[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމަކީ ކޮބާ ހެއްޔެވެ؟

 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَا مِنْ أَيَّامٍ العَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ العَشْرِ»، فَقَالُوا: يَا رَسُولَ اللَّهِ، وَلَا الجِهَادُ فِي سَبِيلِ اللَّهِ؟ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «وَلَا الجِهَادُ فِي سَبِيلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ» [رواه الترمذي في سننه برقم: (757) وصححه الألباني في الإرواء برقم: (953)]

މާނައީ: “ހެޔޮ ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށް ވުރެ (އެބަހީ: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.”

އެކަލޭގެފާނަށް ސުވާލު ދެންނެވުނެވެ. “އޭﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެވެސް ބޮޑަށް ހެއްޔެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. އޭނާގެ ޖާނާއި މާލުން ޖިހާދުކުރުމަށް ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނުއަންނަ މީހާ ފިޔަވައެވެ.”

 

ޙައްޖުމަހުގެ ނުވަ ވަނަ ދުވަހު (ޢަރަފާތް ދުވަހު) ރޯދަ ހިފުން ސުންނަތްވެގެންވޭ ހެއްޔެވެ؟

 

ޙައްޖުމަހުގެ ނުވަ ވަނަ ދުވަހު (ޢަރަފާތް ދުވަހު) ރޯދަ ހިފުމަކީ ސުންނަތެކެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«صِيَامُ يَوْمِ عَرَفَةَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ، وَالسَّنَةَ الَّتِي بَعْدَهُ» [رواه مسلم في صحيحه برقم: 196 –  (1162)]

މާނައީ: ”ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން، އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް، ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”

 

ޙައްުޖު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަށްވަނަ ދުވަހާ ހަމައަށް ރޯދަ ހިފުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟

 

* ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައި ހެޔޮ ޢަމަލުކުރުމަށް ބާރުއަޅުއްވާފައިވާ ޙަދީޘްގައިވަނީ: “ހެޔޮ ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށްވުރެ (އެބަހީ: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.” ރޯދަ ހިފުމަކީ ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ މަތިވެރި އެއް ޢަމަލެވެ. އެހެންކަމުން އެދުވަސްތަކުގައި ރޯދަ ހިފުމަކީ އެދެވިގެންވާ ކަމެކެވެ. [1]

* އެ ދުވަސްތަކުގައި ރޯދަ ހިފުމުގެ ޙުކުމާ ގުޅޭ ގޮތުން ޚާއްޞަ ދެ ޙަދީޘެއް ވާރިދުވެފައި ވެއެވެ. އެ ދެ ޙަދީޘަށް ތަފުޞީލު ގޮތެއްގައި މި ލިޔުމުގައި އަލިއަޅުވާލާނަމެވެ.

 

ފުރަތަމަ ޙަދީޘް:

 

«كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ تِسْعَ ذِي الْحِجَّةِ…» [رواه أبو داود في سننه برقم: (2437) وصححه الألباني في صحيح أبي داود برقم: (2106)]

މާނައީ: “ޛުލް ޙިއްޖާ މަހުގެ (ފުރަތަމަ) ނުވަ ދުވަހުގައި ﷲގެ ރަސޫލާ صلى الله عليه وسلم ރޯދަ ހިއްޕަވައެވެ.”

މިޙަދީޘް ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި އަންނަނިވި ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.

أبو داود في “سننه” برقم: (2437) ، والنسائي في “المجتبى”  برقم: (2372) برقم:  (2417) برقم: (2148) والنسائي في “الكبرى” برقم: (2693) ، برقم: (2738) ، وأحمد في “مسنده” برقم: (22334) ،  برقم: (26468) ،  برقم: (27376) ، وأبو يعلى في “مسنده” برقم: (7041) ، برقم: (7048) ، والطحاوي في “شرح معاني الآثار”  برقم: (3291) والطبراني في “الكبير” برقم: (354) ، برقم: (396). وابن حبان في “صحيحه” برقم: (6422) والبيهقي في “سننه الكبير”  برقم: (8393).

އަބޫ ދާވޫދު އެކަލޭގެފާނުގެ ސުނަނުގައި ރިވާކުރައްވާފައިވާ (ޙަދީޘް ނަންބަރު: 2437) ޙަދީޘް ޞައްޙަ ކުރެއްވި ޢިލްމުވެރިންގެ ތެރޭގައި އަންނަނިވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

صحح إسناده الألباني في صحيح أبي داود برقم: (2106) وحسنه عبد القادر الأرناؤوط في تحقيقه لجامع الأصول لابن الأثير برقم: (4460) (6/320) وصححه محمد صبحي حلاق في تحقيقه لنيل الأوطار للشوكاني برقم: (8/392).

މިޙަދީޘަކީ ޟަޢީފު ޙަދީޘެއްކަމުގައި الزيلعي (نصب الراية (2/157)) ވިދާޅުވެފައިވެއެވެ. އަދި މިޙަދީޘްގެ ސަނަދުގައި ހުރި ޚިލާފުތައް الحافظ المنذري (مختصرسنن أبي داود برقم: (2327))، وابن أبي حاتم (العلل برقم: (671))  والدارقطني (العلل برقم: (3945)) ގައި ފާހަގަކޮށްފައިވެއެވެ.

މިޙަދީޘް ޟަޢީފުކަމަށް ދެކެވަޑައިގަންނަވާ ބޭކަލުން މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައިވަނީ މި ޙަދީޘް ރިވާކުރެއްވިއިރު هنيدة بن خالد އެކި ފަހަރު އެކި ބޭކަނބަލުންގެ އަރިހުން މިޙަދީޘް ރިވާކުރައްވާފައިވާތީ އެއީ ސަނަދުގައި ހުރި ހަމަނުޖެހުމެއް (اضطراب އެއް) ކަމުގައެވެ. އަދި މިނޫން ބައެއް އެހެން ނުކުތާވެސް މިޙަދީޘުގެ ސަނަދުން ފާހަގަކުރައްވައެވެ.

މިކަމަށް ޖަވާބުދެއްވަމުން ޝައިޚް ނާޞިރުއްދީން އަލްއަލްބާނީ (صحيح أبي داود برقم: (2106)) ވިދާޅުވެފައިވަނީ ހުނައިދާ ބުން ޚާލިދު މި ޙަދީޘް އެންމެ ފުރަތަމަ އެކަލޭގެފާނުގެ އަނބިކަނބަލުންގެ އަރިހުން އައްސަވާފައި އެއަށްފަހު ސީދާ ޙަފްޞާ رضي الله عنها ގެ އަރިހުން މި ޙަދީޘް އަޑުއެއްސެވިކަމުގެ އިޙްތިމާލު އޮތްކަމުގައެވެ. އޭރުން މިކަންވެގެން ދާނީ ގުޅިފައިވާ ސަނަދަކަށް އިތުރަށް ބާރު ލިއްބައިދޭ ކަމަކަށެވެ. އަދި މިޙަދީޘްގެ ބައެއް ސަނަދުތައް ޞައްޙަކަމުގައި ޝައިޚް ނާޞިރުއްދީން އަލްއަލްބާނީ ބުރަވެވަޑައިގަންނަވައެވެ.

ކޮންމެއަކަސް އިސްވެ ބަޔާންވެ ދިޔަ ފަދައިން މި ޙަދީޘް ޞައްޙަކުރައްވާ ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ޞައްޙަކަމުގައި ބެލިޔަސް އަދި ޞައްޙަ ނޫންކަމުގައި ދެކިވަޑައިގަންނަވާ ޢިލްމުވެރިންގެ ބަސްފުޅުގެ އަލީގައި ޞައްޙަ ނޫންކަމުގައި ބެލިޔަސް، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައި ހެޔޮ ޢަމަލުކުރުމަށް ބާރުއަޅުއްވާފައިވުމުން އެކަމުގައި ރޯދަ ހިފުންވެސް ޝާމިލުވެއެވެ.

އެހެންކަމުން މިޙަދީޘް ޞައްޙަވުމާއި ޟަޢީފުވުމުން އެކަމުގެ ޙުކުމަށް އިތުރު ބަދަލެއް ނާދެއެވެ.

 

ދެވަނަ ޙަދީޘް:

 

عَنْ عَائِشَةَ رَضِيَ اللهُ عَنْهَا: «أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ لَمْ يَصُمِ الْعَشْرَ» [رواه مسلم في صحيحه برقم: 10 – (1176)]

މާނައީ: “(ޙައްޖުމަހުގެ ފުރަތަމަ) ދިހަ ދުވަހުގައި ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ރޯދަ ނުހިއްޕަވައެވެ.”

މި ޙަދީޘާ ބެހޭގޮތުން އައްނަވަވީ رحمه الله ވިދާޅުވިއެވެ.

“މިޙަދީޘުން (ޙައްޖުމަހުގެ ފުރަތަމަ) ދިހަ ދުވަހުގައި ރޯދަ ހިފުމަކީ މަކްރޫހަކަމެއްކަމުގައި ދޭހަވެދާނެއެވެ. އެހެނަސް އެއީ މި ޙަދީޘްގެ މުރާދެއް ނޫނެވެ. މި ޙަދީޘްގައިވާ “ދިހަ ދުވަހުގައި” ގެ މުރާދަކީ ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހެވެ. މި ނުވަދުވަހުގައި ރޯދަ ހިފުމަކީ މަކުރޫހަކަމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. ވަކިން ޚާއްޞަކޮށް ނުވަވަނަ ދުވަހެވެ. އެއީ ޢަރަފާތު ދުވަހެވެ.” [2]

ފުރަތަމަ ޙަދީޘްގައި ނަބިއްޔާ صلى الله عليه وسلم އެދުވަސްތަކުގައި ރޯދަ ހިއްޕެވިކަމަށް ވާރިދުވެފައި އަނެއް ޙަދީޘްގައި އެކަލޭގެފާނު ރޯދަ ނުހިއްޕަވާކަމަށް ވާރިދުވެފައިވާތީ ޢިލްމުވެރިން މި ޙަދީޘްތަކުން ދޭހަވާ ޖުމްލަ މާނައާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައި ވެއެވެ. އެގޮތުން މި ޙަދީޘްތަކުން މާނަ ނެގިދާނެ ބައެއް ގޮތްތަކަކީ:

ފުރަތަމައީ:

ޢާއިޝާ رضي الله عنها ބަޔާންކުރައްވާފައިވަނީ އެކަމަނާއަށް ފެނިވަޑައިގެންނެވި ކަމެކެވެ. އަދި އެނޫން ބޭކަނބަލަކު އެ ބަޔާންކުރައްވަނީ އެބޭކަނބަލަކަށް ފެނިވަޑައިގެންނެވި ކަމެކެވެ. ކަމެއް އެނގޭ މީހާއަކީ ނޭނގޭ މީހަކާ ދެކޮޅަށް ހުރި ޙުއްޖަތެކެވެ. އަދި ކަމެއް ޘާބިތުކުރާ މީހާ، ނަފީކުރާ މީހާގެ މައްޗަށް އިސްކަން ދެވޭނެއެވެ. މި ދެ ޙަދީޘުގައި މިވާ ތަޢާރުޟާ ގުޅޭ ގޮތުން އިމާމު އަޙްމަދުގެ ބަސްފުޅަކީ މިއީއެވެ. [3]

ދެވަނައީ:

ދަތުރެއްގެ މަތީގައި އުޅުއްވުމުން ނުވަތަ އާލާސްކަންފުޅާ އުޅުއްވުމުން ނުވަތަ އަވަދިނެތި އުޅުއްވުމުން، ނަބިއްޔާ صلى الله عليه وسلم އެ ދުވަސްތަކުގައި ރޯދަ ހިއްޕެވުން ދޫކޮށްލެއްވީކަމުގައިވުން އެކަށީގެންވެއެވެ. ފަހެ ޢާއިޝާ رضي الله عنها އެ ވިދާޅުވީ އެކަމަނާއަށް ފެނިވަޑައިގެންނެވި ކަމެކެވެ.

އަންނަވަވީ رحمه الله ވިދާޅުވިއެވެ.

“މިޙަދީޘުން މާނަ ނެގެނީ އެކަމަނާއަށް (އެބަހީ: ޢާއިޝާ رضي الله عنها އަށް) އެކަލޭގެފާނު ރޯދަ ހިއްޕަވަނިކޮށް ފެނިވަޑައިނުގަންނަވަނީ ކަމުގައެވެ. އެކަލޭގެފާނު އެކަން ދޫކޮށްލެއްވިކަމަށް އެއިން ލާޒިމެއް ނުވެއެވެ. އެހެނީ އެކަލޭގެފާނު އެކަމަނާގެ އަރިހުގައި ހުންނަވަނީ ނުވަ ދުވަހުން އެއް ދުވަހެވެ. އެހެން ދުވަސްތަކުގައި ހުންނަވަނީ އެހެން އަނބިކަނބަލެއްގެ އަރިހުގައެވެ. ނުވަތަ އެކަލޭގެފާނު އޭގެ ތެރެއިން ބައެއް ދުވަސްތަކުގައި ބައެއް އަހަރުތަކުގައި ރޯދަ ހިއްޕެވީ ކަމުގައި ވެދާނެއެވެ. އެއީ ދަތުރެއްގެ މަތީގައި އުޅުއްވަމުން ނުވަތަ އާލާސްކަންފުޅާ އުޅުއްވަމުން ނުވަތަ އެނޫން ސަބަބަކާ ހުރެ ކަމުގައިވެސް ވެދާނެއެވެ.” [4]

އައްޝައުކާނީ رحمه الله ވިދާޅުވިއެވެ.

“ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މަތިވެރިކަމަށް ދަލީލުކުރާ އާންމު ޙަދީޘްތައް އިސްވެ ބަޔާންވެ ހިނގައްޖެއެވެ. ރޯދަ ހިފުންވެސް ހިމެނިގެންވަނީ އެކަމުގެ (އެބަހީ: ހެޔޮޢަމަލުގެ) ތެރޭގައެވެ. ޞަޙީޙު މުސްލިމުގައި ޢާއިޝާ رضي الله عنها ގެ އަރިހުން އެކަމަނާ ވިދާޅުވިކަމަށް ރިވާކުރައްވާފައިވެއެވެ.

«أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ لَمْ يَصُمِ الْعَشْرَ»

މާނައީ: “(ޙައްޖުމަހުގެ ފުރަތަމަ) ދިހަ ދުވަހުގައި ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ރޯދަ ނުހިއްޕަވައެވެ.”

ފަހެ، ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. (މި ބަސްފުޅުގެ) މުރާދަކީ އާލާސްކަންފުޅާ އުޅުއްވުމުން ނުވަތަ ދަތުރެއްގެ މަތީގައި އުޅުއްވުމުން ނުވަތަ އެނޫން ސަބަބަކާ ހުރެ ރޯދަ ނުހިއްޕެވުނީ ކަމުގައި ވެދާނެއެވެ. ނުވަތަ އެކަލޭގެފާނު ރޯދައަށް ހުންނަވަނިކޮށް އެކަމަނާއަށް ފެނިވަޑައިނުގެންނެވުމުން އެކަލޭގެފާނު ރޯދަ ނުހިއްޕަވާކަމަށްވުން ލާޒިމެއް ނޫނެވެ. އެހެނީ އެ ދުވަސްތަކުގައި ރޯދަ ހިފުން ޝަރުޢުވެގެންވާކަން އެކަލޭގެފާނުގެ ބަސްފުޅުން ޘާބިތުވެއެވެ.” [5]

ތިންވަނައީ:

ބައެއް ފަހަރު، ނަބިއްޔާ صلى الله عليه وسلم ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހުގައި ރޯދަ ހިއްޕެވުން ދޫކޮށްލައްވަނީ ކަމުގައިވުން އެކަށީގެންވެއެވެ. އެހެނީ އުންމަތުގެ މައްޗަށް އެކަން ފަރުޟުވެދާނެކަމުގެ ބިރަށްޓަކައި އެކަލޭގެފާނު އެފަދައިން ޢަމަލުކުރައްވައެވެ. އެއީ ރަމަޟާންމަހުގެ ތަރާވީޙުނަމާދުވެސް ޖަމާޢަތުގައި ކުރެއްވުން އެ ސަބަބަށްޓަކައި އެކަލޭގެފާނު ދޫކޮށްލެއްވިއެވެ.

މިނުކުތާ އަލްޙާފިޡު އިބްނު ޙަޖަރު رحمه الله ފާހަގަކުރައްވާފައިވެއެވެ. [6]

މިމައްސަލައިގައި ސުވާލުދެންނެވުން ޝައިޚު ޢުޘައިމީނު [7] رحمه الله އަދި ޝައިޚު ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله ވެސް [8] ފަތުވާދެއްވާފައިވަނީ ޙައްޖުމަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުން އެދެވިގެންވާ ކަމުގައެވެ.

 

ޚުލާޞާ:

 

– ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ ހެޔޮ ޢަމަލުކުރުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.”

– ޙައްޖުމަހުގެ ނުވަވަނަ ދުވަހުގައި (ޢަރަފާތު ދުވަހުގައި) ޙައްޖުވެރިން ފިޔަވާ އެހެނިހެން މީސްތަކުން ރޯދަ ހިފުމަކީ ސުންނަތެކެވެ.

– ޙައްޖުމަހުގެ 1 – 8 އަށް ރޯދަ ހިފުމަށް އެދޭ މީހަކު އެދުވަސްތަކުގައި ރޯދަ ހިފުމަކީވެސް އެދެވިގެންވާ ކަމެކެވެ. އެފަދައިން ރޯދަ ހިފާ އިރު ބައެއް ދުވަސްތަކުގައި ހިފާފައި އަނެއްބައި ދުވަސްތަކުގައި ރޯދަ ދޫކޮށްލުމަކީ މައްސަލައެއް ނޫނެވެ.

 


[1] ބައްލަވާ: نيل الأوطار للشوكاني (8/393).

[2] ބައްލަވާ: شرح صحيح مسلم للنووي (8/71).

[3] ބައްލަވާ: الشرح الممتع لعثيمين (6/470).

[4] ބައްލަވާ: المجموع للنووي (6/387 – 388).

[5] ބައްލަވާ: نيل الأوطار للشوكاني (4/283).

[6] ބައްލަވާ: فتح الباري لابن حجر (2/460).

[7]ބައްލަވާ: لقاء الباب المفتوح  (92 /12)

[8] ބައްލަވާ: مجموع فتاوى ومقالات الشيخ ابن باز (15/ 417)