެ، މަޝްޣޫލުކުރުވާނެ ކަންކަން ގިނަވެގެންދާނެއެވެ.([5])

(16) ހުސްވަގުތުތައް ހެޔޮގޮތުގައި ހޭދަކުރުމަށް ޝަރުޢުގައި ވަނީ ބާރުއަޅުއްވާފައެވެ. ޙަދީޘްގައި އައިސްފައިވެއެވެ. ((اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هِرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاءَكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغْلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ))([6]) މާނައީ: “ފަސްކަމެއް ކުރިމަތިވުމުގެކުރިން ފަސްކަމެއްގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ! މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ! އަދި ބަލިވުމުގެ ކުރިން ޞިއްޙަތުގެ ފައިދާ ރަނގަޅު ގޮތުގައި ލިބިގަންނާށެވެ! އަދި ފަޤީރުވުމުގެ ކުރިން ތަނަވަސްކަމުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ! އަދި އަވަދިނެތި އުޅެންޖެހުމުގެ ކުރިން ލިބިފައިވާ ހުސްވަގުތުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ! އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ!”

ޤިޔާމަތްދުވަހު ވަގުތާބެހޭގޮތުންނާއި، އެ ވަގުތުތަކުގައި ކުރި ޢަމަލަކީ ކޮބައިތޯ ކޮންމެ އިންސާނަކާވެސް ސުވާލުކުރެވޭނެކަމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ބަޔާންކޮށްދެއްވާފައެވެ. ޙަދީޘްކުރައްވާފައިވެއެވެ. ((لَا تَزُولُ قَدَمُ ابْنِ آدَمَ يَوْمَ القِيَامَةِ مِنْ عِنْدِ رَبِّهِ حَتَّى يُسْأَلَ عَنْ خَمْسٍ: عَنْ عُمُرِهِ فِيمَ أَفْنَاهُ، وَعَنْ شَبَابِهِ فِيمَ أَبْلَاهُ، وَمَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَ أَنْفَقَهُ، وَمَاذَا عَمِلَ فِيمَا عَلِمَ))([7]) މާނައީ: “ޤިޔާމަތް ދުވަހުން، މާތް ﷲ ގެ ޙަޟްރަތުގައި، ފަސް ކަމަކަށް ޖަވާބުދާރީ ވުމަށްފަހުގައި މެނުވީ، އާދަމުގެ ދަރިޔާގެ ފައި ހުރިތަނުން ގުޑުވައެއްނުލެވޭނެއެވެ. އޭނާގެ ޢުމުރާ ބެހޭގޮތުންނެވެ. އެ ޢުމުރު ފަނާކޮށްލިގޮތާ މެދުގައެވެ. އަދި އޭނަގެ ޒުވާންކަމާ ބެހޭގޮތުންނެވެ. އެ ޒުވާންކަން ހޭދަކޮށްލިގޮތާ މެދުގައެވެ. އަދި އޭނަގެ މުދާ ހޯދި ތަނަކާ ބެހޭގޮތުންނެވެ. އަދި އެ މުދާ ހޭދަކުރިގޮތާ މެދުގައެވެ. އަދި އެނގުނު ޢިލްމަށް ޢަމަލުކުރިގޮތާ މެދުގައެވެ.”

وَالْوَقْتُ أَنْفَسُ مَا عُنِيْتَ بِحِفْظِهِ            وَأَرَاهُ أَسْهَلَ مَا عَلَيْكَ يَضِيْعُ

ޅެންބައިތުގެ މާނައީ: “އަދި ތިބާ އެ އެއްޗަކާމެދު އެންމެ އަހައްމިއްޔަތުކަންދޭންޖެހޭނެ އެއްޗަކީ ވަގުތެވެ. އަދި ތިބާގެ ކިބައިން އެންމެ ފަސޭހައިން ގެއްލިގެންދާނެ އެއްޗަކީ ވަގުތުކަމުގައި ތިމަންނަ ދެކެމެވެ.”

(17) އިސްލާމްދީނުގެ ފުރިހަމަކަމާއި މަތިވެރިކަމުގެ ތެރޭގައި: އެ ދީނުގައި ޝަރުޢުކުރައްވާފައިވާ ކަންކަމަކީ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ޝާމިލު ކަންކަމެވެ. ފަހެ، އިސްލާމްދީނުގެ މަންހަޖަކީ އެހާމެ ފުރިހަމަ، އެންމެހާ އިންސާނުންގެ ޙަޔާތަށްވެސް ޝާމިލު މަންހަޖެކެވެ. އަދި ކޮންމެ ޒަމާނަކަށާއި ކޮންމެ ތަނަކަށްވެސް އެކަށީގެންވާ ދީނެކެވެ. އެ ދީނުގައި މީސްތަކުންގެ މަޞްލަޙަތުތައް އެކުލެވިފައިވެއެވެ. ދުނިޔެއާއި އާޚިރަތުގައި އެބައިމީހުންނަށް ބާއްޖަވެރިކަންލިބޭނޭ މަގުވެއެވެ. އެ ދީނަކީ ސާފުޠާހިރު ފިތުރަތާގުޅޭ ދީނެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا فِطْرَتَ اللَّـهِ الَّتِي فَطَرَ النَّاسَ عَلَيْهَا﴾ (الروم: 30) މާނައީ: “ފަހެ، ބާޠިލު މަގުން އެއްކިބާވެ، ޙައްޤުގެ މަގަށް ތަބާވެގެންވާ ޙާލު، ކަލޭގެފާނުގެ މޫނުފުޅު އިސްލާމްދީނާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ ފިޠުރަތެއްގެ މައްޗަށް އުފެއްދެވި ﷲ ގެ ފިޠުރަތެވެ.”

ފަހެ، އެ ދީނަކީ އެ ދީނުގައިވާ ކަންކަން ލުއިފަސޭހަ، ސަމާޙާތްތެރި ދީނެވެ. ކަންކަން ކުރުމުގައްޔާއި ފަރުވާކުޑަކަމުގައި ހައްދުފަހަނައެޅުމެއްނުވާ ޢަދުލުވެރި ދީނެކެވެ. ޙާލަތާ ގުޅޭ، މީސްތަކުންނަށް ކަންކަން ކުރެވޭނެ ރިވެތި މިސާލު އެކުލެވިފައިވާ ދީނެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿يُرِيدُ اللَّـهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ﴾ (البقرة: 185) މާނައީ: “ﷲ، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ.”

އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((بُعِثْتُ بِالْحَنِيفِيَّةِ السَّمْحَةِ))([8]) މާނައީ: “ތިމަންކަލޭގެފާނު ފޮނުއްވުނީ ލުއިފަސޭހަކަން ލިބގެންވާ، (ބާޠިލު މަގުން އެއްކިބާވެތިބެ، ﷲ އަށް އަޅުކަން ޚާލިޞްކުރާ އިބްރާހިމްގެފާނުގެ މިއްލަތުކަމުގައިވާ) ޙަނަފިއްޔަތާގެންނެވެ.”

(18) އިސްލާމްދީނުގެ ލުއިފަސޭހަކަމާއި ސަމާޙާތްތެރިކަމުގެ ތެރޭގައި: ހުއްދަކަންކަން މީސްތަކުންނަށް ތަނަވަސްކޮށްދެއްވާފައިވުން ހިމެނެއެވެ. އަދި އެބައިމީހުންނަށް ދަތިކަން ނުލެއްވުންވެއެވެ. ފަހެ، ﷲ ތަޢާލާ ވަނީ އަޅުގަނޑުމެންނަށް ހެޔޮރަނގަޅު ތަކެތި ޙަލާލުކޮށްދެއްވާފައެވެ. ﴿وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ﴾ (الأعراف: 157) މާނައީ: “އަދި ރަނގަޅު ތަކެތި އެބައިމީހުންނަށް އެކަލާނގެ ޙަލާލުކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެބައިމީހުންނަށް އެކަލާނގެ ޙަރާމްކުރައްވަތެވެ.” ޝަރުޢުގައި ހުއްދަކުރައްވާފައިވާ ތަކެތީގެ ނަންތައް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެއް ނުވެއެވެ. ފަހެ، ހުއްދަތަކެތި ގުނާޢަދަދުކުރެވޭ ވަރަށްވުރެ ގިނައެވެ. ތަކެތީގެ އަޞްލަކީ ޙަރާމްކަމަށް ދަލީލުނުކުރާހާހިނދެއްގައި ހުއްދަވުމެވެ. ތަފްޞީލުކޮށް އައިސްފައިވަނީ ޙަރާމް ކުރައްވާފައިވާ ތަކެއްޗެވެ. އެއީ އެފަދަ ތަކެތީގެ މަދުކަމާއެކު، އެފަދަ ތަކެތިން އަޅުގަނޑުމެން ދުރުހެލިވުމަށްޓަކައެވެ. ﴿وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا اضْطُرِرْتُمْ إِلَيْهِ﴾ (الأنعام: 119) މާނައީ: “ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފއިވާ ތަކެތި ތިޔަބައިމީހުންނަށްޓަކައި ތަފްޞީލުކޮށްދެއްވާފައި ވާއިރުއެވެ. ތިޔަބައިމީހުން އެ އެއްޗަކަށް ކޮންމެހެން ބޭނުންވެ، މަޖުބޫރުވެގެން ކާންޖެހިއްޖެ އެއްޗެއް މެނުވީއެވެ.”

ހުސްޠާހިރުވަންތަ ކަލާނގެ، އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ތަކެތި ޙަރާމްކުރާމީހުންނަށް ވަނީ އެބައިމީހުންގެ އެކަމަށް އިންކާރުކުރައްވާފައެވެ. ﴿قُلْ مَنْ حَرَّمَ زِينَةَ اللَّـهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ﴾ (الأعراف: 32) މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ﷲ، އެކަލާނގެ އަޅުތަކުންނަށް ނެރުއްވައިދެއްވި، ﷲ ގެ ޒީނަތާއި، ރިޒްޤުގެ ތެރެއިން ރަނގަޅު ތަކެތި ޙަރާމް ކުޅައީ ކާކުހެއްޔެވެ؟”

(19) މުސްލިމަކު ޙަލާލުގޮތުގައި އޭނާގެ ނަފްސަށް އަރާމު ދިނުމަކީ ޝަރުޢުވެގެންވާކަމެކެވެ. އަދި އެމީހާގެ އަމިއްލަނަފްސަށާއި އަހުލުންނާއި ދަރިންނަށް އުފާވެރިކަން ގެނެސްދިނުމަކީވެސް ޝަރުޢުވެގެންވާކަމެކެވެ. އަދި ހުއްދަ ވަސީލަތްތަކުގެ ޒަރީޢާއިން ހުއްދަ ލައްޒަތްތައް ހޯދުމަކީ ޝަރުޢުވެގެންވާކަމެކެވެ. އެއީ އިންސާނާ ހުރިހާ ދާއިރާއެއްގައިވެސް ތިލަފަތް ހަމަހަމަކުރުމުގެ ގޮތުންނެވެ. އަދި ކަންނެތްކަމާއި، މާޔޫސްކަން ދުރުކޮށްލުމުގެ ގޮތުންނެވެ. އަދި ހިއްމަތްތެރިކަމާއި ހީވާގިކަމަށް އާރޯކަން ގެނެސްދިނުމުގެ ގޮތުންނެވެ. އެއީ؛ ދަތުރުތަކާއި އުފާވެރިކަން ލިއްބައިދޭ ތަންތަނަށް ގޮސްގެންނާއި، ޗުއްޓީ ނެގުމާއި، ހުއްދަ ކުޅިވަރުތައް ކުޅުންފަދަ ކަންކަމުގެ ތެރެއިންނެވެ.

ފަހެ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަންޡަލަތުގެފާނަށް ޙަދީޘްކުރެއްވިއެވެ. ((وَلَكِنْ يَا حَنْظَلَةُ سَاعَةً وَسَاعَةً))([9]) މާނައީ: “އޭ ޙަންޡަލާއެވެ! އެހެނެއްކަމަކު، އެކަމަށް ވަގުތެއް މިކަމަށް ވަގުތެއް ކަނޑައަޅުއްވާށެވެ!”

މި ޙަދީޘްގެ މުރާދަކީ: ކަންކަންކުރުމުގައި މުރާލިކަމާއެކު ހުރުމަށް ވަގުތާއި، ހިތްހަމަޖެއްސުމަށާއި ނަފްސަށް އުފާވެރިކަން ގެނެސްދިނުމަށް ވަގުތު ކަނޑައަޅާށެވެ. އެއީ؛ އަޅުކަންކުރުމުގައި ފޫހިކަމާއި، ވަރުބަލިކަން ނަފްސަށް ކުރިމަތިނުވުމަށްޓަކައެވެ.

ފަހެ، މުރާލިކަމާއެކު ހުންނަ ވަގުތުތަކުގައި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާށެވެ. އަދި ވަރުބަލިވާ ވަގުތު ތިޔަބައިމީހުންގެ ނަފްސަށްވާ ބައި އަދާކޮށްދޭށެވެ.([10])

ބައެއްމީހުންނަށް ވިސްނިފައި އޮންނަފަދައިން މީގެ މުރާދަކީ: ތިބާގެ ވެރިރަސްކަލާނގެއަށް ވަގުތުކޮޅަކު ކިޔަމަންތެރިވުމަށްފަހު، ހިތްހަމަޖެއްސުމަށްޓަކައި ވަގުތުކޮޅަކަށް ފާފަތަކަށް އަރައިގަތުމެއް ނޫނެވެ. ނުވަތަ ވަގުތުކޮޅަކަށް ޙަލާލުކަންކަމުގައި އުޅުމަށްފަހު، ވަގުތުކޮޅަކަށް ޙަރާމްކަންކަމުގައި އުޅުމުގެ މާނައެއް ނޫނެވެ.

ފަހެ މީގެ މާނައަކީ: މުސްލިމަކު އޭނާގެ ނަފްސުގެ ޙައްޤުތައް ދިނުމުގެ ގޮތުން ހުއްދަގޮތުގައި ހިތްހަމަޖެއްސުމާއި، އުފާވެރިކަން ދިނުމަކީ އޭނާގެ މައްޗަށް އޮތްކަމެކެވެ. މުޅި ރޭގަނޑާއި ދުވާލު އަޅުކަންކަރުމުގައި ނުވަތަ މަސައްކަތުގައި ހޭދަކުރާމީހަކަށްވެގެން ނުވާނެއެވެ. ފަހެ، މިއީ އެއްވެސް މީހަކަށް ކުޅަދާނަވާނެކަމެއް ނޫނެވެ. އެހެނެއްކަމަކު އުފާކޮށްލުމަށްޓަކައި ވަގުތުކޮޅެއް އޭނާ ހޯދަންޖެހެއެވެ. އެއީ؛ އަޅުކަންކުރުމުގައި ފޫހިކަމާއި، ވަރުބަލިކަން ނަފްސަށް ކުރިމަތިނުވުމަށްޓަކައެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢަބްދުﷲ ބުން ޢަމްރު ރަޟިޔަﷲ ޢަންހުމާއަށް ޙަދީޘްކުރެއްވިއެވެ. ((إِنَّكَ لَتَصُومُ الدَّهْرَ، وَتَقُومُ اللَّيْلَ؟))، فَقُلْتُ: نَعَمْ، قَالَ: ((إِنَّكَ إِذَا فَعَلْتَ ذَلِكَ هَجَمَتْ لَهُ العَيْنُ، وَنَفِهَتْ لَهُ النَّفْسُ، لاَ صَامَ مَنْ صَامَ الدَّهْرَ، صَوْمُ ثَلاَثَةِ أَيَّامٍ صَوْمُ الدَّهْرِ كُلِّهِ))([11]) މާނައީ: “ތިބާ އަހަރުގެ ހުރިހާދުވަހަކު ރޯދަހިފައި، ރޭގަނޑު ރޭއަޅުކަން ކުރަނީތޯއެވެ؟” ފަހެ، ތިމަން (އެބަހީ؛ ޢަބްދުﷲ ބުން ޢަމްރު) ދެންނެވީމެވެ. “އާދޭހެވެ!” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިބާ އެފަދައިން ކަންކުރާކަމުގައިވާނަމަ ލޯކޮށިވެ، ނަފްސު ވަރުބަލިވާނެއެވެ. މުޅިއަހަރު ރޯދަހިފާމީހާ ރޯދަ ނުހިފައެވެ. (ކޮންމެ މަހެއްގައި) ތިން ރޯދަހިފުން މުޅި އަހަރުދުވަހު ރޯދަހިފުމާ އެއްވަރެވެ.”

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޢަބްދުﷲ ބުން ޢަމްރު ރަޟިޔަﷲ ޢަންހުމާއަށް ޙަދީޘްކުރެއްވިއެވެ. ((فَصُمْ وَأَفْطِرْ، وَصَلِّ وَنَمْ، فَإِنَّ لِجَسَدِكَ عَلَيْكَ حَقًّا، وَإِنَّ لِزَوْجِكَ عَلَيْكَ حَقًّا، وَإِنَّ لِزَوْرِكَ عَلَيْكَ حَقًّا))([12]) މާނައީ: “ތިބާ (ބައެއް ދުވަސްދުވަހު) ރޯދަހިފައި (އަނެއްބައި ދުވަސްދުވަހު) ރޯދަވިއްލާށެވެ! އަދި ނަމާދުކުރާށެވެ! އަދި ނިދާށެވެ! ފަހެ، ހަމަކަށަވަރުން ތިބާގެ މައްޗަށްވާ ތިބާގެ ނަފްސުގެ ޙައްޤުވެއެވެ. އަދި ހަމަކަށަވަރުން ތިބާގެ މައްޗަށްވާ ތިބާގެ އަނބިމީހާގެ ޙައްޤުވެއެވެ. އަދި ހަމަކަށަވަރުން ތިބާގެ މައްޗަށްވާ މެހެމާނުންގެ ޙައްޤުވެއެވެ.”

އަދި ސަލްމާނު (އަލްފާރިސީ) އަބުއްދަރުދާ ރަޟިޔަﷲ ޢަންހުމާއަށް ވިދާޅުވިއެވެ. “ހަމަކަށަވަރުން ތިބާގެ މައްޗަށްވާ ތިބާގެ ވެރިރަސްކަލާނގެ ޙައްޤުވެއެވެ. އަދި ތިބާގެ މައްޗަށްވާ ތިބާގެ ނަފްސުގެ ޙައްޤުވެއެވެ. އަދި ތިބާގެ މައްޗަށްވާ ތިބާގެ އަހުލުންގެ ޙައްޤުވެއެވެ. ފަހެ، ކޮންމެ ޙައްޤުވެރި ފަރާތަކަށް އެފަރާތެއްގެ ޙައްޤުދޭށެވެ!” ސަލްމާންގެފާނުގެ މިބަސްފުޅަށް އެއްބަސްވެވަޑައިގެންނެވުމުގެ ގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((صَدَقَ سَلْمَانُ))([13]) މާނައީ: “ސަލްމާން އެ ވިދާޅުވީ ތެދުފުޅެކެވެ.”

(20) ޗުއްޓީތަކަކީ މަންފާކުރަނިވި ވަރަށްގިނަ ޝިޢާރުތައް ފާޅުކުރެވޭނެ މަތިވެރި ފުރުޞަތެކެވެ. ޗުއްޓީގެ ދުވަސްތަކުގައި އަންނަނިވި ކަންކަންކޮށްފިމީހަކަށް ކާމިޔާބުވާ ހުއްޓެވެ.

* ﷲގެ ފޮތުން ކޮންމެވެސް މިންވަރެއް ހިތުދަސްކޮށް، އެހެންމީހަކަށް އުނގަންނައިދިންމީހާ: ((خَيْرُكُمْ مَنْ تَعَلَّمَ القُرْآنَ وَعَلَّمَهُ))([14]) މާނައީ: “ތިޔަބައިމީހުންކުރެ އެންމެ ހެޔޮމީހަކީ ޤުރްއާން އުނގެނި، އެ ޤުރްއާން އުނގަންނައިދޭމީހާއެވެ.”

* ޝަރުޢީ ޢިލްމު އުނގެނުމަށްޓަކައި މަގެއް އިޚްތިޔާރުކުރާމީހާ: ((مَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا، سَهَّلَ اللهُ لَهُ بِهِ طَرِيقًا إِلَى الْجَنَّةِ))([15]) މާނައީ: “(ޝަރުޢީ) ޢިލްމު ޙާޞިލުކުރުމަށްޓަކައި މަގެއް އިޚްތިޔާރުކޮށްފިމީހާ ދަންނައެވެ. އޭގެ ސަބަބުން އޭނާއަށް ސުވަރުގެ ދިޔުމުގެ މަގެއް ﷲ ތަނަވަސްކޮށްދެއްވާނެއެވެ.”

* މީހަކަށް ޢިލްމެއް ފޯރުކޮށްދީ، ދީނުގެ ދަޢުވަތު ފޯރުކޮށްދޭމީހާ: ((بَلِّغُوا عَنِّي وَلَوْ آيَةً))([16]) މާނައީ: “ތިމަންކަލޭގެފާނުގެ ކިބައިން އާޔަތެއްގެ މިންވަރުވިޔަސް ފޯރުކޮށްދޭށެވެ!”

* ހެޔޮކަންކަމަށް މަގުދައްކައި، ހިދާޔަތުގެ މަގަށް ގޮވާލައި، ހެޔޮ ނަޞޭޙަތްދޭމީހާ: ((مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ))([17]) މާނައީ: “ހެޔޮކަމަކަށް މަގުދައްކައިފި މީހަކަށް އެ ހެޔޮކަންކުރި މީހަކާ އެއްފަދަ އަޖުރެއް ލިބޭނެއެވެ.” ((مَنْ دَعَا إِلَى هُدًى، كَانَ لَهُ مِنَ الْأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ، لَا يَنْقُصُ ذَلِكَ مِنْ أُجُورِهِمْ شَيْئًا))([18]) މާނައީ: “ހެޔޮމަގަށް ގޮވާލާ މީހާއަށް އޭނާ އެގޮވާލާ ގޮވާލުމަށް ތަބާވާ މީސްތަކުންގެ އަޖްރުވެސް އޭނާއަށް ލިބޭ ހުއްޓެވެ. އެއީ އެ ތަބާވާ މީހުންގެ އަޖުރުން އެއްވެސް މިންވަރެއް އުނިވުމެއްނެތިއެވެ.”

* މައިންބަފައިންނަށް ހެޔޮކޮށްހިތައި، ގާތްތިމާގެކަމުގެ ގުޅުން ގުޅުވައި، އަވަށްޓެރިންނަށް ޒިޔާރަތްކޮށް، އެމީހެއްގެ އަހުލުންގެ ޙައްޤުތައް ދީފިމީހެކެވެ.

* ހަށިގަނޑު ދުޅަހެޔޮކުރުމަށްޓަކައި ހަށިގަނޑަށް ފައިދާކުރުވަނިވި ކުޅިވަރެއް ކުޅޭމީހާއެވެ. އެ ކުޅިވަރެއް ކުޅޭއިރު؛ އެ ކުޅިވަރުގެ ބޭނުމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަށްޓަކައި އެހީތެރިވެދޭކަމެއްކަމަށް ނިޔަތްގަތުންވެއެވެ. ((الْمُؤْمِنُ الْقَوِيُّ، خَيْرٌ وَأَحَبُّ إِلَى اللهِ مِنَ الْمُؤْمِنِ الضَّعِيفِ))([19]) މާނައީ: “(އަޅުކަންކުރުމުގައްޔާއި، އެނޫންކަންކަމުގައިވެސް) ބަލިކަށި މުއުމިނަކަށްވުރެ ﷲގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވަނީ (އެކަންކަމުގައި) ވަރުގަދަ މުއުމިނެކެވެ.”

* އާ މަސައްކަތަކާއި، އާ ހުނަރެއް ދަސްކޮށްފިމީހެކެވެ. މިސާލަކަށް؛ އެއްޗެހި ވިޔުމާއި، ވަޑާންކުރުމާއި، ޕްރޮގްރާމްކުރުމާއި، ކަރަންޓުގެ މަސައްކަތާއި، ފޮތް ލިޔުމާއި، އިހުގެ ފޮތްތައް ކިޔައި ދިރާސާކުރުންފަދަ މަސައްކަތްތަކެވެ.

* ހެޔޮ ޞާލިޙު އެކުވެރިއެއް ހޯދިމީހެކެވެ. އެފަދަ ޞާލިޙު އެކުވެރިއަކީ ޙައްޤުގެ މަގުގައި ހުރުމަށް އެހީތެރިވެދޭނެ، އަދި ނުބައި ކަންކަމުން ދުރުކޮށްދޭނެ އެކުވެރިއެކެވެ.

ﷲ ތަޢާލާއަށް އަޅަމެން އެދި ދަންނަވަނީ؛ އެކަލާނގެއަށް ޛިކުރުކުރުމުގައްޔާއި، ޝުކުރުކުރުމުގައްޔާއި، އެކަލާނގެއަށް ހެޔޮގޮތުގައި އަޅުކަންކުރުމުގައި އަޅަމެންނަށް އެކަލާނގެ ވާގިވެރިވެވޮޑިގަތުމަށެވެ! އަދި އަޅަމެންނަށް މަންފާކުރަނިވި ޢިލްމު އުނގަންނަވައިދެއްވައި، އަޅަމެން އުނގެނޭ ޢިލްމަކުން މަންފާކޮށްދެއްވުމަށެވެ! އަދި އަޅަމެންގެ ވަގުތުތަކުގައްޔާއި ޢުމުރުގައި ބަރަކާތް ލެއްވުމަށެވެ!  آمين!

وَالْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ.

______________________________

([1]) حلية الأولياء لأبي نُعيم الأصبهاني (2/148).

([2]) الجواب الكافي لابن القيِّم (ص 156)، باختصار.

([3]) مدارج السالكين (3/125)، بتصرُّف.

([4]) رواه البخاري (6412).

([5]) ينظر: كشف المشكل من حديث الصحيحَين لابن الجوزي (2/437)، وفتح الباري لابن حجر (11/230).

([6]) رواه الحاكم (7846)، وصحّحه الألباني في صحيح الجامع (1077).

([7]) رواه الترمذي (2416)، وصحّحه الألباني.

([8]) رواه الإمام أحمد (22345)، وهو في الصحيحة (2924).

([9]) رواه مسلم (2750).

([10]) ينظر: مرقاة المفاتيح للملَّا علي القاري (4/1550).

([11]) رواه البخاري (1979)، ومسلم (1159).

([12]) رواه البخاري (1975)، ومسلم (1159).

([13]) رواه البخاري (1968).

([14]) رواه البخاري (5027).

([15]) رواه مسلم (2699).

([16]) رواه البخاري (3461).

([17]) رواه مسلم (1893).

([18]) رواه مسلم (2674).

([19]) رواه مسلم (2664).