الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އަނިޔާވެރިކަމަކީ ކޮބާ؟
އަނިޔާވެރިކަމަކީ ކަމެއް އެ އޮންނަންވާ ގޮތް ނޫން އެހެން ގޮތަކަށް ކުރުމެވެ. ނުވަތަ އެއްޗެއް އެ އޮންނަންވާ ތަން ނޫން އެހެން ތަނަކަށް ލުމެވެ. އެއީ އެއްޗެއް ނުވަތަ ކަމެއް އިތުރުކޮށްގެން ނުވަތަ އުނިކޮށްގެނެވެ. ނުވަތަ އޭގެ ވަގުތުން ނުވަތަ ތަނުން އެއްކިބާ ކޮށްގެންނެވެ. [1]
އަނިޔާވެރިކަމުގެ ވައްތަރުތައް
އަނިޔާވެރިކަން ތިން ބަޔަކަށް ބެހިގެންވެއެވެ. [2] އެއީ:
1- ޝިރުކުކުރުން
އެންމެ ބޮޑުވެގެންވާ އަނިޔާވެރިކަމަކީ ﷲ ތަޢާލާގެ ޙައްޤު އެހެން ފަރާތަކަށް އަދާކުރުމެވެ. އެއީ ޝިރުކުކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ﴾ [سورة لقمان ١٣]
މާނައީ: “ހަމަކަށަވަރުން ޝަރީކުކުރުމަކީ ބޮޑުވެގެންވާ އަނިޔާވެރިކަމެކެވެ.”
އެބަހީ: އެއީ އެންމެ ބޮޑުވެގެންވާ އަނިޔާވެރިކަމެވެ. [3]
2- މީސްތަކުންނަށް އަނިޔާވެރިވުން
އިސްލާމްދީނުގައިވަނީ ކޮންމެ މީހަކަށްވެސް އެކަށީގެންވާ ޙައްޤު ކަށަވަރުކޮށްދެއްވާފައެވެ. އަދި މީސްތަކުންނަށް އަނިޔާވެރިވުންވަނީ ނަހީކުރައްވާފައެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ވާރިދުވެފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
«يَا عِبَادِي! إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي، وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا فَلَا تَظَالَمُوا» [رواه مسلم في صحيحه برقم: 55 – (2577)]
މާނައީ: “އޭ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަންއިލާހުގެ ނަފްސުފުޅުގެ މައްޗަށް އަނިޔާވެރިކަން ތިމަންއިލާހު ޙަރާމްކުރެއްވީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައިވެސް އެކަން ޙަރާމްކަމެއްކަމުގައި ލެއްވީމެވެ. ފަހެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިނުވާށެވެ.”
3- އަމިއްލަ ނަފްސަށް އަނިޔާވެރިވުން
އަމިއްލަ ނަފްސަށް އަނިޔާވެރިވުމުގެ މުރާދަކީ ފާފަތަކަށް އަރައިގަތުމެވެ. [4] އާދަމު ޢަލައިހިއްސަލާމާއި ޙައްވާ ޢަލައިހައްސަލާމަށް ފާފައަށް އަރިގަނެވުމުން ވިދާޅުވި ބަސްފުޅުތައް ކީރިތި ޤުރުއާނުގައި ވާރިދުވެފައިވެއެވެ. އެބަސްފުޅުގައިވެއެވެ.
﴿قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ﴾ [سورة الأعراف ٢٣]
މާނައީ: “އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ރައްބެވެ! އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަ އިލާހު ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙުމަތް ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.”
އަނިޔާވެރިކަން ނަހީކުރައްވާފައިވާ ބައެއް އާޔަތްތަކާއި ޙަދީޘްތައް
އަނިޔާވެރިކަން ނަހީކުރައްވައި، ކީރިތި ޤުރުއާނާއި ސުންނަތުގައި ވަރަށް ގިނަ ނައްޞުތައް ވާރިދުވެފައިވެއެވެ. މި ލިޔުމުގައި އޭގެ ތެރެއިން ބައެއް ނައްޞުތަކަށް އިޝާރާތްކޮށްލާނަމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
وَلَا تَحْسَبَنَّ اللَّـهَ غَافِلًا عَمَّا يَعْمَلُ الظَّالِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍ تَشْخَصُ فِيهِ الْأَبْصَارُ ﴿٤٢﴾ مُهْطِعِينَ مُقْنِعِي رُءُوسِهِمْ لَا يَرْتَدُّ إِلَيْهِمْ طَرْفُهُمْ ۖ وَأَفْئِدَتُهُمْ هَوَاءٌ ﴿٤٣﴾ وَأَنذِرِ النَّاسَ يَوْمَ يَأْتِيهِمُ الْعَذَابُ فَيَقُولُ الَّذِينَ ظَلَمُوا رَبَّنَا أَخِّرْنَا إِلَىٰ أَجَلٍ قَرِيبٍ نُّجِبْ دَعْوَتَكَ وَنَتَّبِعِ الرُّسُلَ ۗ أَوَلَمْ تَكُونُوا أَقْسَمْتُم مِّن قَبْلُ مَا لَكُم مِّن زَوَالٍ ﴿٤٤﴾ وَسَكَنتُمْ فِي مَسَاكِنِ الَّذِينَ ظَلَمُوا أَنفُسَهُمْ وَتَبَيَّنَ لَكُمْ كَيْفَ فَعَلْنَا بِهِمْ وَضَرَبْنَا لَكُمُ الْأَمْثَالَ ﴿٤٥﴾ [سورة إبراهيم]
މާނައީ: “އަނިޔާވެރިން ކުރާ ކަންތަކާމެދު، ﷲ ޣާފިލުވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެއިލާހު، އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ. [42] އެއުރެން އިސްއުފުލައި އަވަސްއަވަހަށް ހިނގާފައި ދާނެއެވެ. އެއުރެންގެ ލޮލުގެ އެސްފިޔަވެސް ޖަހައިނުލެވޭ ހުށްޓެވެ. އަދި އެއުރެންގެ ހިތްތައް ވާނީ، އެކައްޗެއްވެސް ނެތި ހުސްވެފައެވެ. [43] އެއުރެންނަށް ޢަޛާބު އަންނަ ދުވަހާމެދު، ކަލޭގެފާނު މީސްތަކުންނަށް އިންޛާރުކުރައްވާށެވެ! ފަހެ، އަނިޔާވެރިވި މީހުން ބުނާނެއެވެ. އަޅަމެންގެ ރައްބެވެ! ކައިރި މުއްދަތަކަށް އަޅަމެން ފަސްކުރައްވާނދޭވެ! އޭރުން އިބަ އިލާހުގެ ގޮވައިލެއްވުމަށް އަޅަމެން އިޖާބަދޭ ހުށީމުއެވެ. އަދި ރަސޫލުންނަށް ތަބާވާ ހުށީމުއެވެ. (ޖަވާބުގައި ބުނެވޭނެތެވެ.) ތިޔަބައިމީހުންނަށް (ދުނިޔެއިން) ނެތިދިއުމެއް ނާންނާނެކަމަށް މީގެ ކުރިން ތިޔަބައިމީހުން ހުވާކޮށް ނޫޅެމު ހެއްޔެވެ؟ [44] އަދި އެއުރެންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވި މީހުން އުޅުނު ތަންތާނގައި ތިޔަބައިމީހުން އުޅުނީމުއެވެ. އަދި އެއުރެންނާމެދު ތިމަން އިލާހު ކަންތައްކުރެއްވިގޮތް ތިޔަބައިމީހުންނަށް ބަޔާންވެ އެނގިފައިވެއެވެ. އަދި ތިޔަބައިމީހުންނަށް ތިމަންއިލާހު މިޘާލުތައް ޖައްސަވައިދެއްވީމެވެ. [45]”
އަދި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«الظُّلْمُ ظُلُمَاتٌ يَوْمَ القِيَامَةِ» [رواه البخاري في صحيحه برقم: (2447)]
މާނައީ: “ޤިޔާމަތްދުވަހު އަނިޔާވެރިކަން ވާހުށީ އަނދިރިކަމަކަށެވެ.”
އަދި މުޢާޛުގެފާނު ޔަމަނަށް ފޮނުއްވަމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«وَاتَّقِ دَعْوَةَ المَظْلُومِ، فَإِنَّهُ لَيْسَ بَيْنَهُ وَبَيْنَ اللَّهِ حِجَابٌ» [رواه البخاري في صحيحه برقم: (1496)]
މާނައީ: “އަދި އަނިޔާލިބިގެންވާ މީހާގެ ދުޢާއަށް ކަލޭގެފާނު ރައްކާތެރިވެވަޑައިގަންނަވާށެވެ. ފަހެ އެއާ، ﷲ އާ ދެމެދު ފަރުދާއެއް ނުވެއެވެ.”
އެބަހީ: އެއީ ރައްދުނުކުރެވޭނެ ދުޢާއެކެވެ. [5]
އަނިޔާވެރިކަމުގެ ނުބައިކަން
އަނިޔާވެރިކަމުގެ ނުބައިކަމާ އަދި އެފާފައިގެ ނުރައްކާތެރިކަމުން އިހުގައި އުޅުއްވި ޞާލިޙު ބޭކަލުން އެކަމަށް ރައްކާތެރިވުމަށް ވަޞިއްޔަތްކުރައްވައެވެ. އަދި އެކަމަށް އިންޛާރުކުރައްވައެވެ.
* ޔަޒީދު ބުން ޙަކީމު ވިދާޅުވިއެވެ.
“ދުވަހަކުވެސް މީހަކު ދެކެ ބިރު ނުގަންނަ ވަރަށް މީހަކު ދެކެ ތިމަން ބިރުގަތީމެވެ. ﷲ ފިޔަވާ އޭނާއަށް ނަޞްރުދޭނޭ އެހެން ފަރާތެއް ނުވާކަން ތިމަން ދަންނަމެވެ. ފަހެ އޭނާ ތިމަން ގާތުގައި ބުންޏެވެ. ތިމަންނާއަށް ﷲ ފުދެއެވެ. ތިބާއާއި ތިމަންނައާ ދެމެދުގައި ނިޔާކުރައްވާނީ ﷲއެވެ.” [6]
* އިބްނުލް ޤައްޔިމު ވިދާޅުވިއެވެ.
“އަނިޔާވެރިން އުފަލުގައި އުޅުމަށް، ހުވަފަތް ވެފައިވާ ކިތައް އަންހެނުން ރޮއްވައިފި ހެއްޔެވެ. އަދި ކިތައް ޔަތީމުން ހައިހޫނުކޮށްފި ހެއްޔެވެ. އަދި ކިތައް މިސްކީނުންގެ ކަރުނަ ހިލުވާލައިފި ހެއްޔެވެ.” [7]
* ހާރޫނުއްރަޝީދުގެ ދުވަސްވަރުގައި އަބުލް ޢަތާހިޔާ އޭ ކިޔުނު ޅެންވެރިއަކު ޖަލަށް ލެވުނެވެ. އަދި އޭނާ ބުނާ އެއްޗެއް ބެލުމަށްޓަކައި ފާރަވެރިއަކު ބެހެއްޓިއެވެ. އެކަމާ ބެހޭގޮތުން ޖަލުގެ ފާރުގައި އޭނާ ލިޔުނެވެ.
أَمَا وَاللهِ إِنَّ الظُّلْمَ شُوم … وَمَا زَالَ الْمُسِيءُ هُوَ الظَّلُومُ
إِلَى دَيَّانِ يَوْمِ الدِّينِ نَمْضِي … وَعِنْدَ اللَّهِ تَجْتَمِعُ الْخُصُومُ
މާނައީ: “ﷲ ގަންދީ ބުނަމެވެ. އަނިޔާވެރިކަމަކީ ވަރަށް ސުންޕާކަމެކެވެ. ނުބައި ޢަމަލުކުރި މީހާއީ ހަމަ އަނިޔާވެރިޔާއެވެ.
ޤިޔާމަތް ދުވަހުން ދާން އޮތީ ޖަޒާދެއްވާ ފަރާތުގެ ޙަޟްރަތަށެވެ. އަދި ދެބަސްވާ މީހުން ޖަމާވާހުށީ ﷲ ތަޢާލާގެ ދަރުބާރުގައެވެ.”
ހާރޫނުއްރަޝީދު އޭނާ ގެންނަވާފައި އޭނާގެ ހިތް ހަލާލު ހޯދައި އެއްހާސް ދީނާރު ދީފައި ދޫކޮށްލެއްވިއެވެ. [8]
* އަދިވެސް ޢަރަބި ޅެންވެރިއަކު ވިދާޅުވިއެވެ.
لَا تَظْلِمْنَ إِذَا مَا كُنْتَ مُقْتَدِرًا … فَالظُّلْمُ آخِرُهُ يَأْتِيكَ بِالنَّدَمِ
نَامَتْ عُيُونُكَ وَالْمَظْلُومُ مُنْتَبِهٌ … يَدْعُو عَلَيْكَ وَعَيْنُ اللَّهِ لَمْ تَنَمِ
މާނައީ: “ތިބާއަށް ކުޅަދާނަކަން ލިބިފައިވާ ހިނދު އަނިޔާވެރި ނުވާށެވެ. އަނިޔާވެރިކަމުގެ ނިމުންވަނީ ހިތާމައިގައެވެ.
ތިބާގެ ލޮލަށް ނިދި އަޔަސް، އަނިޔާ ލިބިފައިވާ މީހާ ހުންނާނީ ހުށިޔާރުވެގެންނެވެ. އަދި ތިބާގެ މައްޗަށް ބަދު ދުޢާ ކުރާނެއެވެ. (ދަންނާށެވެ.) ﷲ ތަޢާލާގެ ލޯފުޅަށް، އަވަހާރަފުޅު ލެއްޕެވުމެއް ނުވެއެވެ.” [9]
* يحيى بن خالد بن برمك ޖަލަށް ލެވި ކަސްތޮޅު އެޅުވިފައި ވަނިކޮށް އެކަލޭގެފާނުގެ ދަރިކަލަކު ދެންނެވިއެވެ. ބައްޕާއެވެ! ބާރާއި ނިޢުމަތުގައި އުޅުމަށް ފަހު މި ޙާލުގައި އަހަރުމެން އުޅެން މިޖެހުނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. “އޭ ދަރިފުޅާއެވެ! ފަހަރުގައި އަނިޔާ ލިބިފައިވާ މީހެއްގެ ދުޢާ ރޭގަނޑުގެ ވަގުތުގައި ދަތުރުކޮށްފާނެއެވެ. އަހަރުމެން އެއާ މެދުގައި ޣާފިލުވެފައި ވިޔަސް، ﷲ ތަޢާލާ އެއާ މެދުގައި ޣާފިލުވެވޮޑިގެން ނުވެއެވެ.” [10]
ޤިޔާމަތްދުވަހުން އަމާންކަން ލިބެނިވި މީހުންނަކީ ދުނިޔެމަތީގައި އަނިޔާވެރިކަމުން ދުރުހެލިވާ މީހުންނެވެ.
﴿الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُم بِظُلْمٍ أُولَـٰئِكَ لَهُمُ الْأَمْنُ وَهُم مُّهْتَدُونَ﴾ [سورة الأنعام ٨٢]
މާނައީ: “އެއުރެންނަކީ އީމާންވެ، އެއުރެންގެ އީމާންކަމުގެ ތެރެއަށް އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. (އެބަހީ: ޝިރުކާއި އެންމެހާ ފާފަތަކުން އެއްކިބާވާ މީހުންނެވެ.) އަމާންކަންހުރީ އެއުރެންނަށެވެ. އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ.”
އަޅަމެންނީ އަނިޔާވެރިކަމުން ދުރުހެލިވެ ތިބެ ﷲ އާ ބައްދަލުކުރާ ބަޔަކުކަމުގައި ލައްވާށިއެވެ!
[1] ބައްލަވާ: الصحاح للجوهري (5/1977) والمفردات في غريب القرآن للراغب (ص: 537) وقاموس المحيط للفيروزآبادي (ص: 1134).
[2] ބައްލަވާ: المفردات في غريب القرآن للراغب (ص: 537 – 538).
[3] تفسير ابن كثير (6/336).
[4] ބައްލަވާ: مجموع الفتاوى لشيخ الإسلام ابن تيمية (7/62).
[5] ބައްލަވާ: شرح النووي على صحيح مسلم (1/197).
[6] الكبائر للذهبي (ص: 107).
[7] بدائع الفوائد لابن القيم (3/242).
[8] البداية والنهاية لابن كثير (10/218).
[9] مرقاة المفاتيح للملا علي القاري (7/3104)).
[10] البداية والنهاية لابن الكثير (13/679).