[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަ ދަރިފުޅުގެ ވިސްނުމާއި ބޮންސާއި ގަސް

ލޮބުވެތި މައިންނާއި ބަފައިންނޭވެ! ދަރިންނަކީ ﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނާ ހަވާލުކުރައްވާ ވަރަށްވެސް ބޮޑު އަމާނާތެކެވެ. އަދި އެކުދިންގެ ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ވެސް ބޮޑު ބުރަ ޒިންމާއެކެވެ. މައުޟޫގައި ބުނެފައިވާ ބޮންސާއި ގަހުގެ ވާހަކަ ގެނެސްފައިވަނީ ވަރަށް މުހިއްމު ބޭނުމަކުއެވެ.

ބޮންސާއި ގަހަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަރަށް ބުރަ މަސައްކަތުން ހައްދާ ވަރަށް އަގުބޮޑު ގަސްގަހުގެ ބާވަތްތަކަކަށް ކިޔާ ނަމެކެވެ. ވަރަށް މަސައްކަތް ބުރަ، އެހާމެ ފަރުވާތެރިކަމާއި ކެތްތެރިކަމާއެކު ކުރާ ބުރަބޮޑު މަސައްކަތެކެވެ. ތިޔައިގެ ތެރެއިން ގިނަ ބެލެނިވެރިންނަށް މިކަން އެނގިވަޑައިގަންނަވާނެއެވެ. އިތުރު މައުލޫމާތު ހޯދަން ބޭނުންފުޅުވާނަމަ ގޫގުލް ގާތުން އޮޅުންފިލުވާށެވެ. ކޮންމެއަކަސް ބޮންސާއި ގަހުގެ ޚާއްޞަކަމަކީ އެގަހުގެ ގުދުރަތީ ބޮޑު މިނަށްވުރެ ގަސް ހައްދާފައި ހުންނަ އިރު ކުޑަވުމެވެ. މޭވާ އަޅާ ގަހެއް ނަމަ، މޭވާ ވެސް އަސްލު ސައިޒަށްވުރެ ކުޑަ ވާނެއެވެ. މާ އަޅާ ގަހެއް ނަމަ ހަމަ މިފަދައެވެ.

މި ބާވަތުގެ ގަސް ހެއްދުމަށްޓަކައި ގަސް ވަކިވަރަކަށް ބޮޑުވުމަށްފަހު ގަހުގެ ކުރިތައް ކޮށަން ފަށާނެއެވެ. ފެން ދިނުންވެސް މަދުކުރާނެއެވެ. ގަހަށް ބޭނުންވާ ހުރިހާކަމެއްހެން ކުރާނީ ‘މަދު” ކޮށްގެން ވަކި މިންވަރެއްގައި ހިފަހައްޓައިގެންނެވެ. ކާނާ ދިނުންވެސް ހަމަ މިފަދައެވެ. ނަތިޖާއަކަށް ވަނީ ގަސް ބޮޑުވުން މަޑުޖެހި ‘ފާޑަކަށް’ ގާ ވުމެވެ. ފެންނަ ފެނުމަށް ގަސް ރީތިވެދާނެއެވެ. ނަމަވެސް ގަސް އެހެރީ ގަދަކަމުން ‘ކުރުގަޅުވާފައެވެ’.

އަހަރެމެންގެ ދަރިންނޭ ތޯއެވެ! އެކުދިންވެސް ބޮޑެތިވެގެން އަންނަ ދުވަސްވަރު ލައްކަ ކަންތައްތަކެއް އެކުދިންގެ ދުޅަހެޔޮކަމަށްޓަކައި ބޭނުންވެއެވެ. ހަށިގަނޑުގެ ހެދިބޮޑުވުމެވެ. ސިކުނޑީގެ ހެދިބޮޑުވުމެވެ. ހިތުގެ ހެދިބޮޑުވުމެވެ. މިހުރިހާ ކަމަކަށް ހެން ކާނާ ބޭނުންވާއިރު، މިކަމަށް އެންމެ އެކަށީގެންވާ އެންމެ ރަނގަޅު ކާނާ ދެނެގަތުމަކީ އަހަރެމެން މައިންބަފައިންގެ ވަރަށް ބޮޑު ޒިންމާއެކެވެ. އަދި މިފަދަ ކާނާ އެކުދިންނަށް ދޭން ވާނީ ވެސް ހައްދު ފަހަނައަޅައި ނުދާ ވަރަށެވެ. އަދި ބޭނުންވާ ވަރަށް ވުރެ މަދުންނެއް ވެސް ނޫނެވެ.

ލޮބުވެތި މައިންބަފައިންނޭވެ! ކުދިންގެ ހެދިބޮޑުވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަފްސާނީ ދުޅަހެޔޮކަން ގުޅިފައިވަނީ އެކުދިން ކަންކަމާ މެދު ދެކޭ ގޮތާއެވެ. އެކުދިންގެ އިހުސާސް ތަކާއެވެ. އެކުދިންގެ އަމިއްލަ ނަފްސުގެ އަގުކުރުންތަކާއެވެ. އެކުދިންގެ ދޭދޭ ގުޅުންތަކާއެވެ. އެކުދިންގެ ލޮލުން އެކުދިން ދުނިޔެ ދެކޭ ގޮތާއެވެ. މިހެންކަމުން މިކަމުގައި ފަރުވާކުޑަ ނުކުރަމާ ހިނގާށެވެ.

ގުދުރަތީ މާހައުލަކީ ކުދިންގެ ނަފްސާނީ ތަރައްގީއަށް ބާރުދޭ އެކަމަށް އެންމެ ބޮޑަށް އެހީތެރިވެދޭ އެންމެ މުހިއްމު ކާނާއެވެ. ނަފްސާނީގޮތުން ދުޅަހެޔޮ ދަރިއަކު ބޮޑުކުރަން ބޭނުންނަމަ ގުދުރަތީ މާހައުލާ ކުދިންނާ ބީރައްޓެހި ނުކުރާށެވެ. ގިނަފަހަރަށް ޖިސްމާނީ ތަރައްގީގެ ބޮޑުބައި ވެސް ގުޅިފައިވަނީ ގުދުރަތީ މާހައުލާއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުކޮޅެއް ކުދިން ގޮވައިގެން ބޭރަށް ނިކުމެލާށެވެ. އަތިރިމައްޗަށް ޖެހިލާށެވެ. ދޮންވެއްޔާ ކުޅެން ދާށެވެ. ގަސްގަހަށް އަރަން ކުދިންނަށް ހިތްވަރުދޭށެވެ. ތަނަކުން ވެއްޓި ތެޔޮހަން ދިއުމަކީ މާބޮޑުކަމަކަށް ނަހަދާށެވެ. މޫދަށް އެރުވަން މަސައްކަތްކުރާށެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ ސިހުން ކެނޑި ކެރުންތެރިކަން އިތުރުވާނެއެވެ. މިކާނާ އެކުދިންނަށް ބޭނުންވާ ވަރަށް ނުލިބޭނަމަ، ކުދިން ގުރުޑުވާން ފަށާނެއެވެ. ވިސްނުން ކޮށިވާން ފަށާނެއެވެ. ކަންކަމާ މެދު ނައްސިކޮށް ވިސްނަން ފަށާފާނެއެވެ. ކުދިން ‘ބޮންސާއި’ ވާން ފަށާފާނެއެވެ.

ގޭތެރޭގެ މާހައުލަކީ ދެވަނައަށް އެންމެ އިސްކަމެއް ދޭންޖެހޭ މާހައުލެވެ. ކަމެއް ނެތި ކުދިން ގަނަތެޅެންވެއްޖެ ކަމަށްވާނަމަ އެކުދިންގެ ނަފްސާނީ ތަރައްގީއަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ. ލޮބުވެތި ބަފައިންނޭވެ! ދަރިންނަށްޓަކައި ޖާނާއި މާލުން ގުރުބާންވާ ބައްޕައިން މަދެއް ނޫނެވެ. އެހެން ނަމަވެސް އަހަރެމެންނަށް ނޭނގި ކުރެވޭ ވަރަށް ގިނަ އިސްރާފުތަކެއްގެ ސަބަބުން ދަރިންގެ މުސްތަގުބަލަށް ހުރަސް އެޅޭކަން އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ނޭނގެއެވެ. ވަކިން ޚާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރާނަމަ މިކަމުގެ ގެއްލުން އަދި މާބޮޑެވެ. ހަފުތާއެއްގެ މައްޗަށް ގާތްގަނޑަކަށް މަދުވެގެން ފަސް ސަތޭކަ ރުފިޔާ ދުންފަތަށް ހޭދަކުރާނަމަ، އެ ފަސް ސަތޭކަ ރުފިޔާއަށް ދަރިފުޅަށްޓަކައި ދިހަ ބާރަ ފޮތް ގަނެވޭނެކަން އެނގެނީ އަހަރެމެންގެ ތެރެއިން ކިތައް ބައްޕައިންނަށް ހެއްޔެވެ؟

ޅަ އުމުރުގައި ދަރިފުޅު ކިޔާ އެންމެ ފޮތެއްގެ އަސަރު އެދަރިފުޅުގެ ސިކުނޑީގައި އެތައް އަހަރެއް ވަންދެން ހަރުލާފައި ހުރެއެވެ. އެފޮތުގެ ސަބަބުން އެދަރިފުޅު އެތައް ހުނަރެއް އެއްފަހަރާ ދަސްކުރެއެވެ. އެފޮތުގެ ސަބަބުން މުވާސަލާތު ކުރުމުގެ ހުނަރު ތަރައްގީވެއެވެ. އެފޮތުގެ ސަބަބުން ދަރިފުޅު މުނިފޫހިފިލައެވެ. އެފޮތުގެ ސަބަބުން ދަރިފުޅުގެ ސިކުނޑީގައި އެތައް ހުނަރެއްގެ ބިންގާ އެޅިގެންދެއެވެ. ވަޒީފާގެ ސަބަބުން ބައްޕައަށް ދަރިފުޅަށް ނުދެވޭ އެތައް ވަގުތެއް އެއްކަލަ ފޮތްތަކުގެ ސަބަބުން ފުރިގެންދެއެވެ. ދަރިފުޅު ބުނާ ކަހަލައެވެ. ލޯބިވާ ބައްޕާއެވެ! ދުންފަތަށް ކުރާ ހޭދައިގެ ބަދަލުގައި އަހަރެންނަށް ފޮތް ގަނެދޭށެވެ. އެހެން ނޫނީ އަހަރެން ވެސް ބޮންސާއި ގަހެއް ހެން ގުރުޑު ވެދާނެއެވެ.

ފޮތް ކިޔުމާ ދަރިން ދުރުވާނަމަ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރެއެވެ. މުވާސަލާތުކުރުމުގެ ހުނަރުން ފެށިގެންގޮސް ރުޅިގަދަވެ ބޮޑާހޭކުމާ ހަމައަށެވެ. ލޮބުވެތި މައިންބަފައިނޭވެ! ކުދިން ގުރުޑުވާން ދިމާވާ އެންމެ ބޮޑު ޒަމާނީ ސަބަބުތަކުގެ ތެރޭގައި ސްކްރީންތަކާ ދޯޅުވުން ހިމެނެއެވެ. ކުދިންގެ ފަރާތުން ސަލާމަތްވުމަށްޓަކައި އެކުދިން އަތަށް ފޯނާއި ޓެބްލެޓް ނުދޭށެވެ. މައިތިރި ކުރުމަށްޓަކައި ޓީވީ ނުދައްކާށެވެ. ހެޔޮނުވާނެއެވެ. އެކުދިން އެންމެ އަޑުއަހާހިތްވަނީ ތިޔަ މައިންބަފައިންގެ އަޑެވެ. އެކުދިންނަށް އަމިއްލަ ތަޖުރިބާއިން ވާހަކަތައް ކިޔައިދޭށެވެ. އެކުދިންނާއެކު ކުޅެ، ފޮތްކިޔައި، ކުލަޖައްސައި ހަދާށެވެ. ގޭތެރެއިން ނަމަނަމަ ކުލައާއި ކުލަފަންސުރާއި ކަރުދާސް ހުސްނުކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭށެވެ. އެކުދިން ބޭނުން އެއްޗެއް ބޭނުން ގޮތަކަށް ކުރަހައި، ލިޔެ ހަދަން އެ އެއްޗެހިތައް ދޭށެވެ. ހުސްވާއިރަށް ގަނެދޭށެވެ. އެއީ އެކުދިންގެ ހިތުގެ ކާނާ ކަމުގައި ވެސް ވެދާނެއެވެ. ނަމަނަމަ ކަންކަން ކުރުމުގައި ކުދިންނަށް ބުރަބޮޑު ނުކުރާށެވެ. އެކުދިން ބޮލަށް ތުރާވާ ވަރަށް އެކުދިންނަށް އުނދަގޫ ނުކުރާށެވެ. ނޫނީ އަހަރެމެންގެ ލޮލުގެ ފިނިކަން ކަމުގައިވާ ކުދިންކޮޅު ގުރުޑުވެ ބޮންސާއި ވާން ފަށާފާނެއެވެ.

މި ހަވާސާގައި މި ނޫނަސް ލައްކަ ވާހަކައެއް ދެއްކިދާނެއެވެ. ސަބަބަކީ ތޯއެވެ! ތަރުބަވީ ވަޒީފާއަކީ އެންމެ ގިނައިން މުސާރަ ލިބޭ، އެންމެ ގިނަ ހުނަރު ބޭނުންވާ، އެންމެ ކުޅަދާނަ މީހުންނަށް ނޫނީ އަދާ ނުކުރެވޭނެ ވަޒީފާއެވެ. އެހެންނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ހީވެފައި އޮންނަނީ މިވަޒީފާ އަދާކުރުމަށް މަގުމަތިން މީހުން ހޮވައިގެންނާއި  އިޖުތިމާޢީ އޮޅިތަކުން މީހުން ހޮވައިގެން ގެނެސް ދަރިން ތަރުބިއްޔަތު ކުރެވިދާނެކަމަށެވެ. އެއީ ހަމަ ހުސް ‘ދެއުޅިއެއްނުވާ’ ވިސްނުމެވެ.