[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަރިން ތަރުބިއްޔަތުކުރުމާގުޅޭ 48 ފައިދާ (3)

(21) ޠާހިރު ކިތައް އަންހެންކުދިންނެއް، އެކުދިންގެ އެކުވެރިންނާ އެއްވައްތަރުވުމަށް ދޫކޮށްލުމުގެ ނަތީޖާއެއްގެގޮތުން ރަނގަޅުމަގުން ކައްސާލައިގެން ގޮސްފައިވޭތޯއެވެ! ހެޔޮމަގުގައި ތިބި ކިތައް ފިރިހެންކުދިންނެއް ގޯސްމީހުންނާޖެހިގެން ޖަރީމާތަކާއި މަސްތުވާތަކެތީގެ ތެރެއަށް ފޭދިގެން ގޮސްފައިވޭތޯއެވެ! ފަރުވާކުރުމަށްވުރެ ހެޔޮވެގެންވަނީ ރައްކާތެރިވުމެވެ.

(22) ރަނގަޅު އެކުވެރިއެއް ހޯދުމަށް ދަރިފުޅު ތަމްރީނުކުރެވޭނީ ހެޔޮރަނގަޅު އަޚްލާޤާބެހޭގޮތުން އެ ދަރިފުޅަކާ ސީދާ ވާހަކަ ދެކެވިގެންނެވެ. އަދި ތަފާތު އެކިވައްތަރުގެ ސުލޫކާގުޅޭގޮތުން ޚިޔާލުފާޅުކޮށްގެންނެވެ. އަދި ރަނގަޅު ސުލޫކެއްނަމަ އެކަމާމެދު އުފާކޮށް، އަދި ނުބައި ސުލޫކެއްނަމަ އެކަމުގެ ހިތާމަވެރިކަން ފާޅުކޮށްގެންނެވެ.

(23) ކުއްޖާގެ ސުލޫކު އުފެއްދުމަށްޓަކައި އަސާސީ ދައުރެއް އަދާކުރަނީ ޢާއިލާއިންނެވެ. ތަރުބިއްޔަތުކުރުމުގައި ބޭނުންކުރާގޮތްތައް ގޯސްވުމަކީ ޝަޙްޞީގޮތުން އެކުއްޖާގެ ނަފްސާނީ، އިޖްތިމާޢީ، ޖަޒުބާތީ ދުޅަހެޔޮކަމަށް އެކަމުގެ ނޭދެވޭ އަސަރުތައް ގެނުވާނެކަމެކެވެ. މިސާލަކަށް؛ ދެމަފިރިންގެ ދެމެދުގައި އުފޭދޭ ޚިލާފުތަކާއި ދެބަސްވުންތަކަކީ ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުވާނެކަމެކެވެ. އަދި އޭގެ ސަބަބުން އެކުއްޖާގެ ޝަޚްޞިއްޔަތާ ނުގުޅޭ ސުލޫކުތައް އަށަގަތުމަށް މަގުފަހިވެ، އެފަދަ ސުލޫކުތައް އެކުއްޖާގެ ކިބައިން ފާޅުވާންފަށާނެއެވެ.

(24) ކުއްޖާގެ ކިބާގައިވާ ޤާބިލުކަން ހޯދައި، ތަރައްޤީކުރުމުގައި ޢާއިލާގެ ދައުރަކީ ބޮޑު ދައުރެކެވެ. އަދި އެކުދިންގެ ކުޅަދާނަކަމާއި ހުނަރުވެރިކަން އިތުރުކުރުވާނެ ވަސީލަތްތައް ތަނަވަސްކޮށްދީގެން އެކުދިން ހަރުދަނާކުރުމަށްޓަކައި މަސައްކަތްކޮށްދީ، ހިތްވަރުދޭންޖެހެއެވެ.

ދިރާސާއެއްގައިވާގޮތުން: ކުއްޖާ އުފަންވީއްސުރެ، ކުއްޖާގެ ޢުމުރުން ފަސް އަހަރު ވަންދެން ކުއްޖާގެ ކިބާގައި އަލަށް ކަންކަންކޮށް، އުފެއްދުންތެރިކަން ހުންނަ ނިސްބަތަކީ 90 އިން ސައްތައެވެ. ކުއްޖާގެ ޢުމުރުން ހަތް އަހަރުގައި މި ނިސްބަތް 10 އިން ސައްތައަށް ދަށްވެއެވެ. އަދި ޢުމުރުން އަށް އަހަރުން ފެށިގެން މައްޗަށް ދާވަރަށް މި ނިސްބަތް 2 އިން ސައްތައަށް ދަށްވެއެވެ.

ގޯސް ތަރުބިއްޔަތަކީ އޭގެ ސަބަބުން އުފެއްދުންތެރިކަމާއި، ޤާބިލުކަން ޤަތުލުކޮށްލާކަމެކެވެ. އަދި ހިތްވަރުދީ، ކުރިއެރުވުމަށް މަސައްކަތްކުރުމަކީ އެކަންކަން ތަރައްޤީވެ، ހަރުދަނާވާނެ ކަމެކެވެ.

(25) ކުދިންނަށް ހިތްވަރުދީ، ކުރިއެރުވުމަށް މަސައްކަތްކުރުމުގެ ތެރޭގައި: ރިވެތި ހަރުދަނާ ރަނގަޅު ލަޤަބުތައް (މިސާލަކަށް: އަސަދު: އެބަހީ؛ ސިންގާ، ޞާދިޤު: އެބަހީ؛ ތެދުވެރިޔާ، ޢަފީފާ: މާނައީ؛ ޢިއްފަތްތެރިޔާ) ދިނުން ހިމެނެއެވެ. އަދި ގޭގައިވާ ފޮތް މަކްތަބާއަށް ކުދިންގެ އަހުލުވެރިކުރުވައި، ފޮތްތައް ކިޔުމާއި، ފޮތްތައް ދިރާސާކުރުމަށް ބާރުއެޅުންވެއެވެ. އަދި ގޭގައި ކުއިޒު މުބާރާތްފަދަ މުބާރާތްތައް ބޭއްވުމާއި، ބައެއް ކަންކަމުގައި އެކުދިންގެ މަޝްވަރާއާއި ލަފާ ހޯދުންވެއެވެ.

(26) އިޖްތިމާޢީ ދިރިއުޅުމަކީ ފުރިހަމަވާންޖެހޭ މުހިއްމު ރުކުނެކެވެ. އަދި ކޮންމެ އިންސާނެއްގެ ހަޔާތަށް ފުރިހަމަވާންޖެހޭ އަސާސީ ކަމެކެވެ. މި ދިރިއުޅުމުގެ ބިންގާ އެޅެންފަށަނީ ޅަފަތުގެ ދުވަސްވަރާއި، ޢުމުރުގެ ކުރީގެކޮޅުގެ އަހަރުތަކުގައެވެ. މި މަރުޙަލާއަކީ އިންސާނާގެ އެންމެ މުހިއްމު މަރުޙަލާއެވެ. ފަހެ، މި މަރުޙަލާއަކީ އިންސާނާގެ ޢުމުރުގެ ހުރިހާ މަރުޙަލާތަކަށް ބިންގާ އަޅާ އަސާސީ މަރުޙަލާއެވެ. އަދި މި މަރުޙަލާއަކީ އެ އިންސާނާގެ ޝަޙުޞިއްޔަތުގެ ބިންގާތައް އަޅާ ދުވަސްވަރެވެ. އަދި އޭނާގެ ޞިފަތަކާއި، ޠަބީޢަތާއި، އަޚްލާޤު ކަނޑައަޅާ ދުވަސްވަރެވެ. މި މަރުޙަލާ ކަޑައްތުކޮށްފިނަމަ ދެން އެކަންކަން ބަދަލުކުރަން އުނދަގޫވެއެވެ. މިއީ ތަރުބިއްޔަތާބެހޭ ޢިލްމުވެރިން ވިދާޅުވެލައްވާ ގޮތެވެ.

(27) އިޖްތިމާޢީ ހުނަރުތަކަކީ: އެހެން މީހުންނާއެކު ކުއްޖާގެ އުޅުމާއި ގުޅުން ބެހެއްޓުމަށްޓަކައި ބޭނުންވާނެ އެންމެހާ ހުނަރުތަކެވެ. ނުވަތަ: އެކުއްޖާގެ ވަށައިގެންވާ މީހުންނާ އެކުވެ، އެބައިމީހުންނާ ގުޅުން ދެމެހެއްޓުމަށްޓަކައި ބޭނުންވާނެ ވާހަކަ ދެއްކުމުގެ ގޮތުންނާއި، ސުލޫކީގޮތުން ހުންނަންޖެހޭ ކުޅަދާނަކަމެވެ.

(28) ކުއްޖާގެ އިޖްތިމާޢީ ހުނަރުތައް ލިބިގަންނަން ފަށަނީ ޢާއިލާގެ ފަރާތުންނެވެ. އެއީ؛ މައިންބަފައިންނާއެކު އެކުއްޖާ އުޅޭ އުޅުމުންނާއި، އެކުއްޖާއާމެދު މައިންބަފައިން މުޢާމަލާތުކުރާ މުޢާމަލާތުތަކުންނާއި، ގޭގައި އުޅޭ އެކުއްޖާގެ އަޚުންނާއެކު އުޅޭ އުޅުމުންނާއި، އެކުއްޖާގެ ވަށައިގެންވާ މީހުންނާއެކު އުޅޭއުޅުމުންނެވެ.

(29) ކުއްޖާގެ ކިބައިގައި އިޖްތިމާޢީ ހުނަރުތައް އަށަގެންފައިވުމަކީ އެހެންމީހުންނާއެކު ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް އެހީތެރިވާނެކަމެކެވެ. މިފަދަ ހުނަރުތައް އުނިވުމަކީ ނަފްސާނީ އަދި ސުލޫކީ މައްސަލަތައް ކުރިމަތިވާނެ ސަބަބެކެވެ. އަދި އެއިގެ ސަބަބުން އެހެންމީހުންނާމެދު ޢަދާވާތްތެރިކަން ކުއްޖާގެ ކިބައިގައި އަށަގަންނުވާނެ ކަމެކެވެ.

(30) ކުއްޖާގެ ކިބައިގައި އަށަގަންނުވާނެ އިޖްތިމާޢީ ހުނަރުތަކުގެ ތެރޭގައި: އެހެންމީހުންނަށް އިސްތިޤްބާލުކުރުމާއި ވަދާޢުކުރުމާއި، މީސްތަކުންނާމެދު އޯގާތެރިވުމާއި، އެބައިމީހުންގެ ޝުޢޫރުތައް ދަތުމާއި، އެބައިމީހުންނަށް ޖަވާބުދާރީވާނެގޮތާއި، އެހެންމީހުންގެ ކުރިމަތީގައި އުފާވެރިކަމުގެ ޝުޢޫރު ގެނައުމާއި، ކުދިންނާއެކު ޚިޔާލު ބަދަލުކުރުމާއި، މީސްތަކުންނާ މުޢާމަލާތުކުރާއިރު ފައްސިކޮށް މުޢާމަލާތުކުރުމާއި، ވާހަކަ ދައްކާއިރު ސާފު ފަސޭހަ ބަހުރުވަ ބޭނުންކުރަން ދަސްކޮށްދިނުން ހިމެނެއެވެ.

ކުއްޖާގެ އެކުވެރިއެއް، އެ ކުއްޖަކަށް ރަނގަޅުކަމެއް ކޮށްދީފިކަމުގައިވާނަމަ ޝުކުރުއަދާކުރުމަށް ދަސްކޮށްދިނުމަކީ އިޖްތިމާޢީ ހުނަރެކެވެ.

ކުއްޖާގެ އެކުވެރިއެއް، އެ ކުއްޖާއާމެދު ގޯސްކޮށް ކަންތައް ކޮށްފިނަމަ، އެ އެކުވެރިއަކަށް ޢުޒުރުހޯދުމަށް ދަސްކޮށްދިނުމަކީ އިޖްތިމާޢީ ހުނަރެކެވެ.

ކުޅޭތަނަށް ނުވަތަ މަދަރުސާއަށް ހާޒިރުވާންޖެހޭ ކުއްޖަކު ހާޒިރުނުވެއްޖެނަމަ، އެކުއްޖަކާމެދު ސުވާލުކުރަން ދަސްކޮށްދިނުމަކީ އިޖްތިމާޢީ ހުނަރެކެވެ.

ކުއްޖާގެ އެކުވެރިއެއް ފެންނަހިނދު ސަލާމްގޮވުމަށް ދަސްކޮށްދިނުމަކީ އިޖްތިމާޢީ ހުނަރެކެވެ.

ކުއްޖާގެ އެކުވެރިއަކަށް ދިމާވެފައިވާ ހިތްދަތިކަމެއް، ނުވަތަ ބިރުވެރިކަމެއް ލުއިކޮށްދިނުމަށްޓަކައި އެ އެކުވެރިޔާގެ އިޙްސާސްތަކުގައި ބައިވެރިވުމަށް، ނުވަތަ އެ އެކުވެރިޔާ ހިތްދަތިވާއިރު ދެރަވުމަށް ދަސްކޮށްދިނުމަކީ އިޖްތިމާޢީ ހުނަރެކެވެ.