[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތު (ކުޑަކުދިންނަށް)-4

ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އުފަންވެ ވަޑައިގަތުން

 ކުރިންވެސް ބަޔާންކުރެވިފައިވާނޭ ފަދައިން، ޢަބްދުލްމުއްޠަލިބަށް ދިހަ ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އޭގެތެރެއިން އެންމެ ރަނގަޅު، އެންމެ  ޢިއްފަތްތެރި އަދި ޢަބްދުލްމުއްޠަލިބު އެންމެ ލޯބިފުޅުވާ ދަރިކަލުންނަކީ ޢަބްދުﷲ އެވެ. އެއީ  އެއީ އައްޛަބީޙުގެ ލަޤަބު ލިބިވަޑައިގެންނެވި ދަރިކަލުންނެވެ. ކަޢުބާގެ ކައިރީގައި ޛަބަޙަކުރެއްވުމަށް، ޢަބްދުލްމުއްޠަލިބުގެ ދަރީންގެ މެދުގައި ނެގުނު ޤުރުއަތުން ދިމާވީ އެކަލޭގެފާނަށެވެ. ނަމަވެސް ﷲ ތަޢާލާ ޢަބްދުﷲ، ޛަބަޙައިން ސަލާމަތްކުރެއްވީ އެވެ.

ޢަބްދުﷲ ބޮޑުވެ ޒުވާން އުމުރުފުޅަށް އެޅުމުން، އެކަލޭގެފާނުގެ ބައްޕާފުޅު ޢަބްދުލްމުއްޠަލިބު، އެކަލޭގެފާނަށްޓަކައި އަނބިކަނބަލެއްގެ ގޮތުގައި އާމިނަތު ބިންތު ވަހްބު އިޚްތިޔާރުކުރެއްވިއެވެ. އާމިނަތު ބިންތު ވަހްބަކީ އެދުވަސްވަރު ޤުރައިޝުންގެ ތެރޭގައި، ޙަސަބާއި ނަސަބުގެ ގޮތުންވެސް އެންމެ ހެޔޮ ރަނގަޅު ކަނބަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަނބަލެކެވެ. އަދި އެކަމަނާގެ ބައްޕާފުޅު އެކަމަނާއާއި ޢަބްދުﷲ އާ ކައިވެނި ކޮށްދެއްވިއެވެ. އެކަމަނާގެ ބައްޕާފުޅަކީ ބަނީޒަހްރާ ޤަބީލާގެ ސައްޔިދެވެ. ނުވަތަ ލީޑަރެވެ.

ކައިވެނީގެ ކުޑަދުވަސްކޮޅެއް ފަހުން، އަބްދުލްމުއްޠަލިބު ފޮނުވައިގެން އާއިލާއަށް ކަދުރު ގަތުމަށްޓަކައި ޢަބްދުﷲ މަދީނާއަށް ދިޔައެވެ. މިދަތުރުގައި ޢަބްދުﷲ މަދީނާގައި މަރުވީއެވެ. މަރުވިއިރު ޢަބްދުﷲ ދޫކޮށްފައިވަނީ ފަސް ޖަމަލާއި، ބަކަރިތަކަކާއި، އަދި ޚިދުމަތްކުރާނޭ ޚާދިމެއްކަމުގައިވާ ހަބުޝްކަރައިގެ އަންހެނެކެވެ. ނަމަކީ ބަރަކާއެވެ. އަދި ކުންޔާއަކީ އުއްމު އައިމަން އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތުއްޕުޅު އިރު އެކަލޭގެފާނުގެ ކަންކަން ބެލެހެއްޓެވުމާއި، ފަހުން ހަވާލުވެގެން ހުރީ ބަރަކާއެވެ. ނުވަތަ އުއްމުއައިމަން އެވެ.

މަދީނާގައި ޢަބްދުﷲ މަރުވިއިރު، މައްކާގައި އާމިނަތު ބިންތު ވަހްބު އިންނެވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަލިވެއެވެ. އެހެންކަމުން، އެކަމަނާގެ ކަންކަން ބަލަހައްޓަވަމުން ގެންދެވީ ޢަބްދުﷲގެ ބައްޕަ، ޢަބްދުލްމުއްޠަލިބުއެވެ. އަދި އެންމެންވެސް އިންތިޒާރުކުރަމުން ދިޔައީ އެކަމަނާ، އެދަރިފުޅު ވިހާނެ ދުވަހަކަށެވެ. އެއީ ޢަބްދުﷲ މަރުވެދިޔުމުގެ ބަދަލެއްގެ ގޮތުގައި އެދަރިފުޅު ވެގެންދިޔުމަށްޓަކައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުފަންވެ ވަޑައިގަތްދުވަހާއި ބެހޭގޮތުން އެކަލޭގެފާނުގެ މަންމާފުޅު އާމިނަތުގެފާނު ވިދާޅުވިއެވެ. ތިމަންކަމަނާ އެކަލޭގެފާނު ވިހެއި ވަގުތު، ތިމަންކަމަނާގެ ހަށިކޮޅުން ނޫރެއް ނުކުމެގެން ދިޔައެވެ. އަދި އެ ނޫރުގެ އަލިކަން ޝާމްކަރައިގެ ގަނޑުވަރުތަކަށް އެޅިގެން ދިޔައެވެ.

ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަންމާފުޅު، ކާފަދަރިކަލަކައިގެން ރައްކާވި ޚަބަރު، އެކަލޭގެފާނުގެ ކާފާފުޅު ޢަބްދުލް މުއްޠަލިބަށް ދެއްވުމަށްޓަކައި، އެކަމަނާ، ޢަބްދުލް މުއްޠަލިބުގެ ގާތަށް މީހަކު ފޮނުއްވިއެެވެ. އަދި އުފަލުންހުންނަވައި ގެއަށްވަޑައިގެން، ކާފަދަރިކަލުން ގޮވައިގެންގޮސް ކަޢުބާއަށް ވަދެވަޑައިގަތެވެ. އަދި އެދަރިކަލުންނަށްޓަކައި ހެޔޮދުޢާ ކުރައްވައި، ﷲ އަށް ޝުކުރުދެންނެވިއެވެ. އަދި އެ ދަރިކަލުންނަށް މުޙައްމަދު އޭކިޔައި ނަންދެއްވިއެވެ. މިނަމަކީ، އޭރު ޢަރަބިންގެ ތެރޭގައި އެނގިފަރިތަ ނަމެއް ނޫނެވެ. އަދި ޢަރަބިންގެ އާދަކާދައިގައި އޮންނަފަދައިން ހަތްވަނަ ދުވަހު، އެދަރިކަލުން ޚިތާނުކުރެއްވިއެވެ.

ބަނޫ ސަޢުދު ޤަބީލާއިން ބަރަކާތް ފާޅުވުން

ޢަރަބިންގެ ބޮޑަތި ރަށްތަކުގެ އަހުލުވެރިން އެމީހުންގެ ތުއްތު ދަރިފުޅަށް ކިރުފޮދު އެރުވުމަށްޓަކައި ބާދިޔާގެ ނުވަތަ ރަށްފުށުގެ މީހުންގެ ތެރެއިން މީހަކު ހޯދުމަކީ އެމީހުންގެ އާދައެކެވެ. އެއީ ބޮޑެތި ރަށްތަކުގައި ފެތުރެމުންދާ ބަލިތަކުން އެކުދިން ރައްކާތެރިކުރުމަށާއި، އަދި ބާދިޔާގެ ދިރިއުޅުމުގެ ތެރެއިން އެކުދިންގެ ހަށިގަނޑުތައް ވަރުގަދަވެގެން ދިޔުމަށްޓަކައެވެ. އަދި ކުޑައިރުއްސުރެ ޢަރަބި ބަހުގެ ޤަވައިދުތަކަށް ފަރިތަވެ ރީތި ޢަރަބިބަހުން ވާހަކަދެއްކުމަށް ދަސްވެގެން ދިޔުމަށްޓަކައެވެ. އެގޮތުން ޢަބްދުލްމުއްޠަލިބު އެކަލޭގެފާނުގެ ތުއްތު ކާފަދަރިކަލުންނަށް ކިރުފޮދު އެރުވުމަށްޓަކައި މީހަކު ހޯދުމުގެ މަސައްކަތްފެށިއެވެ. އެގޮތުން އެދަރިކަލުންނަށް ކިރުފޮދު އަރުވާނޭ ކަނބަލެއްގެ ގޮތުގައި ހަމަޖެހުނީ ބަނީސަޢުދު ބުން ބަކްރު ޤަބީލާގެ ކަނބަލެއްކަމުގައިވާ ޙަލީމަތުއްސަޢުދިއްޔާއެވެ. އެކަމަނާގެ ފިރިކަލުންނަކީ ހަމަ އެޤަބީލާގެ ބޭކަލެއްކަމުގައިވާ އަލްޙާރިޘް އެވެ. ޙަލީމަތުއްސަޢުދިއްޔާގެ ގާތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުންނެވިއިރު އެކަލޭގެފާނުގެ ކަންތައްތައް ބެލެހެއްޓެވުމާއި ހަވާލުވެހުންނެވީ، އެކަމަނާގެ ދަރިކަނބަލުން ޙުޛާފަތު ބިންތުލް ޙާރިޘްއެވެ. ޙުޛާފަތު ލަޤަބަކީ އައްޝައިމާއުއެވެ. ޙަލީމަތުއްސަޢުދިއްޔާ އާއި އަލްޙާރިޘްގެ އަނެއް ދެބޭފުޅުންނަކީ ޢަބްދުﷲ ބުނުލްޙާރިޘް އާއި އަނީސަތު ބިންތުލްޙާރިޘް އެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތުއްޕުޅުއިރު އެކަލޭގެފާނުގެ ކިބައިން ފެނުނު ބަރަކާތުގެ ތެރެއިން ޙަލީމަތުގެފާނަށް ފެނިވަޑައިގެންނެވި ކަންތައްތަކުގެ ވާހަކަ އެކަމަނާ ކިޔައިދެއްވިއެވެ. އެކަމަނާއާއި އެކަމަނާގެ ފިރިކަލުންނާއި އަދި ބަނީސަޢުދު ޤަބީލާގައި ކިރުފޮދު އަރުވަމުންދިޔަ އެކަމަނާގެ ތުއްތު ދަރިފުޅާއިގެން ރަށުން ނުކުތެވެ. އެއީ އުޖޫރައަށް ކިރުފޮދު އެރުވުމަށްޓަކައި ތުއްތު ކުދިން ހޯދުމުގެ ބޭނުމުގައެވެ.

އެކަމަނާ ވިދާޅުވިއެވެ. އެއީ އަހުރެމެންނަށް ވަރަށް ދަތި އަހަރެކެވެ. ކައިބޮއިހަދާނެ އެއްޗެއް ނުލިބެއެވެ. އަހުރެން ދަތުރަށް ނުކުތީ އަހުރެންގެ ޙިމާރުގެ މަތީގައެވެ. އަދި އަހުރެމެންނާއި އެކުގައި ބަކަރިއެއް ގެންދިޔައީމެވެ. އެ ބަކަރިއަކުން އެއްމެ ކިރު ތިއްކެއްވެސް އަހުރެމެންނަކަށް ނުލިބެއެވެ. އަދި ބަނޑުހައި ހޫނުކަމުގެ ސަބަބުން ތުއްތު ދަރިފުޅުގެ ރުއިމުގެ އަޑާއިހުރެ އަހުރެމެންނަކަށް ރޭގަނޑުގެ ހަމަ ނިންޖެއް ނުލިބެއެވެ. އަހުރެންގެ ކިބައިގައިވެސް ދަރިފުޅަށް ފުދޭވަރަށް ކިރެއް ނުހުރެއެވެ. އަދި އަހުރެމެންގެ ބަކަރިއަކުންވެސް ދަރިފުޅަށް ދޭނެ ކިރެއް ނުލިބެއެވެ. ނަމަވެސް އަހަރެމެން ތިބީ ވާރޭވެހި، މިދަތިކަމުން މިންޖުވާނޭ ކަމުގެ އުއްމީދުގައެވެ.

ދެން އެ ޙިމާރުގެ މަތީގައި އަހުރެމެން ދަތުރު ފެށީމެވެ. ޙިމާރަށް ސަވާރުވުމުގައި ޤަބީލާގެ އެހެން މީހުންނަށް ވުރެ ލަސްވުމުގެ ސަބަބުން އެހެން މީހުން ތަންކޮޅެއް ކުރިން ހިނގައްޖެއެވެ. ދެން އަހުރެންނަށް މައްކާއާއި ހަމައަށް ދެވުނުއިރު، ކުރިން މައްކާއަށް ދިޔަ ހުރިހާ ކަނބަލުންނަށް ވެސް ކިރުފޮދު އެރުވުމަށްޓަކައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ހަވާލުވުމަށް ހުށަހެޅުނެވެ. ނަމަވެސް އެއީ ޔަތީމު ދަރިކަލެއްކަން އެނގުމާއި އެކު ހުރިހާ ކަނބަލުންވެސް އެކަލޭގެފާނާއި ހަވާލުވުމަށް ދެކޮޅުހެއްދެވިއެވެ. އެހެނީ އަހަރެމެން އެންމެންވެސް ބޭނުންވަނީ ކުއްޖާގެ ބައްޕަގެ ކިބައިން ރަނގަޅު އުޖޫރައެކެވެ. އަހުރެމެން ބުނަމުން ދިޔައީމެވެ. މިއީ ޔަތީމް ކުއްޖެކެވެ. އެއީ އެކުއްޖާގެ މަންމަ ނުވަތަ ކާފަ އެކުއްޖާގެ ފަރާތުން ރަނގަޅު އުޖޫރައެއް ނުލިބިދާނެކަމަށް ހީވާތީއެވެ. އެހެންވެ އަހުރެމެން އެކުއްޖާއާއި ހަވާލުވުމަށް ދެކޮޅު ހަދަމުން ދިޔައީމެވެ. އަހުރެންނާއި އެކު ދިޔަ ހުރިހާ ކަނބަލުންނަށް ވެސް ކިރުފޮދު އެރުވުމަށްޓަކައި ކުއްޖަކު މައްކާއިން ލިބުނެއެވެ. ކުއްޖަކު ނުލިބި ބާކީ ހުރީ އަހުރެން އެކަންޏެވެ.

 ދެން އެނބުރި ރަށަށް ދިޔުމަށް އެންމެން ޖަމާވުމުން އަހުރެން، އަހުރެންގެ ފިރިކަލުންނަށް ބުނީމެވެ. އަހުރެންގެ ހުރިހާ އެކުވެރިން ކުއްޖަކު ގޮވައިގެން ދާއިރު، ކިރުފޮދު އެރުވާނޭ ކުއްޖަކު ނުލައި ދިޔުމަކީ އަހުރެންނަށް ފަސޭހަކަމެއް ނޫނެވެ. ﷲ ގަންދީ ބުނަމެވެ. އަހުރެން ދާނީ އެ ޔަތީމްކުއްޖާ ގޮވައިގެންނެވެ. ފިރިކަލުން ބުނެފިއެވެ. ކަމަނާ އެކަން ނުކުރަންވީ ސަބަބެއް ނެތެވެ. ފަހަރެއްގައި އަހުރެމެންނަށްޓަކައި ﷲ ތަޢާލާ އެކުއްޖާގެ ކިބައިގައި ބަރަކާތް ލައްވާފާނެތެވެ.

ދެން އަހުރެން އެކުއްޖާ ބަލައިދިޔައީމެވެ. އަދި އެކުއްޖާއާއި ހަވާލުވީމެވެ. އެކުއްޖާއާއި ހަވާލުވުމަށް، އަހުރެންނަށް މަޖުބޫރުވީ ހަމައެކަނި ސަބަބަކީ އެހެން ކުއްޖަކު ނުލިބުމެވެ. އެހެން ކުއްޖަކު ލިބުނުނަމަ ހަވާލެއްނުވީމުހެވެ. އަދި އެކުއްޖާއާއި ހަވާލުވުމަށްފަހު އެކުއްޖާ ގޮވައިގެން އަހުރެންގެ ސަވާރީއަށް ދިޔައީމެވެ.

1- އަދި ސަވާރީއަށްގޮސް އަހުރެންގެ އުނގުގައި އެތުއްތު ކުއްޖާ ބޭންދުމާއި އެކު ކިރުފޮދު ހިއްޕަވަން ފައްޓަވައިފިއެވެ. އަދި ކަރުހިއްކުން ފިލައި ފުދިއްޖައުމަށް ދާންދެން ކިރުފޮދު ހިއްޕެވިއެވެ. އަދި އެއަށްފަހު އަހުރެންގެ ދަރިކަލުންވެސް ކަރުހިއްކުން ފިލައި ފުދިއްޖައުމަށް ދާންދެން ކިރުފޮދު ހިއްޕެވިއެވެ. އެއަށްފަހު އެދެކުދިން އެރޭ ނިދީއެވެ. އޭގެކުރިން އަހުރެމެންގެ ދަރިފުޅާއި އެކު ހަމަނިދި ނިދާލުމުގެ ފުރުސަތެއް އަހުރެމެންނަކަށް ނުލިބެއެވެ.

2- އަހަރެމެންނާއި އެކު ދަތުރުގައި ގެންދިޔަ ބަކަރީގެ ކަންތައް ބެލުމަށް އަހަރެންގެ ފިރިމީހާ ދިޔައިރު، ބަކަރީގެވެސް ވަނީ ކިރުއަރައި ފުރިފައެވެ. އަދި ފިރިމީހާ އެއިން ކިރުފެލަފިއެވެ. އަދި ފިރިމީހާއާއި އަހުރެންނާއި ދެމީހުން، ކަރުހިއްކުންފިލައި ބަނޑުފުރެންދެން އޭގެ ކިރުބުއީމެވެ. އަދި އެރޭ އަހުރެމެން ހޭދަކުރީ އެންމެ ހެޔޮ ޙާލުގައެވެ. އަދި ފަތިސްވުމުން އަހުރެންގެ ފިރިމީހާ އަހުރެންނަށް ބުންޏެވެ. އަހުރެމެންނަށް މިލިބުނީ ބަރަކާތްތެރި ކުއްޖެކެވެ. ދެން އަހުރެން ބުނީމެވެ. ﷲ ގަންދީ ބުނަމެވެ. ތިޔައީ އަހުރެންްވެސް އުންމީދުކުރާ ގޮތެވެ.

3- ދެން އަހުރެމެން އެނބުރި ރަށަށް ދިޔުމަށްޓަކައި ދަތުރަށް ފެށީމެވެ. އަހުރެން ސަވާރުވީ އަހުރެންގެ ޙިމާރުގެ މައްޗަށެވެ. އަދި އެ ތުއްތުކުއްޖާ ބޭންދީ އަހުރެންގެ ކައިރީގައެވެ. ﷲ ގަންދީ ބުނަމެވެ. އެހެން އެއްވެސް މީހެއްގެ ޙިމާރަށް ދަތުރު ނުކުރެވޭހާ ބާރަށް އަހުރެންގެ ޙިމާރު ދަތުރުކުރަމުން ދިޔައެވެ. އެހެންކަމުން އަހުރެންނާއި އެކު ދިޔަ އެހެން މީހުން އަހުރެންނަށް ބުނަމުން ދިޔައެވެ. އޭ ޙަލީމާއެވެ. ތިމަންމެންނާއި އެކުއެކީގައި ދިޔުމަށް މަޑުކޮށްލާށެވެ. ތިޔައީ ކަމަނާ ރަށުން މައްކާއަށް އައިއިރު ސަވާރުވެގެން އައި ޙިމާރެއް ނޫންހެއްޔެވެ؟ ދެން އަހުރެން އެމީހުންނަށް ބުނީމެވެ. އާނއެކެވެ. މިއީ ހަމަ އެޙިމާރެވެ. ދެން އެމީހުން ބުނެފިއެވެ. ހަމަކަށަވަރުން ތިޔަ ޙިމާރުގައި އާދަޔާޚީލާފު ކަމެއް އެބަހުއްޓެވެ.

4- ދެން ބަނީސަޢުދު ޤަބީލާގެ އަހުރެމެންގެ ގެތަކާއި ހަމައަށް އަހުރެމެންނަށް ދެވިއްޖެއެވެ. ވާރޭނުވެހި ގިނަދުވަސްވުމުގެ ސަބަބުން، އަހުރެމެންގެ ރަށަށްވުރެ ބިންގަނޑު ހިކި ހަނަފަސްވެފައިވާ އެއްވެސް އެހެން ރަށެއް އަހުރެންނަކަށް އެނގިފައެއް ނެތެވެ. ރަށަށް ދެވުމާއި އެކު އަހުރެމެންގެ ބަކަރި ބަނޑުހައިކަމުގެ އެއްވެސް އަސަރެއްނެތި ވަރުޖެހިފައިވާ ޙާލުގައި ދުވަމުން ދިޔައެވެ. އަދި އެއަށްވަނީ ކިރުއަރައި ފުރިފައެވެ. އަދި އަހުރެމެން އެއިން ކިރުފެލައި އޭގެ ކިރުބުއީމެވެ. އަހުރެމެން ނޫން އެހެންބަޔަކަށް އެމީހުންގެ ބަކަރިއަކުން އެންމެ ކިރުތިއްކެއްވެސް ނުލިބުނެވެ. އެތަނަށް އައިސްތިބި މީހުން އެމީހުންގެ ބަކަރިތައް ބަލަހައްޓާމީހުންނާއި ދިމާއަށް ބުނަމުންދިޔައެވެ. ކަލޭމެންނަށް ހަލާކުހުއްޓެވެ. ޙަލީމާ ބިންތު އަބޫޛުވައިބުގެ ބަކަރި ބަލަހައްޓާ މީހާ އެބަކަރިން ކިރުފެލާގޮތަށް ކަލޭމެންވެސް ކަލޭމެން ބަލަހައްޓާ ބަކަރިތަކުން ކިރުފެލާށެވެ. ނަމަވެސް އެމީހުންގެ ބަކަރިތައް ބަނޑުހައިވެފައިވާ ޙާލުގައި ކޮޅުކޮޅަށް ދުވަމުން ދަނީއެވެ. އެއިން ބަކަރިއަކުން އެމީހުންނަކަށް އެންމެ ކިރުފޮދެއްވެސް ނުލިބުނެވެ. ނަމަވެސް އަހުރެންގެ ބަކަރި ވަރުގަދަ ކަމާއިއެކު ބަނޑުފުރިފައިވާ ޙާލުގައި ދުވަމުން ދިޔައެވެ. އަދި އެއަށްފަހު، އެކުއްޖާގެ ބަރަކާތުގެ ސަބަބުން ދެއަހަރުދުވަސް ވަންދެން އަހުރެމެންނަށް ފެންނަމުން ދިޔައީ ﷲގެ ޙަޟްރަތުން ދެއްވާ ދެއްވުންތަކާއި ހެޔޮކަން އިތުރުވަމުންދާތަނެވެ. އެއީ އެ ދަރިފުޅަށް ކިރުދިނުމުގެ މުއްދަތު ހަމަވުމާއި ހަމައަށެވެ.

5- އެކުއްޖާ ބޮޑުވަމުން ދިޔައީ އާދައިގެ މަތިން ކުދިން ބޮޑުވެ ފުރިހަމަވަމުންދާ ގޮތާއި ޚިލާފަށެވެ. ދެއަހަރު ފުރުހަމަވެގެން ދިޔައިރު، އެކުއްޖާ ހުރީ އެންމެ ފުރިހަމަ ދުޅަހެޔޮ ކުއްޖެއްގެ ގޮތުގައެވެ. ދެން ދެ އަހަރު ފުރިހަމަވެ ކިރުދޭ މުއްދަތު ހަމަވުމުން އަހުރެމެން އެކުއްޖާގެ މަންމައާއި އެކުއްޖާ ހަވާލުކުރުމަށް ދިޔައީމެވެ. ނަމަވެސް އެއީ އަހުރެމެން ބޭނުންވި ގޮތެއްނޫނެވެ. އެކުއްޖާ އަހުރެމެންގެ ގާތުގައި ބެހެއްޓުމަކީ އަހުރެމެން ބޭނުންވި ގޮތެވެ. އެއީ އެކުއްޖާގެ ކިބައިން ފެނުނު ބަރަކާތުގެ ސަބަބުންނެވެ. ދެން މައްކާއަށް ގޮސް އަހުރެމެން އެކަމާއި ބެހޭގޮތުން އެކުއްޖާގެ މަންމައާއި ވާހަކަދެއްކީމެވެ. އެކުއްޖާ  ގައިގައި ބާރުޖެހި ފުރާފުރިހަމަވެލަންދެން އަހުރެމެންގެ ކައިރީގައި ބެހެއްޓުމަށް ފޮނުވައިދިނުމަށް އަހުރެމެން އެދުނީމެވެ. އަހުރެން ބުނީމެވެ. މައްކާގައި ފެތުރޭ ބަލިތައް އެކުއްޖާއަށް ޖެހިދާނެކަމަށް އަހުރެން ބިރުގަންނަމެވެ. ދެން އަހުރެމެން އެދެމުންދިޔަވަރުން، އެންމެފަހުން އެކުއްޖާގެ މަންމަ، އަހުރެމެންނާއި އެކު ބެހެއްޓުމަށް އެކުއްޖާ އަލުން ފޮނުވައިފިއެވެ.

-ނުނިމޭ-

މަޞްދަރު: “السيرة النبوية للأطفال والناشئة” لمسعد حسين محمد