[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަހު ދިހަޔަކާއި ލައިލަތުލް ޤަދްރީގެ 38 ފައިދާ 3

11- ޙަރަމާ ކައިރީގައިވާ މީހުން، އަދި އެބައިމީހުންނަށް ޠަވާފުކުރުން ފަސޭހަވެގެންވާ މީހުން، ކަޢުބާ ވަށައިގެން ޠަވާފުކުރާށެވެ. އެއީ އަޅަކު މިނިވަންކުރުމުގެ ސަވާބުހުރި ކަމެކެވެ.

مَنْ طَافَ بِالْبَيْتِ أُسْبُوعًا فَأَحْصَاهُ كَانَ كَعِتْقِ رَقَبَةٍ  (رواه الترمذي 959 وهو في صحيح الجامع 6380 )  މާނައީ: “މިގެކޮޅުގެ ވަށައިގެން ހަތްފަހަރު ޠަވާފުކޮށް، އެ ޠަވާފު ފުރިހަމަކޮށްފިމީހާ (ޠަވާފުގެ ޝަރުޠުތަކާއި ވާޖިބުތަކަށް ރައްކާތެރިވެ) ވާހުށީ އަޅަކު މިނިވަންކުރި މީހެއް ފަދައިންނެވެ.”

12- މުސްލިމު އަޅާގެ މައްޗަށް ވަނީ، ﷲ ތަޢާލާ އޭނާ ނަރަކައިން މުއްތިކުރައްވަފާނެ ކަމުގައި އުންމީދުގައި، ނަރަކައިން މުއްތިކުރެއްވުމަށް އެދި ގިނަގިނައިން ދުޢާކުރުމެވެ. ޙަދީޘްގައިވެއެވެ.

إِنَّ لِله عُتَقَاءَ فِي كُلِّ يَومٍ وَلَيْلَةٍ، لِكُلِّ عَبْدٍ مِنْهُمْ دَعْوَةٌ مُسْتَجَابَةٌ  (رواه الإمام أحمد 7450 و صححه الألباني في صحيح الجامع 2169 )  “ހަމަކަށަވަރުން ރަމަޟާންމަހުގެ ކޮންމެ ދުވަހަކާއި ރެއެއްގައި ﷲ ތަޢާލާ މީސްތަކުން ނަރަކައިން މުއްތިކުރައްވައެވެ. އޭގެތެރެއިން ކޮންމެ އަޅަކަށް އިޖާބަވެގެންވާ ދުޢާއެއް ވެއެވެ.”

13- ފަހުގެ ދިހައިގެ ރޭތަކުގައި އިސްތިޣްފާރުކުރުން ގިނަކުރުމުން ރަމަޟާންމަސް ނިންމުން މުސްތަޙައްބުވެގެންވެއެވެ. އެއީ ފާފަ ފުއްސެވުން އެދި ދެންނެވޭ ދެންނެވުމެކެވެ. ރޯދަވެރިޔާގެ ދުޢާއަކީ، އޭނާ ރޯދަޔަށް ހުންނައިރުގައްޔާއި އަދި ރޯދަވީއްލާއިރުވެސް އިޖާބަވެގެންވާ ދުޢާއެކެވެ. އިސްތިޣްފާރު ކުރުމަކީ އެއީ ހެޔޮޢަމަލުތައް ނިންމާގޮތެވެ. ނަމާދާއި ޙައްޖާއި ރޭއަޅުކަންވެސް ނިންމަނީ އިސްތިޣްފާރުންނެވެ. އަދި ޖަލްސާތައް ނިންމުންވެސް ވަނީ އިސްތިޣްފާރުންނެވެ. އެހެންކަމުން މުސްލިމުއަޅާ ރަމަޟާންމަސްވެސް އިސްތިޣްފާރުކުރުމުން ނިންމުން ހުއްޓެވެ. މިހެންވެ، ޢުމަރު ބިން ޢަބްދިލް ޢަޒީޒް ރަޙިމަހުﷲ، އިސްތިޣްފާރުކުރުމާއި ފިޠުރު ޒަކާތުން ރަމަޟާންމަސް ނިންމުމަށް، އެކި އެކި ރަށްތަކަށް (ސިޓީ) ލިޔުއްވިއެވެ. ހަމަކަށަވަރުން ފިޠްރު ޒަކާތް ވަނީ ރޯދަވެރިޔާއަށް ބުނެވިފައިވާ ބޭކާރު ބަސްތަކާއި ފާޙިޝް ވާހަކަތަކުން ޠާހިރު ކޮށްދޭ އެއްޗެއްކަމުގައެވެ. ފާޙިޝް ވާހަކަތަކާއި ބޭކާރު ބަސްތަކުގެ ސަބަބުން ރޯދަޔަށް ލިބޭ އުނިކަން އިސްތިޣްފާރުގެ ސަބަބުން ފޫބެދިގެން ދެއެވެ. (ބައްލަވާ: ލަޠާއިފުލް މަޢާރިފް ޞ 214)

14- އެންމެ މަންފާބޮޑު އިސްތިޣްފާރަކީ ތައުބާއާއެކު ކުރެވޭ އިސްތިޣްފާރެވެ. އެއީ ފާފައިން ދުރުހެލިވުމާއެކު، ފާފަ ކުރެވުނު ކަމުގެ މައްޗަށް ހިތާމަކޮށް، ފާފައަށް ދެން އަރައިނުގަތުމަށް ޢަޒުމް ކަނޑައަޅައި، އެފާފައަކީ އާދަމު ދަރީންގެ ޙައްޤު އެކުލެވޭ ފާފައެއް ނަމަ، ޙައްޤުތަކަށް އަރައިގަނެވިފައިވާ މީހުންގެ ޙައްޤުތައް އަދާކުރުމަށްފަހު، ކުރެވޭ އިސްތިޣްފާރެވެ.

15- މުސްލިމް އަޅާގެ އެތެރެއާއި ބޭރު އިޞްލާޙްކުރަން މަސައްކަތްކުރުމަކީ މި ދުވަސްތަކުގައި އޭނާގެ ކިބައިން އެދެވޭ އެންމެ ބޮޑު އެދެވުމެވެ. ހެޔޮ ރަނގަޅު ކޮންމެ ޢަމަލެއްގެ ފެށުމަކީ ހިތުގެ ޢަމަލެވެ. އެއިލާހަށް ޚާލިޞްކޮށް، އެއިލާހަށް ރުޖޫޢަވާ ޙާލު، އެއިލާހުގެ ކުރިފުޅުމަތީގައި ދެރަނިކަމެތިވެގެންވާ ޙާލު، ފުރިހަމައަށް ލޯބިވުމާއެކުގައި އޭނާގެ ހުރިހާ ކަމެއް ﷲ އަށް ކިޔަމަންކުރުމެވެ.

އޭނާ ﷲ އަށް ޙަމްދުކޮށް ޝުކުރުކުރެއެވެ. އޭނާއަށް ކުރެވިފައިވާ ފާފަތަކަށް އޭނާ އިސްތިޣްފާރުކުރެއެވެ. އަދި އެއިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެއެވެ. އަދި އެއިލާހުގެ ޙަޟްރަތުން މަދަދަށް އެދެއެވެ. އަދި އެއިލާހަށް ވަކީލު ކުރެއެވެ. ﷲ ގެ ޙަޟްރަތުން މެނުވީ އެއްވެސް ފަރާތަކުން އޭނާ ޙިމާޔަތަށް އެދި ނުދަންނަވައެވެ.

އޭނާގެ ރައްބަށް އޭނާ ބިރުވެތިވެއެވެ. އަދި އޭނާގެ ރައްބުގެ ޙަޟްރަތުން އޭނާ އުއްމީދުކުރެއެވެ. ބިރުގަތުމާއި އުންމީދުކުރުމަކީ ދޫނީގެ ދެ ފިޔަފަދަ ކަމެކެވެ. ފުރިހަމަ ޞިއްޙަތުގެ ޙާލަތުގައި ބިރުގަތުމުމުގެ ބައި ބޮޑުކުރަން ޖެހެއެވެ. އަދި މަރަށް ޙާޟިރުވުމުގެ ވަގުތުގައި އުންމީދުކުރުމުގެ ބައި (ބިރުގަތުމުގެ މައްޗަށް) ގަދަކުރަން ޖެހެއެވެ.

يَحْذَرُ الْآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ- الزمر  9- ” އާޚިރަތް ދުވަހަށް ބިރުވެތިވެ، އޭނާގެ ރައްބުގެ ރަޙްމަތަށް އެދެއެވެ”

އެއިލާހުގެ ރަޙްމަތަށާއި ޖަންނަތަށް އޭނާ އުންމީދުކުރެއެވެ. އަދި އޭނާގެ އެ އުންމީދުކުރުމާއެކު އޭނާ ހެޔޮ ޢަމަލު ކުރެއެވެ. އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމަށެވެ. އަދި އެކަމުން އޭނާ އަޖުރާއި ޘަވާބަށް އުންމީދުކުރެއެވެ.

= ނުނިމޭ =

__________________

= އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ 38 فائدة في العشر الأواخر وليلة القدر  (ފަހު ދިހަޔަކާއި ލައިލަތުލް ޤަދްރީގެ 38 ފައިދާ) ގެ ތަރުޖަމާ=

 

މިލިޔުމުގެ އެހެންބައިތައް