ތުއްތުކުދިންނަކީ މާތްﷲ އަޅުގަނޑުމެންގެ އަތްމައްޗަށް ދޫކުރައްވާފައިވާ ވަރަށް ވެސް ބޮޑު އަމާނާތެކެވެ. ފުރަތަމަ ނަޒަރުންވެސް މި އަމާނާތަށްޓަކައި އަޅުގަނޑުމެންނަށް ބަންޑުންކޮށްލެވެނީ ލޯބިން ފުރިގެންވާ އިޙްސާސްތަކެކެވެ. މި ލޯބިވެތި އިޙްސާސްތަކުގެ ޒަރީޢާއިން އަޅުގަނޑުމެންނަށް ކުރެވޭނޭ އެންމެ މުހިންމު ކަމަކީ އެ ތުއްތުކުދިންގެ ހިތްތަކުގައި އެ ހިތްތަކުގެ ވެރި އިލާހަށް ލޯބި އުފައްދައިދިނުމެވެ. އެގޮތުން އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައްތައް ވަރަށް ގިނައެވެ.
އެންމެ ތުއްތުއިރުން ފެށިގެންވެސް އެކުދިން ހެއްދެވި ފަރާތަކީ މާތްﷲ ކަން ބުނެދިނުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޒާތުފުޅު ދެނެގަތުމަށް އެކުދިންނަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީއެކެވެ. މަންމަ، ބައްޕަ، މާމަ، ކާފަ އަދި އިތުރަށް ވެސް ގޭގައި އުޅޭ މީހުން ހެއްދެވީ ﷲ ކަން ބުނެދިނުމުން މިކަމަށް އެކުދިންގެ ޅަސިކުނޑިތައް ފަސޭހައިން ހުޅުވިގެންދާނެއެވެ.
ތުއްތުކުދިންނަކީ ވަރަށް ފަސޭހައިން ޤުދުރަތީ ރީތިކަމަށް ލޯބިޖެހޭ ބައެކެވެ. ފެންނަ ޖަނަވާރުތަކާއި ދޫނިސޫފާސޫތްޕަށްވެސް އެކުދިންނަށް ވަރަށް ފަސޭހައިން ގަޔާވެވޭނެއެވެ. އެހެންކަމުން އެކުދިން ގޮވައިގެން ބޭރަށް ދާއިރު އެ ފެންނަ ޤުދުރަތީ ރީތިކަމުގެ ވެރިފަރާތަކީވެސް ﷲ ކަން ބުނެދެވިދާނެއެވެ. މިސާލަކަށް؛ “ދަރިފުޅާ، މި ފެންނަ ފެހި ގަސްތައް ހެއްދެވީ ﷲ. ދަރިފުޅު މައްޗަށް ބަލާލުމުން އެ ފެންނަ ބޮޑު އުޑުވެސް ހެއްދެވީ ﷲ. ދުވެފައި އެދާ މުށި ބުޅާވެސް ހެއްދެވީﷲ.” މިފަދަ ގޮތަކަށް އެކުދިންނަށް ﷲ ތަޢާލާގެ ނިޢުމަތްތައް ބުނެދެވިދާނެއެވެ.
އަދި ކުދިންނަށް އެންމެހާ ރިޒުޤެއް ދެއްވަނީ ﷲ ކަން ބުނެދިނުމާއި ފުރިހަމައަށް މަސައްކަތްކުރާ ހަށިގަނޑަކާއި މީރު ކާނާ އަދި ލޯބިވާނެ މަންމައަކާއި ބައްޕައެއް ވެސް ދެއްވެވީ ﷲ ކަން އަބަދުމެ ހަނދާންކޮށްދިނުމަކީ ވެސް މި މައުޟޫގެ ހަވާސާގައި އެކުދިން ބޭތިއްބުމަށް ކުރެވޭނެ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން ތުއްތުކުދިންނަކީ އަބަދުވެސް ދުވެ، ކުޅެ، މަޖާކުރުމުގައި ގިނަ ވަގުތު ހޭދަކުރަން ބޭނުންވާ ބަޔަކަށް ވުމުން، ހަށިގަނޑުގެ ދުޅަހެޔޮކަން މިންވަރުކުރެއްވީ ﷲ ކަން އެފަދަ ވަގުތުތަކުގައި ވެސް ބުނެދެވިދާނެއެވެ.
ހަމައެހެންމެ، މާތްﷲ ދެއްވާ ރިޒްޤަށް ޝުކުރުވެރިވާން ދަސްކޮށްދިނުމަށްޓަކައި “الحَمْدُ لِلَّهِ” ޖާނަލްއެއް ކުދިންނާއެކު ތައްޔާރުކުރުމަކީ ވެސް ކުރެވިދާނެ ވަރަށް މުހިއްމު އަދި އެހާމެ އުފެއްދުންތެރި ކަމެކެވެ. މިގޮތުން ކުދިން ލައްވައި، އެކުދިން އެއެއްޗަކަށްޓަކައި އެންމެ ޝުކުރުވެރިވާ އެއްޗެހި ކުރަހައި ނޯޓްކުރެވިދާނެއެވެ. އަދި ކޮންމެ ދުވަހަކު އެދުވަހުގެ ތާވަލުގެ އެންމެ ފަހު ކަމެއްގެ ގޮތުގައި މިކަން ކުރުވިދާނެއެވެ. (“الحَمْدُ لِلَّهِ ޖާނަލް” އާ ބެހޭގޮތުން އިތުރު އެހެން މަޒުމޫނެއް އަދި ޝާއިޢުކުރެވޭނެއެވެ. إن شاء الله.)
މީގެ އިތުރަށް މާތްﷲ ސުބްޙާނަހޫ ވަތަޢާލާއާ ބެހޭގޮތުން އެކުދިންނާ ވީހާވެސް ގިނައިން ވާހަކަދެއްކުމަކީ މި މައުޟޫގައި އެކުދިންނާއެކު ކުރެވޭނެ އެންމެ ފައިދާބޮޑު އެއްކަންތަކެވެ. މިގޮތުން އެކަލާނގެ އިސްތަވާވޮޑިގެންވަނީ ހަތް އުޑުމަތީގައިވާ އަރުޝިކޮޅުގައިކަން ބުނެދެވިދާނެއެވެ. ނަމަވެސް މިފަދަ ލަފުޒުތައް މިފަދައިން ބޭނުންކުރުމުން އަޅުގަނޑުމެންގެ ދަރިންނަށް ނޭނގިދާނެއޭ އަޅުގަނޑުމެންގެ ހިތަށް އަރާފާނެއެވެ. ނަމަވެސް ދަންނަވަންތޯއެވެ. އެކުދިން ބައެއްފަހަރު އަޅުގަނޑުމެން ބޮޑެތި މީހުންނަށްވުރެ މޮޅުވާނެއެވެ. އަދި އެންމެ ތުއްތުއިރުން ފެށިގެން އަޅުގަނޑުމެން މިގޮތަށް ކިޔައިދޭންފެށުމުން، ކުދިންނަށް މިކަންކަން ތަޞައްވަރު ކުރަން އެނގުމުގެ އިތުރަށް ކުދިންވެސް މިގޮތަށް ޤަބޫލުކޮށް މިގޮތަށް އެހެން ކުދިންނަށް ނުވަތަ އަޅުގަނޑުމެންނަށްވެސް ކިޔައިދޭން ފަށާނެއެވެ.
މިފަދަ ކަންކަމުގައި އަޅުގަނޑުމެން މައިންބަފައިން އަބަދުވެސް ސަމާލުވެ ތިބެންވާނީ އެކުދިން ކޮށްފާނެ ސުވާލުތަކަށް އެކުދިންނަށް ވިސްނޭނެ ފަދަ މޭރުމަކުން ޖަވާބު ދިނުމަށެވެ. އަދި އެކުދިންނަކީ ސުވާލުކުރުމުގައި ވަރުބަލިވާ ބައެއް ނޫންކަން އަޅުގަނޑުމެން ދަންނަން ވާނެއެވެ. ހަމަ އެހެންމެ އެކުދިންގެ ސުވާލުތަކަށް ޖަވާބުދިނުމުގައި އަޅުގަނޑުމެން ވެސް ވަރުބަލިވެގެން ނުވާނެއެވެ.
(ނުނިމޭ)