[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާގެ ފިލާވަޅު 6 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

قَالَ الطَّحَاوِيُّ رحمه الله: “وَلاَ شَيْءَ مِثْلُهُ، وَلاَ شَيْءَ يُعْجِزُهُ، وَلاَ إِلَهَ غَيْرُهُ”.

ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.

“އަދި އެއިލާހާ އެއްފަދަ ވެގެންވާ ހަމައެކައްޗެއްވެސް ނުވެއެވެ. އަދި އެއިލާހަށް ނުކުޅައްދާނެ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެއިލާހު ފިޔަވައި ޙައްޤު އެހެން އިލާހެއްނުވެއެވެ.”

_________________________________________________________________

(ކުރީގެ ބަޔާގުޅޭ)

ޝަރަޙަ:

* އިމާމް ޠަޙާވީ ރަޙިމަހުﷲގެ ދެވަނަ ޖުމްލަ “وَلاَ شَيْءَ يُعْجِزُهُ” (އަދި އެއިލާހަށް ނުކުޅައްދާނެ އެއްވެސް އެއްޗެއް ނުވެއެވެ.) ދަންނައެވެ. މިޖުމްލައިން އަންގައިދެނީ ربّ ވަންތަކަމުގައި އެއިލާހު އެއްކައުވަންތަކަމެވެ. މިޖުމްލައިގެ މުރާދަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ނުކުޅެދުންތެރިވެގެންވާ އެއްވެސް އެއްޗެއް އަދި ކަމެއް ނުވެއެވެ. އެއިލާހުގެ ޤުދުރަތްތެރިކަމުގެ ފުރިހަމަކަމާއި، އެއިލާހުގެ ޢިލްމުފުޅުގެ ތަނަވަސްކަމާއި، އެއިލާހުގެ ބާރުވެރިވަންތަކަމުން އެއިލާހީ ހުރިހާކަމަކަށް ކުޅަދުންވަންތަ އިލާހެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((وَمَا كَانَ اللَّهُ لِيُعْجِزَهُ مِنْ شَيْءٍ فِي السَّمَاوَاتِ وَلا فِي الأَرْضِ إِنَّهُ كَانَ عَلِيمًا قَدِيرًا)) فاطر: 44 މާނައީ: “އަދި އުޑުތަކުގައިވިޔަސް، ބިމުގައިވިޔަސް ﷲ އަށް ނުކުޅައްދާނެ އެއްވެސް އެއްޗެއް ނުވެއެވެ. ހަމަކަށަވަރުން، އެއިލާހީ، މޮޅަށް ދެނެވޮޑިގެންވާ، ކުޅަދުންވަންތަ އިލާހު ކަމުގައިވިއެވެ.” މިއާޔަތުގައި ﷲ އެއަންގަވަނީ، އުޑުތަކުގައިވިޔަސް، އަދި ބިމުގައިވިޔަސް އެއިލާހަށް ނުކުޅައްދާނެ އެއްޗެއް ނުވާކަމުގައެވެ. އެކަމުގެ ސަބަބުކަމުގައި އެއިލާހު އެބަޔާންކުރައްވަނީ އެއިލާހުގެ ދެނެވޮޑިގެންވުން ތަނަވަސްކަމާއި، އެއިލާހުގެ ކުޅަދުންވަންތަކަމާއެވެ. މިއާޔަތުގެ އަލީގައި ކަމަކަށް ނުކުޅަދާނަވުން ބިނާވެގެންވަނީ ތިން ސަބަބަކާއެވެ. އެގޮތުން:

ފުރަތަމައީ: ޢިލްމު ނެތުމެވެ. ކަމަކާބެހޭ ޢިލްމު ނެތިއްޖެނަމަ އެކަމެއްކުރުމަށް ނުކުޅެދޭނެއެވެ.

ދެވަނައީ: ކުޅަދާނަކަން ނެތުމެވެ. ޢިލްމު ލިބިފައިވީނަމަވެސް، ކުރަންބޭނުންވާ ކަންތައް ތަންފީޛުކުރުމަށްޓަކައި ކުޅަދާނަކަން ބޭނުންވާނެއެވެ.

ތިންވަނައީ: ޢިލްމާއި ކުޅެދުންތެރިކަން އެއްކޮށް ނެތުމެވެ.

މިސަބަބާހުރެ، ﷲ ސުބުޙާނަހޫ ވަތަޢާލާ ކުރިން ދެންނެވުނު އާޔަތުގައި، އުޑުތަކާއި ބިމުގައި އެއިލާހަށް ނުކުޅައްދާނެ އެއްޗެއް ނުވާކަން ބަޔާންކުރެއްވުމަށްފަހު، އެއިލާހަށް ޢިލްމާއި ޤުދުރަތްތެރިކަން އިޘްބާތުކުރައްވާފައިއެވަނީއެވެ.

އިމާމް ޠަޙާވީގެ މިޖުމްލާގައި އެގެންނަވާފައި އެވާ ބަސްފުޅުން، ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ވަރަށް މުހިއްމު ޤަވާޢިދެއް ދޭހަކޮށްދެއެވެ. އެއީ ޤުރުއާނާއި ސުންނަތުގައި ﷲ ސުބުޙަނަޙޫ ވަތަޢާލާއަށް ޞިފަފުޅެއް ނަފީކުރައްވައިފިކަމުގައިވާނަމަ، އެއިލާހުގެ ކިބައިން އެޞިފަފުޅު ނަފީކުރުމާއެކު، އެޞިފަފުޅުގެ އިދިކޮޅު ޞިފަފުޅު އެންމެ ފުރިހަމައަށް އެއިލާހަށް އިޘްބާތުކުރަންޖެހޭނެއެވެ. އެނަފީކުރައްވާފައިވާ ޞިފަފުޅު ހަމައެކަނި ނަފީކުރުމަކުން ނުފުދޭނެއެވެ. އެހެނީ، ހަމައެކަނި ޞިފައެއް ނަފީކުރުމަކީ ފުރިހަމަގޮތެއް ނޫނެވެ. މިސާލެއްގެގޮތުން އާޔަތުލްކުރުސީގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((لا تَأْخُذُهُ سِنَةٌ وَلا نَوْمٌ)) البقرة: 255 މާނައީ: “އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެއިލާހަކަށް ނުވެއެވެ.” އަހަރެމެން ހަމައެކަނި މިދެޞިފަފުޅު ނަފީކުރުމަކުން ނުފުދޭނެއެވެ. ނަފީކުރުމާއެކު، އެއިލާހީ އެންމެ ފުރިހަމަގޮތުގައި ދިރިދެމިވޮޑިގެންވުމާއި، ދާއިމަށް ޤާއިމުވެވޮޑިގެންވުން އެއިލާހަށް އިޘްބާތުކުރަންޖެހެއެވެ. އެއިލާހަށް “الحَيُّ” އަދި “القَيُّومُ” މިދެއިސްމުފުޅު ލިބިވޮޑިގެންވެއެވެ. މިފަދަ މިސާލުތައް ކީރިތި ޤުރުއާނާއި ސުންނަތުގައި ގިނަގުނައެވެ.

(މިއަންނަބައިގައި މިޝަރަޙައިގެ ބަކީ ބައި ގެނެސްދިނުމުގެ އުއްމީދުގައި މިބައި ނިންމާލަމެވެ. إن شاء الله)

 _________________________________________________

ސުވާލު:

1. އިމާމް ޠަޙާވީ ރަޙިމަހުﷲގެ “وَلاَ شَيْءَ يُعْجِزُهُ” (އަދި އެއިލާހަށް ނުކުޅައްދާނެ އެއްވެސް އެއްޗެއް ނުވެއެވެ.) މިޖުމްލައިގެ  މުރާދަކީ  ކޮބާ؟

2. ކަމަކަށް ނުކުޅަދާނަވުން ބިނާވެގެންވާ ތިން ސަބަބަކީ ކޮބާ؟

3. އިމާމް ޠަޙާވީ ރަޙިމަހުﷲގެ “وَلاَ شَيْءَ يُعْجِزُهُ” (އަދި އެއިލާހަށް ނުކުޅައްދާނެ އެއްވެސް އެއްޗެއް ނުވެއެވެ.) މިބަސްފުޅުން ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ވަރަށް މުހިއްމު ޤަވާޢިދެއް ދޭހަކޮށްދެއެވެ. އެޤަވާޢިދަކީ ކޮބާ؟

4. ﷲ ސުބުޙާނަހޫ ވަތަޢާލާ، ނަފީކުރައްވާފައިވާ ޞިފަ ހަމައެކަނި ނަފީކުރުމުން ފުދޭނެ ހެއްޔެވެ؟

5. ﷲ ސުބުޙާނަހޫ ވަތަޢާލާ، އެއިލާހުގެ ނަފްސުފުޅަށް ނަފީކުރައްވާފައިވާ ޞިފަފުޅެއްގެ މިސާލެއް ބުނެދީ!

__________________________________________________

ޢަޤީދާގެ ފިލާވަޅުގެ ކުރީގެ ފިލާވަޅުތައް