(13) ﷲ ތަޢާލާ މަތިން ކުރާ ޛިކުރުތަކުގެ ދެ ވައްތަރެއްވެއެވެ. އެއީ މުޠުލަޤާއި މުޤައްޔަދެވެ.
މުޠުލަޤަކީ: އެއީ ހުރިހާ ވަގުތެއްގައާއި، ހުރިހާ ތަނެއްގައާއި، ހުރިހާ ޙާލަތެއްގައިވެސް ކިޔުމަށް އައިސްފައިވާ ޛިކުރުތަކެވެ. ވަކި ވަގުތަކަށް، ނުވަތަ ތަނަކަށް، ނުވަތަ ޙާލަތަކަށް ޚާއްޞަވެގެންނުވާ ޛިކުރުތަކެވެ. އަދި މިފަދަ ޛިކުރުތަކުގައި ވަކިޚާއްޞަ ކަނޑައެޅިގެންވާ ޢިބާރާތަކާއި، ޢަދަދެއް ނުވާނެއެވެ. ފަހެ، މުސްލިމެއްގެ މައްޗަށްވަނީ ކުޅަދާނަވެގެންވީ ވަރަކަށް އޭނާގެ ވެރިރަސްކަލާނގެއަށް ޛިކުރުކުރުމެވެ. ﷲ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّـهَ ذِكْرًا كَثِيرًا﴾ (الأحزاب: 41) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން ﷲ ހަނދުމަކުރާށެވެ!” އަދި އައިސްފައިވެއެވެ. ((كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَذْكُرُ اللهَ عَلَى كُلِّ أَحْيَانِهِ))([1]) މާނައީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ކޮންމެ ހިނދެއްގައިވެސް ﷲ މަތިން ޛިކުރުކުރައްވާ ކަމުގައިވިއެވެ.”
(14) މުޤައްޔަދު ޛިކުރަކީ: ވަކި ވަގުތުތަކަކަށާއި، ތަންނަތަނަށާއި، ޙާލަތްތަކަށާއި، ޢަދަދުތަކަކަށް ޚާއްޞަވެގެންވާ ޛިކުރުތަކެވެ.
ވަކި ވަގުތަކަށް ޚާއްޞަވެގެންވާ ޛިކުރަކީ: ވަކި ވަގުތަކަށް ޚާއްޞަވެގެންވާ، އެ ވަގުތަކާއެކު އަބަދުވެސް ދައުރުކުރާ ޛިކުރެވެ. އެ ޚާއްޞަވެގެންވާ ވަގުތާއި ދަނޑިވަޅު އަތުވެއްޖެނަމަ، އެ ވަގުތަށް ކަނޑައެޅިގެންވާ ޛިކުރުކުރުމަކީ މުސްލިމަކު އެކަމުގެ މަތީގައި ކެތްތެރިކަމާއެކު ހުރުން މުހިއްމުވެގެންވާ ކަމެކެވެ. މިފަދަ ޛިކުރުތަކުގެ މިސާލަކީ: ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި، މަސް ފެށޭއިރު ހަނދުފެނިއްޖެނަމަ ކިޔަން އައިސްފައިވާ ޛިކުރުތައްފަދަ ޛިކުރުތަކެވެ.
ވަކި ތަނަކަށް ޚާއްޞަވެގެންވާ ޛިކުރުތަކަކީ: މިސްކިތަށާއި ގެއަށާއި ފާޚާނާއަށް ވަދެ ނުކުމެހަދާއިރު ކިޔަން އައިސްފައިވާ ޛިކުރުތަކާއި، ދަތުރެއްކުރަމުން ތަނަކަށް ފައިބާނަމަ ކިޔާ ޛިކުރާއި، މަޝްޢަރިލްޙަރާމްގެ ސަރަހައްދުގައި([2]) ކިޔުމަށް އައިސްފައިވާ ޛިކުރުތަކާއި، ޙައްޖާއި ޢުމުރާގެ ދުޢާތައްފަދަ ދުޢާތަކެވެ.
ވަކި ޙާލަތަކަށް ޚާއްޞަވެގެންވާ ޛިކުރުތަކަކީ: ނިދާއިރުގައްޔާއި ނިދިން ހޭލުމަށްފަހުގައްޔާއި، ދަތުރުމަތީގައާއި، ހާސްވެ ކަންބޮޑުވާ ޙާލަތްތަކުގައްޔާއި، އުނދަގޫ ޙާލަތްތަކުގައްޔާއި، ރުޅިއަންނަ ހިނދުގައްޔާއި، ކިނބިހިއަޅާމީހާ ﷲއަށް ޙަމްދުކުރުމުން އެކަމުގެ ބަދަލުގައްޔާއި، ޖިމާޢުވާއިރުގައްޔާއި، ހާލާއި ހިމާރު ގޮވައިރުގައްޔާއި، މީހަކު ހެޔޮކަމެއް ކޮށްދިނުމުން އޭގެ ބަދަލުގައި ކިޔުމަށްއައިސްފައިވާ ޛިކުރުތައްފަދަ ޛިކުރުތަކެވެ.
ވަކި ޢަދަދަކަށް ޚާއްޞަވެގެންވާ ޛިކުރުތަކުގެ ތެރޭގައި: ތިންފަހަރު، ދިހަފަހަރު، ސަތޭކަފަހަރު ނުވަތަ މިނޫންވެސް ވަކި ޢަދަދަކަށް ކިޔުމަށް އައިސްފައިވާ ޛިކުރުތައްވެއެވެ.
(15) ވަކި ޚާއްޞަ ޢިބާރާތަކުންނާއި، ކަނޑައެޅިގެންވާ ޢަދަދަކަށް ކުރުމަށް އައިސްފައިވާ ޛިކުރެއްނަމަ، މިފަދަ ޛިކުރުތަކުގެ އަޞްލަކީ: ޛިކުރުކުރާމީހާ ވާރިދުވެފައިވާ ޢިބާރާތަށާއި ކަނޑައެޅިގެންވާ ޢަދަދަކަށް އެ ޛިކުރެއް ޚާއްޞަކުރުމެވެ. އެ ޛިކުރަކަށް އެއްވެސް ޢިބާރާތެއް އިތުރުކޮށް، ނުވަތަ ކަނޑައެޅިގެންވާ ޢަދަދަށްވުރެ އިތުރުކޮށްގެން ނުވާނެއެވެ. އަދި ޢިބާރާތްތައް ބަދަލުކޮށްގެންވެސް ނުވާނެއެވެ. އެހެންނޫންނަމަ، ވަކި ޚާއްޞަ ޢަދަދެއް ކަނޑައެޅުއްވުމުގެ އެއްވެސް ބޭނުމެއް ނޯންނާނެއެވެ. މީގެ ތެރެއިން އިސްތިސްނާވެގެންވަނީ އެ ޛިކުރެއްގެ ޢަދަދަށްވުރެ އިތުރަށް ކިޔުމަށް ދަލީލުތަކުން އައިސްފައިވާ ޛިކުރުތަކެވެ.([3]) މީގެ މިސާލަކަށް އަންނަނިވި ޙަދީޘްވެއެވެ. ((مَنْ قَالَ: لَا إِلَهَ إِلَّا اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ الـمُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، فِي يَوْمٍ مِائَةَ مَرَّةٍ؛ كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ، وَكُتِبَتْ لَهُ مِائَةُ حَسَنَةٍ، وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ، وَلَمْ يَأْتِ أَحَدٌ بِأَفْضَلَ مِمَّا جَاءَ بِهِ، إِلَّا أَحَدٌ عَمِلَ أَكْثَرَ مِنْ ذَلِكَ))([4]) މާނައީ: ” ދުވާލަކު ސަތޭކަފަހަރު ((لَا إِلَهَ إِلَّا اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ الـمُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ)) މި ޛިކުރުކޮށްފިމީހާ ދަންނައެވެ. އޭނާ ދިހަ އަޅުން މިނިވަންކުރިފަދައެވެ. އަދި އޭނާއަށް ސަތޭކަ ހެޔޮކަން ލިޔުއްވޭނެއެވެ. އަދި އޭނާގެ ކިބައިން ސަތޭކަ ފާފަފުއްސެވޭނެއެވެ. އަދި އެދުވަހު ހަވީރުވަންދެން ޝައިޠާނާގެ ކިބައިން އޭނާ ރައްކާތެރިކުރެވޭނެއެވެ. އަދި އޭނާއަށްވުރެ ގިނައިން މިޛިކުރުކުރިމީހަކު މެނުވީ އޭނާއަށްވުރެ މާތް ޢަމަލެއްކޮށްގެންހުރި މީހަކު ނުހުންނާނެއެވެ.”
އަދި ޙަދީޘްގައި އައިސްފައިވެއެވެ. ((مَنْ قَالَ: حِينَ يُصْبِحُ وَحِينَ يُمْسِي: سُبْحَانَ اللهِ وَبِحَمْدِهِ، مِائَةَ مَرَّةٍ، لَمْ يَأْتِ أَحَدٌ يَوْمَ الْقِيَامَةِ، بِأَفْضَلَ مِمَّا جَاءَ بِهِ، إِلَّا أَحَدٌ قَالَ مِثْلَ مَا قَالَ أَوْ زَادَ عَلَيْهِ))([5]) މާނައީ: “ހެނދުނާއި ހަވީރު ސަތޭކަފަހަރު ((سُبْحَانَ اللهِ وَبِحَمْدِهِ)) މި ޛިކުރުކޮށްފިމީހާ ދަންނައެވެ. އޭނާ މި ޛިކުރުކުރިވަރަށް ނުވަތަ އެއަށްވުރެ ގިނައިން މި ޛިކުރުކުރިމީހަކު މެނުވީ އޭނާއަށްވުރެ މާތް ޢަމަލެއްކޮށްގެން ހަމައެކަކުވެސް ޤިޔާމަތްދުވަހުގައި ނާންނާނެއެވެ.”
(16) އެކަކަށް ނިސްބަތްވާގޮތަށް މުފްރަދު ޢިބާރާތުން ވާރިދުވެފައިވާ ޛިކުރުތައް ގިނަމީހުންނަށް ނިސްބަތްކުރާގޮތަށް ޖަމްޢުކުރުން ޝަރުޢުވެގެންނުވެއެވެ. މިސާލަކަށް؛ (ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔާއިރު) ((اللَّهُمَّ احْفَظْنِي مِنْ بَينِ يَدَيَّ، وَمِنْ خَلْفِي…)) (މާނައީ: “ޔާ ﷲ! މި އަޅާގެ ކުރިމަތިންނާއި މި އަޅާގެ ފުރަގަހުން މި އަޅާ ރައްކާތެރިކޮށްދެއްވާނދޭވެ! …”) މި ދުޢާކިޔާއިރު އަނބިންނާއި ދަރިން ޝާމިލުކުރުމަށްޓަކައި ((اللَّهُمَّ احْفَظْنَا مِنْ بَينِ أَيْدِيْنَا، وَمِنْ خَلْفِنَا…)) (މާނައީ: “ޔާ ﷲ! އަޅަމެންގެ ކުރިމަތިންނާއި އަޅަމެންގެ ފުރަގަހުން އަޅަމެން ރައްކާތެރިކޮށްދެއްވާނދޭވެ! …”) މި ޢިބާރާތުން ކިޔައިގެން ނުވާނެއެވެ. ވާރިދުވެފައިވާ ޛިކުރުތަކުގެ ލަފްޒުތަކަކީ ތައުޤީފީކަމެކެވެ.([6]) ފަހެ، ވާރިދުވެފައިވާ ޢިބާރާތާއި ކިޔުމަށް ވާރިދުވެފައިވާ ޢަދަދުގައި ހިފަހައްޓަން ޖެހޭނެއެވެ.([7]) ފަހެ، އެކަކަށް ނިސްބަތްވާގޮތަށް މުފްރަދުކޮށް އައިސްފައިވާ ޛިކުރެއްނަމަ ޛިކުރުކުރާނީ ހަމައޮތްގޮތަށް މުފްރަދުކޮށެވެ. އަދި ޛިކުރުކުރަނީ އެއްމެ މީހެއްކަމުގައިވީނަމަވެސް ގިނަމީހުންނަށް ނިސްބަތްވާގޮތަށް އޮވެއްޖެނަމަ ޛިކުރުކުރާނީ ހަމައޮތްގޮތަށް ޖަމްޢުކޮށެވެ.
ގިނަމީހުންނަށް ބޭނުންކުރާގޮތަށް ޖަމްޢުކޮށް ވާރިދުވެފައިވާނަމަ، މުސްލިމަކު އެ ޛިކުރެއްކުރާއިރު އޭނާގެ އަމިއްލަނަފުސާއި އަހުލުންގެ މަތިން ނިޔަތްގަތުމަކުން މައްސަލައެއްނެތެވެ. އަދި އެހެނެއްކަމަކު، އެންމެހާ މުސްލިމުންގެ މަތިން ޢާއްމުކޮށް ނިޔަތްގަނެވިދާނެއެވެ. އެއީ މިސާލަކަށް އަންނަނިވި ޛިކުރު ކިޔާއިރުގައެވެ. ((اللَّهُمَّ بِكَ أَصْبَحْنَا، وَبِكَ أَمْسَيْنَا…)) (މާނައީ: “ޔާ ﷲ! އިބަﷲގެ ވާގިފުޅާއެކު އަޅަމެން ހެނދުންކުރީމެވެ. އަދި ހަމަ އިބަﷲގެ ވާގިފުޅާއެކު އަޅަމެން ހަވީރުކުރީމެވެ…”) އަދި ފާތިޙާސޫރަތުގައިވާ ދުޢާކިޔާއިރުއެވެ. ﴿اهْدِنَا الصِّرَاطَ الْمُسْتَقِيمَ﴾ (الفاتحة: 6) މާނައީ: “އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ!”
(17) ޢާއްމު ޛިކުރުކުރުމާއި، ޢާއްމު ދުޢާތައް ކުރުމަށްވުރެ ކީރިތި ޤުރްއާން ކިޔެވުން މަތިވެރިވެގެންވެއެވެ. އަދި ޢާއްމު ދުޢާކުރުމަށްވުރެ ޛިކުރުކުރުން މަތިވެރިވެގެންވެއެވެ. އެހެންނަމަވެސް، ވަކި ވަގުތަކަށް، ނުވަތަ ވަކި ތަނަކަށް، ނުވަތަ ވަކި ޙާލަތަކަށް ކިޔުމަށް އައިސްފައިވާ ޛިކުރުކިޔުމަކީ ހަމައެކަނި ޤުރްއާން ކިޔަވާލާ ކިޔަވާލުމަށްވުރެ މަތިވެރިވެގެންވާ ކަމެކެވެ.([8])
(18) ގިނަގިނައިން ﷲ ތަޢާލާއަށް ޛިކުރުކުރުމަކީ ކޮންމެ ހެވަކާއި ކާމިޔާބީއެއްގެ ދޮރެވެ. އަދި ޛިކުރުކުރުމުގެ ދަރުމަ ބޮޑުވެ، މަތިވެރިވެގެންވެއެވެ. އެކަލާނގެ މަތިން ގިނައިން ޛިކުރުކުރާ ޛިކުރުގެ އަހުލުވެރިންނަށް ވަޢުދުކުރައްވާފައި ވަނީ މަތިވެރިވެގެންވާ ފަޟްލުވަންތަކަމެވެ. ޤިޔާމަތްދުވަހުގައި ކުރިއަރައިގެންދާނެ ބަޔަކީ އެބައިމީހުންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿وَاذْكُرُوا اللَّـهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ﴾ (الأنفال: 45) މާނައީ: “އަދި ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَالذَّاكِرِينَ اللَّـهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّـهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا﴾ (الأحزاب: 35) މާނައީ: “އަދި ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރާ ފިރިހެނުންނާއި، ޛިކުރުކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި ﷲ ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ.”
އަދި ޙަދީޘްގައި އައިސްފައިވެއެވެ. ((سَبَقَ الْمُفَرِّدُونَ)) قَالُوا: وَمَا الْمُفَرِّدُونَ؟ يَا رَسُولَ اللهِ قَالَ: ((الذَّاكِرُونَ اللهَ كَثِيرًا، وَالذَّاكِرَاتُ))([9]) މާނައީ: (ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.) “الْمُفَرِّدُونَ ކުރިއަރައިހިނގައްޖެއެވެ!” ޞަޙާބީން ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! الْمُفَرِّدُونَ އަކީ ކޮންބައެއްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “އެއީ؛ ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރާ ފިރިހެނުންނާއި، ޛިކުރުކުރާ އަންހެނުންނެވެ.”
الْمُفَرِّدُون އަކީ: ﷲ މަތިން ގިނަގިނައިން ޛިކުރުކުރުމުގެ ސަބަބުން ސުވަރުގޭގައި މަތިވެރި ދަރަޖަތައް ލިބި، އެބައިމީހުންގެ އެކުވެރިންނަށްވުރެ ވަކިން ޚާއްޞަވެގެންވާ މީހުންނެވެ.
________________________
([2]) މަޝްޢަރުލްޙަރާމްގެ ސަރަހައްދަކީ މުޒުދަލިފާގެ ސަރަހައްދެވެ. (މުތަރުޖިމް)
([3]) ينظر: شرح النووي على صحيح مسلم (17/7)، وفتح الباري (2/330، 11/112)، وتصحيح الدعاء لبكر بن عبدالله أبو زيد (ص 338)، وفتاوى اللجنة الدائمة (24/203).
([4]) رواه البخاري (3293)، ومسلم (2691).
([6]) ތައުޤީފީކަމަކީ: ޤުރްއާނާއި ސުންނަތުގައި އައިސްފައިވާ ގޮތަށް އޮތުމެވެ. އަދި އުނިއިތުރުކުރުމުގެ އިޚްތިޔާރު ނެތް ކަންކަމެވެ. (މުތަރުޖިމް)
([7]) ينظر: فتح الباري (11/112).
([8]) ينظر: مجموع الفتاوى (10//427، 11/399، 24/198)، والوابل الصيِّب (ص 231).