މި ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު
އަޅުތަކުންނަށްވާ ﷲ ތަޢާލާގެ ރަޙްމަތްވަންތަކަން
މި ސޫރަތުގައި އައިސްފައިވާ މުހިއްމު ނުކުތާތައް
– ދުނިޔޭގައި، އެންމެހާ މަޚްލޫޤުންނަށް ﷲ ދެއްވާފައިވާ ނިޢުމަތްތައް ގިނަގުނަވެގެންވާކަން ބަޔާން ކުރައްވާފައިވެއެވެ.
– މި ނިޢުމަތްތަކުގެ ތެރެއިން ވެސް އެންމެ މަތިވެރި ނިޢުމަތަކީ އަޅުތަކުންނަށް ޙައްޤުގޮތް ބަޔާންކޮށްދެއްވުމަށްޓަކައި ރަސޫލުން ފޮނުއްވުންކަންވެސް މި ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ. (24 ވަނަ އާޔަތް)
– ޢިއްޒަތްތެރިކަންވަނީ ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައިކަން ބަޔާންކުރައްވާފައިވެއެވެ. (10 ވަނަ އާޔަތް)
– ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް ދަލާލަތުކޮށްދޭ ކައުނީ ހެކިތައް މި ސޫރަތުގައިވެސް ބަޔާންވެފައިވެއެވެ.
– ޤުރުއާން ބަލައިގަތުމުގައި މީސްތަކުންބެހޭ ބައިތައް މި ސޫރަތުގައި ބަޔާންވެފައިވެއެވެ. (32 ވަނަ އާޔަތް)
– ކާފިރުންގެ ޖަޒާއާއި ތަޤްވާވެރިންގެ ޖަޒާ ބަޔާންވެފައިވެއެވެ. (33 ވަނަ އާޔަތުން 37 ވަނަ އާޔަތަށް)
މި ސޫރަތުން ލިބިދޭ ފައިދާތައް
- ﷲ ތަޢާލާދެކެ އެންމެ ބޮޑަށް ބިރުވެތިވަނީ ޢިލްމުވެރިންކަން މި ސޫރަތުން އެނގެއެވެ.
“اللَّه އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން علم ވެރިންނެވެ.”
- ދުނިޔޭގައި ކުރާ ކޮންމެ ވިޔަފާރިއަކުން އޮތީ ފައިދާ ނުވަތަ ގެއްލުމެވެ. ﷲ އަށް ޓަކައި ކުރާ ވިޔަފާރިއެއް މެނުވީއެވެ. އެކަމުގައި އަބަދުވެސް އޮތީ ފައިދާއެވެ. ގެއްލުމެއް ނުވެއެވެ.
”ހަމަކަށަވަރުން، ﷲ ގެ ފޮތް ކިޔަވައި، އަދި ނަމާދު ޤާއިމުކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުމެއް ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ.”
- އާދަމް ޢަލައިހިއްސަލާމް، ދުނިޔެއަށް ފޮނުއްވުނީއްސުރެވެސް އިންސާނާގެ ޢަދާވާތްތެރިއެއް ކަމުގައި މެނުވީ ޝައިޠާނާ ނުވެއެވެ. “އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ﷲ ގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި ﷲ އާމެދު ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! * ހަމަކަށަވަރުން، ޝައިޠާނާއަކީ، ތިޔަބައިމީހުންނަށްވާ ޢަދާވާތްތެރިޔެކެވެ. ފަހެ،އެ ޝައިޠާނާ އާއީ، ޢަދާވާތް ތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ ޖަމާޢަތަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ އަހުލުވެރިންގެތެރެއިން ވުމަށެވެ.”
- ކޮންމެ އުއްމަތަކަށްވެސް އެކަލާނގެ އިންޛާރު ދެއްވާނެ ރަސޫލަކު ފޮނުވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ.
“އަދި އެ އުއްމަތަކަށް އިންޛާރު ކުރައްވާ ބޭކަލަކު، އިސްވެގޮސްފައި ނުވާ އެއްވެސް އުއްމަތެއް ނުވެތެވެ.”
__________________________
މަޞްދަރު: أول مرة أتدبر القرآن