[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (3)

 3- ތަރުބިއްޔަތުކުރުމުގައި ކުރިމަތިވާ އުނދަގޫތަކާއި، ހުރަސްތަކާއި ގޮންޖެހުންތައް ގިނަވުން

މަންމައަކީވެސް އިންސާނަކަށްވީތީ ވަރުބަލިކަން އިޙުސާސްކުރެވޭނެއެވެ. ރުޅި އަންނަ ފަހަރުވެސް އަންނާނެއެވެ. އަދި ބަލިވާ ފަހަރުވެސް އަންނާނެއެވެ. މައްސަރު ކަންތައް ކުރިމަތިވާއިރު، ހޯމޯނަށް ބަދަލު އައުމުގެ ސަބަބުން އޭނާގެ މިޒާޖު ބަދަލުވާނެއެވެ. ހުރިހާ ވަގުތެއްގައި އެއް މިޒާޖެއްގައި އޭނާ ނުހުންނާނެއެވެ. ބައެއްފަހަރު، ޙިކުމަތްތެރިކަމާއި، ހެޔޮ ނަސޭޙަތް ދީގެން ދަރިންގެ އެކި އެކި މައްސަލަތައް އޭނާ ޙައްލުކުރާނެއެވެ. އަދި އެފަދަ ވަގުތުތަކުގައި އޭނާ އެކަންކަމާއި ކުރިމަތިލާނީ ހިތް ހުޅުވާލައިގެން، ވަރަށް ބުއްދިވެރިކަމާ އެކީގައެވެ. އަދި ކުދިންގެ އިޙުސާސްތަކާއި ޝުޢޫރުތަކަށް އޭނާ ރިޢާޔަތްކުރާނެއެވެ. އަނެއްބައި ފަހަރު، އޭނާގެ ނަފްސާނީ ޙާލަތު ހުންނާނީ ވަރަށް ބަލިކަށި ކޮށެވެ. (މިފަދަ ވަގުތަކީ އޭނާ ކޮންމެވެސް ކަމަކާ އޭނާގެ ވިސްނުން މަޝްޣޫލުވެފައި ހުންނަ ވަގުތަކަށް ވެދާނެއެވެ. ނުވަތަ ކޮންމެވެސް ޚަބަރެއްގެ އިންތިޒާރުގައި ހުރި ގަޑިއަކަށްވެސް ވެދާނެއެވެ. ނުވަތަ ކޮންމެވެސް މީހެއްގެ ސަބަބުން ދުއްތުރާކުރިމަތިވެފައި ހުރި ގަޑިއަކަށްވެސް ވެދާނެއެވެ.) މިހެންވުމުގެ ސަބަބުން، ކުޑަކުޑަ ބަހެއް ބުނެލަން ޖެހޭފަދަ އާދައިގެ ކަމެއްގެ ސަބަބުންވެސް ކުދިންނާ ދިމާއަށް ހަޅޭއްލަވައި، ނުވަތަ ޖަހައިވެސްފާނެއެވެ. އޭގެ ސަބަބުން ދަރިފުޅަށް އަނިޔާވެރިކަން އިޙުސާސްކުރެވި، މަންމަގެ އުޅުމަށް މިއަންނަ ބަދަލުތަކުން ޙައިރާންކަން އިތުރުވެގެންދާނެއެވެ.

މަންމައާ ކުރިމަތިވާ އަމިއްލަ މައްސަލަތަކާއި، ތަޙައްމަލުކުރާ ވޭންތައް ހުރެއެވެ. އޭނާ ކަންބޮޑުވާ، އަދި ހިތަށް ތަދުވާ ކަންކަން އޭނާގެ ދިރިއުޅުމުގައި ހުންނާނެއެވެ. ބައެއްފަހަރު އެކަންތައްތަކަކީ ފިރިމީހާއާ ނުވަތަ އޭނާގެ އާއިލާ މީހުންނާ ދެބަސްވާންޖެހޭ ކަންތައްތައް ކަމުގައި ވެދާނެއެވެ. ނުވަތަ މާލީ ގޮތުން އުޅެންޖެހިފައިވާ ދަތި ޙާލުކަމުގައިވެސް ވެދާނެއެވެ. މިފަދަ ކަންކަމަކީ އޭނާގެ މިޒާޖު ބަދަލުވާން މެދުވެރިވާ އަދި ޑިޕްރެޝަންއާ ކުރިމަތިލާންޖެހޭ ކަންކަމެވެ. މީގެ ސަބަބުން މަންމަގެ ނަފްސާނީ ޙާލަތު ދުޅަހެޔޮ މިންވަރެއްގައި ނުހުރެއެވެ. އަދި އޭނާއަށް ހެޔޮ ވިސްނޭގޮތް މަދުވެ، އޭނާގެ ޙިކުމަތްތެރިކަމަށް އޭގެއިން އަސަރު ކުރެއެވެ. އަދި ދަރިންނާ މުޢާމަލާތްކުރަންޖެހޭ ރަނގަޅު ގޮތަށްވެސް މިއިން އަސަރުކުރެއެވެ. އަދި ކުދިންގެ ހިތްތަކުގައި ލޯތްބާއި، އޯގާވެރިކަމުގެ އޮށް އިންދުމަށް ބުރޫއަރައެވެ. އެކުދިންނަށް ހެޔޮމަގު ދެއްކުމަށްވެސް މެއެވެ.

އަހަރެމެން ދިރިއުޅެމުން މިދާ ޒަމާނަކީ މުދާ މަދު، މުޞީބާތްތަކާއި، ބަލިމަޑުކަމާއި، ކުއްލި ޙާދިސާތައް ގިނަ ޒަމާނެކެވެ. މިއީ އެއް ނަޒަރަކުން ބަލާއިރު ކަން އޮތް ގޮތެވެ. އަނެއް ނަޒަރުން ބަލާއިރު، މިޒަމާނަކީ މައިންބަފައިންނަށް ނުކިޔަމަންތެރިވުން ގިނަ، ނުބައި ރަޙުމަތްތެރިން ގިނަ، އަދި އަމިއްލަ އެދުން ބޮޑު، އަދި އަނެކާއާމެދު ކުށްހީ ކުރުން ގިނަ ޒަމާނެކެވެ. މައިންބަފައިން އެބައިމީހުންގެ ވާޖިބުތައް އަދާކުރުމުގައި އިހުމާލުވަނީ އެމީހުންނަށް އެކަންކުރަން ވަގުތެއް ނެތްކަމަށާއި، އަދި ދަރިން ތަރުބިއްޔަތުކުރުމަށް އެމީހުންގެ ޝައުޤުވެރިކަމެއް ނެތްކަމަށާއި ހިތްވަރެއްވެސް ނެތްކަމަށް ބުނެ އުޒުރުދައްކަމުންނެވެ. އަދި އެހެނިހެން މަސްއޫލިއްޔަތުތަކަކީ މާ މުހިއްމު އަދި އޭގެން ފައިދާ ފެންނަ ކަންކަން ކަމުގައި ބުނަމުންނެވެ. އަދި ދަރިން ތަރުބިއްޔަތުކުރުމަކީ މިޒަމާނުގައި އެކަމުން އެއްވެސް ފާއިދާއެއް ނުކުރާނެ ކަމެއް ކަމަށާއި، މިޒަމާނުގައި ރިވެތި ޚުލްޤަށާއި، ރަނގަޅު ކަންކަމަށް އެއްވެސް ޖާގައެއް ނެތްކަމަށާއި، އާރާއި ބާރު އޮތީ ބާރުގަދަ އަދި މުއްސަނދި މީހުންނަށް ކަމުގައި ބުނަމުންނެވެ. އެހެންކަމުން، އެމީހުންގެ ދަރިންނާމެދު އިހުމާލުވަނީ ދުނިޔޭގެ ޙަޔާތަކީ (ދިރިއުޅުމަށް ބޭނުންވާ ހުރިހާ ކަމެއް) ދަސްކޮށްދޭ މަދަރުސާކަމަށް ދެކިގެންނެވެ. އަދި އެކުދިން އެހެން އުޅޭއިރު ކުރިމަތިލާ އެކިއެކި ތަޖުރިބާތަކަކީ އެކުދިން ތަރުބިއްޔަތުކުރުވާނެ، އަދި ފިލާވަޅުތައް އުނގަންނައިދޭނެ މުދައްރިސުކަމަށް ދެކިގެންނެވެ.

4- ވާރުތަކޮށްފައި ހުންނަކަންކަމުގެ ބާރު ގަދަވުން

މިސާލު ބަހެއްގައި އޮވެއެވެ. “ދަރިފުޅަކީ މަޑު ފުށްގަނޑެކެވެ.” ވަރަށް ފަސޭހައިން، ތިބާ ބޭނުން ގޮތަކަށް އޭނާ ބައްޓަންކުރެވިދާނެއެވެ. އެކަމަކު އަހަރެންގެ ތަޖުރިބާއަށް ބަލާފައި އަހަރެން ބުނާނީ މިއީ ތެދު ވާހަކައެއް ނޫނެވެ!

ރަނގަޅު ވާހަކައެކެވެ. ވަކި ނަޒަރަކުން ބަލާލައިފިނަމަ، ދަރިފުޅުވާނީ މަޑު ފުއްގަނޑެއް ފަދައިންނެވެ. އެހެންނަވެސް، މަންމައާއި ބައްޕައަށް، ކޮންމެ ކަމެއްގައި އެމީހުން ބޭނުންވާ ގޮތަށް އެދަރިފުޅު ބައްޓަން ނުކުރެވޭނެއެވެ. އެއީ އެކުދިން ޚަލްޤުކުރެވިގެންވާ ގޮތުގެ ސަބަބުންނެވެ. އެކަންކަމަކީ އެކުއްޖާގެ ޖީންތަކުގައާއި އަދި ވާރުތަކޮށްފައިވާ ސިފަތަކުގައާއި އެކުލެވިގެންވާ، އަދި ވަރަށް އުނދަގުލުން ނޫނީ އެއާ ވަކިވެނުގަނެވޭނެފަދަ ކަންކަމެވެ.

މިކަމާ ތިޔަބައިމީހުން ހައިރާން ނުވާށެވެ! ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘްކުރައްވާފައި ނުވޭތޯއެވެ؟ ((تَخَيَّرُوا لِنُطَفِكُمْ، فَإِنَّ العِرْقَ دَسَّاسٌ)) މާނައީ: “ތިޔަބައިމީހުންގެ ނުޠުފާތަކަށްޓަކާ (ރަނގަޅު މައިން) އިޚްތިޔާރުކުރާށެވެ. ފަހެ، ހަމަކަށަވަރުން ލެޔާއި ލޭ ގުޅޭނެއެވެ. (އެބަހީ؛ ޠަބީޢަތާއި މިޒާޖުތައް ވާރުތަކުރާނެއެވެ.)”[1] އޭ މައިންބަފައިންނޭވެ! އެއް ލެޔަކުން އުފެދިފައިވާ ކުދިންގެ މެދުގައި ހުންނަ މިޒާޖުގެ ތަފާތު ތިބާ ނުދެކެން ހެއްޔެވެ؟  އެއްމާބަނޑު ދެބެއިންވެސް މިޒާޖުގެ ގޮތުން ތަފާތެވެ. އެހެންވީމާ، އެހެން ކުދިންނަށް އަދި ވާނީ ކިހިނެތް ހެއްޔެވެ؟ ކުދިންގެ މިޒާޖު އެކުދިން އުފަންވާއިރަށްވެސް ދެނެގަނެވެއެވެ. ބައެއްކުދިން ކިތަންމެ ބަނޑުހައިވިއަސް ނުރޮއި ގިނަ އިރު ތިބެއެވެ. އަނެއް ކުއްޖަކު، އެކުއްޖާގެ މަންމަ ވާހަކަ ދައްކަން ފަށާއިރަށް ގާތުން ބުއިން ހުއްޓައެވެ. އަނެއް ކުއްޖަކު ހަރަކާތްކުރުން ހިނދުކޮޅަކަށްވެސް ހުއްޓާނުލައެވެ.

ކުއްޖާގެ އުމުރުން ދެއަހަރު ވުމުން، ދީލަތި ކުއްޖާއާއި ދަހި ކުއްޖަކީ ކޮބައިކަން އެނގޭނެއެވެ. އަދި މާފުކުރާ ކުއްޖަކީ ކޮބައިކަމާއި، ރުޅިވެރިކަން ހިތުގައި ބާއްވާ ކުއްޖަކީ ކޮބައިކަން އެނގިގެންދާނެއެވެ. އަދި މަޑުމައިތިރި ކުއްޖަކީ ކޮބައިކަމާއި، ހަލަނި ކުއްޖަކީ ކޮބައިކަން އެނގޭނެއެވެ. މިހުރިހާ ކަމެއް އުފެދިގެން މިއައީ ކޮން ތަނަކުން ހެއްޔެވެ؟ އެއީ އެކުދިންނަށް ވާރުތަކޮށްފައިވާ އެކުދިންގެ ޖީންތަކުގައި ހުރި ކަންކަމެވެ. އެކުދިންގެ ހުރިހާ ސެލްތަކެއްގައި ބިންވަޅުނެގިފައިވާ ކަންކަމެވެ. އެހެންކަމުން، މިފަދަ ކަންކަމުން ސަލާމަތްވާން ދުވާނީ ކޮންތަނަކަށް ހެއްޔެވެ؟

ތަހުޒީބާއި، ރިވެތި އަދަބުތައް ކުއްޖާ ވަރަށް ފަސޭހައިން ދަސްކޮށް އަދި އެކަމުގައި ކުރިއަރައިދެއެވެ. އެހެނަސް ކުއްޖާގެ މިޒާޖު އެއްކޮށް ބަދަލުވުން ވެގެންދާނީ މުޢުޖިޒާތެއްފަދަ ކަމަކަށެވެ. އަދި އެކަންކުރުން ވެގެންދާނީ ވަރަށް އުނދަގޫ އަދި ބުރަ ކަމަކަށެވެ. ކެތްތެރިކަމާއި، މިޒާޖު ބަދަލުކުރުމުގައި ދެމިހުރުން ބޭނުންވާނެ ކަމަކަށެވެ. ބައެއްފަހަރު މިކަން ކުރުމުގައި ނާކާމިޔާބުވެސް ވެދާނެއެވެ. ކުއްޖާގެ ހިތާއި ނަފްސު ލެނބިގެންދާ ކަންކަން އެއްކޮށް ބަދަލުކުރުންވެގެންދާނީ ދުނިޔޭގެ ހަތް އަޖާއިބުން ކުރެ އަޖާއިބަކަށެވެ. ޢިލްމީ އަދި ހިސާބަށް ޝައުޤުވެރިވާ ސިކުނޑިއެއް ލިބިފައިވާ ކުއްޖެއް، އަދަބީ ކަންކަމަށް ލަންބުވާނީ ކިހިނެތް ހެއްޔެވެ؟ ވިޔަފާރިއާއި، އޭގެ ހުނަރުތަކަށް ލޯބިކުރާ ކުއްޖަކު، ސަރުކާރުގެ ވަޒީފާއެއް އަދާކުރަން ހިތްޖައްސުވާނީ ކިހިނެތް ހެއްޔެވެ؟ ކުރުކޮށް ބުނާނަމަ، އަހަރެމެން ބޭނުންވާ ގޮތަށް އެކުދިންގެ ޝަޚުޞިއްޔަތު އަހަރެމެންނަށް ބައްޓަން ނުކުރެވޭނެއެވެ. އެކަން ކަނޑައަޅާނީ އެކުދިން އުފެދިފައިވާ ގޮތާއި، އަދި އެކުދިންގެ ހިތް ލެނބޭ ކަންކަމާއި އެކުދިންގެ  ހަވާނަފްސެވެ.

އެހެންކަމުން، ކޮންމެ ދުވަހަކު، ކުއްޖާ ހުށަހެޅޭ ތަފާތު ޙާލަތްތަކުގެ ސަބަބުން، ކުއްޖާ ވަކި ގޮތަކަށް ބައްޓަންކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. (މިސާލަކަށް؛ ގޭގެ އަހުލުންނާއެކުގައެވެ. މަދަރުސާގައެވެ. އަދި ވަށައިގެންވާ މާޙައުލުންނެވެ.) އެހެންކަމުން ކޮންމެކުއްޖަކުވެސް މިފަދަ ޙާލަތްތަކާ ކުރިމަތިލާނީ އެކުއްޖަކަށް ޚާއްސަ ގޮތަކަށެވެ. އަދި އޭގެ އަސަރު އޭނާގެ ނަފްސުގައި ހަރުލާނީ އެހެންކުދިންނާއި ތަފާތު، އޭނާއަށް ޚާއްސަ ގޮތަކަށެވެ. އަދި އޭގެ ސަބަބުން އޭނާގެ ފިކުރާއި، އޭނާއަށް ކަމުދާ ކަންކަން ބައްޓަންވެ، އޭނާ ކަންކަމާމެދު ވިސްނާގޮތަށާއި، އޭނާގެ ސުލޫކަށް އޭގެ އަސަރުކުރާނެއެވެ. އެއީ  ކުއްޖާގެ އިޖުތިމާޢީ، އަދި އިޤުތިޞާދީ ޙާލަތާއި އަދި ނަފްސުގެ ދުޅަހެޔޮކަންވެސް އޭނާގެ މިޒާޖު ބައްޓަންކުރުމުގައި ރޯލު ކުޅޭ ފަދައިންނެވެ. އަދި އޭނާގެ ސިސްޓަމްގައި އެކަން ހަރުލާފަދައިންނެވެ. އޭނާގެ ޝުޢޫރާއި، އޭނާގެ ބުއްދީގައެއް ނޫނެވެ. މިކަންކަން މަންމައަށް ނުފެންނާނެއެވެ. އަދި މަންމައަށް ނުވެސް އެނގޭނެއެވެ. އެހެނަސް އޭރަށް ކުއްޖާގެ ސިކުނޑީގައި އެކަންކަން އެނބުރި އޭނާގެ ސިކުނޑީގެ ވިސްނުން ބަދަލުކޮށްލައެވެ. އެހެންކަމުން، ރަނގަޅު މަގު ދައްކައިދިނުމުން އެއަށް ބޯލަނބައި ކިޔަމަންތެރިވުމުގައިވެސް މިކަން ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.

_________________________

[1] މި ޙަދީޘަކީ ޞައްޙަ ޙަދީޘެއް ނޫނެވެ. މި ޙަދީޘްގެ ޞައްޙަ ރިވާޔަތަކީ ((تَخَيَّرُوا لِنُطَفِكُمْ، وَأَنْكِحُوا الأَكْفَاءَ وَأَنْكِحُوا إِلَيْهِمْ)) (سنن ابن ماجه: باب الأكفاء، رقم الحديث: 1968، وصححه الألباني في الصحيحة: رقم الحديث: 1067) މާނައީ: “ތިޔަބައިމީހުންގެ ނުޠުފާތަކަށްޓަކާ (ރަނގަޅު މައިން) އިޚްތިޔާރުކުރާށެވެ. އަދި (ދީންވެރިކަމާއި އަޚްލާޤުގެ ގޮތުން) ކުފޫ ހަމަވާ ބަޔަކާ ކައިވެނި ކުރާށެވެ! އަދި އެފަދަ ބަޔަކާއި (ތިޔަބައިމީހުންގެ ދަރީން) ކައިވެނިކޮށްދޭށެވެ!”

__________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!