[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަރިން ތަރުބިއްޔަތުކުރުމާގުޅޭ 48 ފައިދާ (4)

(31) އިޖްތިމާޢީގޮތުން ކުއްޖާގެ ހުނަރުތައް ކުރިއަރުވައިދޭނޭ މުހިއްމު ކަންކަމުގެ ތެރޭގައި:

* ކުއްޖާގެ ކިބައިގައި އިޖްތިމާޢީ ވިސްނުންތެރިކަން ކުރިއެރުވުން: މިކަމަކީ އެހެންމީހުންނާ ގުޅުންބަދަހިކުރުމުގެ ޤާބިލުކަމަށް އެހީތެރިވެދޭނެކަމެކެވެ. އަދި އެބައިމީހުންގެ ޝުޢޫރުތައް ދެނެގަތުމާއި، އެބައިމީހުންނަށް ޖަވާބުދާރީވުމަށްވެސް އެހީތެރިވެދޭނެކަމެކެވެ.

* އިޙްތިރާމުކުރުމާއި، އަމިއްލައަށް ކަންކަންކުރުމާއި، މަތިވެރިކަމުގެ އިޙްސާސްކުރުމާއި، ނަފްސަށް އިތުބާރުކުރުމާއި، އަމިއްލަ ނަފްސަށާއި އަމިއްލަ އިސްތިޤްލާލުކަމަށް ބަރޯސާވުން: އެއީ ބޭނުންވާ ކަންކަން ހޯދުމުގައްޔާއި، ކުޅޭތަކެއްޗާއި ހެދުން އިޚްތިޔާރުކުރުމާއި، އެކުގައިއުޅޭ ކުދިންނާ ޖެހޭ މައްސަލަތައް އަމިއްލައަށް ޙައްލުކުރުމުގައްޔާއި، ކާތަކެތި ތައްޔާރުކުރުމާއި، ކުނިވަށިގަނޑަށް ކުނިއެޅުންފަދަ ކަންކަމުގައި ގޭތެރޭގައި ކުރެވޭ ބައެއް އާދައިގެ ކަންކަމުގައި އެކުއްޖާ ބައިވެރިކުރުމެވެ.

ކަންކަން ނިންމުމުގައި އެކުއްޖާއަށް ފުރުޞަތު ދިނުމާއި، މަސްއޫލިއްޔަތު ނަގަން ދަސްކޮށްދިނުމާއި، ރަނގަޅަށް ކުރާކަންކަމުގައި ދޭތެރެ ދޭތެރެއިން ހިތްވަރުގެ ބަސްތައް އެކުއްޖާއަށް އިއްވުންވެއެވެ.

(32) ކުދިންގެ ނަފްސުތަކުގައި ބަޔާންވެދިޔަފަދަ އަމިއްލަ އިތުބާރާއި، މަސްއޫލިއްޔަތު އުފުލުމުގެ މިސާލުތަކުގެ ތެރޭގައި: ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ އަނަސް ބުން މާލިކު ކުޑައިރުގައި އަމާނާތެއްގެ ގޮތުގައި ސިއްރުފުޅެއް ޙަދީޘްކޮށްދެއްވާފައެވެ. އަދި އެކަލޭގެފާނުގެ ސިއްރުފުޅާއެކު އަނަސްގެފާނު ފޮނުއްވިއެވެ. އަނަސްގެފާނު ވިދާޅުވެފައިވާ ފަދައިންނެވެ. ކުޑަކުދިންނާއެކު ތިމަން ކުޅެން ހުއްޓައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ތިމަންގެ ގާތަށް ވަޑައިގެން ތިމަންމެނަށް ސަލާމް ގޮވާލެއްވެވިއެވެ. އަދި ކަމެއްގައި ތިމަން ފޮނުއްވުމުގެ ސަބަބުން، ތިމަންގެ މަންމަގެ ގާތަށް އައުން ލަސްވިއެވެ. ތިމަން އައިހިނދު މަންމަ ވިދާޅުވިއެވެ. (ލަސްވި) ސަބަބަކީ ކޮބައިތޯއެވެ؟ ތިމަން ދެންނެވީމެވެ. “ﷲގެ ރަސޫލާ ކަމެއްގައި ތަނަކަށް ތިމަން ފޮނުއްވީއެވެ.” މަންމަ ވިދާޅުވިއެވެ. “އެއީ ކޮންކަމަކާ ހެއްޔެވެ؟” ތިމަން ދެންނެވީމެވެ. “އެއީ ސިއްރެކެވެ.” މަންމަ ވިދާޅުވިއެވެ. “ﷲގެ ރަސޫލާގެ ސިއްރު އެއްވެސް މީހަކަށް ކިޔައިނުދޭށެވެ!”([1])

ހަމަމިފަދައިން: ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ބުއިމެއް ގެނެވުނެވެ. ފަހެ، އެކަލޭގެފާނު އެއިން ހިއްޕެވިއެވެ. އަދި އެކަލޭގެފާނުގެ ކަނާއަތްޕުޅާވީ ފަރާތުގައި ހުރީ ކުޑަކުއްޖެކެވެ. އަދި އެކަލޭގެފާނުގެ ވައަތްޕުޅާވީ ފަރާތުގައި ދުވަސްވީ ބޭކަލުން ތިއްބެވިއެވެ. އެހިނދު، އެކަލޭގެފާނު އެކުއްޖާއަށް ޙަދީޘްކުރެއްވިއެވެ. “މިތިބަ ބޭފުޅުންނަށް މިއެތި ދެއްވުމުގެ އިޒުނަ ދޭނުތޯއެވެ؟” ފަހެ، އެކުއްޖަކު ދެންނެވިއެވެ. “ﷲ ގަންދީފައި ބުނަމެވެ. ނޫނެކެވެ. ކަލޭގެފާނުގެ ކިބައިން ތިމަންނައަށް އޮތް ނަޞީބެއް އެއްވެސްމީހަކަށް ދޫކޮށްނުލައްވާ ހުށީމެވެ.” ފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެ ކަންވާރު އެކުއްޖާގެ އަތަށް ދެއްވިއެވެ.([2])

(33) ޚާއްޞައެހީއަށް ބޭނުންވާފަދަ ކުއްޖެއް ލިބިފައިވާ ބެލެނިވެރިންގެ މައްޗަށް އޮތީ: އެކުދިންނާމެދު ކެތްތެރިވެ، ﷲ ތަޢާލާގެ މިންވަރުފުޅާމެދު ރުހުމެވެ. ފަހެ، ﷲގެ އެންމެހާ މިންވަރުފުޅަކީ މުސްލިމަކަށްވާ ހެވެކެވެ. ((عَجَبًا لِأَمْرِ الْمُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ، إِنْ أَصَابَتْهُ سَرَّاءُ شَكَرَ، فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ، صَبَرَ فَكَانَ خَيْرًا لَهُ))([3]) މާނައީ: “މުއުމިނުމީހާގެ ކަންކަމާމެދު ޢަޖައިބުވެގެންވެއެވެ. ހަމަކަށަވަރުން އޭނާގެ އެންމެހާ ކަމެއްގައި ވަނީ ހެޔޮކަމެވެ. މުއުމިނަކު ފިޔަވައި އެއްވެސް މީހަކަށް އެގޮތަށް (ދެގޮތުގައިވެސް ހެޔޮކަން) ލިބިގެންނުވެއެވެ. އޭނާއަށް ރަނގަޅުކަމެއް ކުރިމަތިވެއްޖެނަމަ ޝުކުރުވެރިވެއެވެ. ފަހެ، އެކަން އޭނާއަށް ހެޔޮކަމަކަށް ވެގެންދެއެވެ. އަދި އޭނާއަށް ދެރަކަމެއް މެދުވެރިވެއްޖެނަމަ ކެތްތެރިވެއެވެ. ފަހެ، އެކަން އޭނާއަށް ހެޔޮކަމަކަށް ވެގެންދެއެވެ.”

(34) އޭ އޯގާތެރި ބައްޕައާއި ކުލުނުވެރި މަންމައެވެ! ހަނދާންކުރައްވާށެވެ! ޚާއްޞައެހީއަށް ބޭނުންވާ އެދަރިފުޅަކީ ތިބާގެ ދަރިއެކެވެ. އެކުއްޖާއަކީ ޚާއްޞައެހީއަށް ބޭނުންވާ ކުއްޖަކަށްވުމަކީ އެކުއްޖާގެ އަގުދަށްވެ، ނުވަތަ އިންސާނިއްޔަތުކަން ދައްވާނެކަމެއް ނޫނެވެ. ފަހެ، ނުކުޅެދޭ އެތައް މީހުންގެ ޢިލްމާއި، އުފެއްދުންތެރިކަމުން ޢާލަމަށް މަންފާކޮށްފައިވެއެވެ. ފަހެ، ތިބާގެ ދަރިފުޅުގެ ޤަދަރު ކުޑަކޮށްނުލާށެވެ!

(35) މުހިއްމުވެގެންވަނީ: ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ޚާއްޞަ މަދަރުސާއަކަށް އެކުއްޖާ ވެއްދުމެވެ. ފަހެ، އެފަދަ މަދަރުސާތަކުގައި: ދިރާސީ މަންހަޖުތަކާއެކު، ގެއްލިފައިވާ ހުނަރުތައް ތަރައްޤީކުރުމަށް ޚާއްޞަ މަންހަޖުތައް ހުންނާނެއެވެ. މިފަދަ މަންހަޖުތަކަކީ އެކުއްޖެއްގެ ނުކުޅެދުންތެރިކަމުގެ ވައްތަރުތަކަށް ރިޢާޔަތްކުރެވިގެން ހެދިފައިވާ މަންހަޖުތަކެކެވެ.

(36) މި ޒަމާނުގެ އިންޓަނެޓާއި، ފޯނާއި، މުވާސަލާތީ ވަސީލަތްތަކާއި، ޓެކްނޮލޮޖީއަކީ ދެ މިޔަލީ ހަތިޔާރެއްފަދަ އެއްޗެހިތަކެކެވެ. އެފަދަ ތަކެއްޗަކީ ކުދިން މުނިފޫހިފިލުވައި، ކުދިން މަސަލަސްކުރުމަށް ބޭނުންކުރާ ވަސީލަތްތަކެއްކަމުގައިވެއްޖެނަމަ އެއީ ބޮޑުވެގެންވާ ކުށެކެވެ. ދޭތެރެދޭތެރެއިން ކުއްޖާގެ ކަންކަމާއި އެކުއްޖާގެ ސުލޫކުތައް ބެލެހެއްޓުމާއި، ﷲއަށްޓަކައި އެކުއްޖާ އަމިއްލައަށް ޒާތީކަންކަން ބެލެހެއްޓުމަށް ތަމްރީނު ދިނުމަކީ ޝަރުޢީ ވާޖިބެކެވެ.

(37) މުސްލިމެއްގެ މައްޗަށްވަނީ: އެމީހާގެ ކުދިން ބަލާ ފިލްމުތައް ގާތުން ބެލެހެއްޓުމެވެ. އަދި އެކުދިންނާ މުނާސަބު، އަދި ޝަރުޢީ މިންގަނޑުތަކާ ޚިލާފުނުވާފަދަ ކާޓޫނުތައް އިޚްތިޔާރުކޮށްދިނުމެވެ. އަދި އެކުދިން މުނިފޫހިފިލުވުމަށް މިފަދަ ތަކެތީގެ ބަދަލުގައި ކުޅޭ ތަކެއްޗާއި، ބަގީޗާތަކަށް ނުކުތުމާއި، ދަތުރުތައް ދިޔުންފަދަ މުނާސަބުކަންކަން ކޮށްދިނުމެވެ. އަދި ފައިދާކުރުވަނިވި ކަންކަމުގައި ކުއްޖާ އަވަދިނެތިކުރުވުމެވެ. އަދި ދޭތެރެދޭތެރެއިން ކުދިންނާއެކު އިށީނުމެވެ. ފަހެ، މިކަންކަމަކީ މިކަންކަމުގެ ސަބަބުން ނަފްސާނީގޮތުން ކުދިންގެ ބޭނުންތައް ފުދި، ކާޓޫނުތަކުގެ ކުރިމަތީގައި ވަގުތުތައް ހޭދަކުރުމުގެ ބަދަލުގައި ކުރެވިދާނެ ކަންކަމެވެ.

(38) ދަރިން ތަރުބިއްޔަތުކުރުމަކީ ކެތްތެރިކަމާއި، ސާބިތުކަމާއި، ނަފްސު ކޮންޓްރޯލުކުރަންޖެހޭނެ ކަމެކެވެ. އަދި މިކަންކަމުގައި ވާގިދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުން ވާތްގަށް އެދެންޖެހޭނެއެވެ. ޖަހައިގެން އަދަބުދިނުމަކީ ދާއިމީކޮށް ކޮށްގެންވާނެކަމެއް ނޫނެވެ. ފަހެ، ނުރުހުންތެރިކަމުގެ ބަލައިލުންވެސް ބައެއް ކުދިންނަށް މުނާސަބުވެދާނެއެވެ. ނުވަތަ ކުއްލިއަކަށް ވާހަކަދެއްކުން މެދުކަނޑާލުންވެސް މުނާސަބުވެދާނެއެވެ. ކޮންމެހެން ބޭނުންޖެހޭފަދަ ޙާލަތެއްގައި ހެޔޮވިސްނޭކުއްޖެއްގެ ގައިގައި މަޑުމަޑުން ޖެހިދާނެއެވެ. އެއީ އަދަބުވެރިކުރުމުގެ ގޮތުންނެވެ. އެއްވެސްޙާލެއްގައި ބަދަލުހިފުމާއި، ރުޅިވެރިކަމުގެ ގޮތަކުން ނޫނެވެ.

(39) ކުއްޖާ ފުރާވަރުގެ މަރުޙަލާއަށް އައުމުން އެކުދިންނާ މުޢާމަލާތުކުރުމުގައި، އެކުދިންގެ ކަންކަން ބެލުމުގައާއި، އެކުދިންގެ ޚާއްޞަކަންކަމަށް އިޙްތިރާމުކުރުމުގައާއި، ތަރުބިއްޔަތުގައާއި، ޚިޔާނާތްތެރިނުވުމުގައާއި، އެކުދިންނާމެދު ޣާފިލުނުވުމުގައާއި، ނަޞޭޙަތްދިނުމުގައާއި، ކަންކަން ހަނދާންކޮށްދިނުމުގައި މައިންބަފައިން ޙިކުމަތްތެރިވާންވާނެއެވެ.

ފަހެ، ފުރާވަރުގެ ކުއްޖާއަށް އެކުއްޖާގެ އަހުލުން އެކުދިންގެ ކަންކަން ގާތުން ބަލަމުންދާކަމުގެ އިޙްސާސް ކުރުވަންވާނެއެވެ. އަދި ހަމަމިދަނޑިވަޅުގައި، އެކުއްޖާގެ ކަންކަމުގައި އެކުއްޖާއަށް އިތުބާރުކުރާކަމާއި، އެކުއްޖާ ޚިޔާނާތްތެރިނުވާނެކަމުގެ އިޙްސާސްވެސް ކޮށްދޭން ޖެހޭނެއެވެ. މިގޮތަށް ގާތުން ބެލުމުގެ ބޭނުމަކަށް ވާންވާނީ އެކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. އެއްވެސްޙާލެއްގައި ޚިޔާނާތްތެރިވެދާނެކަމަށް ޝައްކުކޮށްގެނެއް ނޫނެވެ.

ބުއްދިވެރިންނަކީ އެކުދިންގެ ފަތިފުށް ހޯދުމަށް އެދޭނެ ބައެއްނޫނެވެ. އަދި އެކުއްޖާގެ އެންމެހާ ކުދިކަންކަމާއި ބޮޑެތިކަންކަން މައިންބަފައިންނަށް އެނގޭކަން ކުދިންނަށް އެނގުނަދީގެން ނުވާނެއެވެ. އެހެންނޫންކަމުގައިވާނަމަ، އެކުދިންގެ ހިތްތަކުގައި މައިންބަފައިންނަށް ދެވިފައިވާ ހައިބަތު ގެއްލިގެން ދާނެއެވެ.

(40) މުސްލިމެއްގެ މައްޗަށް ވަނީ އޭނާގެ ދަރިފުޅުގެ ފުށުން ރިވެތި ޚުލްޤެއް ފެނިއްޖެކަމުގައިވާނަމަ އެކުއްޖާއަށް އިނާމުދިނުމާއި، ކުއްޖާއަށް ތަޢުރީފުކުރުމެވެ. ފަހެ، އެކުއްޖާ ގޯސްކަމެއް ކޮށްފިނަމަ ފުރަތަމަ ފަހަރު އަޅާނުލާ ދޫކޮށްލާށެވެ. ދެވަނަ ފަހަރަށް އެ ކަމެއްކޮށްފިކަމުގައިވާނަމަ އޯގާތެރިކަމާއި ލޯތްބާއެކު އެ ގޯސްކަމެއްގެ ވާހަކަ ބަޔާންކޮށްދޭށެވެ.

ފަހެ، ބައެއް ބެލެނިވެރިން ކުރާ ކުށަކީ: ކުދިން ގޯސްކަމެއްކުރާނަމަ ވަގުތުން ކުށްކުރަން ހުއްޓައި އަތުލައިގަތުމެވެ!

______________________

([1]) رواه مسلم (2482).

([2]) رواه البخاري (2451)، ومسلم (2031).

([3]) رواه مسلم (2999).