[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހެނދުނާއި ހަވީރުގެ ޛިކުރުތަކާގުޅޭ 31 ފައިދާ (4)

(19) ހެނދުނާއި ހަވީރުގެ ޛިކުރުތަކާއި، ނަމާދުތަކުގެ ފަހުގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތަކާއި، ރޭގަނޑާއި ދުވާލުގެ އެކި ވަގުތުތަކާއި އެކި ޙާލަތްތަކަށާއި އެކި ސަބަބުތަކުގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރުތައްކުރުން މަތީގައި ދެމިހުންނަމީހަކު ވެގެންދާނީ ﷲ މަތިން ގިނަގިނައިން ޛިކުރުކުރާމީހުންގެ ތެރޭގައެވެ.([1])

މާތް ﷲގެ ވަޙީބަސްފުޅުގައިވެއެވެ. ﴿وَالذَّاكِرِينَ اللَّـهَ كَثِيرًا وَالذَّاكِرَاتِ﴾ (الأحزاب: 35) މާނައީ: “އަދި ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރާ ފިރިހެނުންނާއި، ޛިކުރުކުރާ އަންހެނުންނެވެ.” މި އާޔަތާބެހޭގޮތުން އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ. “މި އާޔަތުގައިވާ ޛިކުރުކުރުމުގެ މުރާދަކީ: ނަމާދުތަކުގެ ފަހުގައާއި، ހެނދުނާއި ހަވީރުގައާއި، ނިދާއިރުގައްޔާއި، ނިދިންހޭލާ ކޮންމެ ފަހަރަކާއި، ގެއަށް ވަދެނިކުމެހަދާ ކޮންމެ ފަހަރަކު ﷲ عزّ وجلّ މަތިން ޛިކުރުކުރުމެވެ.”([2])

މުޖާހިދު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މީހަކު، އޭނާ ކޮޅަށްހުންނަ ޙާލުގައްޔާއި، އިށީނދެއިންނަ ޙާލުގައްޔާއި، އޮށޯވެއޮންނަ ޙާލުގައި ޛިކުރުކޮށްފުމަށް ދާންދެން އެމީހަކީ ﷲ މަތިން ގިނަގިނައިން ޛިކުރުކުރި މީހެއްކަމުގައެއް ނުވާނެއެވެ.”([3])

(20) ކޮންމެ މުސްލިމު ފިރިހެނަކަށާއި މުސްލިމު އަންހެނެއްގެ މައްޗަށް އެދެވިގެންވަނީ ހެނދުނާއި ހަވީރުގެ ޛިކުރުތައް ކުރުމުގައި ދާއިމުވެހުރުމެވެ. އެ ދެ ވަގުތަކީ އެންމެ މަތިވެރި ދެ ވަގުތެވެ. އަދި އެ ޛިކުރުތަކުގެ މާނަތަކާމެދު ވިސްނާ ފިކުރުކުރުމެވެ. އެއީ؛ އެ ޛިކުރުތަކަށް އަޅުގަނޑުމެން ބޭނުންޖެހިފައިވާލެއް ބޮޑުކަމާހުރެއެވެ. އެ ޛިކުރުތަކުގެ ސަބަބުން އަވަހަށް ލިބެންހުރި މަންފާތަކާއި ފަހުން ލިބެން އޮތް މަންފާގެ މަތިވެރިކަމުންނެވެ. އެ ޛިކުރުތަކަކީ؛ ރައްކާތެރިކޮށްދޭ ކިއްލާތަކެކެވެ. ރަޖަމުކުރެވިގެންވާ ޝައިޠާނާގެ ކިބައިންނާއި، ނުބައިކަންކަމުންނާއި، އާފާތްތަކުން ސަލާމަތްކޮށްދޭނެ މަތިވެރި ރައްކާތެރިކަމެކެވެ. އެ ޛިކުރުތަކުގެ ސަބަބުން ދުވާލުގެ ދެކޮޅުގައި ﷲ ތަޢާލާ މަތިން ޛިކުރުކުރުމުގައި ދާއިމުވެހުރެވި، އެކަލާނގެ ޙަޟްރަތަށް ނިކަމެތިވެވި، ރަޙްމަތާއި މަތިވެރިކަމުގެ ދޮރުކޮޅުގައި ޓަކިދެވޭނެއެވެ. އަދި އެ ޛިކުރުތަކުން ދުވަހުގެ ޢަމަލުތައް ފަށައިގަނެވި، ﷲ ތަޢާލާގެ ޛިކުރުކުރުމުން ދުވަސް ފަށައިގަނެވި، ދުވަސް ނިންމާލެވޭނެއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّـهَ ذِكْرًا كَثِيرًا * وَسَبِّحُوهُ بُكْرَةً وَأَصِيلًا﴾ (الأحزاب: 41-42) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން ﷲ ހަނދުމަކުރާށެވެ! އަދި ހެނދުނާއި، ހަވީރު އެކަލާނގެއަށް ތަސްބީޙަ ކިޔައި އުޅޭށެވެ!” އެބަހީ؛ ދުވާލުގެ ކުރީކޮޅުގައްޔާއި، ޢަޞްރުވަގުތުގެ ފަހުން ދުވާލުގެ ފަހުކޮޅުގައެވެ. ހެނދުނާއި ހަވީރުގައެވެ.

އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. ﴿وَاذْكُر رَّبَّكَ كَثِيرًا وَسَبِّحْ بِالْعَشِيِّ وَالْإِبْكَارِ﴾ (آل عمران: 41) މާނައީ: “އަދި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ގިނަގިނައިން ހަނދުމަކުރައްވާށެވެ! އަދި، ހަވީރާއި ހެނދުނު، ތަސްބީޙަ ވިދާޅުވާށެވެ!” ((الْعَشِيّ)) އަކީ ދުވާލުގެ ފަހުކޮޅު، ރޭގަނޑުގެ ކުރީކޮޅެވެ. އަދި ((الْإِبْكَار)) އަކީ ދުވާލުގެ ކުރީކޮޅު، ރޭގަނޑުގެ ފަހުކޮޅެވެ.

އަދިވެސް ވަޙީކުރައްވާފައިވެއެވެ. ﴿وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ﴾ (ق: 39) މާނައީ: “އަދި އިރު އެރުމުގެ ކުރީގައްޔާއި، އޮސްފުހުމުގެ ކުރީގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް، ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ!”

(21) ޝަރުޢުގައި ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް މަތިވެރިވެގެންވާ އަޖުރާއި ދަރުމަ ލައްވާފައިވެއެވެ. އޭގެ ތެރޭގައި: ފާފަތަކަށް ފުއްސެވުން ލިބުމާއި، ހެޔޮކަންކަން ލިބުމާއި، ފާފަތައް ފޮހެވުމާއި، އަޅަކު މިނިވަންކުރިހާ ދަރުމަ ލިބުމާއި، ސުވަރުގެ ލިބޭނެކަމުގެ ވަޢުދު އައިސްފައިވުމާއި، ނުރައްކާތަކުން ރައްކާތެރިވެ އަމާންކަން ލިބުމާއި، އެހެން ހުރިހާ އެއްޗަކަށް ބޭނުންޖެހިގެންވުމަށްވުރެ މި ޛިކުރުތައް އެމީހަކަށް ފުދިގެންވުން ހިމެނެއެވެ.

(22) ހެނދުނުގެ ޛިކުރުކުރުމުގެ ވަގުތަކީ: ފަޖުރުލީއްސުރެންގޮސް އިރުއެރުމާ ދެމެދުގައެވެ. މިއީ މޮޅުއިތުރުވެގެންވާ ވަގުތެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި: އިރު އެރީއްސުރެން މެންދުރުނަމާދާ ހަމައަށް މި ވަގުތު ދެމިގެން ދެއެވެ.

ހަވީރުގެ ޛިކުރުކުރުމުގެ ވަގުތަކީ: ޢަޞްރު ވަގުތުން ފެށިގެންގޮސް އިރުއޮއްސުމަށް ދާންދެނެވެ. މިއީ މޮޅުއިތުރުވެގެންވާ ވަގުތެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި: އިރު އޮއްސުނީއްސުރެން ރޭގަނޑުގެ ފުރަތަމަ ބަޔާ (އެބަހީ؛ ރޭގަނޑުގެ ފުރަތަމަ ތިންބައިކުޅަ އެއްބަޔާ) ހަމައަށް  މި ވަގުތު ދެމިގެން ދެއެވެ.

ފަހެ، މި ޛިކުރުތައް ކިޔާނީ މި ޛިކުރުތައް ކިޔުމަށް އައިސްފައިވާ މޮޅުއިތުރު ވަގުތުގައެވެ. އެއީ؛ އިރު އެރުމުގެ ކުރިންނާއި، އިރު އޮއްސުމުގެ ކުރިންނެވެ. އެބަހީ؛ ފަތިސްނަމާދުގެ ފަހުންނާއި ޢަޞްރުނަމާދުގެ ފަހުންނެވެ.([4])

(23) ދާއިމީކޮށް ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔާމީހަކު، ކަމެއްގައި އަވަދިނެތިވެ އުޅެންޖެހުމުގެ ސަބަބުން ނުވަތަ ހަނދާންނެތިގެން އެ ޛިކުރުތައް ނުކިޔާ އުޅެނިކޮށް، އެ ޛިކުރުތައް ކިޔަންޖެހޭ މޮޅުއިތުރު ވަގުތު ފަހަނައަޅައިގެންގޮސްފިނަމަ، އެފަދަ މީހެއްގެ މައްޗަށް ވަނީ އެ ޛިކުރުތައް ދޫނުކޮށްލައި، އެ ޛިކުރުތައް ކިޔުމެވެ. ފަހެ، އެ ޛިކުރުތައް ކިޔުމުގައި ދާއިމުވެ ހުންނަމީހަކުނަމަ، އެ ޛިކުރުތައް މަދުފަހަރަކު މެނުވީ ވަގުތު ފާއިތުވެ ނުދާނެއެވެ. އަދި އެ ޛިކުރުތަކުގެ ވަގުތު ފަހަނައަޅައިދަންދެން ފަރުވާކުޑަކުރާކަމުގައިވާނަމަ، އެ ޛިކުރުތަކުގެ ވަގުތު މިފަދަމީހަކަށް ގެއްލިގެންދިޔުމަކީ ދާދިކައިރިގައިވާ ކަމެކެވެ.([5])

ޙަދީޘްގައި އައިސްފައިވެއެވެ. ((مَنْ نَامَ عَنْ حِزْبِهِ، أَوْ عَنْ شَيْءٍ مِنْهُ، فَقَرَأَهُ فِيمَا بَيْنَ صَلَاةِ الْفَجْرِ، وَصَلَاةِ الظُّهْرِ، كُتِبَ لَهُ كَأَنَّمَا قَرَأَهُ مِنَ اللَّيْلِ))([6]) މާނައީ: “އެމީހަކު (ޤުރްއާނުން) ކިޔަވަންކަނޑައަޅާފައިވާ މިންވަރު ނުކިޔާ ނިދިއްޖެނަމަ، ނުވަތަ އެއިގެން އެއްބައި ނުކިޔާ ނިދިއްޖެނަމަ، ފަހެ، އެމީހަކު ފަތިސްނަމާދާއި މެންދުރުނަމާދާ ދެމެދުގައި ކިޔަވައިފިނަމަ، ރޭގަނޑު އެމީހާ ކިޔެވިފަދައިން ލިޔުއްވޭނެއެވެ.”

(24) އެންމެ ފުރިހަމަގޮތަކީ: ޞައްޙަގޮތުން ވާރިދުވެފައިވާ ހެނދުނާއި ހަވީރުގެ އެންމެހާ ޛިކުރުތަކެއް ކުރުން މަތީގައި ދާއިމުވެ ހުރުމެވެ. ފަހެ، މި ޛިކުރުތަކުގެ ދޮރަކީ ހެޔޮކަމުގެ ދޮރުތަކުގެ ތެރެއިން މަތިވެރިކަން ބޮޑުވެގެންވާ ދޮރެކެވެ. އެހެންކަމުން، އެދެވިގެންވަނީ އެ ޛިކުރުތައް ގިނަގިނައިން ކުރުމާއެކު، އެ ޛިކުރުތައް ކުރުމުގައި ކަންފަސޭހަ ނުވުމެވެ. އެ ޛިކުރުތަކަށް ޢަމަލުކުރުމުގެ ތައުފީޤު ދެއްވިގެންވާ މީހަކީ ﷲ ތަޢާލާގެ ޙަޟްރަތުން އެފަދަ މީހެއްގެ މައްޗަށްވާ ބޮޑުވެގެންވާ ނިޢުމަތަކާއި ފަޟްލުވަންތަވެރިކަމެކެވެ. އަދި ހެޔޮކަމުގައި އެމީހަކަށްވާ ކުރިއެރުމެކެވެ.

މުސްލިމަކަށް އެ ހުރިހާ ޛިކުރުތައް ކިޔާނެވަގުތު ނުލިބި، އެ ހުރިހާ ޛިކުރެއް ކިޔުމަށް ކުޅަދާނަނުވެއްޖެމީހަކުނަމަ، ފަހެ، އެ ޛިކުރުތަކުގެ ތެރެއިން ފަސޭހަވީ މިންވަރެއްގެ ޛިކުރުތައް ކިޔާނީއެވެ. ހުރިހާ ޛިކުރުތަކެއް ނުކިޔޭނަމަ ހުރިހާ ޛިކުރެއް ދޫކޮށްލުން އެއީ އޮތްކަމެއް ނޫނެވެ. އަދި އެ އެންމެހާ ޛިކުރުތައް ނުކިޔައި، އެ ޛިކުރުތަކާމެދު އިހުމާލުވުމަކީ ކަންފަސޭހަކަމެވެ. އެފަދަ ކަންފަސޭހަކަމުން ސަލާމަތްކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ރައްކާތެރިކަމަށް އެދެންޖެހޭނެއެވެ.([7])

(25) ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަށްޓަކައި، އެއް އިށީނުމުން ހުރިހާ ޛިކުރުތައް ކިޔާ ނިންމާލިނަމަވެސް، އަދި އެކިފަހަރު މަތިން ކިޔައިފިކަމުގައިވީނަމަވެސް މައްސަލައެއް ނެތެވެ. އަދި ވަކި ތަރުތީބަކުން ކިޔުމަކީ މަތިވެރިކަމެއްކަމުގައި ނުދެކި، ހަނދާންނުނެތޭނެގޮތަށް ހަނދާންވާ ކޮންމެ ތަރުތީބަކުން އެ ޛިކުރުތައް ކިޔައިފިކަމުގައިވީނަމަވެސް މައްސަލައެއް ނެތެވެ. އަދި އެ ޛިކުރުތައް ކިޔަނީ ހިތުން ނުވަތަ ގަނޑެއް ނުވަތަ ފޮތެއް ބަލައިގެންކަމުގައިވީނަމަވެސް މައްސަލައެއް ނެތެވެ.

އެހެންނަމަވެސް، އެންމެ މޮޅުއިތުރު ގޮތަކީ ޖެހިޖެހިގެން ހުރިހާ ޛިކުރުތަކެއް ކިޔައި ނިންމާލުމެވެ. އެއީ؛ އެ ޛިކުރުތަކުގެ ޘަވާބުތައް އަވަހަށް ހޯދައިގަތުމުގެ ގޮތުންނާއި، ކަމަކާހެދި އަވަދިނެތި އުޅެންޖެހުމުގެ ސަބަބުން ނުވަތަ ހަނދާންނެތިގެން އެ ޛިކުރުތައް ނުކިޔިދާނެކަމަށްޓަކައެވެ.

(26) އެންމެ ރަނގަޅުގޮތަކީ ސަތޭކަ ފަހަރު ކިޔުންފަދަ ވަކި ޢަދަދަކަށް ކިޔުމަށް އައިސްފައިވާ ޛިކުރުތައް އެއް ފަހަރާ އެ ޢަދަދު ހަމަކުރުމެވެ. އެއީ؛ ހަނދާންނެތިދާނެކަމުގެ ބިރަށްޓަކައާއި، ޢަދަދުކުރުމުގައި އޮޅުމެއް އަރާފާނެކަމަށްޓަކައެވެ. އެހެންނޫންނަމަ، ކިޔަންޖެހޭ ޢަދަދު އެކިފަހަރު މައްޗަށް ބަހާލައިގެން ކިޔެވުމަކުންވެސް މައްސަލައެއް ނެތެވެ. އެ ޛިކުރުތައް ކިޔާއިރު ގުޅިގެން ކިޔުމަކީ ޝަރުޠެއް ނޫނެވެ. ފަހެ، އެމީހަކަށް ފަސޭހަވީ ގޮތަކަށް އެ ޛިކުރުތައް ކިޔާނީއެވެ.([8])

(27) ގިނަބަޔަކު އެއްވެގެން ޖަމާޢީގޮތެއްގައި ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަކީ ޝަރުޢުވެގެންވާ ކަމެއް ނޫނެވެ. އެއީ؛ މީސްތަކުންކުރެ ބަޔަކު އެއްވެގެން އެއް އަޑަކުން އެ ޛިކުރުތައް ކިޔުން، ނުވަތަ އެއިގެ ތެރެއިން އެކަކު އަޑުހަރުކޮށްކިޔުމުން އޭނަގެ ފަހަތުން އެ ޛިކުރުތައް ކިޔުން، ނުވަތަ އަޑުހަރުކޮށް ކިޔުމުން އެހެންމީހުން އާމީން ކިޔުންފަދަ ގޮތްގޮތަށް ޛިކުރުތައް ކުރުމެވެ. އެހެނެއްކަމަކު، ޝަރުޢުވެގެންވާ ގޮތަކީ ކޮންމެމީހަކުވެސް އެމީހަކު އެކަނި އެ ޛިކުރުތައް ކިޔުމެވެ.([9])

_______________________________

([1]) ينظر: فتاوى ابن الصلاح (1/150)، والأذكار للنووي (ص 10)، وتفسير القرطبي (14/186)، وتفسير السعدي (ص 665، 667).

([2]) التفسير البسيط للواحدي (18/247).

([3]) تفسير عبد الرزاق (2344)، والبغوي (6/352).

([4]) ينظر: الوابل الصيِّب (ص 239)، والفتوحات الربابيَّة لابن علَّان (3/73).

([5]) ينظر: الأذكار للنووي (ص 13)، وشرحه على مسلم (6/27)، وتحفة الذاكرين للشوكاني (ص 55).

([6]) رواه رواه مسلم (747).

([7]) ينظر: الأذكار للنووي (ص 76)، وتصحيح الدعاء لبكر بن عبد الله أبو زيد (ص 338).

([8]) ينظر: شرح النووي على صحيح مسلم (17/17)، وعمدة القاري للعيني (6/131).

([9]) ينظر: تصحيح الدعاء لبكر بن عبد الله أبو زيد (ص 349)، وفتاوى اللجنة الدائمة (24/268).